ރޮހިންޔާ މުސްލިމުން ރެފިއުޖީންތަކެއް: ރޮހިންޔާގެ ހައްގުގައި އައިސީޖޭއަށް ހުށަހެޅި މައްސަލައަށް ރާއްޖޭން ވަނީ ބަޔާން ދީފައި
05 މާޗް 2025 - 12:07
މިޔަންމާގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި ލާއިންސާނީ އަމަލުތަކާ ގުޅިގެން، ދަ ގެމްބިއާ އިން، މިޔަންމާއާ ދެކޮޅަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހުށަހަޅާފައިވާ މައްސަލަ އަށް ރާއްޖެ އިން ވަދެ، ބަޔާން ހުށަހަޅައިފި އެވެ.
މިއަންމާގައި ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި ލާ އިންސާނީ އަމަލުތަކާ ގުޅިގެން އައީސީޖޭ އަށް ނޮވެމްބަރު 2019 ގައި ހުށަހެޅީ ގެމްބިއާ ސަރުކާރުންނެވެ.
އެ މައްސަލައިގައ،ި މިއަންމާގެ ރާކީން ސްޓޭޓްގައި ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް 2016 ވަނަ އަހަރުން ފެށިގެން އެ ގައުމުގެ ސިފައިންނާއި އެހެން ފަރާތްތަކުން ހިންގަމުން އަންނަ އަމަލުތަކަކީ 1948 ވަނަ އަހަރުގެ ޖެނޮސައިޑް ކޮންވެންޝަނާ ހިލާފު އަމަލުތަކެއް ކަމަށް ވަނީ ހުށަހަޅައިފަ އެވެ.
ރާއްޖޭން މި މައްސަލަ އަށް ތަދައްހުލްވާން ނިންމައި، އެ ކަން އިއުލާނުކުރީ ފެބްރުއަރީ 2020 ގައި ބޭއްވި އދ. ގެ ހިއުމަން ރައިޓްސް ކައުންސިލް ބައްދަލުވުމުގަ އެވެ. ރާއްޖެއާ އެކު އެހެން ހަ ގައުމަކުން ވެސް އެގޮތަށް ހުށަހެޅި އެވެ.
ރާއްޖޭން މި މައްސަލަ އަށް ތަދައްހުލުވުމަށް އެދި ހުށަހެޅި ޑެކްލެރޭޝަން އޮފް އިންޓަވެންޝަން މިދިޔަ އަހަރުގެ ފެބުރުއަރީ މަހު އައިސީޖޭ އިން ބަލައިގަނެފައިވެ އެވެ. ރާއްޖެ އިން ތަދައްހުލުވާ މައުލޫއުއާ ގުޅޭގޮތުން ލިޔުމުން އޮބްޒަވޭޝަންސް ހުށަހަޅަން ދައުވަތު ދީފައި ވެ އެވެ.
މައްސަލައަށް ތަދައްހުލުވާ ފަރާތެއްގެ ދައުރާ އެއްގޮތްވާ ގޮތުގެ މަތިން، ރާއްޖޭގެ އޮބްޒަވޭޝަންސްގައި އަލިއަޅުވާލާފައިވާނީ، ގަތުލުއާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާގުޅޭ މުއާހަދާގެ މާއްދާތަކުގެ މާނަކުރުމަށް ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުންޏެވެ.
އެ މުއާހަދާގެ 1، 4، 5، އަދި 6 ވަނަ މާއްދާތަކުގެ ދަށުން "ޑިއުޓީ ޓު ޕަނިޝް ޖެނޮސައިޑް" މާނަކޮށްފައިވާ ގޮތް ރާއްޖޭން ވަނީ ފާހަގަކޮށްފަ އެވެ.
ރޮހިންޔާގެ މުސްލިމުންނަށް އަދުލު އިންސާފު ހޯދައިދިނުމަށާއި ގަތުލުއާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާ ގުޅޭ މުއާހަދާ ތަންފީޒު ކުރުމަށް ބައިނަލްއަގުވާމީ މައިދާނުގައި ކުރާ މަސައްކަތްތަކަށް އަބަދުވެސް އެއްބާރުލުން ދިނުމުގައި ސާބިތުކަމާ އެކު ދެމިއޮންނާނެ ކަމުގެ ޔަގީން ކަން ރާއްޖެ އިން ވަނީ ދީފަ އެވެ.
ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކާ ގުޅިގެން 2017 ވަނަ އަހަރު ރާއްޖެ އިން ވަނީ އެ ގައުމާ އެކު ވިޔަފާރީގެ ހުރިހާ ގުޅުމެއް ކަނޑާލައިފަ އެވެ. މި މައްސަލައާ ގުޅޭ ގިނަ ރެޒޮލިއުޝަންތަކެއް ކޯ-ސްޕޮންސާކޮށް އދ. ގެ އާންމު މަޖިލީހާއި ހިއުމަން ރައިޓްސް ކައުންސިލަށް ރާއްޖޭން ހުށަހަޅާފައި ވެ އެވެ.
މިއަންމާގެ އަސްކަރިއްޔާގެ އަނިޔާތަކުން ސަލާމަތްވުމަށް 2017 ވަނަ އަހަރު ގައުމުދޫކޮށް ދިޔަ، ގާތްގަނޑަކަށް އެއް މިލިއަން ރޮހިންޔާ މުސްލިމުން މިހާރު ދިރިއުޅެމުން ދަނީ ބަންގްލަދޭޝްގެ ތޮއްޖެހިފައިވާ ކޭމްޕްތަކުގައި ވަރަށް ނިކަމެތި ހާލުގަ އެވެ.
ރާކައިން ސްޓޭޓްގައި ތިބި ކަމަށް ލަފާކުރެވޭ 600،000 އެއްހާ ރޮހިންޔާ މުސްލިމުންނަށް މިއަންމާ ސަރުކާރުން ގޯނާތަކާއި އަނިޔާވެރިކަން ދަނީ ކުރިމަތިވަމުންނެވެ. ދަތުރުފަތުރު ކުރުމުގެ މިނިވަންކަން ނެތް ކޭމްޕްތަކުގައި، އެކަށީގެންވާ ކާނާއާއި ސިއްހީ ފަރުވާއާއި ތައުލީމާއި އާމްދަނީ ހޯދުމުގެ ފުރުސަތުތައް ވަނީ ކަނޑާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަލަސްތީނު
05 March 2025
ފަލަސްތީނުގެ މުސްލިމުންގެ ހައްގުގައި އައިސީޖޭއަށް ހުށަހެޅި މައްސަލައަށް ރާއްޖޭން ނުވަނީ ކީއްވެބާ؟