އިމެއްނެތި ބޭނުންގޮތަކަށް ހުކުރު ހުތުބާ ކިޔަން ދޫކޮށްލައިފި ނަމަ ރާއްޖެ ދީނީ ނުތަނަވަސް ކަމަކަށް ވެއްޓިދާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ލިޔެފައި ދޭ އެއް ހުތުބާއެއް ކިޔުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ނޫން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ (ޑީޑީ) ވިދާޅުވުމުން އެކަމަށް ރައްދު ދެއްވައި ޝަހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ހިޔާލާ ވަރަށް ދެކޮޅު ކަމަށެވެ.
ޑީޑީ އަށް ވަރަށް އިހުތިރާމް ކުރައްވާ ކަމަށް ވިދާޅުވެ ޝަހީމް ވަނީ އޭނާ އެކަމާ ދެކޮޅު ހައްދަވާ ސަބަބުން ވެސް ތަފުސީލު ކޮށްދެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ހުރިހާ އިމާމުންނަކީ އަމިއްލަ އަށް ހުތުބާ ދެވޭ ފެންވަރުގައި ތިބި ބަޔަކަށް ނުވާތީ، ޑީޑީ ވިދާޅުވި ވާހަކައަކީ ރަނގަޅު ވިސްނުމެއް ނޫން ކަމަށެވެ. އަމިއްލަ، ލިޔެފައި އޮތް އެއްޗެއް ނުބަލައި ހުތުބާ ދިނުމުގެ ގާބިލުކަން ހުރި އިލްމުވެރިން ރާއްޖޭގައި ވަރަށް މަދު ކަމަށް އޭނާ ވިދާޅުވި އެވެ.
ތިޔަ ވިދާޅުވާ ގޮތަށް ހުޅުވިފައި އޮންނަ ގައުމުތަކުގައި ދީނީ ތަފާތު ފިކުރުތައް އުފެދި، ޖަމާއަތްތައް އުފެދި، އެކި މިސްކިތްތަކުގައި އެކި މަޒުހަބަށް ހުތުބާ ކިޔައި، ހަމަނުޖެހުން އުފެދިގެން ގޮސްފައިވޭ: ޝަހީމް
ނުބަލައި ހުތުބާ ކިޔުމުގެ ހުއްދަ މިހާރު ވެސް ދޭ ނަމަވެސް، އެގޮތަށް ހުތުބާ ކިޔާ މީހުން ވެސް ހުތުބާ ފަށާ ގޮތަށް ނިންމުން ލަސްވުމުގެ ސަބަބުން ރައްޔިތުންގެ އެތައް މަސްލަހަތަކަށް ގެއްލުންވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.
"އަނެއްކޮޅުން ހައްދެއް އިމެއްނެތި އެގޮތަށް މިކަން އެންމެންނަށް ހުޅުވައިފި ނަމަ، ދީނީ ގޮތުން ނުތަނަވަސް ހާލަތަށް ރާއްޖެ ވެއްޓިގެން ދިއުމުގެ ބިރު އޮންނާނެ. އަޅުގަނޑު އެކަމަށް ޖާގައެއް ނުދޭނަން،" އޭނާ ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ ރާއްޖޭގައި މިވަގުތު ހުތުބާގެ ކަންކަމުގައި އަމަލުކުރަމުން އަންނަނީ ރާއްޖޭގެ މަސްލަހަތާ ގުޅޭ ގޮތަށް ކަމަށެވެ. އަދި ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާ ވެސް ގުޅޭ ގޮތަށް ހަރުދަނާ ނިޒާމެއްގެ ތެރެއިން ކަމަށް އޭނާ ވިދާޅުވި އެވެ.
"ތިޔަ ވިދާޅުވާ ގޮތަށް ހުޅުވިފައި އޮންނަ ގައުމުތަކުގައި ދީނީ ތަފާތު ފިކުރުތައް އުފެދި، ޖަމާއަތްތައް އުފެދި، އެކި މިސްކިތްތަކުގައި އެކި މަޒުހަބަށް ހުތުބާ ކިޔައި، ހަމަނުޖެހުން އުފެދިގެން ގޮސްފައިވޭ،" ޝަހީމް ވިދާޅުވި އެވެ.
