އައިޖީއެމްއެޗްގެ ލެބޯޓަރީގައި މީހަކު މަސައްކަތްކުރަނީ. -- ފޮޓޯ: މިހާރު
02 މާޗް 2025 - 12:48
އިތުރު ގަޑީގެ ފައިސާ ނުދީ، އިތުރު މަސައްކަތް ނުކުރުމަށް ސިއްހީ ހިދުމަތްތެރިންގެ ޖަމިއްޔާއިން އަނެއްކާވެސް ގޮވާލައިފި އެވެ.
މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން އިން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނެރުނު ބަޔާނުގައި ބުނީ ސަރުކާރުގައި މަސައްކަތްކުރާ ސިއްހީ މަސައްކަތްތެރިންގެ ތެރެއިން ސިއްހީ ދާއިރާގެ އާ ފްރޭމްވޯކަށް ބަދަލުވެފައިވާ މުވައްޒަފުން ލައްވާ އިތުރު ގަޑީގައި ކުރުވާ މަސައްކަތަށް އިތުރު ގަޑީގެ ފައިސާ ނުދިނުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
އެއީ ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކާ ވެސް ހިލާފު ކަމެއް ކަމަށް ބުންޏެވެ.
ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް މެއި، 2023 ގައި ގެނައި ބަދަލާއެކު އިތުރު ގަޑީގެ ފައިސާ ވެސް ވަނީ ލިމިޓްވެފަ އެވެ. އޭގެ ކުރިން، ރަސްމީ ގަޑީގެ ފަހުން ކުރާ ކޮންމެ މަސައްކަތަކަށް އިތުރު ގަޑީގެ ފައިސާ ލިބުނަސް، އާ އޮނިގަނޑާއެކު އިތުރު ގަޑީގެ ގޮތުގައި މިހާރު ލިބެނީ މުވައްޒަފުންގެ މަގާމުގެ އަސާސީ މުސާރައިގެ ގިނަވެގެން 10 ޕަސެންޓަށް ވާ މިންވަރަށެވެ.
އެއަށްވުރެ އިތުރަށް މުވައްޒަފުން ލައްވާ މަސައްކަތް ކުރުވައިގެން ނުވާނެ ކަމަށް އިތުރު ގަޑީގެ މިންގަނޑުގައި ބުންޏަސް، ސިއްހީ ހިދުމަތް ހޯދާ ބަލި މީހުންގެ އަދަދާ އަޅާ ބަލާއިރު މަަސައްކަތްތެރިންގެ އަދަދު މަދުވުމުން ރަސްމީ ގަޑީގެ އިތުރަށް ގިނަ ވަގުތުތަކެއް މަސައްކަތުގައި ހޭދަކުރަން ޖެހޭ ކަމަށް އެ ބަޔާނުގައިވެ އެވެ.
"ދައުލަތުގެ އާ ޕޭ ފްރޭމްވޯކުގައި މިހާރު ކަނޑައަޅާފައިވާ 10 ޕަސެންޓަށްވުރެ އިތުރަށް މިހާރު ވެސް ސިއްހީ މަސައްކަތްތެރިން މަސައްކަތް ކުރަންޖެހޭ ނަމަވެސް، މުސާރައިގެ 10 ޕަސެންޓަށް ޖެހޭ ވަރަށް ވުރެ އިތުރަށް ކުރުވާ މަސައްކަތަށް އިތުރު ގަޑީގެ ފައިސާ މިހާރު ނުދެ އެވެ،" އެ ބަޔާނުގައިވެ އެވެ.
"ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ހެދޭ ކޮންމެ ގަވާއިދެއް، އުސޫލެއް އަދި ކޮންމެ މިންގަނޑެއް ވާނީ ބާތިލް އެއްޗެއް ކަމުގައި ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައި ވީހިނދު، ވަޒީފާއާ ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން އިތުރު ގަޑީގެ ފައިސާ ލިބިނުދެވޭ ގޮތަށް ދައުލަތުގެ އާ ޕޭ ފްރޭމްވޯކްގެ އޯޓީއާ ގުޅޭ މިންގަނޑު ހެދުމަކީ ވަޒީފާއާ ބެހޭ ގާނޫނާ ހިލާފު ކަމެއް ކަމުގައި މި ޔޫނިއަން އިން ދެކެމެވެ،" ބަޔާނުގައިވެ އެވެ.
