18 ފެބުރުއަރީ 2025 - 14:04
ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރޯދަ އިނާޔަތް ދޭން ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) އިން މިއަދު އެދިއްޖެ އެވެ.
އެ އިދާރާ އިން ކުރި އިއުލާނެއްގައި ފާހަގަކުރި ގޮތުގައި، ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރޯދަމަހުގެ އިނާޔަތުގެ ގޮތުގައި، ރޯދަ މަސް ފެށުމުގެ ކުރިން 3,000ރ. ދޭންޖެހޭނެ ކަމަށް ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާން ކޮށްފައި ވެ އެވެ.
ޕްރައިވެޓް އަދި ޕަބްލިކް ސެކްޓަރުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެސް ރޯދަ އިނާޔަތް ދޭން އިލްތިމާސްކޮށް، އެލްއާރުއޭގެ އިއުލާނުގައި ބުނީ، ވަގުތީ ވަޒީފާގައި ތިބި މުވައްޒަފުންނާއި ވަގުތީ މުއްދަތު [ޕްރޮބޭޝަން] އަދި ގާނޫނުން ލިބިދޭ ޗުއްޓީތަކުގައި ތިބޭ މުވައްޒަފުންނަށް ވެސް އިނާޔަތް ހައްގު ވާނެ ކަމަށެވެ.
އެލްއާރުއޭ އިން ބުނިގޮތުގައި، ވަޒީފާ އަދާކުރާ ދިވެހި މުވައްޒަފުންނަށް، ގާނޫނާ އެއްގޮތަށް ރޯދަ އިނާޔަތް ނުދީގެން މިދިޔަ އަހަރުތަކުގައި ވެސް ގިނަ އަދަދެއްގެ މައްސަލަ އެ އިދާރާ އަށް އެކި ފަރާތްތަކުން ވަނީ ހުށަހަޅައިފަ އެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހަކީ މާޗު 1 އެވެ.
ވަޒީފާއާ ބެހޭ ގާނޫނުގައި ރޯދަމަހުގެ އިނާޔަތާ ބެހޭ މާއްދާގައި ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރޯދަމަހުގެ އިނާޔަތުގެ ގޮތުގައި، ރޯދަ މަސް ފެށުމުގެ ކުރިން 3,000ރ. ދިނުން ލާޒިމުކޮށްފައި ވެއެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާ މީހުން ވެސް ހިމަނަން ވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.
ދައުލަތުގެ މުވައްޒަފުންގެ ތެރެއިން އެއް ވަޒީފާ އަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ރޯދަމަހުގެ އިނާޔަތް ދޭނީ އަސާސީ ވަަޒީފާ އަދާކުރާ އޮފީހުން އެކަންޏެވެ. ރޯދަމަސް ފެށޭއިރު، ޕޭ ލީވް އާއި ނޯޕޭ ލީވްގައި ތިބި މުވައްޒަފުންނަށް ރޯދަ އިނާޔަތް ނުދިނުމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންގައިފަ އެވެ.
ސަރުކާރުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ރޯދަ އިނާޔަތް އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ދިނުމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންގައިފަ އެވެ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަސް
19 February 2025
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހަކީ މާޗު 1 އެވެ. ދެން ކޮންގޮތަކުންތޯ އެހެންދުވަހަކަށް ވަނީ؟ ކޮންމެ އަހަރަކު ތިހާސަރުތައް ދަމާ ވަރުބަލި ނުވޭތޯ؟
ތަކުރު...
19 February 2025
މީގެ 10 އަހަރު ކުރިންވެސް ތި ރޯދަ އިނާޔަތް އޮތީ ހަމަ 3000 ރުފިޔާގަ. އެއިރާ ބަލާފަ މިހާރު ތީގެން ގަނެވޭ ތަކެތި 5 ގުނަ މަދު.
