ރޯދަމަސް ކައިރިވާ އިރު އަބަދުވެސް ރޯދަ އިނާޔަތުގެ ވާހަކަ ދައްކަން ފަށަ އެވެ. އަދި ވަޒީފާގައި އުޅޭ ކޮންމެ ދިވެއްސަކަށް ވެސް ހައްގު އިނާޔަތް ނުލިބުމުގެ ޝަކުވާ ވެސް ބޮޑުވެ އެވެ.
"މިދިޔަ އަހަރުގެ ރޯދަ އިނާއަތެއް ވެސް ނުދޭ. ވޭތުވެދިޔަ ތިން މަހުގެ މުސާރަ ވެސް ނުދޭ. މައްސަލަ ހުށަހަޅާ ހިސާބުން ވަޒީފާއިން ވަކިކޮށްލާނީ،" ނުފޫޒު ގަދަ އަމިއްލަ ކުންފުންޏެއްގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފަކު ބުންޏެވެ.
"ވަޒީފާއެއް ހޯދުމަކީ ފަސޭހަ ކަމެއް ނޫން."
ވަޒީފާއާ ބެހޭ ގާނޫނު ބުނާ ގޮތުން ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި 3،000 ރުފިޔާ ރޯދަމަސް ފެށުމުގެ ކުރިން ދިވެހި ކޮންމެ މުވައްޒަފަކަށް ދިނުން ލާޒިމެވެ. މުސްލިމު، ބިދޭސީ މުވައްޒަފުންނަށް ރޯދަ އިނާއަތް ދިނުމަކީ އިހުތިޔާރީ ކަމެކެވެ.
ދައުލަތުގެ އޮފީސްތަކާއި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ބަރާބަަރަށް ރޯދަ އިނާޔަތް ލިބެ އެވެ. އެކަމަކު އަމިއްލަ އެތައް ކުންފުންޏެއް ގާނޫނީ އެ ހައްގުން މުވައްޒަފުން މަހުރޫމްކުރެ އެވެ. ހާއްސަކޮށް ޒުވާން ކުދިން ވަޒީފާއަށް ގޮސް އުޅޭ ފިހާރަތަކުން ރޯދަ އިނާއަތް ނުދޭ ކަމުގެ ޝަކުވާ ބޮޑެވެ.
"މުސާރައަކީ 3،000 ރުފިޔާ. ދެން ދެ ޝިފްޓް ހަދަންޏާ 6،500 ވަރު ލިބޭ. އެވަރުގެ މުސާރައެއް ލިބޭތީ 3،000 ރުފިޔާ ދޭން މާ ގިނައޭ ކިޔާފައި ބައެއް އަހަރު އެއް ބައި ދެނީ،" މާލޭގެ ފިހާރައެއްގެ ދިވެހި މުވައްޒަފަކު ބުންޏެވެ.
ލޭބާ ރިލޭޝަން އޮތޯރިޓީގެ ލީގަލް އޮފިސަރު މަރިޔަމް ސާހަތު ވިދާޅުވީ އެތަނުގެ ދިރާސާތަކުން ވެސް އެނގިފައި ވަނީ ރޯދަ އިނާއަތް ނުލިބޭ ގިނަ އަދަދެއްގެ ބަޔަކު މަސައްކަތްކުރާ ކަމެވެ. އަދި ގާނޫނުގައި ކަނޑައަޅާފައިވާ މިންވަރަށް އިނާޔަތް ނުދިނުމުގެ މައްސަލަ ވެސް ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މައްސަލަ ހުށަހަޅާ، ހޯދައިދޭނެ!
ރޯދަ އިނާއަތް ނުދީގެން މިދިޔަ އަހަރު ވެސް 43 މައްސަލައެއް ލޭބާ ރިލޭޝަން އޮތޯރިޓީއަށް ހުށަހެޅި އެވެ. އޭގެ ތެރެއިން ގިނަ މީހުންނަށް އެ އޮތޯރިޓީން ވަނީ އިނާއަތް ހޯދައިދީފަ އެވެ.
ސާހަތު ވިދާޅުވީ ރޯދަ މަސް ފެށުމުގެ ކުރިން ރޯދަ އިނާއަތް ނުދޭ ނަމަ އެ އޮތޯރިޓީއަށް މައްސަލަ ހުށަހަޅަން އެދޭ ކަމަށެވެ. އެ އޮތޯރިޓީއަށް މައްސަލަ މެއިލް ކުރުމުން ނުވަތަ ސިޓީއެއް ލުމުން އެމައްސަލައެއް ބަލައި ރޯދަ އިނާއަތް ހޯދައިދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ގާނޫނުގައި ބުނެފައިވާ މުއްދަތުގައި އިނާއަތް ނުދީފި ނަމަ އަޅުގަނޑުމެންނަށް ހުށަހެޅުމަށް އެދެން. ރޯދަ މަހުގެ ތެރޭގައި ވެސް އަޅުގަނޑުމެންނަށް ހުށަހެޅޭނެ،" ސާހަތު ވިދާޅުވި އެވެ.
ލޭބަ ރިލޭޝަން އޮތީރިޓީން ވަނީ މީގެ ކުރިން ވެސް އެފަދަ މައްސަލަތައް ބަލައި ރޯދަ އިނާއަތް ނުދޭ އެތައް ކުންފުންޏަކާ ދޭތެރޭ ފިޔަވަޅު އަޅާފަ އެވެ. އޭގެ ތެރެއިން ބައެއް ކުންފުނިތައް ޖޫރިމަނާ ވެސް ކުރި އެވެ.
"އަޅުގަނޑުމެން ފިޔަވަޅު އެޅީމަ އެބަ ދައްކަން ޖެހޭ ބޮޑު ޖޫރިމަނާއެއް. އެއީ ހަމަ ގައިމުވެސް ކުންފުނިތަކަށް ވާ ގެއްލުމެއް. އޭރުން ޖޫރިމަނާއާ އެކު ރޯދަ އިނާއަތް ވެސް ދައްކަން ޖެހޭ،" ސާހަތު ވިދާޅުވި އެވެ.
"އެހެންވެ އަޅުގަނޑުމެންގެ އިލްތިމާސްއަކީ ވަޒީފާ ދޭ ފަރާތްތަކުން ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން ރޯދަ އިނާއަތް ދިނުން."
ވަޒީފާއާ ބެހޭ ގާނޫނުގެ 81 ވަނަ މާއްދާގައި ބުނާ ގޮތުން ފުރަތަމަ ކަމަކަށް އޮންނަނީ ރޯދަ އިނާއަތް ދިނުމަށް ނަސޭހަތްތެރިވުމެވެ. އޭގެ ފަހުން ވެސް އެކަން ތަކުރާރުކުރާ ނަމަ 5،000ރ އާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވިދާނެ އެވެ. އަދި ވަޒީފާ ދޭ ފަރާތްތަކަށް ސަރުކާރުން ދޭ ހުއްދަތައް ބާތިލްކުރުން ފަދަ ފިޔަވަޅުތައް ވެސް އެޅިދާނެ އެވެ.
ގާނޫނުގައި ބުނާ ވަރަށް ވުރެ ވެސް ރަނގަޅަށް!
ރޯދަ އިނާއަތް ނުދޭ ކުންފުނިތަކުގެ ވާހަކަ ދައްކާއިރު އެ އިނާއަތް ބަރާބަރަށް ދީ އަދި ގަނޫނުގައި ބުނާ މިންވަރަށް ވުރެ ވެސް ރަނގަޅަށް ކަންކަން ކުރާ ކުންފުނިތައް ރާއްޖޭގައި ހިންގަ އެވެ.
އެގޮތުން ސަރުކާރުގެ ކުންފުނިތަކާއި ބައެއް އަމިއްލަ ކުންފުނިތަކުން ވެސް ރޯދަ މަހާ ގުޅުވައިގެން މުވައްޒަފުންނަށް އެހީތެރިވެ އެވެ.
އަންނަ ހަފްތާގެ ބުދަދުވަހު ރޯދަ މަސް ފެށޭއިރު ސަރުކާރުގެ އޮފީސްތަކުން އަންނަ ބުރާސްފަތީގެ ކުރިން ރޯދަ އިނާއަތް ދޭން ވަނީ ނިންމާފަ އެވެ. އޭގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުން ވެސް ރޯދައިގެ ކުރިން އިނާޔަތް ދެ އެވެ. ނަމަވެސް މައްސަލަ އަކީ، މި އިނާޔަތުން މަހުރޫމްވާ ގިނަ މުވައްޒަފުންތަކަކަށް އަނެއްކާވެސް ހަމަ އެ މައްސަލަ ކުރިމަތިވުމުގެ ފުރުސަތު އޮތުމެވެ.