މަޑުލު ވަހީދު 2019 ވަނަ އަހަރު އެންޓި ކޮރަޕްޝަން ކޮމިޝަނުން ދިވެހި ބަހުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: އޭސީސީ
14 އެޕްރީލް 2025 - 08:48
ކުޅަދާނަ ލިޔުންތެރިޔާ، ވަކިން ހާއްސަކޮށް ވާހަކަ ލިޔުމުގެ ރޮނގުން ދިވެހިންގެ މަގުބޫލުކަން ވަރަށް ބޮޑަށް ހޯއްދަވާފައިވާ މަޑުލު މުހައްމަދު ވަހީދު، އުމުރުން 77 އަހަރުގައި މިއަދު އަވަހާރަވެއްޖެ އެވެ.
ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން 2019 ވަނަ އަހަރު ޝަރަފްވެރިކަމުގެ ގައުމީ އިނާމު ހާސިލު ކުރައްވާފައިވާ މަޑުލު ވަހީދު އަވަހާރަވީ ސިއްހީ ހާލަތު ދެރަވެ، ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން އަންނަތާ ދުވަސްތަކެއްވީ ފަހުންނެވެ.
އޭނާ އަވަހާރަވި ދުވަސް އިއްތިފާގުން ދިމާވީ ވެސް ދިވެހި ބަހުގެ ދުވަހާ އެވެ.
މަޑުލު ވަހީދަކީ، ސަރުކާރަށް ވެސް ވަރަށް ދިގު މުއްދަތެއްގައި ހިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އަކީ ނޫސްވެރިކަމުގެ ރޮނގުގައި ވެސް ފާހަގަކޮށްލެވޭ ފަދަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ދިވެހި ބަހުގެ ދާއިރާ އިން ވަރަށް ގިނަ ބަޔަކަށް އޭނާ ވަނީ ކިޔަވައިދެއްވައި، ތަމްރީނު ވެސް ދެއްވައިފަ އެވެ.
ލިޔުންތެރިކަމުގެ ތެރެއަށް މަޑުލު ވަހީދު ވެންނެވީ ސްކޫލް ދައުރުގަ އެވެ. އޭރު އޭނާ އަކީ "ހޯރަފުށީ ވަހީދު" އެވެ. އޭގެ ފަހުން ރަސްމީކޮށް މި މަސައްކަތުގެ ތެރެއަށް ވެންނެވީ 1970 ގެ އަހަރުތަކުގައި ބޭރު ޚަބަރު ތަރުޖަމާކުރެއްވުމުގެ ތެރެއިންނެވެ. އޭނާ އޭރު އެ މަސައްކަތްކުރެއްވީ ބޭރުގެ ރޭޑިއޯ އިން ފޮނުވާ ޚަބަރު އަޑުއައްސަވައިގެންނެވެ. އެގޮތުން އޭނާ ވަނީ އޭރުގެ މަޝްހޫރު ނޫސް "މޫންލައިޓް" އަށް އެ މަސައްކަތް ކޮށްދެއްވައިފަ އެވެ.
"އޭރު މަސައްކަތް ކުރައްވަމުން ގެންދެވީ ޝޯޓްހޭންޑް ބޭނުންފުޅުކުރައްވައިގެނެއް ވެސް ނޫނެވެ. މުހިންމު ޕޮއިންޓްތައް ނޯޓް ކުރައްވައިގެންނެވެ. ބޭރު ހަބަރުގައި ކީ އެއްޗެއްގެ ހަނދާން ނުނެތެނީސް، އެ ޚަބަރެއް އަވަހަށް ލިޔުއްވައިލައްވައިގެންނެވެ،" ގައުމީ އިނާމު ފޮތުގައިވެ އެވެ.
ވަރަށް ގިނަ އެހެން ނޫސްތަކަށް ވެސް ލިޔުއްވި މަޑުލު ވަހީދަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ވަނީ ނޫސްވެރިކަމުގެ އަލިމަސްގަލަން އަރުވައިފަ އެވެ.
