އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު--
29 މާޗް 2025 - 14:42
އެއްވެސް ބަޔަކު އަމިއްލަ އަމިއްލައަށް ރޯދަ އާއި އީދު ދުވަސް އިއުލާން ކުރުމަކީ މަސްލަހަތު ގެއްލިދާނެ ކަމެއް ކަމަށާއި އެހެންވެ އެ ކަމަށް ސަމާލުވާން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު އެދިވަޑައިގެންފި އެވެ.
މި ފަހަރުގައި ޝައްވާލް މަހަށް ހަނދު ބެލުމުގައި އިސްލާމީ ގައުމުތަކުގެ މެދުގައި ތަފާތުތަކެއް ހުރި އިރު، ފަލަކީ ހިސާބުތައް ދައްކާ ގޮތުން ނަމަ ރާއްޖެ އާއި ރާއްޖެ އަށް ވުރެ އިރުމަތީގައި އޮތް އެއްވެސް ގައުމަކަށް މި ރޯދަމަހުގެ 29 (މިއަދުގެ) ވަނަ ދުވަހުގެ އިރު އޮއްސުމަށް ފަހު، ޝައްވާލް މަހުގެ ހަނދެއް ނުފެންނާނެ އެވެ. އެހެންވެ، ދިވެހި ކަލަންޑަރުގައި މިހާރު އީދު ދުވަސް ކަމަށް ކަނޑައަޅާފައި ވަނީ އަންނަ ހޯމަ ދުވަސް ކަމަށް ވިޔަސް މާދަމާއަކީ އީދު ދުވަހަށް ވާނެ ކަމަށް ވަރަށް ބޮޑަށް ޔަގީން ކުރެވޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ވިދާޅުވެފަ އެވެ.
އެ މަނިކުފާނުގެ އެ ވިސްނުންފުޅާ ހިޔާލު ތަފާތު ރައުޔުތަކެއް ވެސް ބައެއް މީހުން ދަނީ ނެރެމުންނެވެ.
އެ ހިޔާލު ތަފާތުވުންތަކާ ގުޅިގެން މިނިސްޓަރު ޝަހީމް އެދިވަޑައިގަތީ އެއްވެސް މީހަކު އަމިއްލަ އަމިއްލަ އަށް އީދު އިއުލާން ނުކުރުމަށެވެ.
"ތަރިރުހަނދާ ގުޅިގެން ފަލަކީ އިލްމުގެ ދާއިރާގައި އިލްމީ ބަހުސް ކުރުމަކީ މައްސަލައެއް ނޫން. ނަމަވެސް މިކަން ކުރަން ވާނީ އާއްމު މަސްލަހަތަށް އަސަރު ނުކުރާ ގޮތަށް،" ޝަހީމް ވިދާޅުވި އެވެ.
"ހާސަކޮށް ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދުގެ ކަންކަމަކީ އޭގެ މައްޗަށް ޝަރުއީ އަޙްކާމްތަކެއް ތަރުތީބުވާ ކަންތައްތަކެއް ކަމުން މިކަމުގައި ރައްޔިތުންނަށް އޮޅުން އަރައި ޝައްކު އުފެދޭ ގޮތަށް ކަމާ ނުގުޅޭ ފަރާތްތަކުން ވާހަކަ ދެއްކުމަކީ މަސްލަހަތު ގެއްލިދާނެ ކަމެއް."
މިނިސްޓަރު ޝަހީމް ވިދާޅުވީ ހަނދު ސާބިތުކުރުމުގެ ކަންކަމަށް ކަނޑައެޅިފައިވާ ހަރުދަނާ އުސޫލުތަކުގެ މަތިން އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާނެ ކަމަށެވެ.
މައުމޫން ވިދާޅުވާ ގޮތުން، ސައޫދީ އަރަބިއްޔާ އާއި މިސްރާއި ތުރުކީ އާއި މޮރޮކޯ ފަދަ އިސްލާމީ ގައުމުތަކަށް މިއަދުގެ އިރުއޮއްސުމަށް ފަހު، ހަނދު ނުއޮއްސި 8 މިނިޓާއި 20 މިނިޓާ ދެމެދުގެ މިންވަރަކަށް ހުންނާނެ ކަމަށް ފަލަކީ ހިސާބުން ދައްކާތީ، މާދަމާ (މާޗު 30 ވާ އާދީއްތަ ދުވަހަކީ) މި އަހަރުގެ ފިތުރު އީދު ދުވަހަށް ވާނެ ކަމަށް ވަރަށް ބޮޑަށް ޔަގީން ކުރެވެ އެވެ.
