މިދިޔަ 80 އަހަރު ވެސް އެމެރިކާ އާއި ޔޫރަޕް ބަނދެވިފައި އޮތް ބަނދެވުމަކީ ދިފާއީ ކަންކަމުގައި އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރިވުމާއި އެންމެން ގަބޫލުުކުރާ ހަމަތަކާއި އުސޫލުތަކެއްގެ މައްޗަށް ބިނާވެފައި އޮތް ގުޅުމެކެވެ.
އެ ގުޅުން ފެށުނީ ސޯވިއެޓް ޔޫނިއަން ފުޅާކުރަން ކުރާ މަސައްކަތުން ޔޫރަޕަށް ކުރިމަތިވާ ނުރައްކަލުން ޔޫރަޕް ދިފާއުކުރާނީ އެމެރިކާ ކަމަށް ވިދާޅުވެ 1947 ވަނަ އަހަރު އެމެރިކާގެ އޭރުގެ ރައީސް ހެރީ ޓްރޫމަން ކުރެއްވި 18 މިނިޓުގެ ތަގުރީރަކުންނެވެ.
އޭގެ ފަހުން، ވޯލްޑް ބޭންކާއި އައިއެމްއެފާއި އދ. ވެސް އުފެއްދީ އެމެރިކާ އިން އިސްނަގައިގެންނެވެ. "ރޫލް ބޭސްޑް އިންޓަނޭޝަނަލް އޯޑާ" އަކީ(ވަކި ގާނޫނުނުތަކާއި އުސޫލުތަކެއްގެ ތެރެއިން ދުނިޔޭގެ ހަމަޖެހުން ހިފެހެއްޓުމަކީ) އެ ފިޔަވަޅުތަކާ އެކު، އެމެރިކާ އިން އިސްވެ އޮވެ ތައާރަފްކުރި އުސޫލެކެވެ. އެ ނިޒާމުގައި ބައިވެރިވި ގައުމުތަކަށް ލާޒިމުކުރާ ގިނަ ކަންތައްތަކަކާއި އުފުލަންޖެހޭ ގިނަ ބުރަތަކެއް ވެސް އޭރު ކަނޑައެޅި އެވެ.
ނަމަވެސް އެމެރިކާގެ އާ "ނެޝަނަލް ސެކިއުރިޓީ ސްޓްރެޓެޖީ" އިން އެ އުސޫލުތައް ވަނީ މުޅިން ދޫކޮށްލައިފަ އެވެ. އެމެރިކާ އިން އަދާކުރާނެ ކަމަށް ޔޫރަޕާއި އެމެރިކާ އަށް ތަބާވާ ގިނަ އެހެން އެތައް ބަޔަކު ގަބޫލުކުރި ދައުރު އާ ސްޓްރެޓެޖީގައި އެމެރިކާއިން ވަނީ ދޫކޮށްލައިފަ އެވެ.
އެމެރިކާ އިން މިދިޔަ ޑިސެމްބަރުމަހު އާއްމުކުރި "ނެޝަނަލް ސެކިއުރިޓީ ސްޓްރެޓެޖީ ރިވިއު" ގައި ރޫލް ބޭސްޑް އިންޓަނޭޝަނަލް އޯޑާ" އޮތީ ކޮމާކޯޅިއަކަށް ލައި، އެެއީ ހަގީގަތުގައި އަމަލުކުރާ އުސޫލެއް ނޫން ކަމަށް ދޭހަވާ ގޮތަށް އިބާރާތް ކޮށްފަ އެވެ.
އެމެރިކާ އިން މިގޮތަށް އަމަލުކުރާ ދުވަސް އެބަ އަންނަ ކަމުގެ އިންޒާރު، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ބޭއްވި މިއުނިކް ސެކިއުރިޓީ ކޮންފަރެންސް" ގައި އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވާންސް އޮތީ ދެއްވައިފަ އެވެ.
ވާންސް އޭރު ވިދާޅުވީ ޔޫރަޕަށް ނުރައްކާ އޮތީ ރަޝިޔާ އިން ނުވަތަ އެހެން ބަައެއްގެ ފަރާތުން ނޫން ކަމަށާއި ނުރައްކާ އޮތީ ސީދާ ޔޫރަަޕްގެ އެތެރެއިން ކަމަށެވެ. އެެއީ "މިނިވަންކަމާ އެކު ހިޔާލުފާޅުކުުރުމަށް ހުރަސް އެޅުމާއި ސިޔާސީ އިދިކޮޅު ހިޔާލަށް ޖާގަ ނުދީ ފިއްތާލުމުގެ ތެރެއިން ޔޫރަޕްގެ ޑިމޮކްރަސީ ދަށްކޮށްލުން" ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ވާހަކަގައި އޭނާ ހަގީގަތުގައި ކުށްްވެރި ކުރެއްވީ ވައަތުފިޔައިގެ ލިބަރަލް ފިކުރުަތަކެވެ.
ފްރާންސްގެ ލެ މޯންޑް ނޫހުން ވާންސްގެ އެ ތަގުރީރު ސިފަކުރީ އެއީ ޔޫރަޕާ ދެކޮޅަށް ފިކުރީ ހަނގުރާމައެއް ފެށުން ކަމަށެވެ.
އޭގެ އެތައް މަހެއް ފަހުން މިދިޔަ ޑިސެމްބަރު މަހު އެމެރިކާ އިން އާއްމުކުރި ނެޝަނަލް ސެކިއުރިޓީ ސްޓްރެޓެޖީ (އެންއެސްއެސް) ގައި ކޮށްފައި އޮތް ކަމަކީ ވާންސް އޭރު ދެއްކެވި ވާހަކަ އަށް ބާރު ދިނުމެވެ.
"ހަމަ ގައިމު ވެސް އެމެރިކާއަކީ މިހާރު ދެވަނަ ބޮޑުހަނގުރާމައިގެ ފަހުން މިއަދާ ހަމައަށް ހިފަހައްޓަމުން އައި ގްލޯބަލް ވެލިއުސްތައް ކުރިއަރުވާ ގައުމެއް ނޫން،" އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގައި ކުރިން ވަރަށް އިސް މަގާމުތަކެއް އަދާކުރައްވާފައިވާ ކެރިން ވޮން ހިޕެލް ބީބީސީ އަށް ވިދާޅުވެފައި ވެ އެވެ.
އެެމެރިކާގެ ވައިޓްހޯލް ތިންކްޓޭންކެއް ކަމަށްވާ ރޯޔަލް ޔުނައިޓެޑް ސާވިސަސް އިންސްޓްޓިއުޓް (ރޫސީ)ގެ ޑިރެކްޓަރުކަން ވެސް ކުރިން ކުރައްވާފައިވާ ހިޕެލް ވިދާޅުވެފައިވާ ގޮތުގައި ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ، ބައިނަލްއަގުވާމީ ގާނޫނުތަކަށް ތަބާވާ އުސޫލުގެ ބަދަލުގައި މިހާރު ދަތުރު ފަށާފައި ވަނީ "ވަރަށް ތަފާތު" އެހެން ދިމާލަކަށެވެ. އެއީ ކޮން ދިމާލެއްތޯ މިހާ ހިސާބުން ސުވާލު އުފެދެ އެވެ.
މިހާރު މި އޮތީ މުޅިން އެހެން ދުނިޔެ އެއް
"ބައިނަލްއަގުވާމީ މުއައްސަސާތައް، ވަކިން ބޮޑަށް ފާހަގަކުރެވޭ ގޮތުގައި އދ. މިހާރު ހިންގަނީ އެމެރިކާއާ ދެކޮޅު ވިސްނުމެއްގައި. އެ މުއައްސަސާތަކުން، އަހަރެމެންގެ މަގުސަދުތަކާ އެއްގޮތަށް، ނުވަތަ އެެހެން ވެސް މަގުސަދަކާ އެއްގޮތަަށް މަސައްކަތެއް ނުކުރޭ،" އެމެރިކާގެ ކަނާތުފިޔައިގެ ވަރުގަދަ ތިންކްޓޭންކެއް ކަމަށްވާ ދަ ހެރިޓޭޖް ފައުންޑޭޝަންގެ ނައިބުރައީސް ވިކްޓޯރިއާ ކޯޓްސް ވިދާޅުވެފައި ވެ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޑެޕިއުޓީ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރުކަން ވެސް ކުރިން ކުރައްވާފައިވާ ކޯޓްސްގެ ނަޒަރުގައި ދުނިޔެ ބަދަލުވަމުން ދާއިރު ބައިނަލްއަގުވާމީ އުސޫލު ބަދަލުވުމަކީ ނުވެ ނުދާނެ ކަމެކެވެ.
