ޑެންމާކުގައި ބޭއްވި އާންމު އިންތިހާބުގެ ވޯޓު ގުނަނީ: އިންތިހާބުގައި ކުރި ހޯދީ އިިދިކޮޅު ޕާޓީތަކުން. -- ފޮޓޯ: އޭއެފްޕީ
13 މާޗް 2025 - 09:56
ޑެންމާކާ ވަކިން ގްރީންލޭންޑް ބޭއްވުމަށް ތާއީދުކުރާ އިދިކޮޅު ޕާޓީތަކުން އެ ގައުމުގެ އާންމު އިންތިހާބުގެ ކާމިޔާބުކޮށްފި އެވެ.
ޑެންމާކުގެ ބާރު ހިނގާ ސަރަހައްދެއްގެ ގޮތުގައި އޮންނަ ގްރީންލޭންޑުގެ ރައްޔިތުންނަށް ވޯޓުލުމުގެ މިނިވަންކަމާއި އަމިއްލަ ދާހިލީ ކަންކަން ނިންމުމުގެ ބާރު އޮތް ނަމަވެސް ހާރިޖީ އަދި ދިފާއީ ކަންކަން އޮންނަނީ ޑެންމާކް ސަރުކާރުގެ ބާރުގެ ދަށުގަ އެވެ.
ގްރީންލޭންޑްގައި އިއްޔެ ބޭއްވި އާންމު އިންތިހާބުގައި އެންމެ ގިނަ ވޯޓު ލިބުނީ އެ ގައުމަކީ ޑެންމާކާ ވަކިން އޮންނަ މިނިވަން ދައުލަތެއްގެ ގޮތުގައި ހަދަން މަސައްކަތްކުރާ ޑިމޮކްރެޓިކް ޕާޓީންނެވެ. އެ ޕާޓީއަށް 30 ޕަސެންޓް ވޯޓު ލިިބިފައިވާއިރު، ދެވަނައަށް އެންމެ ގިނަ ވޯޓު ލިބުނީ ޑެންމާކާ ވަކިވެ އަދި އެމެރިކާއާ ގާތް ގުޅުމެއް ބާއްވަން ވަކާލާތުކުރާ ޕާޓީއަކުންނެވެ. އަދި މިހާރު ސަރުކާރުން ހިންގާ ދެ ޕާޓީއަށް އިންތިހާބުގައި ލިބުނީ ތިން ވަނަ އަދި ހަތަރު ވަނަ އެވެ.
ސަރުކާރެއް އެކުލަވާލެވޭނީ އެންމެ ގިނަ ގޮނޑި ލިބޭ ޕާޓީތައް ގުޅިގެންނެވެ.
ޑެންމާކާ ވަކިވުމަށް މަސައްކަތްކުރާ ގްރީންލޭންޑްގެ ޕާޓީތަކުން ކާމިޔާބު ހޯދިއިރު، އެމެރިކާގެ ބާރުގެ ދަށުގައި އޮންނަ ތަނަކަށް ގްރީންލޭންޑް ހަދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. އެކަމާ ގުޅިގެން ގްރީންލޭންޑްގެ ސަރުކާރުން ކަންބޮޑުވުން ފާޅުކުރި ނަމަވެސް، ޓްރަމްޕް ވަނީ އެ ނިންމުން ދިފާއު ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy