އެމްޑީޕީން މިހާރު ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާގައި ފުލުހުންނާ ދެމެދު ކުރިމަތިލުމެއް ހިނގަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
14 މާޗް 2025 - 00:20
އިދިކޮޅު އެމްޑީޕީން މިހާރު ބާއްވަމުންދާ ސިލްސިލާ މުޒާހަރާއެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް ވާހަކަ ދެއްކި މައްސަލަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރޭ ކުށްވެރިކޮށްފި އެވެ.
އީސީން އެކަން ކުށްވެރި ކުރިއިރު، އެމްޑީޕީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ) ރައީސް މުއިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް މުޒާހަރާގައި ދެއްކި ވާހަކަތައް ސޯޝަލް މީޑިއާގައި ވެސް ދަނީ އާންމުވެފަ އެވެ.
މަންދީގެ އެ ވާހަކަތައް ކުށްވެރިކޮށް، އީސީން ނެރުނު ބަޔާނުގައި ވަނީ ކުއްޖެއްގެ ކަރާމާތާއި އަބުރަށް އުނިކަން ލިބޭ ގޮތަށް ވާހަކަ ދައްކާފައި ވުމަކީ ހިޔާލުފާޅުކުރުމުގެ ނަމުގައި އެއްވެސް ފަރާތަކުން ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.
އެ މައްސަލާގައި ރޭ އީސީން ނެރުނު ނޫސްބަޔާނުގައި ބުނީ، ޕާޓީތަކަށް ސިޔާސީ ހަރަކާތްތައް ހިންގުމުގެ މަގުފަހިކޮށްދީފައި ވަނީ ގާނޫނުއަސާސީ އާއި ސިޔާސީ ޕާޓީގެ ގާނޫނައި ގަވާއިދާ ރާއްޖޭގައި އަމަލުކުރަމުންދާ އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިންކަން އެ ޕާޓީތަކަށް ހަނދާން ކޮށްދޭ ކަމަށެވެ.
އެމްޑީޕީގެ އިސް މެމްބަރެއް ކަމަށްވާ މަންދީ: ރައީސްގެ ދަރިކަލަކާ ގުޅުވައިގެން އޭނާ ދެއްކި ވާހަކަތައް އީސީން ވަނީ ކުށްވެރިކޮށް، ކުޑަކުދިންނާ ބެހޭ ގޮތުން ސާބިތު ނުހިފޭ ވާހަކަ ނުދައްކަން އެދިފައި.
އީސީން ބުނީ އެމްޑީޕީން މި ދުވަސްވަރު ހިންގަމުންދާ ސިޔާސީ ހަރަކާތްތައް ހިންގުމުގައި ވެސް އެއްވެ އުޅުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަމަލުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
އެ ކޮމިޝަނުން ބުނިގޮތުގައި، ސިޔާސީ ހަރަކާތްތައް ރާވާ ހިންގުމުގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކުޑަކުދިންގެ ހައްގުތައް ގެއްލޭ ގޮތަށް ސާބިތު ނުހިފޭ ވާހަކަ ދެއްކުމާއި އެ ކުދިންގެ ކަރާމާތާއި ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާ ފަދަ ވާހަކަތައް ދެއްކުން އެ ކޮމިޝަނުން ކުށްވެރިކުރެ އެވެ.
"އަދި ހަމަ އެހެންމެ، ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދާ އެންމެހާ ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދާއިރު، ސިޔާސީ ޕާޓީގެ ގާނޫނުގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑާ ހިލާފަށް، މުޖުތަމައުގައި ރުޅިވެރިކަމާއި ނަފުރަތު އުފެއްދުމާއި ޒާތީ ދިރިއުޅުމުގެ ކަންކަމަށް ފާޑުނުކިޔުމާއި ހަގީގަތާ ހިލާފަށް ސާބިތު ނުހިފޭ ވާހަކަތައް ނުދެއްކުމަށް އިލްތިމާސްކޮށް ނަސޭހަތްތެރިވަމެވެ،" އީސީގެ ބަޔާނުގައި ވެ އެވެ.