"އަހަރެމެންނަށް މި ކުރިމަތިވާ މައްސަލައަކީ އެ ކިޔާ ގާނޫނުގެ މައްޗަށް ބިނާވާ ބައިނަލްއަގުވާނީ ހަމަ [ރޫލް ބޭސްޑް އިންޓަނޭޝަނަލް އޯޑާ] އަކީ ދެވަަނަ ބޮޑުހަނގުރާމައަށް ފަހު، މީގެ 80 އަހަރު ކުރިން ގާއިމްވި އުސޫލަކަށް ވުން. އޭރުގައި ޗައިނާއަކީ މައިގަނޑު ކަންބޮޑުވުމެއް ނޫން. މިހާރު މިއޮތީ ތަފާތު ދުނިޔެއެއް،" ކޯޓްސް ވިދާޅުވެފައި ވެ އެވެ.
ޓްރަމްޕާއި އޭނާގެ އަރިސްބޭފުޅުންގެ ވިސްނުން މިހެން ހުރި އިރު ބައިނަލްއަގުވާމީ ހަމަޔަކީ ހަގީގަތުގައި ޖިއޯޕޮލިޓިކްސްގެ ތެރެއިން ބޮޑެތި ހަމަނުޖެހުންތަކަށް(ފުރަތަމަ ބޮޑުހަނގުރާމައާއި ދެވަނަ ބޮޑުހަނގުރާމައަށް) ދުނިޔެ ވެއްޓުނުތައް ދުށް ޖީލުގެ މީހުން ކަނޑައެޅި އުސޫލެކެވެ.
ކަން މިހެން އޮތް އިރު ޓްރަމްޕްގެ ނެޝަނަލް ސެކިއުރިޓީ ސްޓްރެޓެޖީގައި ތުހުމަތު ކޮށްފައިވާ ގޮތުގައި ބައިނަލްއަގުވާމީ މުއައްސަސާތަކެއް މެދުވެރިކޮށް، ދުނިޔޭގެ ހަމަޖެހުން ހިފަހައްޓަން ގާއިމްކޮށްފައިވާ އެ ނިޒާމުގެ ތެރޭގައި މިހާރު އޮތީ އެމެރިކާއާ ދެކޮޅު ވިސްނުމެވެ. އެއީ ވަކިވަކި ގައުމުތަކުގެ ސިޔާދަތަށް ގެއްލުންވާ ނިޒާމެއް ކަމަށް ވެސް އެ ސްޓްރެޓެޖީ ސިފަކުރި އެވެ.
އެ ސްޓްރެޓެޖީގައި ލަފާދީފައި ވަނީ ގިނަ ގައުމުތައް ބައިވެރިވާ އެ މުައްސަސާތަކުން އެމެރިކާ ވަކިވުމަށެވެ.
އެ ވިސްނުމާ އެއްގޮތަށް އެމެރިކާ އިން މިހާރު ވަނީ އދ. ގެ ބައެއް އެެޖެންސީތައް ހިމެނޭ ގޮތުން ބައިނަލްއަގުވާމީ 38 މުއައްސަސާއަކުން ވަކިވެފަ އެވެ.
