މާއްލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގައި މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމް ވާހަކަދައްކަވަނީ.-- ފޮޓޯ: މިހާރު
12 މާޗް 2025 - 21:47
ފައިސާ ޗާޕު ކުރިޔަސް، މި ސަރުކާރުން ޒިންމާދާރުކަން ކުޑަކޮށް އެކަމެއް ނުކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމް އިއްޔެ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ސަރުކާރުގައި ވަރަށް ޒިންމާދާރުކަން ކުޑަގޮތެއްގައި ފައިސާ ޗާޕުކުރި ކަމަށް އިޝާރާތް ކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ މި ސަރުކާރުން އެގޮތަށް ޒިންމާދާރުކަން ކުޑަކޮށް އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ.
ކޮމިޓީގައި އިއްޔެ ކުރިއަށް ގެންދިޔައީ އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އަހްމަދު އިމާދު މަގާމުން ވަކިކުރުމާ ގުޅޭ މަޝްވަރާ އެވެ. ނަމަވެސް، އެ ބައްދަލުވުމުގައި އިދިކޮޅު އެމްޑީޕީގެ މެމްބަރުން ވަނީ އެމްއެމްއޭ އިން 14 ބިލިއަން ރުފިޔާއަށް ހުޅުމާލެއިން ބިމެއް ގަތުމަށް ނިންމި ނިންމުމާ ގުޅިގެން ހުރި ކަންބޮޑުވުންތައް ކޮމިޓީގައި ފާޅުކޮށްފަ އެވެ. އަދި އެ ނިންމުމުގެ ތަފުސީލު އެމްއެމްއޭ އިން ހޯދަން ވެސް އެމްޑީޕީގެ މެމްބަރުން އެދުނެވެ.
އެ ކަންބޮޑުވުންތަކާ ގުޅިގެން ނާޒިމް ވިދާޅުވީ މި އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 9.3 ބިލިއަން ރުފިޔާއަށް ކުޑަކުރަން ސަރުކާރުން އަމާޒު ކުރާކަން ބަޖެޓާ އެކު ހުށަހެޅި ކަރުދާސްތަކުގައި މަޖިލީހަށް އަންގާފައި ކަމަށެވެ. އެހެންވެ، އެކަމަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ ކަމުގެ ޔަގީންކަން އޭނާއަށް އޮތް ކަމަށް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ދަރަނި ދެއްކުމުގެ ސަބަބުން، ދައުރުވާ ފައިސާއިން މަދުވާ ރުފިޔާއަށް ވުރެ އިތުރަށް މި ސަރުކާރުން ފައިސާ ނުނެރޭނެ ކަމަށެވެ.
އެމްޑީޕީ ސަރުކާރުން 8 ބިލިއަން ޗާޕުކޮށްފައި އިންޖެކްޓުކޮށްފައި ވެއްޖެ. އަޅުގަނޑަށް ހަމަ ޔަގީން މި ސަރުކާރުން އެގޮތަށް ކަންތައްތައް ނުކުރާނެކަން: ނާޒިމް
"އެމްޑީޕީ ސަރުކާރުން 8 ބިލިއަން ޗާޕުކޮށްފައި އިންޖެކްޓުކޮށްފައި ވެއްޖެ. އަޅުގަނޑަށް ހަމަ ޔަގީން މި ސަރުކާރުން އެގޮތަށް ކަންތައްތައް ނުކުރާނެކަން،" ނާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑު 100 ޕަސެންޓް، ވަރަށް ޔަގީންކަމާ އެކު ދަންނަވަން ކެރޭ އިނގޭތޯ އެ ވިދާޅުވާ ގޮތަށް 14 ބިލިއަން، 20 ބިލިއަނުން ކިޔާފައި، ރައްޔިތުންގެ ތެރޭގައި ކަންބޮޑުވުން އުފައްދަން ދައްކާ ވާހަކަ އެއީ. މި ސަރުކާރުން އެހާ ޒިންމާދާރުކަން ކުޑަކޮށް އެކަމެއް ނުކުރާނެ. ޔަގީން ނުކުރާނެ."
ނާޒިމް ވިދާޅުވީ ސަރުކާރުން މިހާރު ވެސް ވަނީ ހަ ޕަސެންޓްގެ އިންޓަރެސްޓާ އެކު ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ދަރަނި އަނބުރާ ދައްކާފައި ކަމަށާއި އެއީ 2.5 ބިލިއަނެއްހާ ރުފިޔާ ކަމަށެވެ. އެ އަދަދަށް ވުރެ އިތުރަށް ސަރުކާރުން އިގުތިސާދަށް ފައިސާ ނުނެރޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސަރުކާރުން ވަނީ 150 މިލިއަން ޑޮލަރު ދައްކައިފައި. އެވަރުގެ ފިސްކަލް ސްޕޭސް ހޯދައިފައި ވަނީ. އެ ފިސްކަލް ސްޕޭސް އޮތް ވަރަށް ސަރުކާރުން ފައިސާ ނެރޭނީ... ދެން ނޫހެއްގައި ލިޔުއްވައިގެން މަތިމައްޗަށް ދެއްކި ނަމަވެސް، ހާހެއްހާ ފަހަރު ދޮގު ހެދިޔަސް، ދޮގު ވާނީ ހަމަ ދޮގަކަށް. އެ އަދަދުތަކަކީ ކަނޑައެޅިގެން ދޮގެއް،" އޭނާ ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވި ގޮތުގައި، ބިން ގަތުމުގެ މުއާމަލާތުން ސަރުކާރަށް އާމްދަނީއެއް ލިބޭ ނަމަ އެންމެ ފުރަތަމަ ފިނޭންސް މިނިސްޓްރީން ދައްކާނީ އެމްއެމްއޭގައި އޮތް ސަރުކާރުގެ ދަރަނި ކަމަށެވެ. އެމްއެމްއޭގައި ސަރުކާރުގެ ވަރަށް ގިނަ ދަރަނިތައް އެބައޮތް ކަމަށާއި އޭގެ ތެރޭގައި ސުނާމީގެ ދުވަސްވަރު ނަގާފައިވާ ލޯނުތަކާ އެކު އެތައް ބިލިއަން ރުފިޔާގެ ދަރަނި އެބަހުއްޓެވެ.