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ކުރީގެ ރެކްޓަރު ޑރ. ހަސަން ހަމީދު ވިދާޅުވެފައި ވަނީ ހަނދު ފެންނަ ދުވަސް ބަލަން އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ހަނދު އުފަންވާ ވަގުތު ބެލުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުން، އާ ހަނދު އުފަންވާނީ މިއަދު ހަވީރު 3:57 ގައެވެ. އެ ހަނދު އޮއްސޭނީ 6:14 ގައެވެ. އިރު އޮއްސޭނީ ވެސް 6:14 ގައެވެ.
މައުމޫން ރޭ ވިދާޅުވީ، ހިޖުރީ މަހެއް ނިމި، ކުރިއަށް އޮތް މަހުގެ ހަނދު ހަމަލޮލަށް ފެނުން ލާޒިމް ނޫން ކަމަށާއި އިރުއޮއްސުމަށް ފަހު، ކިތަންމެ ކުޑަހިނދުކޮޅަކަށް ވިޔަސް ހަނދު ނުއޮއްސި ހުރި ކަން ހިސާބުން ސާބިތުވާ ނަމަ އާ މަހެއް ފެށުނީ ކަަމަށް މައުމޫން ރޭ ވަނީ ވިދާޅުވެފަ އެވެ.
ހަނދު ސާބިތު ކުރުމަށް އިސްލާމިކް މިނިސްޓްރީން ބާއްވާ ބައްދަލުވުން މިރޭ އޮންނާނެ އެވެ. އެ ބައްދަލުވުމުގައި ރާއްޖެއަށް ފިތުރު އީދު ވާނެ ދުވަސް ރަސްމީކޮށް ކަނޑައަޅައި އިއުލާންކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަކުޑި ކަޅޭ
31 March 2025
ބުނަންތަ މައުމޫނަށް އެނގިވަޑާގެންނަވާތީވެ އެވިދާޅުވީ އަބަދުވެސްފަތުވާމަޖިލިހުންތަޖަލްސާބާއްވާފަބުނަންވީ
ފޮނި ހުސޭނު
30 March 2025
ހޫނ، ދެން ދަންނަވާ ހަނދުބެލުންވެސް ސިފައިންނާ ހަވާލުކުރަން.
ޝަހީމަށް ބޮޅެއް! މައުމޫނަށް މޮޅެއް!
29 March 2025
ރައީސް މައުމޫން ވިދާޅުވީ "އައު މަހެއްގެ ހަނދު ހަމަލޮލަށް ފެނުން ލާޒިމް ނޫން ކަމަށެވެ." އެއޮތީ އެގޮތަށްވެ ނިމިފަ އެވެ. ތިމާއަށްވުރެ ތަޖުރިބާކާރު ޢިލްމުވެރިންގެ ރަޢުޔަށް ބޮޑާބަސް ބުނެ އިންޒާރު ދޭއިރު ލަދެއްވެސް ނުގަނެ އެވެ!
ލޯމާފާން
29 March 2025
މިނިސްޓްރީގަ އޮންނަ ހަނދު ސާބިތު ކުރާ ކޮމިޓީގައި މައުމޫނާއި ހަސަނަށް ވުރެ ވަކި ބޮޑު އިލްމުވެރިޔެއް ހުންނާނެ ހެން ހީނުވޭ. އެބޭފުޅުންނަށް ހަނދާއި ބެހޭ ގޮތުން އިލްމީ ގޮތުން އެެއްޗެއް ލިޔުމަކީ އެއީ އެދެބޭފުޅުން ހަނދު ސާބިތުކޮށް އިއުލާނު ކުރުމެއް ނޫން.
ރާއްޖެ
29 March 2025
އިއުލާނު ކުރުމާއި، ކަމަކާއި ބެހޭ ގޮތުން އެ ދާއިރާގެ އިލްމު ވެރިޔަކު/ ވެރިން، ލިޔާ ލިޔުމަކާއި ތަފާތު.