އަދި ބައިނަަލްއަގުވާމީ ހަމައާ ހިލާފަށް އެމެރިކާ އިން ވަނީ ވެނެޒުއޭލާ އަށް ސިފައިން ފޮނުވައިގެން އެ ގައުމުގެ ރައީސް ނިކޮލަސް މަދޫރޯ ވަގަށް ނަގަައިފަ އެވެ. އެއާ އެކު، އެހެން އެތައް ގައުމަކަށް ހަމަލާދޭ މޭރުމަކުމް ޓްރަމްޕާއި އަރިސްބޭފުޅުން ވާހަކަ ދައްކަވަމުން ގެންދަވާ އިރު އެމެރިކާ ވެސް ބައިވެރިވާ ނޯތު އެޓްލާންޓިކް ޓްރީޓީ އޯގަނައިޒޭޝަން (ނޭޓޯ)ގެ މެންބަރު ގައުމެއް ކަމަަށްވާ ޑެންމާކްގެ ދަށުގައި އޮތް ގްރީންލޭންޑްގެ މިލްކުވެރިކަން ހޯދާނެ ކަމަށް ވެސް ޓްރަމްޕް ގެންދަވަނީ ވިދާޅުވަމުންނެވެ.
ޓްރަމްޕް ސަރުކާރުގެ ސްޓްރެޓެޖީ ޑޮކިއުމެންޓްގައި ބުނާ ގޮތުން މުއްސަނދި އަދި ބާރުގަދަ ގައުމުތަކުގެ ނުފޫޒު އެހެން ގައުމުތަކަށް ވުރެ ބޮޑުކޮށް އޮތުމަކީ މާކުރިއްސުރެ އޮތް ބަދަލުނުވާ ހަގީގަތެކެވެ.
ބީބީސީގެ ރިޕޯޓުގައިވާ ގޮތުން ވާދަވެރި ރަޝިއާ ސަރުކާރުން ބުނީ އެ ޑޮކިއުމެންޓް ރަނގަޅު ކަމަށާއި އެއީ އެ ސަރުކާރުގެ ވިސްނުމާ އެއްގޮތް ވިސްނުމެއް ކަމަށެވެ.
"އަޅުގަނޑު ދެކެނީ ޓްރަމްޕް، ޝީ އަދި ޕުޓިންއާ އެކު، އެ ބޭފުޅުންގެ ހުދުމުހުތާރު ވިސްނުމުގެ ތެރެއިން އަހަރެމެން ގެނެސްގައި މިވަނީ ބާރުގެ ބޭނުންކުރާ ސިޔާސަތުތަކުގެ ޒަމާނަކަށް ކަމަށް،" އިނގިރޭސި ވިލާތުގެ ހަތިޔާރުއެޅި ލަޝްކަރުތަކުގެ އިސް ވެރިޔާގެ ގޮތުގައި 2010 އިން 2013 އަށް ހުންނެވި ފީލްޑްމާޝަލް ޑޭވިޑް ރިޗަޑްސް ބީބީސީއަށް ވިދާޅުވެފައި ވެ އެވެ.
އެހެން ކިންކްސް ކޮލެޖް ލަންޑަންގެ އެމެރިޓަސް ޕްރޮފެސާ އޮފް ވޯ ސްޓަޑީޒް ލޯރެންސް ފްރީޑްމެން ބީބީސީ އަށް ވިދާޅުވެފައިވާ ގޮތުގައި މިއީ އާ ކަމެއް ނޫނެވެ. އޭނާ ވިދާޅުވާ ގޮތުގައި ބައިނަލްއަގުވާމީ ގާނޫނަށް ތަބާވުމުގެ ވާހަކައަކީ މީގެ އެންމެ 10 އަހަރު ކުރިން ވައިގައި ހިގި ވާހަކައެކެވެ. އޭގެ ކުރިން އެއާ ހިލާފު އެތައް ކަމެއް ހިނގާފައިވާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
"މާޒީ އަށް ބަލައިލާ ގާނޫނާ ހިލާފުވުން ވަރަށް ގިނައިން ފެންނާނެ. މިސާލަކަށް ބަލާ ވިއެޓްނާމް [ހަނގުރާމަ]،" އޭނާ ވިދާޅުވެފައި ވެ އެވެ.
