ޚިޔާލު / ދީން

ޓެކްނޮލޮޖީއާ އެކު ވެސް ކުދިން ތަރުބިއްޔަތު ކުރާނެ ގޮތްތައް

ކުއްޖަކު ވީޑިއޯ ގޭމެއް ކުޅެނީ.--- ފޮޓޯ: އަންޕްލޭޝް.ކޮމް

12 އެޕްރީލް 2025 - 07:04

ހެޔޮލަފާ މުޖުތަމައެއް ބިނާވާނީ ހެޔޮލަފާ އާއިލާތަކެއް ވާ ނަމަ އެވެ. އާއިލާއެއް ހެޔޮލަފާ ވާނީ އެ އާއިލާގެ ފަރުދުން ހެޔޮގޮތުގައި ތަރުބިޔަތު ކުރެވިގެންނެވެ. ފަންނިއްޔާތު ނުވަތަ ޓެކްނޮލޮޖީގެ މި ޒަމާނުގައި ފަންނިއްޔާތުގެ ބޭނުންތެރިކަން ބޮޑެވެ. އަދި އޭގެ މަންފާތައް ގިނައެވެ. އެހެން ނަމަވެސް އޭގެ ސަބަބުން ދިރިއުޅުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކާ ވެސް ކުރިމަތިލާން ޖެހެ އެވެ. ވަކިން ހާއްސަކޮށް އިސްލާމީ ގިއުގަނޑުގެ ތެރޭގައި ދަރިން ތަރުބިޔަތު ކުރުމުގަ އެވެ. އަމިއްލަ ނަފުސާއި އަނބިދަރިން ނަރަކައިން ސަލާމަތް ކޮށްދޭން ޤުރްއާނުގައި އަމުރު އޮވެ އެވެ. (އައްތަޙުރީމު 6). އަދި ދަރިން އަދަބުވެރި ކުރުވަން މާތް ނަބިއްޔާ ﷺ އަންގަވާފައިވެ އެވެ. ވީއިރު މިއަދުގެ ގޮންޖެހުންތަކާ ކުރިމަތިލާނީ ކިހިނަކުން ހެއްޔެވެ؟

އިސްލާމީ ތަރުބިޔަތަށް ފަންނިއްޔާތުން ހުރި ގޮންޖެހުންތައް

ފަންނިއްޔާތު ފުޅާވެފައިވާ މި ޒަމާނުގައި ތުއްތުކުދިންނާއި ޒުވާނުން އަދި ކިއެއްތަ ބޮޑެތި މީހުން ވެސް މިވަނީ އޭގެ ނުބައި އަސަރުގައި ޖެހިފަ އެވެ. އެކިއެކި ގޭމުތަކާއި އިޖުތިމާއީ މަންސަތަކާއި ވީޑިއޯތަކާއި ވެބްސައިޓުތަކުން މަންފާ ހުރި އެތައް މައުލޫމާތެއް ލިބި ޖަޒުބާތުތަކަށް ހެޔޮ އަސަރު ކުރިޔަސް އެ އަށް ވުރެ ބާރަށް އޭގެ ނުބައި އަސަރުތައް އިންސާނާ އަށް ކުރެ އެވެ.

ފަންނިއްޔާތުން ތަރުބިޔަތަށް ހުރި އެއް ގޮންޖެހުމަކީ، އެކަށީގެން ނުވާ ތަކެއްޗަށް (ކޮންޓެންޓަށް) ފަސޭހަކަމާ އެކު ވާސިލު ވެވުމެވެ. އޭގެ ތެރޭގައި ފާހިޝް ކަންކަމަށް ޝައުގުވެރި ކުރުވާ ތަކެއްޗާއި ހަރުކަށިކަމާއި އަނިޔާ އަށް ބާރުދޭ ކަންކަމާއި ރިވެތި އަހުލާގަށް ފުށުއަރާ ތަކެތި ހިމެނެ އެވެ. ކީރިތި ޤުރްއާނުން އެނގޭ ގޮތުގައި އިވުމާއި ފެނުމާއި ހިތަކީ އެއާ މެދު އިންސާނާ މަސްއޫލުވާން ޖެހޭ ގޮތުގައި ﷲ ދެއްވާފައިވާ ނިއުމަތް ތަކެކެވެ. ނަމަވެސް މި ދެންނެވި ފަދަ މައުލޫމާތާއި އެހެނިހެން ތަކެއްޗަކީ މި މަސްއޫލިއްޔަތަށް ހުރަސްއެޅޭ ތަކެތި ކަމުގައި ވެދެ އެވެ.

ދެވަނަ ގޮންޖެހުމަކީ، ބެލެހެއްޓުންތެރިކަން ކުޑަވުމެވެ. މިހެންވާ އެއް ސަބަބަކީ ބައެއް ބެލެނިވެރިންނަށް ފަންނިއްޔާތުގެ ތެރެއިން ދަރިންނަށް ވާސިލުވަމުންދަނީ ކޮން އެއްޗެއްކަން ނޭނގުމާއި އަދި އެ ތަކެއްޗާ ބެހޭ މައުލޫމާތު ވެސް ނޭނގުމެވެ.

ދެވަނަ ސަބަބަކީ ފަންނިއްޔާތުގެ ތެރެއިން އެފަދަ ތަކެތި ފުރާނާނެ ގޮތުގެ މައުލޫމާތެއް އަމުދުން ނޭނގުމެވެ.

ތިންވަނަ ސަބަބަކީ އިހުމާލު ވުމެވެ. ނުވަތަ ގަސްދުގައި ދަރިން "ހިތްހަމަ ޖައްސަން" އެ ފުރުސަތު އެކީއެކަށް ހުޅުވާލުމެވެ. ހަގީގަތަކީ ކޮންމެ މަންމައަކާއި ބައްޕަ އަކީ ވެސް ދަރިންގެ ބެލެހެއްޓުންތެރި އަކަށް ވާން ޖެހޭ މީހެކެވެ. އެކަމާ މަސްއޫލުވާން ވެސް ޖެހެ އެވެ. (މުއްތަފަގު)

ތިންވަނަ ގޮންޖެހުމަކީ، އާއިލީ ގުޅުންތައް ދުރުކުރާ އެއްޗެއްގެ ގޮތުގައި ފަންނިއްޔާތުގެ ބޭނުން ހިފުމެވެ. މައިންބަފައިން ވެސް ދަރިން މަސަލަސް ކުރަން ފޯނެއް ނުވަތަ ޓެބްލެޓެއް ދީފައި އަމިއްލަ މިނިވަންކަން ހޯދަ އެވެ. ނުވަތަ ހުދު އޭގައި ތިމާ އަމިއްލަ އަށް މަޝްއޫލު ވެއެވެ. އެ ހިސާބުން މައިންބަފައިންނާއި ދަރިން ޖެހިޖެހިގެން ތިއްބަސް ތިބެނީ މުޅިން ދެ އާލަމެއްގަ އެވެ. ދަރިންނަށް ހެޔޮ މަގަށް މަގުދައްކަން ފުރުސަތެއް ނުލިބެ އެވެ.

ހަތަރުވަނަ ގޮންޖެހުމަކީ، ފަންނިއްޔާތުގެ ތެރެއިން ފެންނަ ނަމޫނާތަކަކީ ގިނަ ފަހަރަށް އެންމެ ރަނގަޅު ނޫން ނަމޫނާތައް ކަމުގައި ވުމެވެ. ރޫހާނީ ގޮތުން ކިތަންމެ ދަށު ދަރަޖައެއްގައި ތިއްބަސް ބޭރުފުށުގެ ކާމިޔާބާއި މާއްދީ ތަނަވަސްކަން ލިބިފައިވާ މީހުން ނަމޫނާގެ ގޮތުގައި ބެލެވިގެން ދެ އެވެ. އެހެންކަމުން ދަރިން ކޮޕީ ކުރަން ބޭނުންވާނީ މިފަދަ ފަރާތްތަކެވެ. މި ކޮޕީ ކުރުން ވެގެންދަނީ އިސްލާމީ ގިޔަމު (ވެލިއު) ތަކާ ފުށުއަރާ ކޮޕީ ކުރުން ތަކަށެވެ.

