13 އެޕްރީލް 2025 - 11:30
ނިއުކާސަލް ޔުނައިޓެޑްގެ ކޯޗު އެޑީ ހައު، ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި އެވެ.
އުމުރުން 47 އަހަރުގެ އެޑީ ހައު އަށް ދިމާވީ ކޮން މައްސަލައެއްކަމެއް ނިއުކާސަލްއިން ހާމަކޮށްފައެއް ނުވެ އެވެ.
މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް މިރޭ ނިއުކާސަލުން ކުޅޭ މެޗުގައި، ޓީމަށް އިރުޝާދު ދޭން އޭނާ ނުހުންނާނެ ކަމަށް އެ ކްލަބުން ބުންޏެވެ.
އެ މެޗާ ގުޅިގެން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ވެސް އޭނާ ބައިވެރި ނުވެ އެވެ. ބަދަލުގައި ޕްރެސް އަށް ހާޒިރުވީ އެސިސްޓެންޓް ކޯޗު ޖޭސަން ޓިންޑަލް އެވެ.
ޓިންޑަލް ބުނީ މިދިޔަ ދެތިން ހަތަރު ދުވަހެއްގައި އެޑީ އުޅުނީ ބަލިކޮށް ކަމަށެވެ. ނަމަވެސް އޭނާއާ މުއާމަލާތް ކުރެވޭ ކަމަށް އެ ކްލަބްގެ ސީނިއާ އެސިސްޓެންޓް ކޯޗުގެ މަގާމު އަދާކުރާ ޓިންޑަލް ބުންޏެވެ.
"ދުވާލަކު ތިން ހަތަރު ފަހަރަށް އަހަރެން އޭނާއާ ވާހަކަ ދައްކަން. އެހެންވެ މެޗަށް ތައްޔާރުވުމުގެ ޕްރެކްޓިސް ސެޝަންތަކަށް އަސަރެއް ނުކުރޭ،" ޕްރެސްގައި ޓިންޑަލް ބުންޏެވެ.
އެޑީ ހައުގެ ކޯޗުކަމުގެދަށުން ނިއުކާސަލްއިން ވަނީ މި ސީޒަނުގެ އިނގިރޭސި ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy