މަގޫދޫ އެއާޕޯޓް: އެއާޕޯޓު ނުނިންމާ ސާމާނު ގެންދާތީ ރައްޔިތުން ނުކުމެ ވަނީ ހުއްޓުވާފައި.
09 އެޕްރީލް 2025 - 15:57
ފ. މަގޫދޫ އެއާޕޯޓުގެ މަސައްކަތަށް އެ ރަަށަށް ގެންގޮސްފައިވާ ވެލްޑިން މެޝިނެއް ގެންދަން އުޅުނީ މ. މުލީ އެއާޕޯޓުގެ މަސައްކަތަށް މި ވަގުތު އެ މެޝިން ބޭނުންވެގެން ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.
މަގޫދޫ އެއާޕޯޓުގެ ބޮޑު ބައި މިހާރު ނިމިފައި ވާއިރު، ހަދަން ގެންގޮސްފައިވާ ބައެއް ސާމާނުތައް އެ ރަށުން އިއްޔެ ގެންދަން އުޅުމުން، ރައްޔިތުން ނުކުމެ ވަނީ އެކަން ހުއްޓުވައިފަ އެވެ.
އެ މައްސަލާގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވިދާޅުވީ މަގޫދޫން ގެންދަން އުޅުނީ މިވަގުތަށް އެ ރަށުގެ އެއާޕޯޓުގެ މަސައްކަތަށް ބޭނުން ނުވާ ވެލްޑިން މެޝިނެއް ކަމަށެވެ. އެއޯ މުލީގެ އެއާޕޯޓު މި މަހުގެ 25 އަށް ނިންމަން ބޭނުންވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު، ކްލަޔަންޓު ބޭނުންވާ ގޮތަށް މަގޫދޫ އެއާޕޯޓުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ގެންދަން އުޅުނީ ވެލްޑިން މެޝިނެއް. އެއީ މި ވަގުތު މަގޫދޫ އެއާޕޯޓު ނިންމަން ބޭނުންވާ އެއްޗެއް ނޫން،" ސައުދީ ވިދާޅުވި އެވެ.
އެ މައްސަލާގައި މަގޫދޫ ކައުންސިލުގެ ރައީސް އަބްދުﷲ ވަހީދު "މިހާރު" އަށް ވިދާޅުވީ އެމްޓީސީސީގެ އުޅަނދެއްގައި އިއްޔެ ފުރަތަމަ ގެންދަން މަސަައްކަތް ކުރީ ވެލްޑިން ޕްލާންޓެއް ކަމަށެވެ.
"އެހެންވެ، ރައްޔިތުންތަކެއް ގޮސް އުޅަނދުގެ ކައްޕި ކައިރީ އެހީމަ ބުނީ ހަމައެކަނި އެޔޭ [ވެލްޑިން ޕްލާންޓް] ގެންދަނީ،" އޭނާ ވިދާޅުވި އެވެ.
މިހާރު މަސައްކަތް ހުއްޓާލާފައި އޮތް އެ އެއާޕޯޓުގެ މަސައްކަތަށް ގެނެސްފައިވާ އިތުރު ސާމާނުތަކެއް ވެސް ގެންދިއުމަށް އިއްޔެ މަސައްކަތް ކުރި ކަމަށް ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި 100 އެއްހާ ދަގަނޑު ހޮޅި އާއި މުށި ކަހަލަ އިތުރު ތަކެތި ވެސް ގެންދަން މަސައްކަތްކުރި އެވެ. އެކަމަކު ރައްޔިތުން ނުކުމެ އިހުތިޖާޖު ކުރީ އެ ރަށުގެ އެއާޕޯޓުގެ މަސައްކަތް ހުއްޓާލާފައި އޮންނަތާ ދެތިން މަސް ފަހުން، އެ ޕްރޮޖެކްޓާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާނުކޮށް، މަސައްކަތަށް ގެނައި ތަކެތި ގެންދިއުމަށެވެ.
ވަހީދު ވިދާޅުވީ އެއާޕޯޓުގެ މަސައްކަތް އެތައް ބައިވަރު މުވައްޒަފުން އެތަނުގައި ކުރިން ތިބި ނަމަވެސް މިހާރު ތިބީ ފަސް ވަރަކަށް މީހުން ކަމަށެވެ. އެކި ސާމާނުތައް ރަށުން ގެންގޮސް ގެންގޮސް، މިހާރު އެތަނުގައި މަސައްކަތް ކުރެވޭނެ އެއްޗެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު އޮތީ މަސައްކަތް ކުރެވޭ ދެތިން ހަތަރު އުޅަނދު،"
"ރައްޔިތުން މި ބުނަނީ ސާމާނު ގެންދާށޭ ކަންކަން ސާފުކޮށްދީފައި. މަސައްކަތް ހުއްޓާލީތޯ ނޫނީ މަސައްކަތް ކުރިއަށްދާ ނަމަ، ޕްލޭނަކީ ކޮބައިތޯ،"
ރައްޔިތުންގެ އިހުތިހާޖާޖާ ހެދި ރަށުން ސާމާނުތައް ނުބޭލުނު ނަމަވެސް އަދިވެސް އެމްޓީސީސީގެ އުޅަނދު ފަޅުގައި އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޕޮލިހުން ވެސް އެރަަށަށް ދިޔަ ކަމަށް ވިދާޅުވި އެވެ.
"ރޭގައި ޕޮލިހުން އަޅުގަނޑަށް ގުޅާފައި ބުނީ މިކަން ކޮށްދެވޭނެ މަގެއް ހޯދައިދޭށޭ. އެކަމަކު އަޅުގަނޑު ދެންނެވިން މިވަގުތު އެކަން ކޮށްފި ނަމަ، މަސްލަހަތު ގެއްލޭނެއޭ،" އޭނާ ވިދާޅުވި އެވެ.
މީގެ ތިން ވަރަކަށް މަސް ކުރިން އެ ރަށު އެއާޕޯޓުގެ މަސައްކަތް އެއްކޮށް ހުއްޓާލާފައި އޮތްއިރު ގާތްގަނޑަކަށް 75 ޕަސެންޓް މަސައްކަތް އޮތީ ނިމިފަ އެވެ. އޭގެ ތެރޭގައި ރަންވޭގެ މަސައްކަތާއި ޓަވަރާއި ފަޔާ ސްޓޭޝަންގެ މަސައްކަތުން ވެސް ބޮޑު ބައެއް އޮތީ ނިމިފަ އެވެ.
މީގެ ދުވަސްތަކެއް ކުރިން ވެސް މަގޫދޫ ރައްޔިތުން ނުކުމެ ވަނީ އިހުތިޖާޖުކޮށްފަ އެވެ.
އެ މައްސަލާގައި ކުރިން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ އެއާޕޯޓު ޕްރޮޖެކްޓް ހުއްޓާލަން އެމްޓީސީސީ އަށް އަންގާފައިނުވާ ކަމަށެވެ.
އެ ރަށާ ވަރަށް ކައިރީގައި އޮންނަ ފ. ނިލަންދޫގައި ވެސް އެއާޕޯޓެއް އަޅަން މި ސަރުކާރުން ވަނީ ވައުދުވެފަ އެވެ. އަދި އެ މަސައްކަތް ކުރަމުން އެބަދެ އެވެ.
އެމްޓީސީސީން ހަދަމުން އަންނަ މަގޫދޫ އެއާޕޯޓަކީ މިހާތަނަށް ހަދާ އެންމެ އަގުބޮޑު އެއް ޑޮމެސްޓިކް އެއާޕޯޓެވެ. އެ އެއާޕޯޓު ހެދުމަށް 252 މިލިއަން ރުފިޔާ ހަރަދުވެ އެވެ.
