ކުޅުދުއްފުށީ ހޮސްޕިޓަލް.
10 އެޕްރީލް 2025 - 19:21
ހދ. ކުޅުދުއްފުށި ކަސްޓޯޑިއަލް ޖަލުގެ ބަންދުގައި ހުއްޓާ ދަންޖެހުނު މީހާއަށް ފަރުވާ ދެމުންދަނިކޮށް މިއަދު މަރުވެއްޖެ އެވެ.
މީގެ ކުރިން 2022 ވަނަ އަހަރު ވެސް ވަނީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހައްޔަރުކޮށްފައި ހުރި މީހަކު ދަންޖެހިގެން މަރުވެފަ އެވެ.
އެ ހޮސްޕިޓަލުން ބުނީ ދަންޖެހިގެން މިދިޔަ ހުކުރު ދުވަހުގެ ރޭ ގެންދިޔަ 34 އަހަރުގެ ފިރިހެން މީހާ މަރުވީ ވެންޓިލޭޓަރުގައި ފަރުވާ ދެމުންދަނިކޮށް މެންދުރު ފަހު 3:30 ހާއިރު ކަމަށެވެ.
ފަރުވާ ދޭން ގެންދިޔައިރު ވެސް ވަރަށް ހާލު ދެރަކަމަށް ހޮސްޕިޓަލުން ބުންޏެވެ.
އެ ހާދިސާއާ ގުޅިގެން ފުލުހުން އޭރު ނެރުނު ބަޔާނުގައި ބުނީ މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭ އެ މީހާ ހައްޔަރުކުރީ މަސްތުގެ ހާލަތުގައި ހުރެ ގެއެއްގެ މުދަލަށް ގެއްލުންދީ، ހަމަނުޖެހުން ހިންގި މައްސަލައެއްގައި ކަމަށެވެ.
އޭނާ ދަންޖެހުމުން ފިޔަވަޅުތައް އަޅައި އެކަމުގެ ތަހުގީގަށް އެޗްއާރުސީއެމް އާއި އެންއައިސީއަށް މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެކަމުގެ ތަހުގީގަށް މޭޖަ ކްރައިމް އިންވެސްޓިގޭޝަންގެ ޓީމެއް ކުޅުދުއްފުއްޓަށް ދިޔަ އެވެ.
އެ ހާދިސާ ހިނގާފައިވާ ގޮތުގެ އެތެރޭގެ ތަހުގީގެއް ޕްރޮފެޝަނަލް ސްޓެންޑާޑް ކޮމާންޑުން ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
މީގެ ކުރިން ކުޅުދުއްފުށީ ޕޮލިހުގެ ބަންދުގައި ހުއްޓާ، ޑިސެމްބަރު 19، 2022 ގައި މަރުވީ ހދ. ނޮޅިވަރަމުގައި އަނބިމީހާ މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި 32 އަހަރުގެ މީހެކެވެ. އޭނާ ވެސް މަރުވީ ދަންޖެހުމުން ހާލު ދެރަވުމުން ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށެވެ.
މާފުށީ ޖަލުގައި ހުކުމެއް ތަންފީޒުކުރަމުން ދިޔަ މީހަކު ވެސް ދަންޖެހި މަރުވެފައި ވަނިކޮށް މިދިޔަ މަހުގެ 23 ވަނަ ދުވަހު ފެނިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުލުސް
11 April 2025
މިއީ ވަރަށް ސީރިއަސް މައްސަލައެއް، ރަނގަޅު ނުކޮށް ތަކުރާރުވަމުން އަންނަ ކަމެއް. ފުލުހުންގެ %100 އިހުމާލު އޮތް، ތަހުގީގުކޮށް ޒިންމާ ކުރުވަން ޖެހޭ ސީރިއަސް ކަމެއް. ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހަކީ އެވަގުތުން ފެށިގެން އެމީހެއްގެ ފަރުދީ މިނިވަންކަން ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ހިފެހެއްޓި ފުލުހުންގެ ޒިންމާގެ ދަށުގައިވާ މީހެއް. މިހާލަތުގައި އެމީހާގެ ޖިސްމާނީ އަދި ނަފުސާނީ ރައްކާތެރިކަމަށް ފުލުހުން ޒިންމާވާންޖެހޭނެ.
