ކުރީގެ ކޮންޓްރޯލާ ޝައްމާން: އޭނާ ބަންދުކުރި އަމުރުގެ އިސްތިއުނާފު މައްސަލަ ކުރިއަށް ގެންދަން ހައި ކޯޓުން ވަނީ ނިންމާފައި - ފޮޓޯ: ނިޝާން އަލީ / މިހާރު
10 އެޕްރީލް 2025 - 09:52
މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު 15 ދުވަހަށް ބަންދުކޮށް ކްރިމިނަލް ކޯޓުން ކުރި އަމުރުގެ އިސްތިއުނާފުގެ މައްސަލަ ބަލަން ހައި ކޯޓުން ނިންމައިފި އެވެ.
މިދިޔަ މާޗު 20 ގައި ޝަމްއާން މަގާމުން ވަކިކޮށް، އޭނާ ފަހުން ހައްޔަރުކުރީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު، އިމިގްރޭޝަންގެ މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން އެ ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ތުހުމަތުކުރާ މައްސަލައިގަ އެވެ.
އެ މައްސަލާގައި ޝަމްއާން 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރު ކުރުމުން، އެ ނިންމުން އިސްތިއުނާފް ކުރަން އޭނާގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި އެވެ. ނަމަވެސް، ކޯޓުގެ ރަޖިސްޓްރާ ނިންމެވީ އެ މައްސަލައިގެ އިސްތިއުނާފު އެ ކޯޓުގައި ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
ރަޖިސްޓްރާގެ އެ ނިންމުން ޝަމްއާންގެ ފަރާތުން ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅި އެވެ. އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ވެސް ކަނޑައެޅުއްވީ އިސްތިއުނާފުގެ މަރުހަލާގެ ބޭނުމަށް ޝަމްއާންގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގައި ގާނޫނީ ބަހުސެއް އޮތް ކަމަށް ބެލެވޭތީ، ރަޖިސްޓްރާގެ ނިންމުން ރަނގަޅު ނޫން ކަމަށެވެ. އެހެންވެ، އެ މައްސަލައިގެ ޝަރީއަތް އެ ކޯޓުގައި ކުރިއަށް ގެންދާނެ އެވެ.
އިސްތިއުނާފު ކޮށްފައިވާ އަމުރުގައި ކަނޑައެޅި 15 ދުވަހުގެ މުއްދަތު މިހާރު ވަނީ ހަމަވެފަ އެވެ. އޭގެ ފަހުން ޝަމްއާންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ޝަމްއާންގެ އިތުރުން އިތުރު ހަތަރު މީހަކު ވެސް އެ މައްސަލާގައި ހައްޔަރުކުރި އެވެ. އެ މީހުންގެ ބަންދުގެ މުއްދަތު ވެސް ކޯޓުން އިތުރުކުރި އެވެ. އަދި އެ މައްސަލާގައި އިތުރު ބަޔަކު ފުރުން މަނާކޮށް އަދި ޝަމްއާންގެ އަނބިކަނބަލުންގެ ފޯނު ވެސް ފުލުހުން ވަނީ ކޯޓު އަމުރެއްގެ ހިފަހައްޓައިފަ އެވެ.
ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި ފައިސާ އަތުލުމަށް ފަހު، ދޫކޮށްލާފައިވަނީ އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ގެސްޓް ހައުސްއަކުން އަތުލައިގަތް ބިދޭސީއެކެވެ. ފައިސާ ހޯދާފައިވަނީ އެ ބިދޭސީމީހާ ދޫކޮށްލުމަށް ފަހު، އިމިގްރޭޝަންގެ ތިން މުވައްޒަފަކު އެ މީހާއާ މަގުމަތިން ބައްދަލުކޮށް ކަމަށާއި އެ ފައިސާ ހިފައިގެން ގޮސްފައިވަނީ ޝަމްއާންގެ ގެއަށް ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ. އެ އޮޕަރޭޝަން ހިންގީ ވެސް ވެސް ބިދޭސީންނާއި އެ މީހުންނާ ގުޅޭ ތަންތަން ފާސްކުރުމަށް އިމިގްރޭޝަންގައި ކަނޑައަޅާފައިވާ ޓާސްކްފޯސް މީހުން ނޫން ކަމަށް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަބްސް
10 April 2025
މިވެސް ހަމަ ޑްރާމާ ... ބަލަން ތިބޭ.