އެ ޖަމިއްޔާއިން ގަބޫލުކުރާ ގޮތުގައި އިތުރު ގަޑީގެ ފައިސާ ނުދޭނަމަ ދައުލަތުގެ އާ ޕޭ ފްރޭމްވޯކުގައި މިހާރު ކަނޑައަޅާފައިވާ 10 ޕަސެންޓަށް ވުރެ އިތުރަށް ސިއްހީ މަސައްކަތްތެރީން މަސައްކަތް ކުރަން ނުޖެހޭނެ އެވެ. އަދި އެއާ ހިލާފަށް މަސައްކަތް ކުރުވުމަކީ "އުޖޫރަ ނުދީ މަޖުބޫރުން މަސައްކަތްކުރުން" ކަމަށް ބުންޏެވެ.
ޔޫނިއަނުން ވަނީ އެ މައްސަލަ ލޭބަ ރިލޭޝަންސް އޮތޯރިޓީއަށް ޖޫން 8، 2023 ގައި ވެސް ހުށަހަޅައިފަ އެވެ. އެކަމަށް އޭރު ދިން ޖަވާބުގައި ބުނީ އިތުރު ގަޑީގެ ފައިސާ ނުދީ މަސައްކަތް ކުރުމަކީ ގާނޫނާ ހިލާފް ކަމެއް ކަމަށެވެ.
އެ ބަޔާނުގައި ބުނީ މެދުކެނޑުމެއް ނެތި 24 ގަޑިއިރު ހިދުމަތް ދިނުމަށް ސިއްހީ ހިދުމަތްތެރިން ހަފުތާއަކު ހަ ދުވަހު އަދި ދުވާލަކު ހަ ގަޑިއިރުގެ ޝިފްޓް ޑިއުޓީ ކުރުމުގެ އިތުރުން ރޯދަ މަހުގެ ފަހު 10 ގެ ބަންދުގައި ހިދުމަތުގައި ތިބޭއިރު، އެ ޔޫނިއަންގެ މެމްބަރުންނާ މެދު ސަރުކާރުން އަމަލު ކުރަނީ އިންސާފުވެރިކޮށް ނޫން ކަމަށެވެ.
އެހެންވެ، މީގެ ދެ އަހަރުކުރިން އަމަލުކުރަން ފެށި އެ އުސޫލަށް ބަދަލު ގެންނަން ވަނީ އެދިފަ އެވެ.
"ސިއްހީ މަސައްކަތްތެރިން ލައްވާ އިތުރު ގަޑީގައި މަސައްކަތް ކުރުވާނަމަ ވަޒީފާއާ ބެހޭ ގާނޫނާ އެއްގޮތަށް އިތުރު ގަޑީގެ ފައިސާ ވީ އެންމެ އަވަހަކަށް ދޭން ފެށްޓެވުމަށާއި 1 މެއި 2023 އިން ފެށިގެން ހިނގައިދިޔަ މުއްދަތުގައި ސިއްހީ މަސައްކަތްތެރިން ލައްވާ އިތުރުގަޑީގެ ފައިސާ ނުދީ މަޖުބޫރުން ކުރުވާފައިވާ މަސައްކަތަށް ދޭންޖެހޭ ފައިސާ ހަމައަށް ދިނުމަށް ތަކުރާރުކޮށް ސަރުކާރަށް ގޮވާލަމެވެ،"
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާއްޖެ
04 March 2025
ސިވިލް ސަރވިސް ކޮމިޝަނުން މުވައްޒަފަކަށް މިހާތަނަށް ލިބުނު ފައިދާއެއް ބުނެބަލަ.
ހިތދިގ
02 March 2025
"އެއަށްވުރެ އިތުރަށް މުވައްޒަފުން ލައްވާ މަސައްކަތް ކުރުވައިގެން ނުވާނެ ކަމަށް އިތުރު ގަޑީގެ މިންގަނޑުގައި ބުންޏަސް، ސިއްހީ ހިދުމަތް ހޯދާ ބަލި މީހުންގެ އަދަދާ އަޅާ ބަލާއިރު މަަސައްކަތްތެރިންގެ އަދަދު މަދުވުމުން ރަސްމީ ގަޑީގެ އިތުރަށް ގިނަ ވަގުތުތަކެއް މަސައްކަތުގައި ހޭދަކުރަން ޖެހޭ ކަމަށް އެ ބަޔާނުގައިވެ އެވެ." ހޮސްޕިޓަލުން ތިބުނާ ގޮތުން ގަވާއިދާ ޚިލާފަށް މުއައްޒަފުން ލައްވާ މަސައްކަތް ކުރުވާ ނަމަ އެއީ ގާނޫނީ ކުށެއް.....
