އިކުއެޑޯގައި ހިނގަމުންދާ ގޭންގު ހަމަނުޖެހުންތަކުގައި އެ ގައުމުގެ ސިފައިންގެ އިސް ބޭފުޅަކު އަވަހާރަކޮށްލުމުން އެ ސަރަހައްދުގައި ސިފައިން ހަރަކާތްތެރިވަނީ. -- ފޮޓޯ: އޭއެފްޕީ
19 ފެބުރުއަރީ 2025 - 07:06
އިކުއެޑޯގެ ކާޓެލްތަކާއި ގޭންގުތަކުން އަހަރަކު 30 ބިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއި ހަތިޔާރާއި މަނާ އެހެން ބާވަތްތައް ގައުމުން ބޭރުކުރާ ކަމަށް އެ ގައުމުގެ ރައީސް ޑެނިއެލް ނޮބޯއާ އިއުތިރާފުވެ ވަޑައިގެންފި އެވެ.
އެއީ ގައުމުގެ ޖީޑީޕީގެ ހަތަރުބައިކުޅަ އެއްބަ އެވެ.
ޑެނިއަލް ނޮބޯއާ މިހެން ވިދާޅުވީ، އެއް އިރެއްގައި ސުލްހަވެރިކޮށް އޮތް ގައުމު މިހާރު ނުރައްކާވެފައިވާ ހާލަތް ސިފަކޮށްދެއްވައި ދައުލަތުގެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގަ އެވެ.
"އެއީ ވަރަށް ބައިވަރު، ވަރަށް ގިނަ ފައިސާ،" ފަތްކޭލުގެ ވިޔަފާރިކުރާ ބިލިއަނަރެއްގެ ދަރިއެއް ކަމަށްވާ 37 އަހަރުގެ ނޮބޯއާ ވިދާޅުވި އެވެ.
މިއީ އިކުއެޑޯގެ ޖީޑީޕީގެ 24 ޕަސެންޓް ނުވަތަ ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އެމެރިކާގެ އޮންލައިން ކުންފުނި އެމެޒޯންގެ 2023 ވަނަ އަހަރުގެ ސާފު ފައިދާއާ އެއްވަރުގެ އަދަދެކެވެ.
އަވަށްޓެރި ކޮލަމްބިއާ އާއި ޕެރޫއިން އިކުއެޑޯގެ ބަނދަރުތައް މެދުވެރިކޮށް، ޔޫރަޕާއި އޭޝިއާ އަދި އެމެރިކާގެ ބާޒާރުތަކަށް ކޮކެއިން ފޮނުވާ މަގުތައް ކޮންޓްރޯލް ކުރުމަށް ޑްރަގް ލޯޑުން ދަނީ ހަނގުރާމަ ކުރަމުންނެވެ.
އޭޕްރީލް މަހު ބާއްވާ ރިޔާސި އިންތިހާބުގެ ދެ ވަނަ ބުރުގައި ނޮބޯއާ ވާދަކުރައްވަނީ ވާތުފިޔައިގެ ވަރުގަދަ ކެންޑިޑޭޓެކެވެ. އޭނާ އަކީ ސަލާމަތީ ކަންކަމަށް ހަރުކަށިކަމާ އެކު ކުރިމަތިލުމުގެ ސިޔާސަތެއް ގެންގުޅުއްވާ ބޭފުޅެކެވެ. ފުރަތަމަ ބުރުގައި ނޮބޯއާ އަށް އެންމެ ބޮޑަށް ނާކާމިޔާބީއާ ކުރިމަތިވީ ހަމަނުޖެހުން ބޮޑު، އައްސޭރި ސަރަހައްދުންނެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ގޭންގުތަކަށް ހުރަސް އެޅުމަށް ޖަލުތަކަށާއި މަގުތަކަށް އަސްކަރިއްޔާ ފޮނުވައިގެން މިދިޔަ އަހަރު ނޮބޯއާ ފެއްޓެވި މަސައްކަތުން، މީހުން މެރުމުގެ ރޭޓް ދަށްކުރެވި ކާމިޔާބީތަކެއް ވަނީ ހާސިލްވެފަ އެވެ. އެކަމަކު މި އަހަރު ފެށުމާ އެކު އަނެއްކާ ވަނީ ހަމަނުޖެހުން އިތުރުވެފަ އެވެ.
ހަފުތާ ބަންދުގައި، އެގައުމުގެ އެންމެ ބޮޑު ސިޓީ ގުއާކިލްގައި ހިނގި ހަމަނުޖެހުންތަކުގައި އެތައް ބަޔަކު ވަނީ މަރުވެފަ އެވެ. މިދިޔަ ހުކުރު ދުވަހު ވަނީ، ކާޓެލްތަކާ ދެކޮޅު އޮޕަރޭޝަންތަކުގެ އިސްކޮށް އުޅުއްވާ ކާނަލެއް ވެސް އަވަހާރަކޮށްލައިފަ އެވެ.
ހަމަނުޖެހުންތައް އިތުރުވުމާ އެކު ނޮބޯއާ ވަނީ އޭނާގެ އިންޓީރިއާ މިނިސްޓަރު މަގާމުން ވެސް ވަކިކޮށްފަ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުލޭ
19 February 2025
އަހަރެމެންގެ މިކުޑަކުޑަ ރާއްޖެ ވެސް ތިއަމާޒަށް ވާސިލުވާން މާކަގިނަ ދުވަހެއް ނަގާނެކަމަކަަށް ނުބެލެވޭ.