އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ (ވ-2) އޮމާންގައި މި މަހުގެ 12 ވަނަ ދުވަހު އީރާން ވަފުދާ އެކު. -- ފޮޓޯ: އޭއެފްޕީ/ޚަބަރު އޮންލައިން
14 އެޕްރީލް 2025 - 05:56
އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދިޔަ ނުދޭން ޑިޕްލޮމެޓިކް ގޮތުން ކުރާ މަސައްކަތް ކާމިޔާބުވާނެ ކަމަށް އުންމީދުކުރާ ކަމަށާއި އެކަމަކު އެ މަސައްކަތް ނާކާމިޔާބުވެއްޖެ ނަމަ އެމެރިކާގެ އަސްކަރިއްޔާ އޮންނާނީ "އެންމެ އެތެރެއަށް ވަދެ ކިތަންމެ ބޮޑު ކަމެއް ކުރަން ވެސް" ތައްޔާރަށް ކަމަށް ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު އިއްޔެ ވިދާޅުވެއްޖެ އެވެ.
އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ މެދު ހުޅަނގުގެ ކަންބޮޑުވުންތައް ހައްލުކުރުމުގެ ގޮތުން އެމެރިކާ އާއި އީރާނުގެ ޑިޕްލޮމެޓުން އޮމާންގައި ނުސީދާ މަޝްވަރާތައް ހޮނިހިރު ދުވަހު ވަނީ ފަށައިފި އެވެ. މިކަމަށް އިޝާރާތްކުރައްވައި، އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ވިދާޅުވީ މިއީ އުފެއްދުންތެރި އަދި ރަނގަޅު ފެށުމެއް ކަމަށެވެ.
ސީބީއެސްގެ "ފޭސް ދަ ނޭޝަން" އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ ރައީސް ޑޮނަލްޑް ޓްރަމްޕް އުއްމީދު ކުރައްވަނީ ދުވަހަކު ވެސް އަސްކަރީ އިހުތިޔާރުގެ ބޭނުން ކުރަން ނުޖެހުން ކަމަށެވެ. އެކަމަކު ކިތަންމެ ބޮޑު ފިޔަވަޅެއް އަޅަން ޖެހުނަސް، ދާންޖެހުނު ހިސާބަކަށް ގޮސް ކުރަންޖެހުނު ކަމެއް ކުރުމުގެ ގާބިލްކަން އެބަހުރިކަން އެމެރިކާއިން ސާބިތުކޮށްދީފައިވާ ކަމަށް ވިދާޅުވި އެވެ.
"އަދިވެސް ބުނަން. އެއީ އަޅުގަނޑުމެން ކުރަން ބޭނުންވާ ކަމެއް ނޫން. އެކަމަކު ކުރަން ޖެހިއްޖެ ނަމަ، އީރާނުގެ އަތަށް ނިއުކްލިއާ ބޮމެއް އެރިޔަ ނުދޭން އެކަމެއް ކުރާނެ،" އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމަކީ އެ ނޫން ގޮތެއް ނެތިގެން ނޫނީ ކުރާނެ ކަމެއް ނޫންކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވި އެވެ.
މިދިޔަ ބުދަ ދުވަހު ޓްރަމްޕު ވެސް ވަނީ އީރާނަށް ހަމަލާދޭން ޖެހިއްޖެ ނަމަ އެކަން އިޒްރޭލުގެ ވެސް ބައިވެރިވުމާ އެކު ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެއީ އީރާނަށް ނިއުކްލިއާ ހަތިޔާރު ލިބުނަ ނުދޭން ބޭނުންކުރާނެ އިހުތިޔާރެއް ކަމަށް ވިދާޅުވި އެވެ.
"ކުރަން ޖެހިއްޖެ ނަމަ އަސްކަރިއްޔާގެ ބޭނުންކުރާނެ،" އޭނާ ނޫސްވެރިންނަށް ވިދާޅުވި އެވެ. "ޔަގީން، މިފަދަ ކަމެއްގައި އިޒްރޭލުގެ ބައިވެރިވުން ބޮޑުވާނެ. އެކަމުގައި އިސް ދައުރެއް އަދާކުރާނެ."
އެއާ އެކު ޓްރަމްޕު ވަނީ އީރާނުން އެއްބަސްވުމަކަށް އަންނަން ދެކޮޅުހަދާ ނަމަ ހަމަލާދޭނެ ކަމަށް ވިދާޅުވެ މިދިޔަ މަހު ދެއްވި އިންޒާރު ތަކުރާރުކުރައްވައިފަ އެވެ.
ޓްރަމްޕް ވަނީ ވެރިކަމުގެ ފުރަތަމަ ދައުރުގައި 2018 ވަނަ އަހަރު އީރާނާ އެކު ހަދާފައިވާ، ގިނަ ގައުމުތައް ބައިވެރިވާ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިކޮށްފަ އެވެ.
ދިރާސާކުރާ މީހުން ބުނާ ގޮތުގައި އީރާން ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް އީރާނުން ދެން ނަގާނީ "ހަފްތާތަކެއް" ކަމަށް ބެލެވެ އެވެ. އެކަމަކު އީރާނުން އަބަދުވެސް ބުނަމުންދަނީ އެ ގައުމުން ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ މަސައްކަތް ނުކުރާ ކަމަށެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޫހި
14 April 2025
އީރާނަކީ މިނިވަން ދައުލަތެއް. ކަލޭމެންނާ އިޒްރާއީލަށް ލިބިގެންވާ ހުރިހާ ހައްގެއް ލިބިގެންވޭ. އަދި އެމީހުންގެ ނަފްސާއި ގައުމުގެ ދިފާއުގައި އެމީހުންނަށްވެސް ކުރަންޖެހޭކަންކަން ކުރެވޭނެ. އެއީ ހަމައެކަނި އިޒްރާއީލަށް އޮތް ހައްގެއްނޫން. މިހާތަނަށް ވެސް ދުނިޔޭގައި ނިއުކުލިއަރ ހަތިޔާރު ބޭނުންކުރީ އެމެރިކާ. އެހެންވީމާ އެމެރިކާއަކީ ދުނިޔެއަށް އޮތް އެންމެބޮޑު ނުރައްކާ.
ބޮޑުކަމެއް ނުން
14 April 2025
އީރާނުން ވެއްޖެ އެއްނުން ޕާކިސްތާނު ހެދިހެން އެމެރިކާއާއި އެވެރިންގެ އައުވާނުންނަށް ދޮން ކަޅުވެސް އަންގާނުލާ ނިއުކުލިޔާ ބޮން އުފައްދާ އެކަން އިއުލާނު ކުރަން..އޭރުން ނުކެރޭނެ ތިފާޑަށް ބިރު ދައްކަ ދައްކާ ހުންނާކަށް.
މުލޭ
14 April 2025
ކަލޭމެންމަށް ދުނިޔޭގައި ލިބޭ ކޮންމެ ޙައްގެއް ދުނިޔޭގެ އެހެން ކޮންމެ ގަްުމަކަށް ވެސް ލިބިގެންވޭ.
1828
14 April 2025
އެމެރިކާއަށް ނިއުކްލިއާ ބޮން އުފެެއްދުމުގެ ހައްޤު އޮންނަކަމަށްވާނަމަ، ހަމަ އެހައްޤު އީރާނަށްވެސް އޮންނާނެ.