ހޭޝް
18 February 2025
ރޯދަ އިނާޔަތުގެ ގޮތުގައި ދައުލަތުން ދޭ އެއްޗެއް ދޭންވާނީ ނިކަމެތިންނާއި އާމްދަނީ އެއް ނުލިބޭ ރައްޔިތުންނަށް އިސްކަން ދީގެންނެވެ. އެނޫން ގޮތްގޮތަށް ތަނަވަސް މީހުންނަށާއި ވަޒީފާގެ އާމްދަނީ ލިބޭ ފުދުންތެރިންނަށް ދައުލަތުގެ ފައިސާ ރޯދަ އިނާޔަތުގެ ނަމުގައި ކަމުގައިވިޔަސް ބައި އަޅައިގެން ނެގުން ވާނީ ހިޔާނަތަށެވެ. ގާނޫނާއި ގަވާއިދު ހަދައިގެން ކުރިޔަސް އެވާނީ ބޭއިންސާފު ކޮރޮޕްޝަނަށެވެ. ދައުލަތުގެ ވަޒީފާގައި ތިބުމަކީ ނުހައްގުން ބައި އެޅުމެއްނޫނެވެ.
ރައްޔިތެކެވެ
18 February 2025
ރޯދަ އިނާޔާތް ދިނުމަކުން އެއްވެސް މައްސައެއް ނެތް އެކަމަކު ރޯދަ އިނާޔާތް ހޯދުމުގެ ބޭނުމުގަ ބައެއްމީހުނަ ވަޒީފާއަށް ވަދެ ރޯދަމަސް ފެށުނީމަ އެބަކެނޑޭ އެލްއާރުއޭގެ އެއްވެސް ތަފާސް ހިސާބެއް އެބަ އޮތްތޯ މިކަހަލަ ކަންކަމުގަ؟ ހަމައެކަނި ރޯދަމަސް އައިމަ މެމޯ ނެރެލަންތޯ ތިތިބެނީ؟
އެހެންހެއްޔެވެ
19 February 2025
3000 ރުފިޔާ ހޯދަން ވަޒީފާއަށް ވަދެ ނިކުމެވޭނީ ވަރަށް ޒިންމާދާރު މީހަކަކަށް.
އިކޯން ބޮރޯ
18 February 2025
ގަރުނެއް ވިޔަސް ތިޔަ /-3،000 ރުފިޔާ ތީ ބޮޑުވާ އެއްޗެއް ނޫންތަ؟ އިންފްލޭޝަނަށް އަޅާ ބަލާފައި އެހެން ގައުމު ތަކުގައި މުސާރަވެސް ބޮޑުވޭ. ހީވަނީ ރާއްޖެއަކީ އިކޮނޮމިކްސްގެ އެއްވެސް ޕްރިންސިޕަލް ތަކެއް ނުހިނގާ ގައުމެއްހެން. އަކަމަކު މިތާގަ އިކޮނޮމިކްސް ޑިގްރީ ހަދައިގެން ތިބި މީހުން މިތިބީ މަގުމައްޗަށް އުކާހާ ގިނައިން. /-3،000 އެއީ ރޯދަ މަހުގެ 5 ދުވަހުގެ ޚަރަދު.
ބަޑީ
19 February 2025
ބްރޯ، ހާދަ ހަރަދު ބޮޑުކޮށް ތި ދުވަހުގެ ހަރަދު ދުއްވާލަނީ؟ 3000 ރުފިޔާ 5 ދުވަހޭ؟ މި ގޭގަ 5 ބޯ ހުންނަ އިރުވެސް ދުވާލަކަށް 250 އަށްވުރެ ބޮޑުކޮށް ހަރަދެއް ނުދޭ. ތި ފެންސީ ކެފޭތަކާއި ހޮޓާތައް ދޫކޮށްލާ، ނުވަތަ (ހީވާގޮތުން) ދުންފަތުގެ ވަބާއިން ދުރުހެލިވެލާ
ފަރުދީ
19 February 2025
މެނޭޖް ކޮށްލާ ބްރަދަ. ތި ތިންހާސް ތިންމިނިޓް ތެރޭގައިވެސް ހުސްކުރާ މީޙުން އުޅޭނެ