މިދިޔަ މަހު އެފްއޭއެމުން ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި، އެ އެސޯސިއޭޝަންގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން އަހްމަދު މުއިއްޒު އަދި އޭއެފްސީގެ އޮފިޝަލް: ކުރު މުބާރާތެއް ބޭއްވުމަށް ހުއްދަ ފީފާއިން ދޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް އެފްއޭއެމުން ބުނޭ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
08 އެޕްރީލް 2025 - 11:39
ބައިވެރިވާ ޓީމުތަކުގެ އަދަދު އެނގުމުން، ކުރު މުބާރާތެއް ބޭއްވުމުގެ ހުއްދަ ފީފާއިން ދޭނެކަމުގެ އިޝާރާތެއް ކޮށްފައިވާ ކަމަށް އެފްއޭއެމުން ބުނެފި އެވެ.
މިވަގުތު ނޯމަލައިޒޭޝަން ހާލަތުގައި އޮތް އެފްއޭއެމުން ފުރަތަމަ މަސައްކަތްކުރީ ދިވެހި ޕްރިމިއާ ލީގު ފެށުމަށެވެ. އެކަމަކު އަސާސީ ގަވާއިދު އިސްލާހުކުރުމާއި، އިންތިހާބެއް ބޭއްވުމާއި، ގެއްލިފައިވާ ފައިސާ ހޯދުމުގެ މެންޑޭޓް ފީފާ އިން ދީފައި އޮތް ނޯމަލައިޒޭޝަން ކޮމިޓީން އިސްކަންދޭން ޖެހެނީ އެކަންކަން ކުރުމަށް ކަމަށްވާތީ މި ވަގުތު ބޮޑު ލީގެއް ފަށަން ފީފާ އިން ބޭނުންނުވީ އެވެ.
އެހެންވެ ނޯމަލައިޒޭޝަން ކޮމިޓީން މިހާރު މަސައްކަތްކުރަނީ ކްލަބްތަކަށް ވާދަވެރި މެޗުތަކެއް ހޯދައިދިނުމަށްޓަކައި ކުރު މުބާރާތެއް ބޭއްވުމަށެވެ. އެފްއޭއެމްގެ އެކްޓިން ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޝުޖާއު ވިދާޅުވީ، އެ މުއާމަލާތްތައް ފީފާއާ އެކު އެފްއޭއެމުން ކުރިއަށްގެންދާ ކަމަށެވެ.
ޝުޖާ ވިދާޅުވީ ރެލިގޭޝަނެއް އަދި ކްލަބްތަކުގެ ރޭންކިން ނުވަތަ ރަސްމީ ސީޒަނުގެ ތެރެއަށް ނުފެތޭ ގޮތަށް މުބާރާތެއް ބޭއްވުމުގެ ހުއްދަ ދިނުމާ މެދު ފީފާއިން ފެހި ސިގްނަލް ލިބިފައިވާ ކަމަށެވެ.
މި މަހު ލީގު ފަށަން އެފްއޭއެމުން ކުރިން އިއުލާން ކުރުމުން ބައެއް ކަލްބަތަކުން ބޮޑެތި ހަރަދުތަކެއް ކޮށް ޕްރީ ސީޒަން ޓްރެއިނިން ވެސް ފެށި އެވެ. އަބަދުވެސް ދުރާލައި ސީޒަނަށް ތައްޔާރުވާ މާޒިޔާއިން ބިދޭސީ ކޯޗަކު ހަމަޖައްސައި ބިދޭސީ ކުޅުންތެރިން ވެސް ގެނެސް މުޅި ސްކޮޑް ހަމަ ކުރި އެވެ.