އާދައިގެ ސިވިލި
02 March 2025
އާނ..! ބޮޑު މުސާރަ ދިނީ ވަކި ގޮތަކަށް އިތުރުގަޑި ދޭންޖެހޭ ގޮތަށް ހިމަނާފަ! މިވެރީން މިއީ ލިބޭ ލާރިން ފެންވެރިޔަސް ހިތް ނުފުރޭ މީހުން!!!
ސިއްޙީ
03 March 2025
ރޯދަ މަހު 6-7 ގަޑިއިރުގެ ޝިފްޓު ޑިއުޓީ ފަހު ދިހައަކާއި ޢީދު ވެސް ލައިގެން. އެހެން މީހުން ކިތައް ދުވަސް ނޫނީ ކިތައް ގަޑިއިރު މަސައްކަތް ކުރަނީ؟
ފޫނު
02 March 2025
އެމްޑީޕީ ސަރުކާރުން ކޮއްފަ ދިޔައީ އެވެސް ނުދީ އޭރު މެއި 1 2023. އޭރު ގަވައިދާ ހިލާފައް ހަދާފައިވާ ގަވައިދެއް ނުދެވޭ ވަރުން ހަމަ އެކަނި ޖެހި އަދަދެއް.
ހުޅުމާލެ ހޮސްޕިޓަލް
02 March 2025
ނަރުހުންނާއި ލެބް އެޓެންޑެންޓުން ރޯދަ މަހު ފަހު 10ގަ މަސައްކަތް ކުރަންޖެހެނީ ހިލޭ. އެއީ ބަންދު ދުވަސް ތަކުގަ މަސައްކަތް ކުރީމަ ލިބެން އޮންނަ ލާރި ނުދޭތީ. ތިޔަ ފްރޭމްވޯކްގަ 10% އަށް ވުރެ އިތުރަށް ނުދެވޭ. އެއީ އެންމެ 1200-1300 ރުފިޔާ. މިދިޔަ ރޯދަމަހު ވެސް ފަހު 10 ގަ ލިބެންޖެހޭ 7000ރ ތެރޭން ދިނީ ހަމަ އެންމެ 1300ރ. އާއިލާ އާ ތުއްތުދަރީން ދޫކޮށްލާފަ ހުކުރެއް ދަންވަރެއް ނުބަލާ ކުރާ މަސައްކަތަށް ދޭންޖެހޭ ލާރި ދިނުމަށް ގޮވާލަން. ހިލޭ ގުލާނު ނުކުރުވާ.
އައްބެ
02 March 2025
އަމިއްލައަށް ނޫންތޯ ވަޒީފާއަށްދަނީ ކާކުތޯ މަޖުބޫރުކުރަނީ ވަޒީފާއަށްދާން. ވަޒީފާއަދާކުރާތަން ގޯސްވަންޏާ އެހެންދިމާލަކަށް ބަދަލުވޭ. ޕްރައިވެޓް ތަންތަނުގައި ވަޒީފާއަދާކުރޭ. މިހާރު މިރާއްޖޭގެ ވަޒީފާއަދާކުރާ މީހުންގެ ބޮޑުބަޔަކީ ދައުލަތުން މުސާރަދޭ މީހުން.
އޭ.ޑީ.ކޭ ވެސް ހަމަ އެފަދަ
02 March 2025
ވަޒީފާއާއި ބެހޭ ޤާނޫނު ބުނާގޮތުން، ސަލާމްބުނާ ދުވަހަކީ މުސާރަލިބޭގޮތަށް ލިބޭ ދުވަހެކެވެ. ނަމަވެސް އޭ.ޑީ.ކޭގައި އެ ދުވަހަށް ލާރިކަނޑާކަން ވަނި ފާހަގަ ކުރެވިފައެވެ.