އާއިލާތަކުން އަދާކުރަންޖެހޭ ދައުރު

އިސްލާމީ ތަރުބިޔަތުން ދަރިން ތަރުބިޔަތު ކުރުމަށް ފަންނިއްޔާތުން ކިތަންމެ ގޮންޖެހުންތަކެއް ކުރިމަތިވިޔަސް ބެލެނިވެރިންނަށް ކުރެވިދާނެ ކަންކަން އެބަހުއްޓެވެ. އެންމެ މުހިންމު ކަމަކީ، ރިވެތި ނަމޫނާ ދަރިވަރުންނަށް ފެނުމެވެ. ނަމޫނާ އަކީ ބުނެގެން ކަންކަން ކުރުވުމަށް ވުރެ މާ ވަރުގަދަ ވަސީލަތެކެވެ. ކޮޕީ ކުރުމަކީ އިންސާނީ ތަބީއަތެކެވެ. ގޭތެރޭގެ މާހައުލާއި ސަގާފަތު އޮންނަ ގޮތަކަށް ދަރިން ބައްޓަންވަމުން ދިއުމަކީ އާންމު އުސޫލެކެވެ. ނަމޫނާގެ ގޮތުގައި އެންމެ ރިވެތި ނަމޫނާ ކަމުގައި ﷲ ބަޔާން ކުރައްވާފައިވަނީ ނަބީ ބޭކަލުންނެވެ. ހާއްސަކޮށް މުޙައްމަދު ﷺ އެވެ. މައިންބަފައިން މި ނަމޫނާތައް ކޮޕީ ކުރާ ނަމަ ދަރިންނަށް ފެންނާނީ ރަނގަޅު ނަމޫނާ އެވެ. މިސާލަކަށް މައިންބަފައިން ތެދުވެރިވެ، އަމާނާތްތެރިވެ، އަޅުކަންތަކަށް ސަމާލުވާ ނަމަ ދަރިން ވެސް ހަމަ އެ ނަމޫނާ ކޮޕީ ކުރުން ގާތެވެ.

ދެވަނަ ދައުރަކީ، އަބަދުވެސް ހެޔޮމަގަށް މަގުދައްކައިދީ، އިރުޝާދު ދިނުމެވެ. މިކަމުގައި ދަރިންނާ ސީދާކޮށް ވާހަކަ ދައްކައި ޑައިލޮގު (ހިވާރު) ކުރިއަށް ގެންދިއުން މުހިންމެވެ. ސުވާލާއި ޖަވާބުގެ ތެރެއިންނެވެ. އެއީ ބުއްދީގެ ހަމަތަކާއި ޖަޒުބާތުތަކުގެ ބާރުގައި ދަރިންނަށް ކަންކަން ވިސްނައިދީ ގަބޫލު ކުރުވުމަށެވެ. ރިވެތި ވައުޒަކީ ހިތްތަކަށް އަސަރު ކުރުވާ ނަސޭހަތެވެ. ހިތްތަކަށް ހެޔޮ އަސަރު ނުކުރާ ގޮތަށް ހަރުކަށި އަމުރުތަކާއި ނަހީތައް ކުރުމަށް ވުރެ މިގޮތް މާ އަސަރުގަދަ ވާނެ އެވެ. މިކަމުގައި ތަބާވެވިދާނެ އެއް މިސާލަކީ ލުޤުމާނުގެފާނު ދަރިކަލުންނަށް އިރުޝާދު ދެއްވި ގޮތެވެ.

ތިންވަނަ ގޮންޖެހުމަކީ، އާއިލީ ގުޅުންތައް ދުރުކުރާ އެއްޗެއްގެ ގޮތުގައި ފަންނިއްޔާތުގެ ބޭނުން ހިފުމެވެ. މައިންބަފައިން ވެސް ދަރިން މަސަލަސް ކުރަން ފޯނެއް ނުވަތަ ޓެބްލެޓެއް ދީފައި އަމިއްލަ މިނިވަންކަން ހޯދަ އެވެ. ނުވަތަ ހުދު އޭގައި ތިމާ އަމިއްލަ އަށް މަޝްއޫލު ވެއެވެ. އެ ހިސާބުން މައިންބަފައިންނާއި ދަރިން ޖެހިޖެހިގެން ތިއްބަސް ތިބެނީ މުޅިން ދެ އާލަމެއްގަ އެވެ. ދަރިންނަށް ހެޔޮ މަގަށް މަގުދައްކަން ފުރުސަތެއް ނުލިބެ އެވެ.

ތިންވަނަ ދައުރަކީ، ﷲ އާއި ރަސޫލާ އާއި އެކަލޭގެފާނުގެ އާލުންނާއި ކީރިތި ޤުރްއާނަށް ދަރިންގެ ހިތްތަކުގައި ލޯބި އުފެއްދުމެވެ. މިކަން އެންމެ ފަސޭހައިން ކުރެވޭނީ ހާދިސާތަކާއި ވާހަކަތަކާއި މިސާލުތަކާއި ކައުނުގައިވާ ގުދުރަތީ ހެކިތަކުގެ ބޭނުން ކޮށްގެންނެވެ. އިބުރާހީމުގެފާނު ވާހަކަ އާއި ޔޫސުފުގެފާނު ވާހަކަ އާއި ލުޤުމާނުގެފާނުގެ ވާހަކައިން ވަރަށް ގިނަ ފިލާވަޅުތައް ބޭނުން ކުރެވިދާނެ އެވެ.

ހަތަރުވަނަ ދައުރަކީ، ދަރިންގެ ސުލޫކު މޮނީޓަ ކުރުމެވެ. ޖާސޫސް ކޮށްގެންނެއް ނޫނެވެ. ޖާސޫސް ކުރުން ހުއްދައެއް ނޫނެވެ (އަލްޙުޖުރާތު 12). އެހެންވެ، ހިކުމަތްތެރި ގޮތް މިކަމުގައި ބޭނުންކުރުން މުހިންމެވެ. ފަންނިއްޔާތުގެ ތެރެއިން ދަރިވަރުންނަށް ވާސިލުވާ ތަކެތި ބެލޭނެ އިންތިޒާމެއް (ދަރިންނަށް ވެސް އެނގިގެން) ރޭވިދާނެ އެވެ. މިއީ ﷲ ގެ މުރާގަބާ އާ އަޅާ ބަލާއިރު މާ ދަށްފެންވަރު ކަމެއް ކަން ދަރިންނަށް ތަސައްވުރު ކޮށްދެވިދާނެ އެވެ. އޭރުން މައިންބަފައިން މޮނީޓަ ނުކުރިޔަސް ގުދުރަތީ ނިޒާމުގެ ތެރެއިން ހުރިހާ ކަމެއް ރެކޯޑު ކުރެވިގެންދާނެ ކަން ދަރިވަރުންނަށް އެނގޭނެ އެވެ.

ފަސްވަނަ ދައުރަކީ، ދަރިން ތަރުބިޔަތު ކުރުމުގައި ހުދު ފަންނިއްޔާތުގެ ބޭނުން (ހެޔޮގޮތުގައި) ހިފުމެވެ. އިސްލާމީ އެކިއެކި އެޕްލިކޭޝަންތަކުގެ ބޭނުން ކުރަން ދަރިވަރުންނަށް އިރުޝާދު ދެވިދާނެ އެވެ. ކީރިތި ޤުރްއާން ހިތުދަސް ކުރުވުމާއި ޤުރްއާން ތަދައްބުރު ކުރަން ޖާގަ ލިބޭ ޕްރޮގްރާމްތަކަށް ދަރިން އަހުލުވެރި ކުރުވިދާނެ އެވެ. އިސްލާމީ ފިކުރާއި މައުލޫމާތާއި ހުނަރުތައް ދަސްކޮށްދޭ ވީޑިއޯ ތަކާއި އޯޑިއޯ ތަކަށް ދަރިން މިސްރާބު ކުރުވިދާނެ އެވެ. މީގެ ތެރޭގައި އިސްލާމީ ހާދިސާތަކާއި ވާހަކަތަކާއި މިސާލުތަކާއި ތަޖުރިބާތައް ހިމެނޭ ތަކެތި ހިމެނިދާނެ އެވެ. ނަބިއްޔާ ﷺ ބަޔާން ކުރައްވާ ގޮތުގައި ދީނަކީ ނަސޭހަތެވެ (މުސްލިމް).