ފޮނިޓައްޕު ހަސަނު
29 March 2025
ބޮޑާކަމާއި ކިބުރުވެރި ކަމަކީ މާތްﷲ އެންމެ ރުހިވޮޑިގެން ނުވާ ސިފަތަކެެއް.
70007
29 March 2025
އިލްމީ ދެބޭފުޅަކު ހަނދާބެހޭގޮތުން އިލްމީ ނަޒަރަކުން ލިޔުނު އެއްޗެއް ލިޔުނީ. އެކަމުގައި މަސްލަހަތު ގެއްލޭކަށް ނުޖެހޭ. އަދި ނުވެސް ގެއްލޭ. މިނިސްޓަރު މިކަމަށް އަމިއްލައަށްވަދެ މަސްލަހަތޭ ކިޔައިގެން ވާހަކަ ދައްކާ ހިސާބަކަށްނުވެސްދޭ.
ކިމް
29 March 2025
ސާބަސް
އެކަލޯ1
29 March 2025
6:14 ގަ އިރު އޮއްސޭއިރު ބަންގި ލަހުން ގޮވަނީ ކީއްވެބާ؟ އިރު އޮއްސުނުކަން ޔަގީންކުރަން ވަގުތުކޮޅެއް ނަގަނީބާ. އެނގޭ ބޭފުޅަކު ރިޕްލޭގަ ސާފްކޮށްދެއްވުން އެދެން.
އޯކޭތ
29 March 2025
ބަންގިގޮވާމީހާއަށްވެސް ސުންނަތް ގޮތަކީ އިރު އޮއްސުމުން ރޯދަ ވީއްލުން އަވަސްކުރުން. ބެލެވެނީ ކަދުރެއް ކާލާފަ ބަންގި ގޮވަނީ ކަމަށް.
ހަސަންނު
29 March 2025
ބަންގި ގިވަނީ އިރު އޮއްސުނީމަކާނޫން. އެކަމް މަޣުރިބު ނަމާދު ވަގުތު ފެށޭނެ އިރު އޮއްސުނީމަ. ނިމޭނީ ރަތްވިލާފިލާދިޔާމަ.
ޢިބޫ
29 March 2025
މިހާރު ގިނަ ރައްޔިތުން މައުމޫންގެ ދީނީ ސިޔާސަތަށް ތާއީދުކުރޭ، އެއީ މިހާރު މިއުޅޭ ގިނަ ދީނީ އިލްމުވެރިންނަކީ މަގާމާ މުދަލަށް އުޅޭމީހުންކަން ގިނަރައްޔިތުން ގަބޫލު ކުރޭ.
ކުޑަދޫ1
29 March 2025
ވަރަށް ބޮޑުތެދެއް. އިލްމުވެރިންކަމަށް ބުނާ ގިނަމީހުންގެ އަމަލާއި ބަހާދިމާނުވެ ފެންނަނީ އެމީހަކާއި އެމީހެއްގެ އާއިލާއަށް ފައިދާވާގޮތަށް ބަސްބުނާތަން. ތިމާރުހޭ ސިޔާސީ މީހާ ގޯސްކަމެއް ކުރިޔަސް ހަނު. ނުރުހޭމީހާ އެއްޗެއްބުނެފިނަމަ އެމީހަކާއި ޖައްސާލުން
އަލްލުލްހަވާ
29 March 2025
ހީވަނީ އެބޭފުޅާ މަގާމެށް ނުފުރާހެން ދިގު ތިރީސް އަހަރު އަދި އޭގެ ފަހުން ޑ.ރ.ޕ ޕ.ޕ.މގަ އެބޭފުޅަ އުޅުނީ ކުނިކަހަންތަ
މޫނު
29 March 2025
އާން! އެހެންވެ ތިހާ ބޯހަރުވެގެން މައުމޫނު ވަރުގެ އިލްމުވެރިޔަކު ނެތްކަމަށް ޤަބޫލު ކުރަނީ، ހަދީސްއަށްވުރެ ފަލަކީ އިލްމު ދޯ ކަލެއަށް މޮޅީ!