ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހު: މެމްބަރުންނަށް ހާއްސަކޮށްގެން ބާއްވާ ކޯހުގެ ހަރަދު ދައްކާނީ މެމްބަރުން އަމިއްލައަށް ކަމަށް އޭނާ ވިދާޅުވި --- ފޮޓޯ/މަޖިލިސް
19 ފެބުރުއަރީ 2025 - 10:43
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މަތީ ތައުލީމު ދިނުމުގެ ޕްރޮގްރާމެއް އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ހިންގައިދެނީ ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ އިސް ނެގުމަކަށް ކަމަށާއި ކޯސް ފީ ވެސް ދައްކަވާނީ އެ މެމްބަރަކު އަމިއްލަ އަށް ކަމަށް މަޖިލިހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލިހުގެ މެމްބަރުންނަށް ޝަރީއާ އެންޑް ލޯގެ އެޑްވާންސް ސެޓްފިކެޓް ކޯހެއް ހިންގުމަށް އައިޔޫއެމްއާ އެކު މަޖިލީހުން މިދިޔަ ހޯމަ ދުވަހު ސޮއިކުރިކަން ހާމަކުރުމާ އެކު ބައެއް މީހުންގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. އަދި އެމްޑީޕީގެ މެމްބަރުން އެ ކޯހުގައި ބައިވެރި ނުކުރާ ކަމަށް އެ ޕާޓީގެ މެމްބަރުން ވިދާޅުވެ އެވެ.
އެކަމާ ގުޅިގެން "މިހާރު" އިން ސުވާލު ކުރުމުން ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު ފަލާހު ވިދާޅުވީ ކޯސް ފީ ވިޔަސް އަދި އެ ކޯހާ ގުޅޭ އެހެން ހަރަދެއް ވިޔަސް މަޖިލިހުގެ އިދާރާއިން ކުރަން ނުޖެހޭނެ ކަމަށެވެ.
"ސީދާ އެ މެމްބަރެއްގެ ޖީބުން ހަރަދު ކުރާނީ. މީގެ ބޭނުމަކީ މެމްބަރުންނަކީ ގާނޫނު ހަދާ ބޭފުޅުންނަށް ވާތީ އެ ދާއިރާގެ ކަންކަން ދެނެގަތުން. ކޯހަކުން ވަރަށް ގިނަ ކަންކަން ދަސްވާނެތީ އެ ފުރުސަތު އެ މެމްބަރުން މި ހޯދީ،" ފަލާހު ވިދާޅުވި އެވެ.
"މި ކޯހުގައި ކިޔަވާ ބޭފުޅުންގެ ތެރޭގައި އެބަތިއްބެވި މާސްޓާސް ހައްދަވާފައިވާ ބޭފުޅުން ވެސް. އެކަމަކު، އެއީ އެހެން ފީލްޑަކުން."
މެމްބަރުންނަށް މަތީ ތައުލީމަށް ކިޔެވުމުގެ ކޯސް ހިންގުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް މަޖިލިހުގެ ރައީސް އަބްދުއްރަހީމާއި އައިޔޫއެމުން އެއްބަސްވުމާ އެކު ފޮޓޯއެއް ނަންގަވަނީ.
ޕީއެންސީގެ ޕީޖީ ގުރޫޕުގެ އޮފިޝަލަކު ވިދާޅުވީ އެ ޕްރޮގްރާމްގައި އެ ގުރޫޕްގެ 26 ބޭފުޅަކު ބައިވެރިވެވަޑައިގަންނަވާއިރު، އޭގެ ތެރެއިން 8 ބޭފުޅަކު ފުރިހަމަ ކުރައްވާނީ އެޑްވާންސް ސެޓްފިކެޓް ކޯހެއް ކަމަށެވެ. ބާކީ 18 ބޭފުޅުން ފުރިހަމަ ކުރައްވާނީ ގާނޫނީ ދާއިރާ އިން ބެޗެލާސް ޑިގްރީގެ ކޯހެކެވެ.
"ބެޗެލާސް ޑިގްރީ އަށް ކިޔަވަން އެމްކިއު އިން ކަނޑައަޅާފައިވާ ސެޓްފިކެޓް ލެވެލް ހަތަރެއްގެ ކޯހެއް ފުރިހަމަ ކުރަން ޖެހޭތީ އެޑްވާންސް ސެޓްފިކެޓް ކޯސް އެ 8 ބޭފުޅުން އެ ފުރިހަމަ ކުރައްވަނީ. އެއީ އަބަދުވެސް އޮންނަ އުސޫލު. މަޖިލިހުގެ މެމްބަރުންނަށް ވީތީ ހާއްސަ ގޮތްތަކެއް ހޯދީކީ ނޫން،" ޕީއެންސީގެ ޕީޖީ ގުރޫޕުގެ އޮފިޝަލަކު ވިދާޅުވި އެވެ.
ބެޗެލާސް ޑިގްރީ ކޯހުގައި މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ކިޔަވައި ވިދާޅުވާނެ އެވެ.
"މެމްބަރުން ބޭނުންވަނީ ޝަރީއާ އެންޑް ލޯގެ ދާއިރާ އިން ކަންކަން އެނގިވަޑައިގަންނަވަން. އިސްލާމްދީނުގެ އަސާސްތަކާ ހިލާފު ނުވާނެ ގޮތަކަށް ގާނޫނުތައް ހަދަން ޖެހެއޭ ބުނާއިރު ކޮންމެވެސް އެއްޗެއް ކިޔެވީމާ އޭގެ ފައިދާ މެމްބަރުންނަށް ވެސް ކުރާނެތީ ކޯހުގައި ބައިވެރިވީ،" އޮފިޝަލް ވިދާޅުވި އެވެ.
ކޯހުގައި ބައިވެރިވެވަޑައިގަންނަވާ މަޖިލިހުގެ މެންބަރުންނާއި މަޖިލީހުގެ އިސްވެރިން މިދިޔަ ހޯމަ ދުވަހު އައިޔޫއެމްގެ އިސްވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި ވަނީ ކިޔެވުމުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތާ ބެހޭގޮތުން މައުލޫމާތު ދީފަ އެވެ.
އެ ބައްދަލުވުމުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ގޮތުގައި މިފަދަ ކޯހެއް ބޭއްވުމުގެ ބޭނުމަކީ 20 ވަނަ މަޖިލީހަކީ މަތީ ތައުލީމު ހާސިލްކޮށްފައިވާ، ގާބިލް މެންބަރުންތަކެއް ތިބި މަޖިލީހަކަށް ހެދުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަޅިގޮތެއް
20 February 2025
ތިއީދެން ވަރަށް ސަޅިގޮތެއް. ކިޔަވައިގެން ތިބި މީހުން އަދާކުރާނެ ވަޒީފާއެއް ނެތް. އެކަމަކު ނުކިޔަވައި ތިބި މީހުންނަށް ވަޒީފާ ދީފައި ކިޔަވައި ދޭންވެސް އެބަޖެހޭ. އަނެއް އޯލެވެލް، އޭލެވެލް ނެތް މީހުން ޑިގުރީ ހަދަނީ ކިހިނެތްބާ!
އައްލާބެއްޔާގެ ކަލޯ
20 February 2025
ކިޔެވުން ގޯހެއް ނޫން.. ކިޔަވަންޏާ ވަޒީފާ ދޫކޮށްލާފައި ކިޔަވަން ދާންވީ.. ތި ވަޒީފާގެ މަސްއޫލިޔައްތުތަކާއި ޒިންމާ ބޮޑުކަމުން ބޮޑު މުސާރަ އާއި އެތަކެެއް އިނާޔަތެއް ދީފައި ރަށްޔިރުން ވަޒީފާ ހަވާލު ކުރީމަ ކިޔަވަންދިޔައީމަ ގޯސްވެގެން އެވާހަކަ މި ދައްކަނީ... ކައުންސިލަރުން ސޮއިކޮށްފައި މަހަށް.. މަޖްލިސް ރައީސް އާއި މެމްބަރުން ސޮއިކޮށްފައި ކިޔަވަން ކުލާހަށް... ދެން ކިހިނެއް ގައުމު ހިންގާނީ... މީ އަޖައިބެއްކަހަލަ ވެރިކަމެއް...
ސުވާދީބު ބޯއި
19 February 2025
މިޖެހުނީ އަނެއްކަންތަކާ. ބަލަ ގާނޫނު ކިޔަވައިގެން ތިބި މީހުން ތިއްބާ އެމީހުންނަށް ފުރުޞަތު ނުދީ، އަސާސީ ތައުލީމު ފެންވަރު މީހުން މަޖްލީހަށް ވައްދާފައި، އެމީހުންނަށް ކަންކަން ނުކުރެވުނީމާ، ދެން މިޖެހުނީ އެެމީހުން ކިޔަވާދޭން. ހޮސްޕިޓަލަށް ތިޔަގޮތަށް ޑޮކްޓަރުން ވެސް ނަގަންވީނުދޯ. މަސައްކަތުގައި ބައިތިއްބައިގެން ސަރޖަރީ ހަދަންވެސް ދަސްކޮށްދޭނީ.
ރަތްދިދަ
20 February 2025
ނެތްތަ ތިގޮތަށް ޕައިލެޓެއްގެ ވަޒީފާ ލިބޭކަން.. ހިތްވަރާ އެކީ ވަޒީފާ އަދާކުރަމުން ފްލައިކުރަން ވެސް ދަސްކުރާނަން.
ޖަމީލް އުސްމާން
19 February 2025
އިސްނެންގެވުން ރަނގަޅު. އެކަމަކު ޕްރި ރިކުއިޒިޓް ނެތި ކޯހަށް ވައްދައިފިއްޔާ އެމްކިއު އޭއަށް ދާނަން.
ސިންގަޕޫރު
19 February 2025
އަހަރެން ދެކެނީ މިއީ ހެޔޮ ނިޔަތެއްގައި ފެށި ކަމެއް ނަމަ ރަނގަޅު ކަމެއް ކަމަށް. މީހަކު އެއްޗެއް ކިޔަވާތީ އެކަމާ ދެކޮޅުވެރިވެ ހަޖޫޖަހާ ހަދާނީ ވިސްނުމުގައި ވަރަށް ނިކަމެތި މީހުން ކަމަށް. މީހަކު ރަނގަޅު ކަމެއް ފަށާއިރަށް އެކަމަކަށް ނުނިޔަތްލައި ލަދުގަންނަވައިގެން ނުވާނެ. ނަމަ ނަމަ ކިޔައިގެން ޝައިތާނާއަށް ފުރުސަތު ދީގެންވެސް ނުވާނެ. ހިތްވަރެއް ހުރެގެން ކިޔެވޭނީވެސް.
އަފްރާސިޔާބު
19 February 2025
ނުނިޔަތްލަނީކީ ނޫން. އެއީއުސޫލުން ބޭރުން ސަރުކާރުގެ ތަންތަނުގެ މުވައްޒަފުންނަށް ފަހިވާގޮތަށް ކަންތައްކުރާތީ ވާގޮތެއް. އެމީހުންވެސް އެޔުނިވަރސީޓިން ހިންގާ ކޯސްތަކުގައި ބައިވެރިވާންވީ. އެކަމަށްއެއްވެސް މީހަކު ދެކޮޅެއްނުހަދާނެ. ފެންވަރު ނެތިއްޔާ ފެންވަރުހޯދައިގެން މަޖިލީހަށްވަންނަންވީ. މިސާލަކަށް އިކޮނޮމިކް މިސްޓްރީ އަށް އިކޮނޮމިސްޓެއްގެ ނަމުގައި މީހަކުވެއްދީ. ވެއްދުމަށް ފަހު މުސާރައާއެކު އޭނާ އިކޮމިކްސް ކިޔެވުމަށް އެތަނުން ކިޔަވާދިނުންކަހަލަކަމެއް.
ޣައްދާރު
19 February 2025
ކޯހުގެ ބޮންޑެއްގެ ގޮތުގަ ކުރިއަށް ދެން އޮތް ފަސް އަހަރު މަޖިލީހުގެ މެންބަރުކަން ކުރަންޖެހޭ ގޮތަށް ޝަރުތުކޮށް ލިޔުމެއްގަ ސޮއިކޮށް ނުލިއްޔާ އަދި ކަމެއް ކުރެވުނު ކަމަކަށް ނުވާނެ.
ކަތްދައްތަ
19 February 2025
މިގައުމުގަ އޮންނަ އެއްވެސް ނިޒާމަކީ ހަރުދަނާ ކަމެއް އޮންނަ ނިޒާމެއްނޫންކަން މިއެގެނީ. ގާނޫނީ ދާއިރާއިން ކިޔެވުމަކީ ގޯހެއްނޫން. ނަމަވެސް އެދާއިރާގެ ކޯސްތަކަށް ވަނުމަށްޓަކައި ކަނޑައެޅިފައިވާ އަސާސީ ޝަރުޠުތަކެއްވޭ. ވަކި ބަޔަކަށް ނުވަތަ ވަކިތަނަކުން ބުނީތީ އެޝަރުޠުތައް އެއްފަރާތް ކޮށްލުމަކީ މުޅި ނިޒާމަށް ލިބޭ އަރައިނުގަނެވޭނެ ހީނަރު ލޮއީފު ކަމެއް.
އަހުމަދުއަލޯ
19 February 2025
ޑޮކްޓަރުންވެސް ތިއޭޓަރަށް ވައްދާފަ ތަމްރީނު ދޭންވީ...ލޮލް.
ހފހހފފ
19 February 2025
ބަލަ ކިޔަވައިދެނީ ދިވެހި ބަހުންތޯ؟
މަމަށް އަޖައިބީ
19 February 2025
ކިޔެވިއަސް ގޯސް! ނުކިޔެވިއަސް ގޯސް! މިހާ ކޮސް ރައްޔިތެއް ދުނިޔޭގައި އެބަ ވޭބާ؟ މަމޮޅު ހެދިފައި ކޮންމެ މީހަކު މަޖިލިސް މެމްބަރުންނަށް ހަޖޫ ޖަހާއިރު ތިޔަ މޮޅުމީހުންނަށް ރައްޔިތުން ނޫނެކޭ ބުނީމާ ލަދުގަނެބަލަ! އަދި ފިނޑިވެފައި އިންތިޚާބަށް ފިލިނަމަ ދެގުނަ ލަދު!! އޮންތިޚާބީ މީހުން ތިބޭނީ ވޯޓުދޭ ރައްޔިތުންގެ ކޮލިޓީގައި! ފުރައްސާރަ ދޫކޮށްފައި އިސްލާހުވޭ!! ފުރައްސާރަ ކުރުމަކުން ތިމާގެ ޝަރަފެއް ކޮލިޓީއެއް ނުދެއްކޭނެ!!
އަފްރާސިޔާބު
19 February 2025
ވާހަކަ ރަނގަޅު. ކޮންމެހެން މަޖލީހަކަށް ސެޓްފިކެޓެއް ބޭނުމެއް ނުވޭ. އެންމެ ރަނގަޅުވާނީ ރައްޔިތުންގެ ވަޒީފާގައި ހުރެ އެމީހުންނަށް ދޯކާދޭމީހުން. ކިޔެވިޔަސް ނުކިޔެވިޔަސް ރައްޔިތުން ބޭނުންވަނީ ކަންކަން ކުރަންކެރޭ މީހުން. އިންތިޚާބު ވާނީ އެމީހުން ގަބޫލުކުރާ ހަމަތަކުގައި ހިފަހައްޓާ މީހުން. އެމީހުންގެ ކޮލިޓީމީހުން. ޕީއެޗްޑީ ހޯލްޑަރުން އެބަކުރިމަތިލާ.ޑިގްރީ މާސްޓާސް މީހުން ކުރިމަތިލާ. ނުހޮވޭ. އެފަދަ މީހުންނަކީ ރައްޔިތުންގެ ނަޒަރުން ކިރާނަމަ ބޭކާރު ބައެއް.