އެކަމަކު އޭނާގެ އެންމެ ހާއްސަ ފަންނަކީ ކުރު ވާހަކަ ލިޔުއްވުމެވެ. މަޑުލު ވަހީދުގެ ކުރު ވާހަކަތައް ވަނީ އެއްކުރައްވައި ނެރުއްވައިފަ އެވެ. އޭނާގެ ގިނަ ވާހަކަތަކަކީ، މުޖުތަމައުއާ ގުޅޭ، ހަގީގަތާ ވީހާ ވެސް އެއްގޮތް ވާހަކަތަކެކެވެ. އޭގެ ތެރޭގައި "ސަކީނާގެ ހިތްދަތިކަން" ފާހަގަކުރެވެ އެވެ.
މަޑުލު ވަހީދު ވަނީ ވަރަށް ގިނަ މަޒުމޫނު ވެސް ލިޔުއްވައިފަ އެވެ. ތަފާތު ދާއިރާތަކުން އިލްމީ ފޮތްތައް ވެސް ލިޔުއްވި އެވެ. ދިވެހި ރައްޔިތުންގެ އިޖުތިމާއީ ހޭލުންތެރިކަން އިތުރުކުރަން ޔުނެސްކޯގެ އެހީގައި ދިވެހި ރާއްޖޭގެ އަޑުން ކުރިއަށް ގެންދިޔަ "ރޭޑިއޯ ހަވީރު" ލިޔެ އުފެއްދުމުގައި ވެސް މުހިއްމު ހިއްސާއެއް އަދާކުރައްވާފައިވެ އެވެ. އަދި ޓީވީ މޯލްޑިވްސް އިން އާއްމުން ހޭލުންތެރިކުރުވުމަށް ފޮނުއްވި ސިލްސިލާ ޕްރޮގްރާމް "ކައްތިރި" ލިޔުއްވުމުގައި ވެސް މަޑުލު ވަހީދު ބައިވެރިވެވަޑައިގެންނެވި އެވެ.
މަޑުލު ވަހީދަކީ ރާއްޖޭގެ ބައެއް ސްކޫލްތަކުގައި ވެސް ކިޔަވައިދެއްވި މުދައްރިސެކެވެ. ރައީސް އޮފީހުން 1980ގެ އަހަރުތަކުގެ ތެރޭގައި ސަރުކާރުގެ މުވައްޒަފުންނަށް ހިންގި ވަޒީފާގެ ތަމްރީނު ކޯސްތަކުގައި ވެސް އޭނާ ކިޔަވައި ދެއްވި އެވެ.
މަޑުލު ވަހީދު ސަރުކާރަށް ހިދުމަތް ކުރައްވަން ފެއްޓެވީ ޑިސެމްބަރު 17، 1966 ގަ އެވެ. އޭނާގެ ސަރުކާރުގެ ހިދުމަތުގައި 35 އަހަރަށް ވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފައިވެ އެވެ. ފުރުއްވާފައިވާ މަގާމުތަކުގައި ތެރޭގައި، ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގެ ޑިރެކްޓަ ޖެނެރަލް ކަމާއި ނުރަސްމީ ތައުލީމުދޭ ބައިގެ މުދައްރިސް ކަމުގެ މަގާމާއި ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުގެ ޑިރެކްޓަރު ކަމުގެ މަގާމާއި ހާއްސަ މުޝީރު ކަމުގެ މަގާމު ހިމެނެ އެވެ. މީގެ އިތުރުން މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެންބީސީ) ގެ ޗެއާމަންކަން ވެސް ކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހައްމަދޫ
14 April 2025
އާމީން
ހާސަރު
14 April 2025
إنالله وإنا إليه راجعون.
آمنة
14 April 2025
إنالله وإنا إليه راجعون.
ާއިއްތުފާގު
14 April 2025
މިއަދަކީ މި އަހަރުގެ ދިވެހިބަހުގެ ދުވަހެވެ. ދިވެހިބަހުގެ ދުވަހުގައި އަވަހާރަ އެވީ ދިވެހިބަހުގެ ވަރުގަދަ ބަތެލެކެވެ. މައްޔިތާއަށް ފާފަފުއްސަވާ ހެޔޮރަޙްމަތް ލައްވާށިއެވެ. އާމީން
ވަރަށް ހައްގު ބަހެއް
14 April 2025
އާމީން.
އަޅުގަނޑު،
14 April 2025
އިންނާލިއްލާހި ވައިންނާ އިލައިހި ރާޖިޢޫން. މާތްﷲ މައްޔިތާގެ ފާފަ ފުއްސަވާ ހެޔޮ ރަހްމަތް ލައްވާށި. އާމީން