13 އެޕްރީލް 2025 - 08:01
ލިވަޕޫލުން ފޯވާޑް މުހައްމަދު ސަލާހު އިތުރު ދެ އަހަރުގެ މުއްދަތަކަށް ބަހައްޓަން ކޮންޓްރެކްޓް އާ ކުރުމަށް ފަހު ޑިފެންޑަރު ވާޖިލް ވެން ޑައިކްގެ ކޮންޓްރެކްޓް އާކުރަން އެއްބަސްވުމަކާ ހަމައަށް އައިސްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ދެ ކުޅުންތެރިންގެ ކޮންޓްރެކްޓް ވެސް މި ސީޒަންގެ ނިޔަލަށް ހަމަވާނެ އެވެ. މިއާ އެކު ދާދި ފަހުން ވަނީ ސަލާހާ އެކު އިތުރު ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއި ކޮށްފަ އެވެ.
އިޓަލީގެ ރޯމާ އިން 2017 ވަނަ އަހަރު 56 މިލިއަން ޑޮލަރުގެ އަގަކަށް ލިވަޕޫލަށް ބަދަލުވި ސަލާހު ވަނީ މިހާތަނަށް އެ ޓީމާ އެކު ހޭދަކުރި އަށް އަހަރުގެ ތެރޭގައި ކްލަބާ އެކު ހޯދެން ހުރި ހުރިހާ ކާމިޔާބީއެއް ހޯދައިފަ އެވެ. އޭނާ ލިވަޕޫލާ އެކު ކޮންޓްރެކްޓް އާކޮށްފައި ވަނީ ސައުދީ އަރަބިއްޔާގެ ބޮޑު ހުށަހެޅުމެއް ދޫކޮށްލައިފައި ކަމަށް މީޑީއާތަކުން ރިޕޯޓް ކުރެ އެވެ.
ސަލާހު ވަނީ މިހާތަނަށް ލިވަޕޫލަށް ކުޅެދިން 394 މެޗުން 243 ގޯލު ޖަހައި 111 ގޯލު އެސިސްޓް ކޮށްދީފަ އެވެ. މި ސީޒަންގައި މިހާތަނަށް 45 މެޗުން 32 ގޯލު ޖަހައި 22 އެސިސްޓް ކޮށްފަ އެވެ.
ލިވަޕޫލުން ވެން ޑައިކް ގެނައީ 2018 ވަނަ އަހަރު ސައުތެމްޓަނުން 98 މިލިއަން ޑޮލަރުގެ އަގަކަށެވެ. އޭނާ ވެސް ވަނީ ލިވަޕޫލާ އެކު ހުރިހާ ކާމިޔާބީއެއް ހޯދައިފަ އެވެ. އޭނާ އާއި ސަލާހު ވެސް ވަނީ މި މުއްދަތުގައި ލީގުގެ ތާރީހުން ޖާގަ ހޯދައިފަ އެވެ.
ސަލާހު އާއި ވެން ޑައިކް ޓީމުގައި މަޑުކުރެވުނަސް، ލީގުގައި ޑިފެންޑަރެއްގެ ގޮތުގައި ގިނަ ރެކޯޑްތަކެއް ހަދާފައިވާ އެ ޓީމުގެ ވައިސް ކެޕްޓަން ޓްރެންޓް އެލެކްސްޒެންޑާ އާނޯލްޑް ވަނީ މި ސީޒަނަށް ފަހު ކްލަބް ދޫކޮށްލަން ނިންމައިފަ އެވެ. ލިވަޕޫލްގެ އެކަޑަމީން ނުކުތް އިނގިރޭސި ޑިފެންޑަރު ބަދަލުވަނީ ސްޕެއިންގެ ރެއާލް މެޑްރިޑަށެވެ.
މި ސީޒަންގައި ލިވަޕޫލަށް ބާކީ އޮތީ އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކުރުމެވެ. ލީގުގެ އެއް ވަނައިގައި އޮތީ އެއް މެޗު މަދުން ކުޅެގެން، ދެ ވަނައިގައި އޮތް އާސެނަލް އަށް ވުރެ 10 ޕޮއިންޓް ކުރީގަ އެވެ.
އާސެނަލް ވަނީ ރޭ 1-1 އިން ބްރެންޓްފޯޑާ އެއްވަރުވެފަ އެވެ. ލީގުގައި މިރޭ ލިވަޕޫލް ނުކުންނާނީ ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށެވެ. އަދި ލީގު ކަށަވަރު ކުރަން ލިވަޕޫލަށް މިހާރު ބޭނުން ވަނީ ނުވަ ޕޮއިންޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy