ދިރާގު ފެސްޓިވަލެއްގައި މަޑި އަރުވަނީ: ކެއިންބުއިމުގެ އާދަތައް ބަދަލުކޮށްލައިގެން ރޯދަ މަހުގެ ލޮޑުކަމާއި ވަރުބަލިކަން ފިލުވާލެވިދާނެ. -- ފޮޓޯ | މިހާރު
02 މާޗް 2025 - 13:44
ރޯދަ މަހު، ކިހިނެއްހޭ އަހައިފި ނަމަ "ވަރަށް ވަރުބަލި" ދުވަހެއް ކަމަށް ބުނާ މީހުން ގިނަ އެވެ. ރޯދަ ހިފަން ފަށާ ފުރަތަމަ ދުވަސްކޮޅު ބޮލުގައި ރިއްސުމާއި ގައިގައި ވަރެއް ނުހުންނަ ވާހަކަ އާއި ރޯދަ ވީއްލުމަށް ފަހު ލޮޑުކަމުން ހިރިނުލެވޭ ވާހަކަ ވެސް ދައްކަ އެވެ. އެކަމަކު މިއީ އަހަރެމެންގެ ކެއިންބުއިމުގެ އާދަތަކުން ބަދަލުކުރެވިދާނެ ކަންކަމެވެ.
އައިޖީއެމްއެޗްގެ ޑައިޓީޝަން އާސިޔާ އަބްދުއްރަހީމް މިކިޔައިދެނީ ވަރުބަލިކަމާއި ލޮޑުކަމުން ދުރުވާން ކެއިންބުއިމުގެ އާދަ ބަހައްޓަންވީ ގޮތެވެ.
ރޯދަ ހިފާއިރު އެންމެ ގިނައިން ދިމާވާ އެއް މައްސަލައަކީ ޑީހައިޑްރޭޓްވުމެވެ. ބޮލުގައި ރިއްސައި ބޯ އެނބުރުމެވެ. ހަމައެއާ އެކު ގައިން ވަރުދޫވުމާ އެކު ކުޑަކަމުދާ ނިޒާމުގެ އެކި މައްސަލަތައް ވެސް ފެން މަދުވުމުގެ ސަބަބުން ދިމާވެ އެވެ. ހަށިގަނޑު "ހައިޑްރޭޓް" ކުރުމަށްޓަކައި ދުވާލަކަށް 8-10 ތަށީގެ ފެން ހަށިގަނޑަށް ބޭނުންވެ އެވެ. މި މިންވަރު ހަމަކުރުމަށްޓަކައި ފެނާއި އަދި ފެން ގިނަ ބައެއް މޭވާ ވެސް ބޭނުންކުރެވިދާނެ އެވެ.
އާސިޔާ އަބްދުއްރަހީމް ވިދާޅުވީ ރޯދައަށް ހުންނައިރު ކަރުހިއްކުން ކުޑަކުރަން ކަރާ، އޮރެންޖް، ލުނބޯ އަދި ޖަނބުރޯލު ފަދަ މޭވާތައް ރޭގަނޑު ގަޑިތަކުގައި ކެެއުން މުހިންމެވެ.
ހާރުދަމަށާއި ބައެއް ފަހަރު ރޯދަ ވީއްލަން ކައިއުޅޭ ބަތްޕެނަކީ ވެސް ހަށިގަނޑުގައި ފެން ގިނަކުރުމަށް އެހީވެދޭނެ ބާވަތެކެވެ. އެކަމަކު އާސިޔާގެ ލަފައަކީ ބަތްޕެން ހުހަށް ކެއުމުގެ ބަދަލުގައި އެހެނިހެން ކާތަކެއްޗާ އެކު ކައިއުޅޭ އިތުރު ބާވަތަކަށް ހެދުމެވެ.
ލޯކަލް މާރުކޭޓުގެ ގޮޅިއެއްގައި ވިއްކަން ބަހައްޓާފައި ހުރި ކަރާތަކެއް. ފޮޓޯ: ނިޝާން އަލީ/މިހާރު
މޭވާ ފަދައިން ފެން ގިނަ ތަރުކާރީތަކަކީ ވެސް ކެއުމުގައި ވަރަށް ފަސޭހައިން ހިމެނިދާނެ ބާވަތެކެވެ. މިގޮތުން ކިއުކަމްބާއަކީ ވެސް އަހަރެމެންގެ ކެއުމުގައި އާންމުކޮށް ބެނުންކުރާ މީރު ބާވަތެކެވެ. ރޯދަ ވީއްލާ ގަޑިއަށް ކިއުކަމްބާ ތުނިކޮށް ކޮށާފައި ވެސް ބެހެއްޓިދާނެ އެވެ. ނޫންނަމަ ހާރު ގަޑީގައި ކިއުކަމްބާ ހިމަނައިގެން މީރު ސެލަޑެއް ވެސް ތައްޔާރުކުރެވިދާނެ އެވެ.
ހަށިގަނޑުން ފެން ބޭރުކުރުމަށް އެހީވާ މާއްދާ އަކީ ސޯޑިއަމް އެވެ. އެހެންކަމުން ރޯދައަށް ހުންނައިރު ބޭރުވެގެންދާ ފެނުގެ މިންވަރު މަދުކުރުމަށްޓަކައި އެއާ އިދިކޮޅަށް މަސަައްކަތްކުރާ ޕޮޓޭސިއަމް އިން މުއްސަނދި ކާނާ ކެއުމުގައި ހިމަނަން ޖެހެ އެވެ. މިފަދަ ބާވަތްތަކުގެ ތެރޭގައި ރަތް ހަނޑޫ، މުށި ހަނޑޫ އަދި މުގާއި ކިރު ހިމެނެ އެވެ. އަދި މި ނޫން ވެސް ތަރުކާރީގެ ބާވަތްތަކުގެ ތެރޭގައި ކައްޓަލަ އާއި ބީޓްރޫޓް އަދި ބަޓާނާ ފަދަ އާންމުކޮށް ލިބެން ހުންނަ ބާވަތްތައް ހިމެނެ އެވެ.
ހަށިގަނޑުގައި ފެން އިތުރުކުރުމަށްޓަކައި ވަކިވަކި ބާވަތްތަކެއް ކެއުމުގައި ހިމެނުން އެދެވިގެންވާއިރު ދެން ހުރީ ކޮންމެހެންވެސް ދުރުހެލިވާންވީ ބައެއް ބާވަތްތަކެވެ. މިގޮތުން މަސްހުންޏާއި ތަފާތު ހެދިކާތައް ހެދުމަށް ބޭނުންކުރިއަސް ހާރު ދަމު ކާއެއްޗެއް ގޮތަށް ރިހާކުރު ބޭނުންކުރުމުން ކަރުހިއްކުން އިތުރުވެގެންދިއުމަށް މަގުފަހިވެ އެވެ.
"ރިހާކުރު އެކަންޏެއް ނޫން، ގިނަ އަދަދަކަށް ލޮނު އެކުލެވޭ އެކި ސޯސްތަކާއި ކޮންޑިމެންޓްސް އެއްޗެހި ވެސް ގިނައިން ބޭނުންކުރާ ނަމަ ކަރުހިއްކުން އިތުރުވެ ޑީހައިޑްރޭޓްވާ ގޮތްވޭ. އަދި ތެލުލާފައި ހުންނަ އެއްޗެހިން ވެސް ހަމަ ޑީހައިޑްރޭޓް ވުމުގެ ފުރުސަތު އޮވޭ،" އާސިޔާ ވިދާޅުވި އެވެ.
އެހެންކަމުން ތެލުލި އެކި ވައްތަރުތަކުގެ ހެދިކާތަކުގެ ބަދަލުގައި، ހެދިކާ ފިހެގެން ނުވަތަ އެއާ ފްރަޔާ ބޭނުންކޮށްގެންވެސް ހަމަ މުރަނަކޮށް ތައްޔާރުކުރެވޭނެ އެވެ.
މި ނޫނަސް ރޯދަ ވީއްލައި ތަރާވީހަށް ފަހު ކަރުހިއްކުން ފިލުވަން އެކި ރެސްޓޯރެންޓްތަކުން ސޯޑާއާ އެކި ކަހަލަ މޮކްޓެއިލްސް ބުއިމުން އެ ވަގުތު ކަރުހިއްކުން ފިލިއަސް، އަނެއްކާވެސް ހަށިގަނޑު ޑީހައިޑްރޭޓް ކުރަން މަގުފަހިވެ އެވެ. އެހެންކަމުން އެކި ކަހަލަ ޖޫހާއި ފޮނި ބުއިންތަކުގެ ބަދަލުގައި ވީހާވެސް ގިނައިން ފެން ބުއިން އާދަކުރާށެވެ.
ރޯދަ ވީއްލުމަށް ބޭނުންނާވެ ޖޫސްފުޅިއާ ބައެއް ކާއެއްޗެހި މިސްކިތު ގޯތިތެރޭގައި އަތުރާލާފަ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ރޯދަމަހާއި ކުރިމަތިލާއިރު އެންމެ ގިނަބަޔަކު ބިރުގަންނާނެ އެއްކަމަކީ މި އެވެ. މެއިން ދިލަނެގުމާއި، ބަނޑުގައި ރިއްސުމާއި ބަނޑަށް އުނދަގޫވުން ފަދަ އެތަށް ރިހުމަކާއި އުދާހެއްގައި އުޅެންޖެހޭ އެއް ސަބަބަކީ "ގޭސްޓްރިކް" ވުމެވެ.
އާސިޔާ ވިދާޅުވާގޮތުން އެންމެ އާންމުކޮށް ހެދޭ އެއް ގޯހަކީ މާ އަވަހަށް ހާރުކެއުމެވެ.
" މިހާރަކަށް އައިސް މީހުން ހާރު މިކަނީ 11 ނޫނީ 12 ޖަހާއިރު، އެކަމަކު 4 ޖަހާއިރު ހާރު ކެޔަސް 6 ޖަހާއިރު ރޯދަ ވީއްލަންޏާ މި ތިބެނީ 14 ގަޑިއިރު ހުސް ގޮހޮރާ. އެހެންވީމަ ގޭސްޓްރިކް މައްސަލަ ހައްލުކުރަން ފުރަތަމަ މި ޖެހެނީ މި ގެޕް ކުޑަކުރަން" އާސިޔާ ވިދާޅުވި އެވެ.
މީގެއިތުރުން ކޮންމެއިރަކުވެސް މިން ހަމަކޮށް ކެވޭނަމަ ގޭސްޓްރިކް ވުމުން ދުރުކޮށްދެ އެވެ. އެހެންކަމުން ހުރިހާ ބާވަތެއްގެ ކާނާވެސް ކެއުމުގައި ހިމެނޭތޯ ސަމާލުކަން ދިނުން މުހިންމެވެ.
ގުދުރަތީގޮތުން އަހަރެމެންގެ ހަށިގަނޑު ހުސް ގޮހޮރާއި ހުންނަތާ 8 ގަޑިއިރުވުމުން ހަކަތަ ބޭނުންކުރަން ފެށެނީ ހަމައެކަނި ދިރިހުރުމަށް ބޭނުންވާ ގުނަވަންތަކުގެ ހިންގުމަށް އެކަންޏެވެ. އެހެންކަމުން ރޯދަ ހިފައިގެން ހުންނައިރު ގޮހިރުގެ މަސައްކަތްތައް ވަރަށް ބޮޑަށް މަޑުޖެހެ އެވެ. އެކަމަކު ރޯދަވީއްލުމާއެކު ކުއްލިއަކަށް ބައިވަރު އެއްޗެހި ކެއުމުން ގޮހޮރަށް މި ދެވެނީ ޝޮކެކެވެ.
މިއީ ގޭހުގެ މައްސަލަތައް ވެސް ދިމާވާން މެދުވެރިވާ ސަބަބެކެވެ.
އެހެންކަމުން އާސިޔާގެ ލަފައަކީ ރޯދަ ވީއްލާ ވަގުތު ކަދުރާއި އަދި މޭވާކޮޅެއް ކެއުމަށް ފަހު 15 ވަރަކަށް މިނިޓުކޮށްފައި ހާރު ކެއި ވަރުގެ ދެބައިކުޅަ އެއްބައި މިންހެޔޮކޮށް ކެއުމެވެ. އޭރުން ގޮހޮރަށް ކުރާ ނޭދެވޭ އަސަރު ކުޑަވެ، ތަރާވީސް ގަޑީގައިވެސް މަތިން އެރުން ފަދަ ކަންކަމުން ދުރުހެލިކޮށްދޭނެ އެވެ.
މީގެއިތުރުން ތެލުލި ބާވަތްތަކާއި، ކުޅި ބާވަތްތަކަކީ ވަރަށް ފަސޭހައިން ގޭސްޓްރިކްގެ މައްސަލަތަކަށް މަގުފަހިވާ ބާވަތްތައް ކަމުގައިވާތީ މި ކަންކަމަށް ސަމާލުކަންދޭން ޖެހޭ ކަަމަށް އާސިޔާ ވިދާޅުވި އެވެ.
މިއީ، އާންމު މީހެއްގެ ކެއިން ބުއިމުގައި ސަމާލުކަންދޭންވީ ކަންކަމެވެ. ނަމަވެސް ހަކުރު ބައްޔާއި، ކެންސަރަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ކިޑްނީގެ މައްސަލަތައް ހުންނަ ނަމަ ކޮންމެހެންވެސް ޑައިޓީޝަނެއްގެ ލަފާ ހޯދުން މުހިންމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަނަން
03 March 2025
ރޯދަ ވަރުބައްޔެއް ނޫން މާތްކަލާކޯ
ފާއިން
03 March 2025
“މިއީ، އާންމު މީހެއްގެ ކެއިން ބުއިމުގައި ސަމާލުކަންދޭންވީ ކަންކަމެވެ. ނަމަވެސް ހަކުރު ބައްޔާއި، ކެންސަރަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ކިޑްނީގެ މައްސަލަތައް ހުންނަ ނަމަ ކޮންމެހެންވެސް ޑައިޓީޝަނެއްގެ ލަފާ ހޯދުން މުހިންމެވެ.”މިހާރު ނޫހުން ހަކުރު ބައްޔާ ކެންސަރ އަށް ފަރުވާ ހޯދާ ފަރާތްތަކަށް ވެސް ޑައުޓީޝަނެއްގެ ބަސް ހޯދާ ލިޔުމެއް ހުށަހަޅާލަ ދިނުން އެދެން. ޝުކުރިއްޔާ
އޭޒވޔނ
02 March 2025
رَسُولُ اَللَّهِ صَلَى اللَّهُ عَلَيْه وَسَلَّمَ ޙަދިޘްކުރެއްވިއެވެ. تَسَحَّرُوا فَإِنَّ فِي السَّحُورِ بَرَكَةً ހާރުކާށެވެ. ފަހެ ހަމަކަށަވަރުން ހާރުކެއުމުގައި ބަރަކާތް ވެއެވެ.