ފައިނުގައި އެއާޕޯޓު އަޅަން އެމްޓީސީީސީއާ އެކު އެއްބަސްވުމުގައި ސޮއިކުރުން.
23 ފެބުރުއަރީ 2025 - 12:31
ރ. ފައިނުގައި އެއާޕޯޓު އަޅަން އެމްޓީސީސީ އާއި އެމްއޭސީއެލްއާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
އެމްއޭސީއެލުން ބުނީ ދަތުރުފަތުރުގެ ވަސީލަތްތައް އިތުރުކުރުމާއި ސަރަހައްދީ އަދި ގައުމުގެ އިގްތިސާދީ ކުރިއެރުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ވިސްނުންފުޅުގެ ދަށުން ފައިނުގައި އެއާޕޯޓު އެޅުމަށް އެމްޓީސީސީއާ އެކު ސޮއިކޮށްފައިވާ ކަމަށެވެ.
އެ ކުންފުނިން ބުނި ގޮތުގައި އެ އެއްބަސްވުމުގެ ދަށުން އެއާޕޯޓު ތަރައްގީކުރުމަށް ބޭނުންވާ ފީސިބިލިޓީ ދިރާސާތަކާއި ތިމާވެއްޓަށް ކުރާނެ އަސަރު ވަޒަންކުރާ ރިޕޯޓާއި ޑިޒައިނިން މަސައްކަތްތައް ހިމެނެ އެވެ.
Today, we signed the contract with MTCC to develop the airport in R. Fainu, in alignment with the vision of H.E. President Dr. Mohamed Muizzu, to enhance transportation and drive economic growth in the region and the country. pic.twitter.com/TziKIWEfyn
— Maldives Airports Company Ltd (@MACLmedia) February 23, 2025
ފައިނުގައި އެއާޕޯޓެއް އަޅަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އައިލެންޑް އޭވިއޭޝަނާ ހަވާލުކުރި އެވެ.
ގަސް ގިނަ، ފެހިކަން ގަދަ ފައިނުގައި އެއާޕޯޓާއެކު ތަރައްގީގެ އެހެން މަޝްރޫއުތައް ކުރިއަށްގެންދިއުމަށް އެންވަޔަރްމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ވެސް ހެދިޔަސް އެ ރިޕޯޓު ފުރިހަމަ ކުރުމަށް ކަމަށް ބުނެ، އީއައިއޭ ބަލައިނުގަންނަން، އެންވަޔަރްމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ އިން، ނޮވެމްބަރު، 14، 2018 ގައި ނިންމީ އެވެ.
އީއައިއޭގައި ބުނާ ގޮތުން އެއާޕޯޓު މަޝްރޫއު ކުރިއަށް ގެންދަން 5،792 ގަސް ކަނޑަންޖެހެ އެވެ. އެހާ ބޮޑު ސަރަހައްދަކުން ގަސް ކެނޑުމުން ފެން ފަށަލަ އާއި ރަށުގެ ފިނިހޫނުމިނަށް ނޭދެވޭ އަސަރުތަކެއް ކުރާނެކަމަށް ބުނެ "ސޭވް ފައިނު"ގެ ނަމުގައި ހިންގި ހަރަކާތްތަކަށް ފަހު އޭރު ސަރުކާރުން ނިންމީ މަޝްރޫއު ކުރިއަށް ނުގެންދާށެވެ.
ރ. އަތޮޅުގައި މިވަގުތު އެއާޕޯޓެއް އޮންނަނީ އިފުރުގައި އެކަންޏެވެ. އެކަމަކު އެ އަތޮޅުގެ ގިނަ ރަށްތައް އިފުރާ ވަރަށް ދުރުވުމުގެ ސަބަބުން އިތުރު އެއާޕޯޓަކަށް ރައްޔިތުން އުއްމީދުކުރާތާ ގިނަ އަހަރުތަކެއް ވެއްޖެ އެވެ.
އެހެންވެ، ރ. އަލިފުށީގައި ވެސް އެއާޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން އެބަދެ އެވެ.
މިދިޔަ މަހު ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވަނީ ފައިނުގައި އެެއާޕޯޓު އެޅުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ވިދާޅުވެފަ އެވެ.
ފައިނުގައި އެއާޕޯޓު އެޅުމުން، އެ ދާއިރާ އާއި އެސަރަަަހައްދުގެ ގިނަ ރަށްތަކަށް އިގްތިސާދީ ކުރިއެރުން ލިބޭނެ ކަމަށާއި ވަޒީފާގެ ފުރުސަތުތައް އިތުރުވެގެން އަންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެ އެވެ.
ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެ ސަރަހައްދުގައި ރިސޯޓުތައް އިތުރު ކުރަން ރައީސް މުއިއްޒު ވަނީ ވައުދުވެވަޑައިގެންފަ އެވެ. އެހެންވެ، އެ އެއާޕޯޓާ އެކު ރިސޯޓުތައް އިތުރުވެ، ޓޫރިޒަމް ސީނާއަތަށް ވެސް އިތުރު ކުރިއެރުން ލިބޭނެ ކަމަށް އެމަނިކުފާނު ދެކިވަޑައިގަންނަވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވަތަނީން
23 February 2025
ހިތްމޮޅު ބަޔެއް އަނގަޔާ އަތާ ދިމާނުވެގެން އުޅޭ އިރުވެސް ދަތުރު ކުރަން މިވަނީ އެންމެ ފަހުގެ އެއާލައިނުގަ، ގެއިން ގެޔަށް.
އޮނަރަބްލް އަފީފު ދީދީ
23 February 2025
އެހެން އެއްވެސް އެއަރޕޯޓަކަށް ދަތުރު ނުކުރެވޭގޮތަށް (އައްޑޫގައި ހުރެފައި ކާޑެއްދޫ ނުވަތަ ކައްދުއަށް ދާންވެސްޖެހެނީވެސް މިރަށްތަކުގެމަތިން އުދުހިފައި މާތްވެގެންވާ މުޤައްދަސް ރަށްކޮޅުގައިޖެހިފައި އެރަށަށް ފައިސާދީފައި ކާޑެއްދޫ ނުވަތަ ކައްދުއަށް ދާން) ފައްސަތޭކަ ހަމަނުވާ ދެރަށް ދޭތެރޭ އެއަރޕޯޓް ހެދުމުގެބަދަލުގައި މާލޭސަރުކާރުން ހަނިމާދުއާއި GAN International Airport ގައި އަޅުވާފައިވާ މަރުތަޅު ނައްޓާލާ ބޭރުގެ މަންޒިލްތަކަށް ދަތުރުކުރެވޭގޮތް ހަދާބަލަ.
ހުސެމް ވަޖީދު
23 February 2025
ފައިނު ރައްޔޮތުންގެ އެއްމެ ބޮޑު އެދުމަށް އިޖާބަ ދޭނެ ވެރިޔެއް ލިބިއްޖެ. ޝުކުރިއްޔާ
މުސްތަފާ ކަރީމަ
23 February 2025
ރައީސް މުއިއްޒް ހުސްވައުދު ނުވާކަން މިފެންނަނީ. އަވަހަށް އެއާޕޯޓް އަތޮޅަށް
މުހައިމިން.
23 February 2025
މަރުހަބާ ފައިނު ރައްޔިތުން. އަތޮޅަށް ތިލިބުނީ ޓޫރިޒަމް އިތުރަށް ކުރިއަރުވަން ފުރުސަތު
އަސަރަފަ
23 February 2025
އެއްވެސް ވަރަކަށް ދައްކާ ވާހަކައާ އަމަލަކާ ދިމާނުވޭ. ދައްކަނީ ދުރުރާސްތާ ޕްލޭނެއްގެ ތެރޭން އެޕޯޓް ތަކާ ދެންވެސް އެހެންތަންތަން ތަރައްޤީ ކުރާ ވާހަކަ. ކުރަނީ އެމީހަކު ހީވިގޮތަކަށް މަސައްކަތް
ރާއަތޮޅުވެރިން
23 February 2025
ތަރައްޤީގެ މަޝްރޫއުތައް ގެންދަންވާނީ ދުރުރާސްތާގެ ޕްލޭނަކާއެކީ ރ އަތޮޅުގައި ރިސޯތުތައްގިނަވެފަކުރިޔަށްވެސް ގިނަރިސޯތުތަކެއް އަންނާނެކަމަށް ބެލެވޭތީ ރ.އަތޮޅަށްބޭނުންވަނީ އިންޓަނޭޝަނަލް ފެންވަރުގެ އެއާޕޯޓެއް ތަރައްޤީކުރެވޭނެ ޖާގައޮތްތަނެއްގަ އެއާޕޯޅުން. ރ.އަތޮޅުގެ ދެކުނުބިތުގަ އިންޓަނޭޝަނަލް ފެންވަރު އެއާޕޯޓު އެޅެނެ ފަރުތައް އެބަހުރި. ފައިނުގެ އާބާދީގެގިނަބަޔަކުބޭނުމެއްނުވޭ އެރަށުގަ އެއާޕޯޓުއަޅާކަށް.
އަދުގަމް
23 February 2025
ސޮއިވެސް ކުރާނެ. ކަންވެސް ކުރާނެ
ސަސި
23 February 2025
ކިތަންމެ ވަރަކަަށްވެސް ސޮއި ކުރެވިދާނެ، ކަން ކުރިއަށް ނުކަނޑާނީ