މާއްލިއްޔަތު ކޮމިޓީގައި ނާޒިމް އެގޮތަށް ވިދާޅުވިއިރު، އަންނަ ޖޫން މަހު އަމަލުކުރަން ފަށާ ފިސްކަލް ޒިންމާގެ އާ ގާނޫނުގައި ބުނާ ގޮތުގައި އެމްއެމްއޭ އިން ސަރުކާރަށް އެޑްވާންސަށް ފައިސާ ދޫކުރުން ނުވަތަ ޗާޕް ކުރެވޭނެ އުސޫލަކީ ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ސަރުކާރަށް ލިބުނު ޖުމްލަ އާމްދަނީގެ 2.5 ޕަސެންޓަށް ވުރެ އިތުރު ނުވާ އަދަދަކުންނެވެ. އަދި ގިނަވެގެން 91 ދުވަސް ނުވަތަ ތިން މަސްދުވަހުގެ ތެރޭގައި މާކެޓް އިންޓަރެސްޓް ރޭޓުގައި އެ ފައިސާ އަނބުރާ އެމްއެމްއޭ އަށް ސަރުކާރުން ދައްކަން ޖެހޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަދު ކޮބާ
13 March 2025
ޗީ .ޗީި .ރައްޔިތުން ފެލައިގެން ނަގާ ޓެކްސް ފައިސާ އަށް ހަދާ ގޮތް ފުރަތަނަ ބުނެދީ..
މިސްޓަރ ޓިނޭ
13 March 2025
ބަޖެޓު ހުސް ކުރީ ޒިންމާދަރުކޮން ތޯ ސުވާލުކޮށްލަން
ކައްލިމް
13 March 2025
ބުނެބަލަ ކިހިނެއްތަ ޒިންމާދާރުކޮށް ފައިސާ ޗާޕުކުރާނީ؟ ގައުމު މިދަނީ ސީދާ ބަނގުރޫޓުވާން އެދިމާލަށް. އަދިވެސް ލޯނު ނަގައިގެން ފަޅުތައް ހިއްކޭތޯ ބަލާ.
ލަމްޔާ މުހައްމަދު
13 March 2025
އެމްޑީޕީ އިން ވަރަށް ފޯރި ހުންނާނެ ފައިސާ ޗާޕުކުރާ ވާހަކަ ދައްކަންޏާ. އެކަމް މި މީހުން ކުރި ގޮތަކަށް ރައްޔިތުން މުޅިން ބިކަކޮށްލާކަށް ނޫޅެ މިސަރުކާރުން
ޒަކިއްޓެ ޒަމްޒަމް
13 March 2025
ގައުމު މިދަނީ ރަނގަޅު މިސްރާބަކަށް. މިހާލަތުން ފައިސާ ޗާޕު ކޮށްގެން ލިބޭނެ ގެއްލުމެއް ނެތް
ސަފްވާން
13 March 2025
އެމްޑީޕީ ކުދިން ލަދުގަންނަންޖެހޭނެ މުޅި ގައުމު ބޮޑު އަނދަވަޅަކަށް ވައްޓާފަ އައިސް. މިކަމުން އަރައިގަންނަން މި މަސައްކަތް ކުރަނީ
ރާހިލް ރަޝީދް
13 March 2025
ޒިންމާދާރުކަން ކުޑަކޮށް ފައިސާ ޗާޕުކުރީ އެމްޑީޕީއިން. މިސަރުކާރުން ކުރާ ކަމެއް ކުރާނީ ދެކޮޅު ހަމަޖެހޭގޮތަށް
އަހްމަދު ސަނީހް
13 March 2025
ރައީސް މުއިއްޒް ހަމަ ސްމާޓް. ޑޮލަރ މާރުކޮށްފަ ފައިސާ މި ނެރެނީ އިތުރަށް މާކެޓަށް. މާނައަކީ އިންފްލޭޝަން ޕްރެޝާ ކުޑަވާނެޔޭ
އިސްމާއިލް އުޝާމް
13 March 2025
ގައުމު ބޭނުންވަނީ ތަރައްގީގެ ޕްރޮޖެކްތައް ގިނަވުން. އެ ކަން ހާސިލްވާނީ މިދިޔަ ސަރުކާރުތަކުން ކަންކުރި ގޮތުން ދެން ފައިސާ ޗާޕްކޮށްގެން.
މުމްތާޒް މުހައްމަދު
13 March 2025
ފައިސާ ޗާޕްކޮށްގެން ގައުމު ދެން ހިގާނީ. ސަރުކާރުން މިކަން ކުރަންޖެހޭ މިހާރުވެސް.