މަގޫދޫ އެއާޕޯޓް ހަދަނީ 1،800 މީޓަރުގެ ދިގު ރަންވޭއަކާ އެކު، ޕްރައިވެޓް ޖެޓްތައް ވެސް ޖެއްސޭ ގޮތަށެވެ. އެ އެއާޕޯޓުގައި ޖެޓުތައް ޕާކު ކުރެވޭނެ ސަރަހައްދަކާއި ފިއުލް ފާމަކާއި ވީއައިޕީ ލައުންޖެއް އަދި ސިޓީ ހޮޓަލެއް ވެސް ހަދަން ވަނީ ނިންމައިފަ އެވެ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާހިދު ކާޕެޓު
10 April 2025
ބަލަ ތިޔަ އެއާރޕޯޓަކީ އަބްދުއްލޯ ޝާހިދު މަގޫދޫ ގައި ކުރާ ގެސްޓްހައުސް ވިޔަފާރީގެ ކުރިއެރުމަށް އަޅާ އެއާރޕޯޓެއް. ޕްލޭނަކީ ތިކިޔާ ސިޓީ ހޮޓަލެއްވެސް އޭނާ ހިންގުން. ކުދި އާބަދީ އޮންނަ ރަށްރަށުގައި ތަރައްގީގެ ބޮޑެތި ޕްރޮޖެކްޓުތައް ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލާ ނަމުގައި ޖެއްސުމުގެ ބޭނުމަކީ އެމީހުންގެ ވިޔަފާރިތަކަށް ފައިދާ ކުރުވުން. ޢެމްޑީޕީ ގިނަ ވެރިންގެ ވިޔަފާރިތައް އޮންނާނެ ތިކަހަލަ އާބާދީ މަދު ރަށްތަކުގަ. ރައްޔިތުން ބޮލުގަ ތެތް ތާކިހާ އަޅުވާފަ ތިބީ
މޯޑު10
10 April 2025
ހަބަރު ކިޔާފައި ބޮޑަށް ދޭހަވީ މަސައްކަތް އަދި ހުއްދިފައި އޮތް ކަމުގައި ވިޔަސް، ރައްޔިތުންނަށް ދޭންޖެހޭ މައުލޫމާތު މިސާލަކަށް މަސައްކަތުގެ ޕްލޭން، ލަސްވާ ސަބަބު ފަދަ މައުލޫމާތު ދޭނަމަ މިއަށް ވުރެން މަސްލަހަތު ރަނގަޅު ވީސް ކަން. އެމްޓީސީސީ އިން އެބަޖެހޭ މި ކަންކަމަށް ވިސްނަން.
ޢަހު
10 April 2025
ކަލޭމެން ހޮވި މެމްބަރު ކޮބާ؟؟؟؟
މަ ބުނީ
10 April 2025
ވައުދުފުޅާ އެއްގޮތަށް މިއަހަރު ހުޅުވޭނެކަމަށް ލަފާކުރެވެނީ ހއ.ދިއްދޫ އެއާރޕޯޓެވެ އެގޮތުން ފުރަތަމަ އަޅަނީ ރަންވޭއެވެ ރަންވޭގެ ދަށުން ދޯނި އަދި ލޯއްޗު ފަހަރަށް ދަތުރުކުރެވޭނެއެވެ ! ދެން ޓެސްޓު ފުލައިޓަށްފަހު ރައީސްވަޑައިގެން އެއާރޕޯޓް ހުޅުވަައިގެންވެވީމަ އެއާޕޯރޓްގެ ބިންހިއްކުން ކުރިއަށްދާނެއެވެ. މިއީ ދުނިޔޭގެ އަޖައިބަކަށް ވާނެ ހަތްރާންކުރަނިވިގޮތަކަށް މިއަހަރު ހުޅުވޭނެ އެއާރ ޕޯޓެވެ !
މަގޫފަތް
10 April 2025
އާރުންނަށް ފެންނަނީ މަމެން ރަށު މީހުންވެސް ނިލަންދޫ އަށް ބަދަލުކުރަން. އެއާޕޯޓް ވެސް ލިބުނީ. ހޮސްޕިޓަލްވެސް ލިބުނީ. އަތޮޅު އޮފީސް ވެސް ލިބުނީ. ބޭންކް ވެސް ލިބުނީ. ތަޢުލީމީ މަރުކަޒުވެސް ލިބުނީ. އަދި ނުވިތާކަށް ބޮޑު އާބާދީއެއް ވެސް ލިބުނީ. މަމެން، މަގޫދޫ މީހުން ނިލަންދޫއަށް ބަދަލުކޮށްދީ އަވަހަށް.
ޒަރީރު
10 April 2025
ކައިރި ކައިރީގައި އެއަރޕޯރޓް އެޅުމަކީ ރައްޔިތުންގެ ފައިސާއިން ސިޔާސީ ބޭނުމަށް ކުރާ ވަރަށް ބޮޑު އިސްރާފެކެވެ. އެއްވެސް ފައިދާއެއްނެތް ކަމެކެވެ. ދެރަކަމަކީ 500 މީހުންގެ އާބާދީއެއް އޮންނަ ރަށުގެ ރައްޔިތުންވެސް ބޭނުންވަނީ އެއަރޕޯޓެކެވެ.
މަގޫ ބޭރި
09 April 2025
މަގޫދޫ ފަދަ ކުޑަ އާބާދީއެއްގައި އެއާޕޯޓެއް އަޅަން އެމްޑީޕީން ނިންމި ނިންމުމަކީ ފ.އަތޮޅު ރައްޔިތުންނަށް ދިން އަނިޔާއެއް. މަގޫދޫއަށާއި ފ.އަތޮޅަށް ދެންވެސް ފައިދާ ބޮޑު ނިލަންދޫ އެއަރޕޯޓް އަވަހަށް ނިންމާ، މަގޫދޫގައި ހިއްކާފައި އޮތް ބިން ކޮޅުގައި އިގްތިސޯދީ މަސައްކަތެއް ފެށުން. މިސާލަކަށް ސިޓީ ހޮޓާ.
