މިއަންމާއަށް އައި ބިންހެލުމުގައި އަނިޔާވެފައިވާ ބައެއް މީހުންނަށް ފަރުވާދެނީ. -- ފޮޓޯ: އޭއެފްޕީ
07 އެޕްރީލް 2025 - 06:09
މިދިޔަ މަހު އައި ބާރުގަދަ ބިންހެލުމުގައި މިއަންމާއިން ބިމާ ހަމަވެފައިވާ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި ހާލަތު އިތުރަށް ގޯސްވެއްޖެ އެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހު 7.7 މެގްނިޓިއުޑްގައި އައި ބިންހެލުމުގައި އެތައް އިމާރާތެއް ވެއްޓި މަގުތަކާއި ބްރިޖްތައް ހަލާކުވެ އަދި ކަރަންޓު ވެސް ކެނޑިފައި ވާއިރު މިހާތަނަށް ގާތްގަނޑަކަށް 3،500 މީހުން މަރުވެފައިވާކަން ވަނީ ކަށަވަރުވެފަ އެވެ.
ވެފައިވާ ގެއްލުންތަކުގެ ސަބަބުން، އެހީގެ މަސައްކަތަށް ވެސް ހުރަސްއެޅިފައި ވަނިކޮށް ބޯކޮށް ވާރޭ ވެހުމުން އެ ހާލަތު އިތުރަށް ވަނީ ގޯސްވެފަ އެވެ. ހޮނިހިރު ދުވަހުގެ ރޭ، މަންޑަލޭގައި ޓެންޓުތައް ޖަހާފައިވާ ހިސާބަށް ގާތްގަނޑަކަށް 45 މިނެޓުގެ ބޯކޮށް ވާރޭވެހި ވައިގަދަވެފައިވާ ކަމަށް އދ.ގެ ޑިވެލޮޕްމަންޓް ޕްރޮގްރާމުން ބުންޏެވެ.
އދ.ގެ އެޖެންސީގެ ޕްރޮގްރާމް ސްޕެޝަލިސްޓެއް ކަމަށްވާ ޓުން ޓުން އޭއެފްޕީއަށް ވިދާޅުވީ ސަތަރި ފަދަ ތަކެތި ނެތުމުގެ ސަބަބުން ހިޔާ ނުކުރެވި މީހުންނާއި ތަކެތި ތެމި އިތުރު ގެއްލުންތައް ވެފައިވާ ކަމަށެވެ.
ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ހޯދައި ސަލާމަތްކުރުމުގެ މަސައްކަތަށް ވެސް ވިއްސާރައިގެ ސަބަބުން ހުރަސްއެޅި ލަސްވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
އޮފިޝަލުން ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މިއަންމާއަށް ވިއްސާރަކުރާނެ ކަމަށް ބެލެވޭ ކަމަށެވެ. އެކަމަކު ވާރޭ ވެހުމަށް ފަހު އަނެއްކާ އަވި ދޭއިރު ހޫނު ވެސް އެހާ ގަދަވާ ކަމަށާއި އެހެންވެ މޫސުމީ ގޮންޖެހުންތައް ބޮޑުވެފައިވާ ކަމަށް އދ.ގެ އޮފިޝަލް ވިދާޅުވި އެވެ.
ބިންހެލުމުގެ ފެށުން އައި ހިސާބާ ކައިރީގައި އޮންނަ ސާގިން ސިޓީ އާއި މިޔަންމާގެ ދެވަނަ އަށް އެންމެ ބޮޑު، 1.7 މިލިއަނުގެ އާބާދީއެއް އޮންނަ މަންޑަލޭއަށް ލިބިފައިވާ ގެއްލުންތައް ވަކިން ބޮޑެވެ.
އަސްކަރީ ސަރުކާރުގެ މީޑިއާއިން އެންމެ ފަހުން ބުނެފައިވާ ގޮތުގައި ބިންހެލުމުގައި 3،471 މީހުން މަރުވެ، 4،671 މީހަކު ވަނީ ޒަހަމްވެފަ އެވެ. އަދި އިތުރު 214 މީހަކު ގެއްލިފައިވާ ކަމަށް ވެސް ބުންޏެވެ.
އެތައް ބައެއްގެ ގެދޮރު އެތަންތަނުގައި ނޫޅެވޭ ވަރަށް ހަލާކުވެފައި ވާތީ އާއި ވެފައިވާ ގެއްލުމުގެ ސަބަބުން ގެތަކުގައި ތިބެން ނުކެރޭތީ ގިނަ ބަޔަކު މިހާރު ނިދަނީ ވެސް މަގުމަތީގަ އާއި ޓެންޓުތަކުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮތަރޭ
07 April 2025
އަސްކަރީ ގޮތުންނާއި އެހެން ގޮތްގޮތުން ބާރު ހުއްޓަސް ފިތުރަތުގެ ޤާނޫނުގެ ކުރިމަތީގައި ކުޑަކަކޫ ޖެހުން ނޫން ގޮތެއް ނެތެވެ. ބައިމަދު ރޮހިންޖާ ދަރިކޮޅުގެ މުސްލިމުން ދިރިތިއްބާ އަންދައި، އެމީހުންގެ ގެދޮރާއި ވަޒަނުގައި ރޯކޮށް ރަށުން ފައްސާލީ ވަރަށް ހަމަޖެހިގެން އުޅެން ކަމަށް ހީކުރިނަމަ އެއީ ކުށްހީއެއްކަމަށް ދެން ގަބޫލުކުރާށެވެ. ބޭއިންސާފުން އަނިޔާލިބޭ މީހާގެ ވާގިވެރި ފަރާތަކީ އެމީހާގެ ވެރި ރައްބު ކަމާއި މެދު ޝައްކެއް ނެތެވެ