14 މާޗް 2025 - 17:34
ރެއާލް މެޑްރިޑާ ދެކޮޅަށް އެތުލެޓިކޯ މެޑްރިޑްގެ ހޫލިއަން އަލްވަރޭޒް ޖެހި ޕެނަލްޓީ ބަލައި ނަގަތް މައްސަލައިގައި އެ ކްލަބްގެ ޝަކުވާ ބޮޑުވުމުން ގަވާއިދު އިސްލާހު ކުރަން ހުށަހަޅަން ޔޫއެފާއިން ނިންމައިފި އެވެ.
ފުޓްބޯޅައިގެ ގަވާއިދު ހަދަނީ އިންޓަނޭޝަނަލް ފުޓްބޯޅަ އެސޯސިއޭޝަން ބޯޑް (އައިއެފްއޭބީ) އިންނެވެ އެ ބޯޑުން ގަވާއިދު އެކުލަވާލުމުން ފީފާއިން އެކަމަށް ހުއްދަ ދިނުމުން ދެން އަމަލު ކުރަން ފަށަނީ އެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ މެޗުގެ ޕެނަލްޓީ ޝޫޓްއައުޓްގައި އަލްވަރޭޒް ޖެހި ޕެނަލްޓީ ރެއާލްގެ ކީޕަރު ޓިބޯ ކޯޓުއާގެ ގޯލަށް ވަނެވެ. އެކަމަކު އެ ޕެނަލްޓީ ބަލައި ނުގަތީ އެ ބޯޅައިގައި ދެ ފަހަރަށް އަލްވަރޭޒް ޓަޗްކޮށްފައި ވުމުންނެވެ.
ރެފްރީ އެކަން ކަށަވަރު ކުރީ ވީއޭއާރު މެދުވެރިކޮށް ބަލައިގެންނެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އަލްވަރޭޒް ޕެނަލްޓީ ފޮނުވާލި އިރު އޭނާ ކަހަލައިގެން ގޮސް އަނެއް ފައި ވެސް ބޯޅައިގައި ޖެހެ އެވެ.
އެ ޕެނަލްޓީ ބަލައި ނުގަންނަން ނިންމުމުން އެތުލެޓިކޯއިން ހިތްހަމަނުޖެހުން ފާޅު ކުރި އެވެ. ކޯޗު ޑިއޭގޯ ސިމިއޯނީ އެކަމާ ކަންބޮޑުވެ ތަކުރާރުކޮށް އެ ވާހަކަ ދައްކައިފަ އެވެ. އޭނާ ބުނީ ބޯޅައިގައި ފައިޖެހިގެން އިތުރަށް ބޯޅަ ހަރަކާތް ކުރިތަން ނުފެންނަ ކަމަށެވެ.
ރެފްރީގެ ނިންމުން ރިވިއު ކުރުމަށް އެތުލެޓިކޯއިން ހުށަހަޅި އެވެ. އެ ހުށަހެޅުމާ ބެހޭގޮތުން ޔޫއެފާއިން ބުނީ އެ ޕެނަލްޓީ ބަލައި ނަގަތީ މިހާރު އަމަލު ކުރަމުންދާ ގަވާއިދުގެ ދަށުން ކަމަށެވެ.
"(އެކަމަކު) ފީފާ އާއި އައިއެފްއޭބީއާ އެކު މަޝްވަރާތަކަށް ޔޫއެފާއިން ވަންނާނަން ދެ ފަހަރަށް ބޯޅައިގައި ޓަޗް ކުރީ ގަސްތުގައި ނޫންކަން ސާފުކޮށް އެނގޭ ހާލަތްތަކުގައި (އިސްތިސްނާ ވާގޮތަށް) ގަވާއިދު މުރާޖައާ ކުރަން ޖެހޭ ކަމެއްތޯ ކަނޑައަޅަން،" ޔޫއެފާއިން ނެރުނު ބަޔާނުގައި ބުނެފައި އެވެ.
ޕެނަލްޓީޝޫޓް އައުޓްގައި ރެއާލް އަތުން އެތުލެޓިކޯ ބަލިވީ 4-2 ންނެވެ. އަލްވަރޭޒްގެ ބަލައި ނުގަތް ޕެނަލްޓީ އަށް ފަހު، އެ ޓީމުގެ މާކޯސް ޔޮރެންޓޭ އަށް ވެސް ޕެނަލްޓީ ވައްދައެއް ނުލެވުނެވެ. ދެން ޖެހިގެން އައި ޕެނަލްޓީ ރެއާލްގެ އެންޓޯނިއާ ރޫޑިގާ ވާއްދާލުމުން ކުއާޓާ ފައިނަލުގެ ޖާގަ އެ ޓީމަށް ކަށަވަރުވި އެވެ. ކުއާޓާގައި އެ ޓީމުން ނުކުންނާނީ އާސެނަލް އާ ދެކޮޅަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސްޓީވަން އައްޔަ
16 March 2025
ތިޔަ ރެއާލްމެޑްރިޑަކީ އަބަދުވެސް ރެފްރީ އެހީވެގެން މޮޅުވާ ބައެއް.. ވަރަށް ހީލަތްތެރި ގޮތަކަށް އެކަން ކުރާނީ ވެސް
ޗުވިންގަމް
15 March 2025
މިތިބީ އާސެނަލް މެޗުގައި ވާގޮތް ބަލަން. ޕެނަލްޓީއެއް ޖަހާކަށް ހޫލިއަން އަލްވަރޭޒެއް ނުހުންނާނެ. ތުކި
އެކަލޯ 1
15 March 2025
ސްލޯމޯޝަން އެތަށް ފަހަރަކު ބަލައިފިން ޑަބަލް ޓަޗްވިތަން ނުފެނޭ