ހަވަނަ ދައުރަކީ، ފަންނިއްޔާތުގެ ވަސީލަތްތަކުގައި އަބަދު ވަގުތު ހޭދަކުރިޔަ ނުދީ އެހެން ކަންކަމަށް ދަރިވަރުން މިސްރާބު ކުރުވުމެވެ. ހުއްދަ ކުޅިވަރުތައް ކުޅުވުމާއި މުނިފޫހިފިލުވުމުގެ ހުއްދަ ހަރަކާތްތަކުގައި ބައިވެރި ކުރުވުމާއި އާއިލާއާ އެކު ކަންކަމުގައި ވަގުތު ހޭދަ ކުރުވުމާއި އިސްލާމީ މިންގަނޑުތަކަށް ފެތޭ ދަތުރުތަކުގައި ގެންދިއުމާއި މިސްކިތްތަކާއި ޖަމިއްޔާތަކުން އިންތިޒާމު ކުރާ ރަނގަޅު ހަރަކާތްތަކުގައި ވަގުތު ހޭދަކުރަން ދަރިންނަށް ހިތްވަރު ދިނުމެވެ. މިގޮތަށް މިކަން ކުރުމުން ފޯނާއި އިންޓަނެޓާއި އެ ނޫން ވެސް ފަންނިއްޔާތުގެ ނުބައި އަސަރު އަންނަ ދިމާތައް މަދު ކުރެވޭނެ އެވެ.

ހަތްވަނަ ދައުރަކީ، ދަރިންނަށް ހެޔޮމަގު ދެއްކެވުމަށް އެދި ދުއާ ކުރުމެވެ. އިބުރާހީމުގެފާނު ކުރެއްވެވި ދުއާތައް ކުރެވިދާނެ އެވެ.

އަށްވަނަ ދައުރަކީ، މަދަރުސާ އާއި މުޖުތަމައުގެ އެހެން މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރުމެވެ. މިގޮތުން އެއްކަމަކީ ދަރިން ތަރުބިޔަތު ކުރުމުގައި މަދަރުސާއިން ކުރާ ކަންކަމަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. ދެވަނަ ކަމަކީ ނަމާދަށާއި ދަރުސްތަކަށް މިސްކިތައް ދިއުމަށް ބާރު އެޅުމެވެ. ތިންވަނަ ކަމަކީ މީޑިއާގެ ތެރެއިން ދަރިންނަށް ހެޔޮ މަގު ދައްކައިދޭން މަސައްކަތް ކުރުމެވެ. ހަތަރުވަނަ ކަމަކީ ހެޔޮލަފާ އެކުވެރިންނާ ދަރިން އެކުވެރިކޮށްދިނުމެވެ. ނުބައި އެކުވެރިން އިޚުތިޔާރު ކުރިޔަ ނުދިނުމެވެ.

މި ބަޔާންކުރެވު ފަދަ ކަންކަމުގެ ބޭނުން ހިފައި ހިތްވަރާ އެކު މަސައްކަތް ކޮށްފި ނަމަ ގޮންޖެހުންތައް ހުއްޓަސް ﷲ ގެ ވާގިފުޅާ އެކު ކާމިޔާބު ލިބުމުގެ ފުރުސަތު ބޮޑެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 33%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454