ޑރ ވާންޗޯ
11 April 2025
ފުލުހުން ނުޖެހޭނެ އަމިއްލަޔަށް މަރުވިޔަކަސް ޒިންމާނަގާކަށް، ފުލުހުން އޭނަ ހައްޔަރުކޮށްފައެހެރީ އާންމުރައިއްޔަތުން އެމީހާގެ ކުށުން ސަލާމަތް ކޮށްދިނުމައްޓަކާ، އެމީހާއަށް 24 ގަޑިއިރުގެ ޕަރސަނަލް ސެކިއުރިޓީ ދޭކަށްނޫން. އެގޮތަށް ކޮންމެ ކުއްވެރިޔެއްގެ ފަހަތުގަ އަބަދަކު ޕޮލިހަކު ނުވެސްބެހެއްޓޭނެ.
ގަރުދިޔަ
11 April 2025
ކުޅުދޫފުށީ ޕޮލިސ ސްޓޭޝަނުގަ ދަންޖެހުން ތަކުރާރުވެއްޖެ. މަސްއޫލިއްޔަތަށް އިހްމާލުވީ ފަރާތްތައް ވަޒީފާގެ މަސްއޫލިއްޔަތުން އެއްފަރާތްކޮށް ފުރިހަމަ ތަހުގީގެއް ކޮށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ. މިފަދަ ކަންކަން ތަކުރާރުވުން ހުއްތުވުމަށާއި އިތުބާރު ދެމެހެއްޓުމަށް.
ދޮންގޮމާފުޅު
11 April 2025
ފަންކާ ބަދަލުކުރަންވީކީނޫން…. މީހުންނަށް ދޭންވާ ފަރުވާޔާ ތެރަޕީ ނުވަތަ ކައުންސިލިންގ ގެ އިތުރުން ސިއްހީ މައްސަލައް ހުރިތޯ ބަލާ ބޭސްދޭންވީ… ނިންދަވަންވީ … ރަނގަޅަށް ކާންބޯން ދޭންވީ ލޮނާ ހަކުރު ބަސްތާއެއް ނާޅާ 3 އިރުކެއުމަށް. އިންސާނުން ކާން ހެޔޮނުވާވަރަށް ލޮނާ ހަކުރު ތިޔަތަންތަނުގަ ކާއެއްޗެއްސައް އަޅާފަހުންނަނީ ގަސްދުގަ މީހުން މަރަން ތޯއްޗެއް
އެންމެން ހެޕީ
10 April 2025
"މީގެ ކުރިން 2022 ވަނަ އަހަރު ވެސް ވަނީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހައްޔަރުކޮށްފައި ހުރި މީހަކު ދަންޖެހިގެން މަރުވެފަ އެވެ" :މިއޮތީ އިހުމާލް ވެފަ އެވެ.
ޑެބީ
10 April 2025
ކަސްޓޯޑިއަލް ޖަލުތަކާ މާފުށީ ޖަލުގަވެސް ދަންޖެހެވޭ ކަހަލަ ފަސޭހަ ނިޒާމެއް ގާއިމުކޮށްފަ ހުންނަނީނަތަ އެހާ ފަސޭހައިން ގައިދީން މިދަންޖެހެނީ؟ ސީލިންގް ފަންކާ ހުންނަނަމަ އެފަންކާތައް ނަގާފަ ސްޓޭންޑް ފަންކާ ނޫނީ ފާރުގަ ހަރުކުރާ ފަންކަލަށް ވެެއްޖެނު ބަދަލުކުރަން.