އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު.
11 އެޕްރީލް 2025 - 14:40
މާލެ ދަތުރުކުރަނިކޮށް ރޯވި "ހޮޅުދޫ ބޯޓު" އިން މިދިޔަ ހަފުތާގައި ގެއްލުނު އަލީ މުޝްފިގު މުހައްމަދު ޝަރީފުގެ މަރު ކޯޓު މެދުވެރިކޮށް ސާބިތުކުރުމަށް ފަހު އަންނަ ހަފްތާގައި އޭނާގެ ކަށުނަމާދު ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މުޝްފިގުގެ އުފަން ރަށް، ލ. މާވަށުގައި މިއަދު މެންދުރު ނަމާދަށް ފަހު އޭނާގެ މައްޗަށް ޣައިބަށް ކަށުނަމާދުކުރަން ނިންމި އެވެ. އެކަމަކު ސޯޝަލް މީޑިއާގައި ރޭ ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޝަހީމް ވަނީ ކަނޑަށް ގެއްލޭ މީހުންގެ މަރާ މެދު ގޮތް ނިންމާނީ ގާޒީ ކަމަށް ވިދާޅުވެފަ އެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާ ގްރޫޕަށް ހިއްސާ ކުރެއްވި މެސެޖެއްގައި ޝަހީމް ވިދާޅުވީ މުޝްފިގުގެ އާއިލާއާ ވާހަކަ ދައްކަވާފައިވާ ކަމަށާއި މިއަދު އޭނާގެ ކަށުނަމާދު ނުކުރާ ކަމަށެވެ.
ޝަހީމް ވިދާޅުވި ގޮތުގައި އިސްލާމީ ޝަރީއަތުގައި އޮތް ގޮތަށް އަމަލުކޮށް، ކޯޓު މެދުވެރިކޮށް މަރު ސާބިތުކުރުމަށް ފަހު އަންނަ ހަފްތާގެ ހުކުރަށް ކަށުނަމާދު އިންތިޒާމު ކުރެވޭތޯ މަސައްކަތް ކުރައްވާނެ އެވެ. އަދި އޭނާގެ ކަށުނަމާދު އިސްލާމީ މަރުކަޒުގައި އިންތިޒާމު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
"ހާދިސާއާ ގުޅިގެން އިސްލާމީ ޝަރީއަތުގައި އޮތް ގޮތައް އަމަލުކޮށް، ކޯޓް މެދުވެރިކޮށް މަރު ސާބިތު ކުރުމަށް ފަހު، ކަށު ނަމާދުގެ ކަންކަން އަންނަ ހުކުރަށް އިންތިޒާމު ކުރެވޭތޯ މަސައްކަތްކުރާނެ އެވެ،" މިނިސްޓަރު ފޮނުއްވި މެސެޖުގައިވެ އެވެ.
ރޯވި ބޯޓުން ގެއްލިގެން ހޯދަމުންދާ އަލީ މުޝްފިގު (25އ) ލ. މާވަށް-- ފޮޓޯ: ސޯޝަލް މިޑިއާ
މުޝްފިގަކީ ވަރަށް ރީތިކޮށް ގުރުއާން ކިޔަވައި ހެޔޮލަފާ ކުއްޖެއް ކަން ޝަހީމް ފާހަގަކުރެއްވި އެވެ. އަދި އޭނާއަކީ އިމާމުވެ ނަމާދުކޮށް އުޅުނު ނަމޫނާ ޒުވާނެއް ކަމަށް ވިދާޅުވި އެވެ.
އެހެންވެ، އޭނާ ގެއްލުމަކީ އާއިލާގެ އިތުރުން އެ ބޭފުޅުންނަށް ވެސް ލިބުނު ހިތާމައެއް ކަމަށް ޝަހީމް ވިދާޅުވި އެވެ.
"އޭނާ ގެއްލުނު ހާދިސާއަކީ އެ އާއިލާގެ އިތުރުން އަޅުގަނޑުމެން އެންމެންނަށް ލިބުނު ހިތާމައެކެވެ. މާތްﷲ ގެ ރަހުމަތް ތަނަވަސް ވެގެން ވެ އެވެ."