ރާއްޖޭގެ ހުތުބާގެ ނިޒާމު މިވަގުތު އޮތީ އެންމެ ރަނގަޅަށް ކަން ފާހަގަކުރައްވައި، ޝަހީމް ވިދާޅުވި ގޮތުގައި، ރާއްޖޭގައި ޒަމާނުއްސުރެ މިކަން ގާއިމްވެފައިވާ ދިމާލަށް މިއަދު އިސްލާމީ ދުނިޔޭގެ އެހެން ގައުމުތައް ވެސް ވަނީ އަމާޒު ހިފައިފަ އެވެ.
ޝަހީމް ވިދާޅުވީ ރާއްޖޭގެ ކުރީގެ ވެރިންނާއި ސަރުކާރުތަކުން ހުތުބާގެ ނިޒާމު ދަމަހައްޓާފައި ވަނީ ވަރަށް ރަނގަޅަށް ކަމަށާއި މި ސަރުކާރުން ވެސް އެކަން ދަމަހައްޓާނީ އެގޮތަށް ކަމަށެވެ.
ޝަހީމް ވިދާޅުވީ އިސްލާމިކް މިނިސްޓްރީން ހުތުބާގެ މައުލޫތަކާ މެދުގައި އާންމުންގެ ހިޔާލު ހޯދަނީ މުޖުތަމައުއަށް އެންމެ ބޭނުންތެރި މަގުން ހުތުބާ ތައްޔާރުކުރުމަށް ކަމަށެވެ. އަދި ހުތުބާ ކުރުވާން ޖެހޭ ކަމަށާއި ސުންނަތުގައި ވެސް އޮންނަ ގޮތަކީ އެއީ ކަމަށް އޭނާ ވިދާޅުވި އެވެ.
އިސްލާމިކް މިނިސްޓްރީން ހުތުބާ ތައްޔާރުކުރުމަށް މައުލޫތައް ކަނޑައެޅުމުގައި އާންމުންގެ ހިޔާލަށް ހުޅުވާލީ ޚަބަރު މިއަދު "މިހާރު" ގައި ޖެހުމުން އެ ޚަބަރު އެކްސްގައި ރީޕޯސްޓްކުރައްވައި ޑީޑީ ވިދާޅުވީ، ހުކުރު ހުތުބާއަކީ އެއް މައުލޫއުއަކަށް ލިޔެގެން ހުރިހާ މިސްކިތެއްގައި އެއްގޮތަކަށް ކިޔަން ޖެހޭ އެއްޗެއް ނޫން ކަމަށެވެ. ހުކުރު ހުތުބާ ދެވޭ ފެންވަރުގެ އިލްމާއި ގާބިލުކަން ލިބިގެންވާ ކޮންމެ މީހަކަށް އެ ހުއްދަ ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޑީޑީ ވިދާޅުވީ އެ މީހަކަށް ފެންނަ، އެއިރެއްގެ ހާލަތާ ގުޅޭ މައުލޫއެއް އިހުތިޔާރުކުރުމުގެ މިނިވަންކަން އޮންނަން ޖެހޭ ކަމަށެވެ. އަދި ހުތުބާގެ މައުލޫއަކީ އަބަދު އަހުލާގާ ގުޅިފައިވާ މައުލޫއަކަށް ވާން ނުޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ވެރިންނަށް ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރުމަކީ މިޒަމާނުގެ ހުތުބާތަކުގައި ކޮންމެހެން ހިމަނަން ޖެހޭ ކަމެއް. ހުލަފާއުއް ރާޝިދޫންގެ ސީރަތަށް ބެލުމުން އެކަން އެނގޭ. ހުދުމުހުތާރު ވެރިންނަށް ނަސޭހަތް ދިނުމަކީ ހަތީބުންގެ ޒިންމާއެއް،" ޑީޑީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރުން ލިޔެ އެއްގޮތަކަށް ތައްޔާރުކޮށްފައިވާ ހުތުބާ ކިޔުން ލާޒިމްކުރަނީ އާންމު ގޮތަކަށް ފިކުރާއި ރައުޔުގެ މިނިވަންކަން ނޯންނަ ގައުމުތަކުން ކަން ފާހަގަކުރެވޭ ކަމަށެވެ.