މުމްބާއީ އިންޑިއަންސްގެ އެންމެ މުހިއްމު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ބުމްރާ (ކ)، ރޯހިތު (މ)، އަދި ހަރްދިކް.
20 މާޗް 2025 - 12:36
ދުނިޔޭގެ އެންމެ ބޮޑު ޓީޓްވެންޓީ ކްރިކެޓް ލީގު ކަމަށްވާ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ގައި ވާދަކުރާ މަޝްހޫރު މުމްބާއީ އިންޑިއަންސްގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްރަނަކަށް ރާއްޖޭގެ 'ވިޒިޓް މޯލްޑިވްސް' ހަމަޖައްސައިފި އެވެ.
މުމްބާއީ އިންޑިއަންސް އަކީ، ދުނިޔޭގެ އެންމެ ބޮޑެތި މަހުޖަނުންގެ ތެރޭގައި ހިމެނޭ އިންޑިއާގެ މުކޭޝް އަމްބާނީގެ ރިޔަލަޔަންސް އިންޑަސްޓްރީސް އިން 2008 ވަނަ އަހަރު 100 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަގުގައި ގަނެފައިވާ، އިންޑިއާގެ އެންމެ އަގުބޮޑު ފްރެންޗައިސް އެވެ. މި ޓީމު ހިންގުމުގައި އެންމެ އިސްކޮށް އުޅެނީ އަމްބާނީގެ އަންހެނުން ނީތާ އަމްބާނީ އެވެ.
އިންޑިއާ ގައުމީ ޓީމުގެ ކެޕްޓަން ރޯހިތު ޝަރްމާ އާއި، ބެޓްސްމަން ހަރްދީކް ޕަންޑްޔާ އަދި، ދުނިޔޭގެ އެންމެ ބާރު އެއް އުކުންތެރިޔާ ޖަސްޕްރީތު ބުމްރާ ހިމެނޭ މުމްބާއީ އިންޑިއަންސް އަކީ، އައިޕީއެލް ފަސް ފަހަރު ކާމިޔާބުކޮށްފައިވާ، އަދި އިންޑިއާގެ އެންމެ ސަޕޯޓަރުން ގިނަ އެއް ކްލަބެވެ.
މިއީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކޮށް، އިސްތިހާރުކުރަން އެމްއެމްޕީއާރްސީ އިން، މިފަހުން ހެދި ކުޅިވަރުގެ ތިން ވަނަ ބޮޑު ޕާޓްނާޝިޕެވެ. މިދިޔަ ހަފުތާގައި އެމްއެމްޕީއާރްސީ އިން ވަނީ، ދުނިޔޭގެ އެންމެ މަޝްހޫރު އެއް ފުޓްބޯޅަ ކްލަބް ކަމަށްވާ އިންގްލެންޑުގެ ލިވަޕޫލުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރުކަން ވެސް ނަގައިފަ އެވެ. އޭގެ ކުރިން ވަނީ ދުނިޔޭގެ އެންމެ މަޝްހޫރު އެއް ފުޓްބޯޅަ ނޫސްވެރިޔާ އިޓަލީގެ ފަބްރީޒިއޯ ރޮމާނޯ، ރާއްޖޭގެ ޓޫރިޒަމްގެ ބްރޭންޑް އެމްބެސަޑަރަކަށް ހަމަޖައްސައިފަ އެވެ.
އެމްއެމްޕީއާރްސީ އިން ބުނީ، ރާއްޖޭގެ ޓޫރިޒަމްގެ އެންމެ މުހިއްމު އެއް މާކެޓް ކަމަށްވާ އިންޑިއާގައި ހެދި މިފަދަ ފުރަތަމަ ޕާޓްނާޝިޕާ އެކު، އެ ގައުމުގައި ރާއްޖެ މާކެޓްކުރަންކުރާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށެވެ.
ދުނިޔޭގައި ދެ ވަނަ އަށް އެންމެ ގިނަ ބަޔަކު ބަލާ ކުޅިވަރަކީ ކްރިކެޓްކަން ފާހަގަކޮށް އެމްއެމްޕީއާރްސީ އިން ބުނީ، ކްރިކެޓަކީ، ބޮޑު އާމްދަނީ ލިބޭ ގިނަ ބައެއްގެ މެދުގައި މަގުބޫލު ކުޅިވަރަކަށް ވުމުން، މި ޕާޓްނާޝިޕުގެ ސަބަބުން އިންޑިއާ އާއި ބައިނަލްއަގްވާމީ ދަތުރުވެރިންގެ މެދުގައި ރާއްޖޭގެ ބްރޭންޑް އުފުލިގެން ދާނެ ކަމަށެވެ.
މި އަހަރު އިންޑިއާ އިން ދެ ލައްކަ ޓޫރިސްޓުން ގެންނަން ހިފާފައިވާ އަމާޒަށް ވާސިލްވުމަށް ވެސް، މި ޕާޓްނާޝިޕް އެހީވެދޭނެ ކަމަށާއި، މީގެ ދަށުން މުމްބާއީ އިންޑިއަންސްއާ ގުޅިގެން ޑިޖިޓަލް ޕްރޮމޯޝަންތަކާއި، ހަރަކާތްތައް ރާވާނެ ކަމަށް އެމްއެމްޕީއާރްސީ އިން ބުންޏެވެ. މީގެ ސަބަބުން އިންޑިއާގެ އެކި ސިޓީތަކުގައި ރާއްޖެ މަޝްހޫރުވެ، ރާއްޖޭގެ ބްރޭންޑް ޕްރޮމޯޓްވެގެންދާނެ ކަމަށް ވެސް އެމްއެމްޕީއާރްސީ އިން ބުންޏެވެ.