ކަނޑަށް ގެއްލޭ މީހުންގެ ކަށުނަމާދު ބޭއްވޭނީ އެ މަރާ މެދު ގާޒީ ގޮތެއް ކަނޑައެޅުމުން: މިނިސްޓަރު https://t.co/T8PFi9MEY9
— Mihaaru (@Mihaarunews) April 10, 2025
ގެއްލިފައިވާ މީހާއާ މެދު ހުކުމެއް ކަނޑައަޅަންވާނީ ގެއްލުނުތާ ހަތަރު އަހަރު ފަހުން ކަމަށް ބައެއް އިލްމުވެރިން ބަޔާންކުރާ ކަމަށް ޝަހީމް ރޭ ވިދާޅުވި އެވެ. ނަމަވެސް ކަނޑަށް ވެއްޓި ގެެއްލިފައިވާ މީހާ، މަރުވެފައިވާ ކަމަށް ބޮޑަށް ބުރަވެވޭ ނަމަ ހަތަރު އަހަރު ނުވިޔަސް ގާޒީއަށް ގޮތެއް ކަނޑައެޅިދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ކައުންސިލްގެ ރައީސް އަހުމަދު މޫސާ "މިހާރު" އަށް އިއްޔެ ވިދާޅުވީ މުޝްފިގު ގެއްލުނުތާ ހަފުތާއެއް ފަހުން ކަށުނަމާދު ބާއްވަނީ އާއިލާއިން ބޭނުންވެގެން ކަމަށާއި އޭނާ ދެން ފެންނާނެ ކަމަށް އާއިލާއަށް ގަބޫލުނުކުރެވޭތީ ކަމަށެވެ. މުޝްފިގު ހޯދަން ސިފައިން ކުރި މަސައްކަތުން މިހާތަނަށް ވެސް އޭނާގެ އެއްވެސް ނިޝާނެއް ފެނިފައި ނުވެ އެވެ. އެކަމަކު މުޝްފިގު ހޯދުމުގެ މަސައްކަތް އަދި ހުއްޓައެއްނުލަ އެވެ. "މުޝްފިގުގެ ކޮއްކޮއަށް އެނގޭ އޭނާ އަޑިއަށް ދިޔައީކަން. މިހާތަނަށް ބަލައިގެން ވެސް ނުފެނުނީމާ އާއިލާއިން 100 ޕަސެންޓު ގަބޫލުކުރަނީ މުޝްފިގު ދިރިހުއްޓާ ނުފެންނާނެކަން،" ކައުންސިލުގެ ރައީސް ވިދާޅުވި އެވެ.
މުޝްފިގަކީ ޕޮލިޓެކްނިކްގައި އާކިޓެކްޗާގެ ދާއިރާއިން ކިޔަވަމުންދިޔަ ޒުވާނެކެވެ. އަދި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގައި ވަޒީފާ އަދާކުރަމުން އައި އޭނާ ރަށަށް ދިޔައީ ރޯދައިގެ ފަހު 10 ގައި ލިބުނު ބަންދުގައި މައިންބަފައިންނާއެކު ޗުއްޓީ ހޭދަކޮށްލުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގފސ
12 April 2025
މަރުސާބިތުވާނެ ކަން ޔަގީންވީތަ ހުކުރު ދުވަހު ނަމާދަށް ރެޑީވަނީ. ކޮބާ މީގެ ކުރިން ކަނޑަށް ގެއްލުނު މީހުން. ތިކަމުގައި މައުމޫން ބުނާ އެއްޗަކާ ހަސަން ހަމީދުގެ ބަހެއްވެސް ހޯދަން ފެނޭ
ސަޅި ގައުމެއް
12 April 2025
ފަލަސްތީން ދައުލަތެއް އޮތްކަން ޝަހީމް މިހާރު ހަނދުމަ ވެސް ނެތީތޯ
ޒަރީރު
11 April 2025
އަދި މިއުޅެނީ ގެއްލުނުތާ މަހެއްވެސް ނުވެގެންނެވެ. މަރުވެފައި ވާނެކަމަށް ކިތަންމެބޮޑަށް ބެލެވުނުނަމަވެސް ހަށިގަނޑު ނުފެންނާތީ މިހާ އަވަހަށް މަރުވެއްޖެކަމަށް ނިންމުމަކީ ރަނގަޅު ގޮތެއްނޫނެވެ. ސަބަބަކީ މުޝްފިޤު އޮޔާ ބެހިގެން ބަޔަކު ނެގުމުގެ ޗާންސްވެސް އޮތުމެވެ. އަދި މަރުނުވެ ކަނޑުމަތީގައި އަދިވެސް އޮވެދާނެއެވެ. މިކަމުގައި އެކަށީގެންވާ މުއްދަތަކަށް ބަލަންވާނެއެވެ. އެންމެ މަދުވެގެން 3 މަސް ބަލަންޖެހޭނެއެވެ.
ކީކޭ ބުނާނީ
12 April 2025
ގެއްލިގެން އުޅޭ މީހަކު ކަނޑުން ނަގައިގެން ރަށެއްގައި ނުވަތަ ދޯންޏެއްގައި ގެންގުޅެފާނެ ކަމަށް މަނިކުފާނަށް ވިސްނެނީތޯ؟
މަންޒަރޭ
11 April 2025
ކިހިނެއްބާ ކޯޓުން މުޝްފިގުގެ މަރު ސާބިތުކުރާތީ، ކޮން ހެއްކެއްތޯ އޮންނާނީ.
ކޮތަރޭ
12 April 2025
ދަށު ކޯޓުން ނިންމާ ގޮތާމެދު ހިތްހަމަ ނުޖެހިއްޖެ ނަމަ ހައި ކޯޓަށް ދެވޭނެތޯ؟
ވާނުވާ 01
11 April 2025
ގެއްލޭ މީހުން މަރުވެއްޖެ ކަމަށް ކަނޑައަޅަންވެސް އިސްލާމް ދީނުގައި ގޮތްތަކެއް އޮވޭ، އަދި ކޯޓުންވެސް އެކަމަށް ރިޢާޔަތް ކުރަން ޖެހޭ. ގެއްލޭތާ ހަފްތާއެއް ފަހުން މަރު ސާބިތެއް ނުކުރެވޭނެ. އިސްލާމީ ހަމަތަކުގެ މަތިން ކަންކަން ކުރުމަށް އިލްތިމާސް ކުރަން، އެހެންނޫނީ ވެއްޓޭނީ އަގު. ކަންކަމުގެ ވާނުވާ އަދި ދެކޮޅުވެސް ބަލަންޖެހޭނެ. މިޚިނދުގައި ޢާއިލާއަށް ކެތްތެރިކަން މިންވަރުކުރެއްވުން އެދި ދުޢާކުރަން. އާމީން
ސް1ސ
12 April 2025
އެއްގަމުގައި ގެއްލުމާއި ކަނޑަށް ގެއްލުން ތަފާތުވާނެ. އަދި ފެން މަތީގައި އޮންނަން ބޭނުންވާނެ ކަނދެއް އުޅަނދެއް ނެތި ހުސް ހަށިގަނޑު ކަނޑަށް ގެއްލުން ވެސް ތަފާތުވާނެ. މިހުރިހާ ވާހަކައެއް އެބަހުރި ފޮތްތަކުގައި ލިޔެފައި.
އީދުގެ ހަނދު
11 April 2025
އީދުގެ ހަނދުވެސް މީގެފަހުން ވާނެ ކޯޓުން ސާބިތުކުރަން.
މުންޖިދު
11 April 2025
ޢާއިލާ އިން އުޅުނީ މި ހުކުރު ގައި ބާއްވަން؟ އެކަމަށް ހުރަސް އަޅައި ޝަހީމު ބޭނުންވާ ދުވަހެއްގައި ބާއްވަން އުޅޭ ސަބަބެއް ނުވިސްނޭ؟
އިއްލި
11 April 2025
ކޯޓުތަކުގެ ސްޕީޑަށް ބަލާއިރު އަންނަ ހުކުރަށް ތިކަން ވުމަކީ ނުވާނެކަމެއް އަޑިއަޑިން ގުޅިގެން އުޅުނިއްޔާ ނޫނީ. ވާރިސުން ސާބިތުކޮށްލަން ލައިގެން އަހަރެއް ވާއިރު ކިރިޔާވަނީ. އެއީ އެންމެން ތިބެ ޔަގީންވެ އޮޅުމެއް ނެތްކަމެއްގަ ވާހާ ދުވަސް. ދެން ގެއްލިފަވާ މީހެއްގެ މަރު ސާބިތުކުރެވޭނެތަ ފަސް ދުވަހުން؟ ވިއްޔާ ރަނގަޅު.