ނާޑުވާ
10 April 2025
އެއަރޕޯރޓް އަޅަންވީ ބޮޑު އާބާދީއެއް އޮތް ރަށުގައި ކަމަށް ވާނަމަ މާލޭގަވެސް އަޅަންވީ ނޫންތޯ? އާބާދީ ބޮޑު ރަށަކަށްވުރެ ބޮޑު އާބާދީއަކަށް ފައިސާހައިން ޚިދުމަތް ލިބޭގޮތް މުހިންމުވާނީ. އެގޮތުން އެންމެ ރަނގަޅީ ހަމަ މަގޫދޫ. އަދި މޫސުމީ ހުރަސްތަކަށް ބަލާއިރު އެންމެ ރައްކާތެރީވެސް މަގޫދޫ.
އަތޮޅު
10 April 2025
ފ.ނިލަންދޫގައި ދިރިއުޅޭ 1500މީހުންގެ އާބާދީއަކުން އެއަރޕޯޓެއް އޮޕަރޭޓް ނުކުރެވޭނެ!؟ މުޅިއަތޮޅުގައިވެސް އެއަރޕޯޓެއް އޮޕަރޭޓް ކުރެވޭނެ އާބާދީއެއްނެތް. މަގޫދޫގައި އެއަރޕޯޓް އަޅަން ނިއްމީ ފ.އަތޮޅު އާބާދީއަށް ބަރޯސާވެގެން އެއަރޕޯޓް ހިންގާ ގޮތަކަށްނުން.
ކަޅުބެ
09 April 2025
އެއަރ ޕޯޓް އެޅުމުގަ ބަލަންވީ އެންމެ ގިނަ ބަޔަކަށް ފަސޭހަ އިން އެންމެ ގާތުން ،އެންމެ ގިނަ ރައްޔިތުންނަށް ބޭނުން ހިފޭނީ ކޮން ލޮކޭޝަނަކުން، އެގޮތުން ބަލާ އިރު އަތޮޅުގެ ހުރިހާ ރަށެއްގެ މެދުގަ އޮތީ މަގޫދޫ ، ދ.މީދޫ ، ބަނޑިދޫ ، ވެލާވަރު، ވިލުރީފުވެސް ދ. އަތޮޅުގެ ރަށްތަވެސް ކައިރީ މަގޫދޫ އާއި
ކޮސް ކަޅުބެ
10 April 2025
ބަލަގަ ކަޅުބޭ! އެއާޕޯޓް ފަދަ ކަންކަން ގާއިމް ކުރާއިރު ވިސްނަންވާނީ، ގިނަ ޚިދުމަތް އޮތް، އާބާދީ އޮތް، ރައްޔިތުން ދަތުރު ކުރާނެ ސަބަބު އޮތް ގޮތަކަށް. އޭރުން އެކަމުން ރައްޔިތުންނަށް ލުއިފަސޭހަވާނީ. މަގޫދޫއަށް ރައްޔިތަކު ދާންޖެހޭ އެއްވެސް ސަބަބެއް ނެތް. ހުރިހާ ކަމެއްގަ ދާންޖެހެނީ ނިލަންދޫއަށް. އަނެއްކާ ތިޔަ ލިސްޓް ކުރި ހުރިހާތަނަކާވެސް ފަތުރުގެ ފޫޓަށް ބަލާއިރު ގާތީ ނިލަންދޫ އާއި. އެހެންވީމާ މަގޫދޫގައި އެއާޕޯޓް އެޅުމަކީ ކޮހަކު ކުރާނެ ކަމެކޭ ބުނެވެނީ.
އެއާޕޯޓޫލް ޖުމްހޫރިއްޔާ
09 April 2025
2ގެ ދޭތެރޭވެސް އެއާޕޯޓު އަޅަން ފެނޭ
ސަނީސައިޑްބޮންޑް
09 April 2025
އެއްވެސް ވަރަކަށް ނޯޓްސް ނުނަގާ ރަށްރަށަށްގޮސް ހޮޅިވައުދުލިސްޓް އަޅާލީމާޖެހޭނީ މިފަދަދުއްތުރާ. ޙުރިހާގެއްލުމެއް ރައްޔަތުންނަށް.