އެ ކޮމިޝަނުން ވަނީ ގާނޫނުތަކާއި ގަވައިދުތަކުގެ ހުދޫދުގެ ތެރެއިން ކުރިއަށް ގެންދާ ސިޔާސީ ހަރަކާތްތަކަށް އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށް ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފްރާސިޔާބު
14 March 2025
ހުރިހާ ޕާޓީއެއްގެ ޢަމަލު އެއްގޮތް. ދޫކުރާނެ ވަކިޕާޓީއެއް ނެތް. ރައީސް ވެސް ބަހުރުވަ ގެންގުޅެނީ ވަރަށް ނާތަހުޒީބު ގޮތަކަށް.
ނަންނުޖަހާބެ
14 March 2025
މުޅި ދައުލަތުގެ އަހުލާގު ގެއްލުވާލާ ބަޔަކީ މިއީ
ޗަންކީޕާން
14 March 2025
އިލެކްޝަނުން ކުށްވެރި ކޮށްލީމަ ނިމުނީ ދޯ. ޕާޓީ ޖުރިމަނާ ކުރަން ޖެހޭ ކަމެއް އެއީ.
ސިހާން
14 March 2025
މީ އަޅުކަމުގެ މަސްވަރު ރޭ އަޅުކަމުން ފައިދާ މާ ބޮޑުވާނެ
ސުހާ މޫސާ
14 March 2025
ބައެއްޕާޓީގެ އަމަލުތައަް ހުންނަގޮތުން ޕާޓީ ނިޒާމުދެކެ ރައްޔިތުން ފޫހިވެއްޖެ
ސިކަންދަރު
14 March 2025
މީ ކުރީގެ އެމުޑިޕީ އެއްނޫން މިހާރު ރޯދަމަހު މަގުމަތީ ދަރިންނާ ބެހި ހަޅޭލެވުން ކަމަކީ ގެއަްލުނު ބައިބޮޑި
ކަނބިލި
14 March 2025
ރާއްޖޭގެ ރައްޔިތުންގެ އަޚުލާގީ ފޭރާން ވީދާ ބަޔަކީ ކޮބައިކަން އެބައެނގޭދޯ؟ މިއޮތް މަތިވެރި މައްސަރުގެ ހުރުމަތް ކަނޑުމުގެ މަގުސަދުގައި މުޒާހަރާތައްވެސް ރާވާހިންގަނީ. ދީނަށް، ގައުމަށް ނޯންނާނެ އެއްވެސް ހުރުމަތެއް. ފައިސާއާއި ވެރިކަމާއި މަގާމާއި ޝުހުރަތަށް ޓަކައި ކޮށްފައި ނުކުރާނެ ކަމެއް ނޯންނާނެ. ކިޔާފަނުކިޔާނެ އެއްޗެއް ނޯންނާނެ. އަދި މިފަދަ އަޚުލާގީ ދަށް ފެންވަރުގެ އަމަލު ހިންގާ މީހުންގެ އަގު މަތިވާނީ.
އާފް
14 March 2025
ހޮޔޮނުވާނެ ރައްޔިތުން ނޭ މާދަން ކަލޭމެން ލޯމަރާލީމަ ތިޕާރޓީ އަކައް އެއްކަމެއްވެސް ނުކުރެވޭނެ ހޭއަރާ ބަލަ ތިމާ މިއޮއްފަދަ ރަހުމަތުގެމަހާ މަގުވެސް ތިބޭކާރު ކޮއްލަނީބައެއްގެ އަވާގަޖެހިގެން ތިމާއައް މާތް الله ދެއްވި ސިނކުޑިން ހެޔޮ ވިސްނާ ތިޔަ ވިޔާނުދާކަންކަމުން ދުރުވޭ މާދަމާވެސް ތިމާގެ ގަޑި ޖެހިނެތި ހިނގާދާނެ އޭރުން ތިމާސަލާމަތް ކޮއްދޭނީ ތިމާކުރި ހެޔޮއަމަލު ޕާޓީއެއް ނޫން
ހައަސާން
14 March 2025
އަހަންނަކީވެސަ އެމްޑީޕީ މީހެއް. އެކަމަކު މިކަހަލަ ވާހަކަ ބަލައި ނުގަންނަން. ކުދިން ސިޔާސީ ކޮށްގެން ނުވާނެ
ސިއްބަޒް
14 March 2025
ވަރަށް ގޮތެއް ފޮތެއް ނެތް އަންހެނެއް. ކޮބާ މިކަހަލަ ވާހަކަ ދައަކަން ލަދު.؟