ސުޕްރީމް ކޯޓުގެ ފަނޑިިޔާރުކަމުގެ ލިޔުން ޝަހީދުއާ، ރައީސް މުއިއްޒު މިއަދު ހަވާލު ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
19 މާޗް 2025 - 17:26
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް، ހައި ކޯޓުގެ ފަނޑިޔާރުގެ މަގާމުގައި މިހާތަނަށް ހުންނެވި ހުސައިން ޝަހީދު މިއަދު އައްޔަން ކުރައްވައިފި އެވެ.
ސ. ހިތަދޫ، ބާޒީގޭ، ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުގެ ހުވާކުރައްވައި އަދި އޭނާއާ މަގާމުގެ ލިޔުން ރައީސް ޑރ. މުހައްމަދު މުއިއްޒު ހަވާލުކޮށްދެއްވީ މިއަދުގެ މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ހައި ކޯޓުގެ ފަނޑިޔާރުކަމަށް ޝަހީދު އައްޔަންކުރީ ޖުލައި 24، 2018 ގަ އެވެ. އޭނާ އެ ކޯޓުގެ އިސް ފަނޑިޔާރަކަށް އައްޔަންންކުރީ އޮކްޓޫބަރު 26، 2023 ގަ އެވެ. ފަނޑިޔާރު ޝަހީދު ވަނީ ކްރިމިނަލް ކޯޓުގެ ލީގަލް އޮފިސަރުކަމާއި ފޭދޫ މެޖިސްޓްރޭޓްކަމާއި ކްރިމިނަލް ކޯޓުގެ ގާޒީކަން ވެސް ކުރިން ކުރައްވައިފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުގެ ލިޔުމުގައި ޝަހީދު މިއަދު ސޮއިކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
އޭނާ ވަނީ އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީގެ ދާއިރާ އިން މާސްޓާސް އަދި ޖޫރިސްޕްރޫޑަންސް އެންޑް ލޯ، އެލްއެލްބީ ހާސިލް ކުރައްވައިފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުން އެ މަގާމަށް ފަނޑިޔާރަކު ހޯދަން ޖޭއެސްސީން ދެ ބުރަށް އިއުލާން ކުރުމުން ނަން ހުށަހެޅުއްވީ ޝަހީދުގެ އިތުރުން ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު އަދި ގާނޫނީ ވަކީލެއް ކަމަށްވާ ރުސްދުﷲ އިބްރާހީމެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ، ރައީސް މުއިއްޒުގެ ކުރިފުޅުމަތީގައި ޝަހީދު މިއަދު ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
އެ ތިން ބޭފުޅުންނާ އިންޓަވިއު ކުރުމަށް ފަހު، ޖޭއެސްސީން ނިންމީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ޝަހީދު އައްޔަންކުރަން ފެންނަ ކަމަށް ރައީސް މުއިއްޒަށް ލަފާއަރުވާށެވެ. އެހެންވެ، ޝަހީދުގެ ނަން ދިރާސާކުރަން ރައްޔިތުންގެ މަޖިލިހަށް ފޮނުއްވުމުން މަޖިލިހުގެ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެމްބަރުންގެ އިއްތިފާގުން އޭނާ އަށް ރުހުން ދިނީ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި މިހާރު ތިއްބެވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ޑރ. އަޒްމިރަލްދާ ޒާހިރާއި އާއިޝާ ޝުޖޫން މުހައްމަދާއި މަހާޒު އަލީ ޒާހިރާއި އަލީ ރަޝީދު ހުސައިން އަދި ޑރ. މުހައްމަދު އިބްރާހީމެވެ.
މީގެ ތެރެއިން ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒު ވަނީ ސުލޫކީ މައްސަލަތަކެއްގައި މިހާރު ސަސްޕެންޑު ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަމަ
20 March 2025
ތިފެންވަރުގެ މަޤާމަކަށް އެންމެ އެކަށީގެންވާ ބޭފުޅެއްނޫން ނަމަވެސް ބޭނުންވާގޮތަށް ރަބަރުސްޓޭމް ޖަހައިދޭނެކަން ޔަޤީން. މިހެން ބުނަން މިޖެހުނީ މީގެ ކުރިން ނިންމާފަހުރި މައްސަލަތަކަށް ރިޢާޔަތްކޮށްފަ!