ކްރިކެޓަކީ އިންޑިއާގައި އެންމެ މަގުބޫލު ކުޅިވަރުކަމުން، އައިޕީއެލް އަށް ބޮޑު އޯޑިއެންސެއް އޮވެ އެވެ. އަދި މި ލީގުގައި ބައިނަލްއަގްވާމީ ގިނަ ކުޅުންތެރިން ކުޅޭތީވެ، އިނގިރޭސި ވިލާތާއި، އޮސްޓްރޭލިއާ އާއި، ކެރީބިއަން އާއި، އެފްރިކާގައި ވެސް މި ލީގު މަޝްހޫރެވެ.
އަނެއްކޮޅުން މުމްބާއީ އިންޑިއަންސް ނިސްބަތްވަނީ އިންޑިއާގައި ކްރިކެޓުގެ ފޯރި އެންމެ ބޮޑު ސިޓީ ކަމަށްވާ މުމްބާއީ އަށް ކަމުން، އެ ކްލަބުގެ ސަޕޯޓަރުން ވަރަށް ގިނަ އެވެ. އިންޑިއާގެ ކްރިކެޓުގެ އެންމެ ބޮޑު އެއް ހަބު ކަމަށްވާ ވަންކެޑޭ ސްޓޭޑިއަމުގައި ހޯމް މެޗުތައް ކުޅޭ މި ކްލަބުގެ ކުރީގެ ކެޕްޓަނުންގެ ތެރޭގައި، ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކްރިކެޓަރު ސަޗިން ޓެންޑުލްކާ އާއި، އޮސްޓްރޭލިއާގެ ރިކީ ޕޮންޓިން ހިމެނެ އެވެ. މި ޓީމުގެ ކޯޗަކީ، ޓެންޑުލްކާމެންގެ ޒަމާނުގައި ސްރީ ލަންކާގެ ކެޕްޓަންކަންކުރި މަހޭލާ ޖަޔަވަރްދަނާ އެވެ.
މި އަހަރުގެ އައިޕީއެލް އަންނަ ހޮނިހިރު ދުވަހު ފަށާއިރު، މުމްބާއީ އިންޑިއަންސްގެ ފުރަތަމަ މެޗު އޮންނާނީ އަންނަ އާދީއްތަ ދުވަހު ޗެންނާއީ ސުޕަ ކިންގްސްއާ ދެކޮޅަށް މެޑްރާސްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖޭމް
20 March 2025
ފައިސާ ހުސްވެއްޖެޔޯ... ގައުމު ބަންގުރޫޓް ވެއްޖެޔޯ... ތަޅަން ފައިސާ އެބަހުރި.. ރައްޔިތުންގެ އަސާސީ ކަންކަމަށް ފައިސާއެއް ނެތް؟؟؟
ބޭމް
21 March 2025
ބަލަ ފައިސާ ހަރަދުކޮށް ސްޕޮންސަރ ކޮށްގެންދޯ ފައިސާ ލިބޭނީ.
އަލީމްބެގެ ކޮއްކޮ
21 March 2025
ބުރޯ އެއީ ތަޅާ ފައިސާއެއް ނޫން.. ލާރި ގޮސްގެން ލާރި ލިބޭނީ
އޮނަރަބްލް އަފީފު ދީދީ
20 March 2025
މިވާހަކަ އަޑުއަހާ ޤަބޫލުކުރާން ދަތިވިޔަސް ރަޝިޔާ، ޗައިނާ ވަކިން ޙާއްސަކޮށް "އިންޑިޔާގެ ފަތުރުވެރިންނަށް" މަރުޙަބާކިޔަން ބޭނުންނުވާ ރިސޯޓްތައް ރާއްޖޭގައި އެބަހުރި. ފަހަރެއްގައިވެސް މިބުނަނީ މިޤައުމުތަކުގެ ބިލިޔަނަރުންނާއި މިލިޔަނަރުންނަށް މިމައްސަލަ ކުރިމަތިވާ ވާހަކަ އެއްނޫން. އެކަމަކު މިދެންނެވި ޤައުމުތަކުގެ މެދުފަންތީގެ ފަތުރުވެރިއަކަށް މާލެ ސަރަޙައްދުގެ މަދު ރިސޯޓަކުންނޫނީ ހުސް ކޮޓަރި ހުރި ކަމަށްވިޔަސް ކޮޓަރި ނުވިއްކާ ކަން އެމީހުނަށްވެސް އިގޭ.
ޓަކާން
20 March 2025
"ވިޒިޓް މޯލްޑިވްސް" ޕާޓްނަޝިޕް ހެދީ ކިހާވަރެއް ތަޅާލައިގެން؟ މީ ރައްޔިތުންނަށް އެނގެންޖެހޭ މައުލޫމާތު.
އަހައްމު
20 March 2025
މިހާރު އިންޑިއާމީހުންވެސް ރާއްޖެ އިންކުރަނީ..ރާއްޖެ މީހުންވެސް އިންޑިއާ އިންކުރަނީ
ސަސި
20 March 2025
ދެން އިންޑިއާ އައުޓް ކިޔާނީއެއްނޫން