އެމެރިކާގެ ގަދަބާރު ދެއްކުން އިންިތހާގައި
އެމެރިކާ ސިފައިން ފޮނުވައިގެން ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ސީލިއާ ފްލޮރެސް ވަގަށް ނަގައިގެން އެމެރިކާއަށް ގެންދިައުމަކީ އެމެރިކާ އިން އަސްކަރީ ގަދަބާރު ދައްކައި އަމިއްލައަށް ކަންތައްތައް ނިންމުން އިންތިހާއަށް ގޮސްފައިވާ ކަމުގެ މިސާލެކެވެ.
ބައިނަލްއަގުވާމީ ގާނޫނުގެ މާހިރުން ވަނީ އެމެރިކާގެ އެ ފިޔަވަޅުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފައްދަވައިފަ އެވެ. ނަމަވެސް އެމެރިކާއިން ބުނަނީ އެއީ ދައުލަތެއްގެ ގޮތުގައި އެމެރިކާ އަށް ގާނޫނީ ގޮތުން އޮތް ބާރެެއް ކަމަށެެވެ.
"އެމެރިކާގެ ގާނޫނުގެ ދަށުން އެއީ ކުރެވޭނެ ކަމެއް،" ޓްރަމްޕްގެ ފުރަތަަމަ ވެރިކަމުގައި އަންޑަ ސެކްރެޓަރީ އޮފް ޑިފެންސްގެ މަގާމު ފުރުއްވި ރޮބާޓް ވިލްކީ ބީބީސީއަށް ކުރިން ވިދާޅުވެފައި ވެ އެވެ.
އެ ވާހަކައަށް ބާރުދޭން އޭނާ ވިދާޅުވެފައި ވަނީ މަދޫރޯއަކީ ވެނެޒުއޭލާގެ ސައްހަ ވެރިއެއް ކަމަށް ޔޫރަޕްގެ ގައުމުތަކުން ވެސް ގަބޫލުނުކުރާ ކަމަށެވެ.
އެމެރިކާގެ ސްޓްރެޓެޖީ ޑޮކިއުމެންޓްގައި ބުނެފައިވާ ގޮތުން ވެސްޓާން ހެމިސްފިއާގައި ގޮންޖަހައިނުލެވޭ ބާރެއްގެ ގޮތުގައި އޮތުމަކީ އެމެރިކާގެ ހައްގެކެވެ. އަދި އެމެރިކާ ބޭނުންވާ ގޮތަށް ލެޓިން އެމެރިކާގެ ގައުމުތައް އަނބުރާލުމަކީ ވެސް އެމެރިކާއަށް ކުރެވޭނެ ކަމެކެވެ.
ޓްރަމްޕް ސަރުކާރުގެ އެ ސިޔާސަތު ބިނާކޮށްފައި ވަނީ 1823 ވަނަ އަހަރު އެމެރިކާއިން ކަނޑައެޅި، އެގައުމަށް އެހެން އެންމެންގެ މައްޗަށް ބާރު ހިންގޭ "މޮންރޯ ޑޮކްޓްރިން"ގެ މައްޗަށެެވެ.
އެމެރިކާގެ މި ނޭއްގާނީ ސިޔާސަތަށް ތަބާވާނީ ބެލެވޭ ގޮތުގައި ބަލިކަށި ފިނޑި ގައުމުތަކެވެ. އަސްކަރީ ގޮތުންނާއި މާލީ ގޮތުން ބާރުވެރި ޗައިނާ ފަދަ ގައުމުތަކުން އެ ސިޔާސަތަަށް ތަބާވާނެ ކަމަކަށް ނުބެލެވެ އެވެ. އެހެން އެކަން އޮވެ، ޗައިނާ އާއި އެ ގައުމުގެ ބައިވެރިންގެ މަސްލަހަތަކަށް ގެއްލުންވާ ގޮތަށް އެމެރިކާ އިން އަޅާ ފިޔަވަޅެއްގެ ނަތީޖާ ނުކުންނާނެ ގޮތެއް ލަފާކޮށްލަން ވެސް ނޭނގެ އެވެ.
އެ ހާލަތުގައި މުޅި ދުނިޔެ ދެބަޔަކަށް ބެހި، ކުރިން ހިންގި ފަދަ ބޮޑުހަނގުރާމައެއް ފެށުމަކީ ނާދިރުކަމެއް ނޫނެވެ.