ބޮޑުބެގެ ބެއްޔާ
02 March 2025
އިތުރުގަޑީގެ ލާރީގެ ކަންތަކުގައި ސިވިލް ސަރވިސް ކަމިޝަން ވަނީ ފެއިލްވެފައި. އެތައް ބަޔަކު ލައްވައި އުސޫލުން ބޭރުން މަސައްކަތް ކުރުވާއިރު އަޅާލާނެ ބަޔަކު ފެންނަބަޔަކު ނެތް.
ގުދޯސް
02 March 2025
އިތުރުގަޑި ދެވޭނީ ފުރަތަމަ ރަސްމީ ގަޑީގައި މަސައްކަތް ކޮށްގެންތާ؟ ރަސްމީ ގަޑީގައި ބޮޑުބައި މިއޮންނަނީ ސައިބޯންށާ އަނބި ދަރިން ތަންތަނަށް އުފުލުމުގަ. ހަމައަށް 2 ގަޑިއިރު އޮފީހުގައި މަސައްކަތް ނުކުރެވޭ. ދެން މިވަގުތު ފޫބައްދަނީ އިތުރުގަޑީގައި.. މީކީ ސިއްހީ ދާއިރާއަށް ބުނި އެއްޗެއްނޫން ސިވިލް ސަރވިސް ގިނަ އޮފީސްތަކުގެ ހާލަތު.
ރޯނުތުން
02 March 2025
އިތުރު ގަޑި އޮންނަނީ ބޭނުން ގޮތަކަށް. ކާޑު އައުޓް ކުރަނީ ދަންވަރު ބާރަ ޖެހީމަ. ހުސް އިތުރު ގަޑިން މުސާރައިގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑަށް ނަގާ އެބަ..މިކަން ބަލާނެ މީހެއް ނެތް
މީހާ3
03 March 2025
ސިއްޙީ ދާއިރާގެ މީހުންގެ ވާހަކަ މި ދައްކަނީ. ޑިއުޓީ ފަށައިގެން ނުލިބޭނެ ތަނަކައް ދާން ވަގުތެއް. ރޯދަ މަހު މަސައްކަތް ކުރަން ޖެހޭ 6-7 ގަޑިއިރު. އެހެން މީހުންނަށް މަސައްކަތް ކުރަނީ ކިތައް ގަޑިއިރު އަދި ފަހު ދިހައެއް ވެސް ބަންދު. ސިއްޙީ ދާއިރާގެ މީހުންގެ ވެސް ޢާއިލާ ހުރޭ.
މައްކުބޭ
02 March 2025
ހެލްތް މާފިއާ އިން މި ނެރޭ ބަޔާންތަކާ މެދު ރައްޔިތުންވެސް ކަންބޮޑުވުން ފާޅުކުރުން މުހިއްމު. މުސާރަ ބޮޑުކުރުމުންވެސް ސަރުކާރުގެ ވަޒީފާއިން ބޮޑު މުސާރަ ނަގާ ޕްރައިވެޓް ތަންތާ މަސައްކަތްކޮށް ހޮސްޕިޓާތަކުގަ މަސައްކަތް ނުކޮށް ޕްރައިވެޓް ތަންތަނަށް ޕޭޝަންޓުން ޑައިވާރޓްކުރުން ފަދަ ކަންކަމަކީ ޕްރޮފެޝަނަލް މަސަކްތަތައްކުރާ ފަރާތްތަކުން އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން.
މަސައްކަތް ކުރާ
03 March 2025
ޚަބަރުގެ މަގުސަދު ބަދަލު ނުކުރޭ. ރޯދަ މަހު ސިއްޙީ ދާއިރާގެ މީހުންގެ ޑިއުޓީ އަކީ 6-7 ގަޑިއިރު. ފަހު ދިހައެއްގައި ވެސް މަސައްކަތް ކުރަންޖެހޭ. އެހެން ތަންތަނުގައި އޮންނަނީ 4-5 ގަޑިއިރު. އާންމު ސިއްޙީ ދާއިރާގެ މީހުންނަކީ މެޑިކަލް މާފިއާ އެެއްނޫން. އެހާ ބުރަކޮށް މަސައްކަތުގައި އުޅޭ އިރު އަދި ވެސް ނުފުދެއޭ ބުނުމަކީ ހިއްވަރު ގެއްލޭ ކަމެެއް