ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން: އޭނާ ނިސްބަތްވެވަޑައިގެންނެވި މާލިއްޔަތު އަދި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އޭނާ ވަނީ ވަކި ކޮށްފައި -- ފޮޓޯ: ނިޝާން އަލީ / މިހާރު
03 މާޗް 2025 - 11:16
ސަރުކާރު ހިންގާ ޕީއެންސީގެ ވިޕްލައިނާ ހިލާފަށް ވޯޓު ދެއްވި މައްސަލަ ފެންމަތިވެފައިވަނިކޮށް، މަޖިލީހުގެ މުހިންމު ދެ ކޮމިޓީއަކުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވަކިކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު 7 އިން 5 އަށް މަދުކުރުމަށް ކޯޓުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކުރަން ޕީއެންސީގެ ޕީޖީ ގްރޫޕުން ތްރީލައިން ވިޕެއް ނެރެފައި ވަނިކޮށް، އެ ބިލަށް ވޯޓަށް އެހި ވަގުތު އެ ވޯޓުގައި ވެސް އަޒާން ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މާލިއްޔަތު ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީ އަށް ބަދަލު ގެންނަން ޕީއެންސީން ޕާލިމެންޓަރީ ގުރޫޕުން ނިންމާފައިވާ ކަމަށެވެ.
އަޒާންގެ ބަދަލުގައި މާލިއްޔަތު ކޮމިޓީއަށް ހަމަޖައްސާފައިވަނީ ހެންވޭރު އުތުރު ދާއިރާގެ ޕީއެންސީ މެންބަރު، އަހުމަދު އައިފާން އެވެ. 241 ކޮމިޓީއަށް އައްޔަން ކުރީ ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލެވެ.
އެ ދެ ކޮމިޓީގެ ބަދަލުގައި އަޒާން އައްޔަން ކޮށްފައިވަނީ ޕެޓިޝަން ކޮމިޓީ އާއި އިމްތިޔާޒާއި ސުލޫކު ކޮމިޓީ އަށެވެ.
މި ބަދަލާ ގުޅިގެން އަޒާން "މިހާރު" އަށް ވިދާޅުވީ، މިއީ ބައެއް ބާރުގަދަ ފަރާތްތަކުގެ މަސްލަހަތު އޮންނަ ކޮރަޕްޝަންގެ މައްސަލަ މާލިއްޔަތު ކޮމިޓީ މެދުވެރިކޮށް ބަލަން މަސައްކަތް ކުރަމުން އަންނާތީ، އެ މީހުންގެ ނުފޫޒުން ގެނައި ބަދަލެއް ކަމަށް ބެލެވޭ ކަމަށެވެ.
އެގޮތުން ކޮމިޓީން ސަރުކާރު ކުންފުނިތަކުގެ ޕްރޮކިއުމެންޓުތައް ދިރާސާ ކުރަމުން އަންނަ ކަމަށާއި އޭގެ ތެރެއިން ވެމްކޯގައި ފާއިތުވީ އަހަރު އެކަނި ކުއްޔަށް ތަކެތި ނަގަން 65 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަން ހާމަވެފައިވާ ކަމަށް އަޒާން ވިދާޅުވި އެވެ.
އަޒާން ވިދާޅުވީ، މިފަދަ މައްސަލަތައް ބަލަން ފެށުމުން ނުބެލުމަށް އެކި ފަރާތްތަކުގެ ބޮޑެތި ޕްރެޝަރުތައް އަންނަ ކަމަށެވެ.
މަޖިލީހުގެ އެންމެ މުހިންމު ދެ ކޮމިޓީން ވަކިކުރިނަމަވެސް، މައްސަލަތައް ބެލުމުގައި ފަސްނުޖެހޭނެ ކަމަށާއި ވަކި ކޮމިޓީއެއްގައި ނެތަސް މެންބަރުގެ ހައިސިއްޔަތުން މި ކަހަލަ ކަންކަން ބަލައި ޒިންމާދާރުކުރުވާނެ ކަމަށް އަޒާން ވިދާޅުވި އެވެ.
