23 ފެބުރުއަރީ 2025 - 13:06
އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދޭނެވަރުގެ ފެންވަރެއް އާސެނަލްގެ ކިބައިގައި ނެތް ކަމަށް އެ ޓީމުގެ ކޯޗު މިކަލް އާޓެޓާ ބުނެފި އެވެ.
އަމިއްލަ ދަނޑުގައި އިއްޔެ ވެސްޓްހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް ބަލިވީ 1-0 ންނެވެ.
މެޗުން މޮޅުވެވުނުނަމަ އެއްވަނައިގައި އޮތް ލިވަޕޫލާ ފަރަގު ކުޑަކުރެވުނީހެވެ. ދެވަނައިގައި އޮތް އާސެނަލްއާ ލިވަޕޫލާ ދެމެދު އަށް ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. މިރޭ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ލިވަޕޫލަށް ތަވާލުގެ އެއްވަނައިގައި ބޮޑު ލީޑެއް ނެގޭނެ އެވެ.
މެޗަށް ފަހު އާޓެޓާ ބުނީ އޭނާގެ ޓީމުގެ ފަރާތުން ފެނުނީ ދަށް ކުޅުމެއް ކަމަށެވެ. މެޗުގައި އާސެނަލް ކުޅުނީ އެއްވެސް ފޯވާޑެއް ނެތި އެވެ.
ކައި ހަވަޓްޒް، ގެބްރިއަލް ޖެސޫސް އަދި ބުކަޔޯ ސަކާ ވެސް އަނިޔާގެ ސަބަބުން ކުޅުމާ ދުރުގަ އެވެ. ފޯވާޑަކަށް ނެރުނީ މިކަލް މޮރޭނޯ އެވެ.
އާސެނަލް އަށް ނަތީޖާއެއް ނުނެރެވުނީ އެ ކުޅުންތެރިން ނެތުމުން ކުރިމަތިވި ކަމަކަށް ވާދެނެ ނޫންތޯ ސުވާލު ކުރުމުން އާޓެޓާ އެކަމާ އެއްބަހެއް ނުވެ އެވެ.
"ނޫން. ނޫން. އަހަރެން ތިކަމާ މުޅިން ދެކޮޅު. އަހަރެން މި ވާހަކަ ދައްކަނީ ކުޅުންތެރިންނާއި އަދި މިއަދު ކުޅުނު ޓީމުގެ ފެންވަރާ ބެހޭގޮތުން. އަހަރެން ވެސް ހިމެނޭގޮތަށް،" އާޓެޓާ ބުންޏެވެ.
"ޕްރިމިއާ ލީގު ހޯދަން ބޭނުންނަމަ ދައްކަންޖެހޭ ކުޅުމުގެ ފެންވަރާ މެދު ގާތްކުރާ ވަރުގެ ކުޅުމެއް ވެސް އަހަރެމެންނަށް (މިއަދު) ނުދެއްކުނު. އަހަރެމެން މިއައީ އެއްގޮތެއްގައި ދަމަހައްޓަމުން. އެކަމަކު ފުޓްބޯޅައިގައި އަބަދުވެސް އޮންނާނީ މިއަދު [އެ ދުވަހެއްގައި] ކުރާކަމެއް. އަދި މިއަދު [އިއްޔެ] އަހަރެމެންގެ ކިބައިގައި އެ ފެންވަރެއް ނެތް."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy