11 މާޗް 2025 - 10:46
ލިވަޕޫލްގެ ޖޯޒީ އާއި ޓްރެވަލިން ކިޓް ޕާޓްނަރަކަށް، މަޝްހޫރު އެޑިޑާސް ކުންފުނި އަލުން ހަމަޖައްސައިފި އެވެ.
އަންނަ ސީޒަނުން ފެށިގެން ލިވަޕޫލަށް ކިޓް ފޯރުކޮށްދޭނީ ޖަރުމަނަށް ނިސްބަތްވާ ކުންފުނިންނެވެ. ލިވަޕޫލަށް މިހާރު ކިޓް ފޯރުކޮށްދެނީ ނައިކީންނެވެ. އެ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ.
އެޑިޑާސްއިން ވަނީ މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ލިވަޕޫލާ އެކު ޕާޓްނާޝިޕް ހަދައިފަ އެވެ. އެއީ 1985-1996 އަދި 2006-2012 އަށެވެ.
އަލުން 12 އަހަރަށް ފަހު އެޑިޑާސްއާ އެކު ހެދި އެއްބަސްވުމުގެ މުއްދަތަކީ ކިތައް އަހަރުކަމެއް ލިވަޕޫލުން އިއުލާނެއް ނުކުރެ އެވެ.
އިނގިރޭސި މީޑިއާތަކުން ބުނީ މިފަހަރު އެއްބަސްވުން ހެދީ ފަސް އަހަރަށް ކަމަށެވެ. އެކަމަކު އެޑިޑާސް ކުންފުނިން ވެސް އަދި ލިވަޕޫލުން ވެސް ކިހާ މުއްދަތެއްކަން ކަށަވަރުކޮށް ބުނެފައެއް ނުވެ އެވެ.
އާ އެއްބަސްވުމުގެ ދަށުން އެޑިޑާސްއިން ލިވަޕޫލަށް އަހަރަކު 60 މިލިއަން ޑޮލަރު ދޭނެ އެވެ. މިއީ އެޑިޑާސްގެ އަނެއް ބައިވެރިޔާ އަދި ލިވަޕޫލްގެ އެންމެ ޒަމާންވީ ވާދަވެރިޔާ މެންވެސްޓާ ޔުނައިޓެޑަށް ދޭ ވަރަށް ވުރެ ކުޑަ އަދަދެކެވެ.
ޕްރިމިއާ ލީގުގެ ކްލަބްތަކުގެ ތެރެއިން އެޑިޑާސްއިން ޔުނައިޓެޑަށް ދެނީ އެ ލީގުގެ ދެ ވަނަ އެހެން ކްލަބަކަށް ނުދޭވަރުގެ ރެކޯޑް އަދަދެކެވެ.
އެޑިޑާސްއާ އެކު 2023 ގައި ޔުނައިޓެޑުން ހެދި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ޔުނައިޓެޑަށް އަހަރަކު 90 މިލިއަން ޑޮލަރު ދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy