އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި އީރާންގެ އިސް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ
09 މާޗް 2025 - 07:46
އީރާނުން ކުރިއަށްގެންދާ ނިއުކްލިއާ މަޝްރޫއު ހުއްޓާލުމާ ބެހޭ ގޮތުން އަލުން މަޝްވަރާތައް ފެށުމަށް އެ ގައުމުގެ އިސް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީއަށް ސިޓީއަކުން ދަންނަވާފައިވާނެ ކަމަށާއި އެކަމަށް އެއްބަސްވެ ވަޑައިނުގެންފި ނަމަ އަސްކަރީ ބާރުގެ ބޭނުންކުރުމަކީ އޮތް އިހުތިޔާރެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
މި ސިޓީއާ ގުޅޭ ގޮތުން އޭއެފްޕީން އީރާންގެ ފޮރިން މިނިސްޓަރާ ސުވާލުކުރުމުން ވިދާޅުވީ އެމެރިކާއިން "އެންމެ މަތީ ދަރަޖާގައި ފިއްތާ ނަމަ" ވާހަކަ ދެއްކުމެއް ނެތް ކަމަށެވެ. އެކަމަކު ހާމަނާއީ އަށް ޓްރަމްޕް ފޮނުއްވި ސިޓީއާ ބެހޭ ގޮތުން އޭނާ ސީދާ ރައްދެއް ނުދެއްވި އެވެ.
އީރާނާ ވާހަކަ ދައްކަން ބޭނުންވެގެން ޓްރަމްޕް ދައުވަތު ދެއްވުމަކީ އޭނާގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި އީރާނާ މެދު ގެންގުޅުއްވި ހަރުކަށި ވިސްނުމާ ކުޑަކޮށް ދުރު ސިޔާސަތެއްގެ ގޮތުގައި ވަނީ ބެލެވިފަ އެވެ. މިއީ މިދިޔަ އަހަރު އީރާނަށް ހަަމަލާދިން، އެމެރިކާގެ އެކުވެރި އިޒްރޭލު އެހާ ގަޔާވާނެ ގޮތެއް ނޫން ކަމަށް ވެސް ވަނީ ބެލެވިފަ އެވެ.
"އުންމީދަކީ ސުލްހައިގެ އެއްބަސްވުމެއް ހެދުން،" ޓްރަމްޕް ނޫސްވެރިންނަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އީރާންގެ ނިއުކްލިއާ މަޝްރޫގެ ކަންކަމުގައި މިހާރު މި ތިބީ "އެންމެ ފަހު މަރުހަލާގައި" ކަމަށެވެ.
ފޮކްސް ބިޒްނަސް އަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވަނީ އީރާނުން ސުލްހައިގެ ވާހަކަތައް ފަށަން އެއްބަސްނުވެ އެމެރިކާއިން އަސްކަރީ ބާރުގެ ބޭނުންކުރަން ޖެހިއްޖެ ނަމަ އެކަން އީރާނަށް ވަރަށް ނުރައްކާ ހާލަތަކަށް ވެދާނެ ކަމަށް ހާމަނާއީއަށް ދަންނަވާފައި ވާނެ ކަމަށް ވިދާޅުވެފަ އެވެ.
ޓްރަމްޕުގެ މި އިންޒާރަށް ރައްދު ދެއްވަމުން ހާމަނާއީ ސިފަކުރެއްވި އެއީ "ބުލީކުރުން" ކަމަށެވެ.
"ބުލީކުރާ ބައެއް ސަރުކާރުތަކުން -- ބޭރުގެ ބައެއް ގައުމުތަކާއި ސަރުކާރުތައް ސިފަކުރުމުން، ބުލީއަށް ވުރެ އެކަށީގެންވާ ނަމެއް އަޅުގަނޑަކަށް ނުވިސްނޭ -- މަޝްވާރައަށް އެބަ އެދޭ،" ހާމަނާއީ އޮފިޝަލުންނާ ބައްދަލުކުރައްވައި ވިދާޅުވި އެވެ.
"މިއީ މައްސަލަ ހައްލުކުރުމަށް ބާއްވާ މަޝްވަރާއެއް ނޫން. މިއީ ކަންކަމުގެ މައްޗަށް ގަދަވެގަތުމަށް ކުރާ ކަމެއް."
ހާމަނާއީ ވިދާޅުވީ "ބުލީކުރާ ގައުމުތަކުން" އަބަދުވެސް އީރާނަށް އާ ޝަރުތުތައް ކުރިމަތިކުރާ ކަމަށެވެ. އަދި އީރާނުން ގަބޫލު ނުކުރާނެ ކަންކަން ބަލައިގެން އެ ކަންކަން ހުށަހަޅަމުން ގެންދާ ކަމަށެވެ.
އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ވަނީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލާ ނަމަ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ދޭނެ ކަމުގެ ޔަގީންކަމާ އެކު، 2015 ވަނަ އަހަރު އީރާނާ އެކު ތާރީހީ އެއްބަސްވުމެއް އެކުލަވާލައިފަ އެވެ. އެކަމަކު ޓްރަމްޕް ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެ އެއްބަސްވުން އޭނާ ވެރިކަމަށް ވަޑައިގަތުމަށް ފަހު، ޔޫރަޕްގެ ކަންބޮޑުވުންތަކާ ހެދި 2018 ވަނަ އަހަރު އުވާލީ އެވެ. އަދި އީރާންގެ ތެޔޮ ގަންނަ ހުރިހާ ގައުމަކާ ދެކޮޅަށް އެމެރިކާއިން ފިޔަވަޅުއަޅަން ފެށި އެވެ.
އީރާނުން އޮބާމާގެ ވެރިކަމުގައި އެއްބަސްވުމަށް އަމަލުކުރި ނަމަވެސް ފަހުން ވަނީ އެއްބަސްވުމުން ވަކިވެ ނިއުކްލިއާ މަސައްކަތް އަލުން ފަށައިފަ އެވެ. އެ ގައުމުން އަބަދުވެސް ބުނަނީ ނިއުކްލިއާ ޕްރޮގްރާމް ހިންގަނީ ސުލްހަވެރި ބޭނުމަށް ކަމަށާއި ހަތިޔާރު އުފެއްދުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
raajje
09 March 2025
އިރާނާ ހަނގުރާމަ ފަށަން އެމެރިކާއަށް ކެރޭނެކަމަށްނުބެލެވޭ، ނަމަވެސް ގޮތްދަށްކާލަން ހަމަލާއެއްދީފާނެ، މީޑިޔާގައި އެމެރިކާއިންކަނޑާފޮނިތައް އެއީތެދުކަމަށް ދަށްކާލަންވެސް ހަމަލާއެއްދީފާނެ، އެމެރިކާއާ އިޒުރޭލުގުޅިގެންވެސް އިރާނާ ދެކޮޅަށް ހަގުރާމައެއްކޮށް ކާމިޔާބުހޯދުމުގެ ގާބިލުކަމެއްނެތް، ހުރިނަމަ މިހުރިހާދުވަހު ހަނގުރާމައެއްނުކޮށް ނުވެސްތިބޭނެ
ޙަބީބު.
09 March 2025
އެމެރިކާޔައް ހުއްދަ ވެފަ އެހެން ގައުމަކައް ނިލިބެންވީ ކީއްވެ ފުރަތަމަ އެމެރިކާގަ ހުރި ނިޔުކުލިޔަ ހަތިޔާރު ނައްތާލަން އިރާނައް ފުރުސަތުދީބަލަ ބައިނަލް އަގުވާމީ ފަރާތްތަކާއެކު އެމެރިކާޔައް އަރާ އޭގެފަހުގަ
ފުންއަސަރު
09 March 2025
އެމެރިކާއަކީ ސުޕަރޕަވާއަށްވާން ބޭނުންވަނީ. ބަލަ އެމެރިކާއަަށް ތިބުނާއެއްޗެއް ހެދިފާ އީރާނަށް ނުހެދެންވީ ސަބަބެއްކޮބާ. ތިމީހުން އަތުން އެއްޗެއް ދީގެނެއްނޫނޭ އެމީހުން އެމީހުންގެ ފައިމައްޗަށް ތެދުވާން މަސައްކަތް އެ ކުރަނީކީ. ކޮންމެ ކަމެއްގާ ގަދަބަސްބުނެ މުޅިދުނިޔެ ހަލާކުކޮށް ނިންމައިފިޔޭ. އިރާދަކުރެއްވިއްޔާ ތިޔަ އެމެރިކާއަށާ އެމެރިކާއާ އިޒްރޭލަށް ހިތުން ފިލައިގެން ނުދާވަރުގެ ބޮނޑިޔެއް އަދި ލިބޭނެ.
ކިރުސައި
09 March 2025
އިީރާނަށް އެބާރު ލިބިއްޖެނަމަ ލިބިއްޖެނަމަ މުޅި މެދުއިރުމަތި ފަނާކޮށްލާނެ. ގަދަބާރުން މުޅި ސަރަހައްދު އަދި ދެންހުރި ގައުތަކަށްވެސް ބާރުފޯރުވާ އަޅުވެތިކުރާނެ. ކޮންމެ ކަމެއްވެސް ހުރި ވަކިގޮތަކަށް އޮންނަނީ ސަބަބުތަކެއް އޮތީމަ.