މުޅިން އަލަށް އެއްވަނަ ޑިވިޝަނުގައި ވާދަކުރަން ތައްޔާރުވާ އޮޑި ސްޕޯޓްސް އިން ވެސް ބިދޭސީ ކޯޗެއް ހަމަޖެއްސި އެވެ. ސީޒަނަށް ތައްޔާރުވާން ފެށި ޓީމުތަކުގެ ތެރޭގައި މެދުކެނޑުމަކަށް ފަހު އަލުން ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ވިކްޓަރީ އާއި ވެލެންސިއާ، ބުރު ސްޕޯޓްސް އަދި ގްރީން ސްޓްރީޓްސް ވެސް ހިމެނެ އެވެ. ވިކްޓަރީ އާއި ވެލެންސިއާއިން ވެސް ބިދޭސީ ކުޅުންތެރިން ހޯދި އެވެ.
ޝުޖާ ވިދާޅުވީ ސީޒަން ފަށާނެ ކަމުގެ އިންތިޒާރުގައި ކްލަބްތަކާއި ކުޅުންތެރިން ކުރި މަސައްކަތް ބޭކާރު ވެގެން ދާން އެފްއޭއެމުން ބޭނުން ނުވާ ކަމަށެވެ.
"ފީފާގައި އަޅުގަނޑުމެން އެދުނީ ޖޫން މަހު ގައުމީ ޓީމުގެ މުހިންމު މެޗުތަކެއް ވެސް އެބައޮތޭ. ގައުމީ ޓީމު ނެގުމުގައި ކުޅުންތެރިންގެ ފެންވަރު ދެނެގަތުމަށް އަދި ކްލަބްތަކުން ވެސް ބޮޑެތި ހަރަދުތަކެއް ކޮށްފައިވުމުން ކުރު މުބާރާތެއް ބޭއްވުމުގެ މުހިންމުކަން ފީފާއާ ހިއްސާ ކުރީ،" ޝުޖާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މުބާރާތުގައި ބައިވެރިވުމުގެ ދައުވަތު މެމޯއެއްގެ ސިފައިގައި ކްލަބްތަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
"ބައިވެރިވާ ކްލަބްތަކުގެ އަދަދު އެނގުނީމަ ދެން އަޅުގަނޑުމެން ފީފާ އަށް އަންގާނަން. އަދަދު އެނގުމުން މުބާރާތް ކުރިއަށް ގެންދިއުމުގެ ހުއްދަ ލިބޭނެ ކަމުގެ އުއްމީދު އެބައޮތް،" އޭނާ ވިދާޅުވި އެވެ.
ޝުޖާ ވިދާޅުވީ މި މަހު ފަހުކޮޅު މުބާރާތް ފަށައި އަންނަ މަހުގެ މެދުތެރޭގައި މުބާރާތް ނިންމާލެވޭނެ ގޮތަށް ރާވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖާދޫގަރޭ
08 April 2025
މިހާރު އެޔޮއް އަލީ ރަމީޒު ވެސް ފެށީ ! ދެން އޭނަޔާ ތިޔަ ތަން ހަވާލު ކުރޭ !!
ޮޕެލޭ
08 April 2025
ހައްރާޒު ބޭ ކަޕް ކުޅޭނެ ބަޔަކު ދެން މިހާރު ވާނެހެނެ ހިޔެއްނުވޭ!. ހުރިހާ ކަމެއް ހަރާބު ކޮށް ހަލާކު ކޮއްލާފަ.
ސިގްނަލް
08 April 2025
ބައްސާމު އަށް ފެހި ސިގްނަލް ނުދޭތަ
ސަންގު ސުޒީ
08 April 2025
މާ ބޮޑަށް ވެސް ދީފި... ދެން ފެންނާނީ އަނެއްކާވެސް ކޯޓު ކޮޅު ތުރުކުރައްވާ ތަން . ތެޅޭ ބަޔަކު ހަމަ ތެޅިތެޅި ތިބެން ޖެހޭނީ.
ފެހި ސިގްނަލް
08 April 2025
ބައްސާމު، އަލީ އުމަރު، ޑޮކް ހެދިގެން އުޅޭ މީހާ، އައްސަދު އަބްދުލް ގަނީ... މިކަހަލަ ބައިވަރު މީހުން ވެގެން އެފްއޭއެމް ގެ ދުވަސް ދުއްވާލީ