ޕާޓީގެ ވިޕާ ހިލާފުވި ފަރާތްތަކަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަހުމަދު ފަލާހު ވަނީ ވިދާޅުވެފަ އެވެ.
ކޮމިޓީތަކުން އަޒާން ވަކިކުރިއިރު، ޕީއެންސީގެ ޕީޖީ ވަޓްސްއެޕް ގުރޫޕުން ވެސް އޭނާ ވަނީ ބޭރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައްޙާފް
05 March 2025
ނިކަން ދެކެބަލަ. މީހުންނަށް ފުރައްސާރަކޮށް، 2000 ސިފައިންނޭ ކިޔާ މުޅި ޤައުމުގައި ނެތްވަރުގެ ބޮޑު ދޮގު ސްކޭމެއް ފަތުރާ، ޤައުމުގެ ވެރިކަމުގައި ތިބި އެތައް ބައެއްގެ އަބުރާއި ކަރާމާތް ނަގާލާ، އެއަވާގައި ހޯދި މަގާމާއި ޖާހާއި ނެތިދަނީ އިބުރަތަކަށް ފުދޭނެހެން. ދިވެހިން ލިބިގަންނަންވީ ފިލާވަޅަކީ، ނުހައްގުން މީހުން ދޮގު ބަދުނާމު ނުކުރުމަށް. ދިފާއު ވެވޭނެ ގޮތެއްނެތް ގޮތަށް ސޯޝަލް މީޑިއާއާއި ނޫށްތަކުގައި މީހުންގެ ކަރާމާތް ނަގާނުލުމަށް. މިއީ އިބުރަތެއް.
ކެކެކެކެކެކެކެކެކެކެ
04 March 2025
ސަރުކާރަށް އެޅޭނެ އެންމެ ޅައެތި!
ގުނައިދު ޝަރީފް
04 March 2025
އައްޒާން ކުރި ހުވާގެ މަތީގަ ރައްޔިތުން މަޖިލީހުގެ ފުރިހަމަ މެމްބަރެއްގެގޮތުގަ ދައުރު ފުރިހަމަކޮއްލާ. ތީ ނަމޫނާ މެމްބަރެއްގެގޮތުގަ އަންނަންއޮތް ޖީލްތަކަށް ތާރީޚުން ފެންނާނެ. ބައެއްގެ ހީލަތްތެރި މަޅީގަޖެހިގެން ކުރިން ކުރެވުނު ކަންތައް ހަނދާން ނައްތާލައިފިން.
ހަމަދު
04 March 2025
އައްޒާން ފަހަތުން ނުކުންނާނެ އިތުރު މެމްބަރަކު ނެތީމަ އެގެނީ އެތާތިބީ ހުސް އަޅުންކަން. ލަދެއްގަންނަ މީހަކުވެސް ނެތީ.
އިޔާދު-
03 March 2025
ރަނގަޅު ނިންމުމެއް
އަޒްލީލް
03 March 2025
އަހަރުމެންގެ ސަރުކާރާ ދެކޮޅަށް މީނަ މިނުކުތީ. މީނަޔަށް ވިޔަވަޅު އަޅާ
އަފާފް ސައީފު
03 March 2025
ތި އަޒާން ކައިރީ ބުނެބަލަ އިސްތިއުފާ ދީފަ ގޭގަ އޮންނަން. ނޫނީ އަމިއްލަ ގޮތުން ލާން. ލަދު ގަންނަވާލާނަން
އާދަމް އާޒިމް
03 March 2025
މީނަ ހިތުން ވެރިކަމަށް ލާން މީނަ މިއުޅެނީ. ނުވާނެ ތިކަމެއް. ރައްޔިތުންތިބީ ރައީސް މުއިއްޒް ފަހަތުގައި
ޝަބުނަމް
03 March 2025
ވަރަށް ހަޑިކޮށް އަޒާން މިއުޅެމީ. މަ އޭނަޔަށް ކުރި ތާއިދު އަބުރާ ގެނެއްސިން
މުހައްމަދު ހަމީޝް
03 March 2025
ލަސްވެސްވެއްޖެ. މީނަ ދެން ވަކި ކުރަންވީ