ޖުސެމް ބުސެމް
20 March 2025
މާތް ކަލާނގެ ދެކެ ބިރުވެތިވިއްޔާ ހެޔޮ
މިވަރެއްނެތް
19 March 2025
ތިފެންވަރުގެ މަގާމަކަށް ކުފޫ ހަމައެއްނުވޭ. އަޑުއަހަން ދަތިނަމަވެސް އެ ހަގީގަތް ބުނެލީ. އެއީ މީގެ ކުރިން އެތަންތަނުގަ ތިބީއަކީ މާޅެތިބައެކޭ ބުނުމެއް ނޫން އިނގޭތޯ؟
އިއްލި
19 March 2025
ކުރިމަތިލެއްވި ބޭފުޅުން ތެރެއިން މަގާމަށް އެންމެ އެކަށީގެންވާ ބޭފުޅާ. ކުރިމަތި ނުލާ މީހުންގެ ވާހަކަ ނުދެއްކޭނެތާ
އުދުހޭ
20 March 2025
ކުރިމަތިނުލާވަރު ކުރީމަ ......
ގަެުމުގެހާލަތު
19 March 2025
ޝަހީދުއަށް މަރުހަބާ! އެކަމަކު ހެއްވާކަމަކީ މަގާމުގެ ހުވާ ކުރިއިރުވެސް ޝަހީދުގެ މައްސަލައެއް ޖޭއެސްސީގަ އޮތްކަން )ސުޕްރީމް ކޯޓަށް ލިޔުންތައް ނުދިން މައްސަލަ(. މިނިވަންކަމާއެކު މަސައްކަތް ކުރާނީ ކިހިނެތްދޯ؟ ކިރިޔާވެސް ސަރުކާރު ނުރުހޭ ކަމެއް ކޮށްލާއިރަށް ގިނަދުވަސްވެ ހިރަފުސްއަރޤފަ އޮތަސް މައްސަލަ ފެނުން މައްޗަށް އަރާނެ…
ރަދީފްއޮފިޝަލް / އިންޑިޔާ ރާއްޖެ މެޗް ކަވަރޭޖް ހިލޭޓީވީން
19 March 2025
މަރުހަބާ ފަނޑިޔާރު. ރޯދަ ކަނޑަގެން ހެއު ކޮމެންޓަށް ކެރާށުން.ވ.ވެދުން
މަސްއޮޑި-ވެރިންގެ ހަސަންޓޭ
19 March 2025
ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނެވި އިރު، ރަސްމީ ގަޑި ނިންމަވާލައިފައި ފަނޑިޔާރު ޝަހީދު ވަރަށް ގިނައިން، މަސްވެރިކަމުގައި އުޅުއްވާ ފަރާތްތަކާއި ބައްދަލުކުރަން އެމީހުން ގާތަށް ވަޑައިގެން މަސްއޮޑި.ވެރިންނާއި ގާތްގުޅުމެއް ބޭއްވެވި. އެގުޅުން ސުޕްރީމް ކޯޓަށް ވަޑައިގެންނެވި ނަމަވެސް ޝަހީދު ބާއްވަވާނެ ކަމަށް އުއްމީދުކުރެވޭ.
ސަމާސަ
20 March 2025
މުރުއްވަތްތެރިކަން…..
ސޯސަންމަގުން
19 March 2025
މަރުޙަބާ...
ސުޓޭމްޕު
19 March 2025
ބޭއިންސާފުން އަނިޔާ ލިބުނު މީހުންގެ ދުޢާއާއި ހެއްދެވިފަރާތާ ދެމެދު ހުރަހެއް ނުވޭ...
ސުޓޭމްޕު
19 March 2025
ބޭއިންސާފުން އަނިޔާ ލިބުނު މީހުންގެ ދުޢާއާއި ހެއްދެވިފަރާތާ ދެމެދު ހުރަހެއް ނުވޭ...