ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް: ޑީއާރްޕީގެ ދަރަންޏާ ގުޅިގެން އެމްޓީސީސީން މައުމޫންއާ ދެކޮޅަށް ކުރާ ދައުވާ ވަނީ އަނބުރާ ގެންގޮސްފައި
16 އެޕްރީލް 2025 - 10:46
ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ދަރަންޏަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޒިންމާ ކުރުވަން އެމްޓީސީސީން އެމަނިކުފާނާ ދެކޮޅަށް ކުރި ދައުވާގެ މައްސަލަ އެ ކުންފުނިން އަނބުރާ ގެންގޮސްފި އެވެ.
ޑީއާރުޕީން 2007 ވަނަ އަހަރު ހޯދި ހިދުމަތްތަކަށް އެމްޓީސީސީއަށް ދައްކަންޖެހޭ 1.1 މިލިއަން ރުފިޔާ އެ ޕާޓީން ނުދައްކާ އޮއްވާ އެ ޕާޓީ އުވާލުމުން އެމްޓީސީސީން ދައުވާކުރީ ޕާޓީގެ އޭރުގެ ރައީސްގެ ހައިސިއްޔަތުން މައުމޫން އެ ދަރަންޏަށް ޒިންމާ ކުރުވުމަށެވެ.
ނަމަވެސް ސިވިލް ކޯޓުން ކުރިން ނިންމާފައި އޮތީ މައުމޫން ޒިންމާ ނުކުރުވޭނެ ކަމަށެވެ. އެމްޓީސީސީން ސިވިލް ކޯޓުގެ އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފުކުރި ނަމަވެސް، މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި އެ ކުންފުނިން އެ މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުންނުވާ ކަަމަށް ބުނެ ކޯޓަށް ވަނީ އަންގައިފަ އެވެ.
އެހެންވެ، ހައި ކޯޓުން އިއްޔެ ވަނީ އެ މައްސަލަ ބާތިލްކޮށްފަ އެވެ.
އެމްޓީސީސީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މައުމޫނާ ދެކޮޅަށް ހައި ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެންދަން އެ ކުންފުނިން ނިންމީ ދަށު ކޯޓުގެ ހުކުމް ރަނގަޅު ކަމަށް އެ ކުންފުނީގެ ވަކީލުންނާއި ކުންފުންޏަށް ގާނޫނީ ލަފާދޭ އެހެން ވަކީލުންނަށް ވެސް ގަބޫލު ކުރެވިގެންނެވެ.
މިފަދަ މައްސަލަތަކުގައި ޒިންމާ ކުރުވަން ޖެހޭ ގޮތްތައް ރިވިއުކޮށް އެމްޓީސީސީން ދެން އަމަލު ކުރަން ޖެހޭނެ ގޮތެއް ކަނޑައަޅަން ޖެހޭނީ އިލެކްޝަން ކޮމިޝަނުން ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޓީސީސީން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން މައުމޫންގެ ފަރާތުން އިޖްރާއީ ނުކުތާއެއް ނުކުތާއެެއް ނަގައި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިދޭން ހައި ކޯޓުގައި އެދުނެވެ. ނަމަވެސް ހައި ކޯޓުން އޭރު ނިންމީ އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ.
އެހެންވެ، ހައި ކޯޓުގެ އެ ނިންމުން އިސްތިއުނާފް ކުރަން ސުޕްރީމް ކޯޓަށް މައުމޫންގެ ފަރާތުން ހުށަހެޅި އެވެ. އެ މައްސަލައިގެ ޝަރީއަތް ފަށަން މިދިޔަ ޖެނުއަރީ މަހު ތާވަލުކުރި ނަމަވެސް، އެމްޓީސީސީން އެދިގެން އެ އަޑުއެހުން ކެންސަލްކުރި އެވެ. ނަމަވެސް ހައި ކޯޓުގައި އޮތް މައްސަލަ އެމްޓީސީސީން އަނބުރާ ގެންދިއުމާ އެކު، ސުޕްރީމް ކޯޓުގައި އޮތް މައްސަލާގެ ޝަރީއަތް ވެސް ދެން އިތުރަށް ކުރިއަށް ގެންދަން ނުޖެހޭނެ އެވެ.
ހައި ކޯޓު: ޑީއާރްޕީގެ ދަރަންޏާ ގުޅިގެން އެމްޓީސީސީން މައުމޫންއާ ދެކޮޅަށް ކުރާ ދައުވާ ވަނީ އަނބުރާ ގެންގޮސްފައި
ދަރަނީގެ ފައިސާ ދެއްކުމަށް މައުމޫންގެ ފަރާތުން އިންކާރުކޮށް، ކޯޓުގައި ބުނެފައިވަނީ ޑީއާރްޕީގެ މައްޗަށް ހުކުމެއް އައީ ސިޔާސީ ޕާޓީތަކުގެ ގާނޫނު ވުޖޫދުވުމުގެ ކުރިން ހިނގި މުއާމަލާތަކާ ގުޅިގެން ކަމަށާއި އެހެންވެ އެ ގާނޫނުގެ ދަށުން ލާޒިމްކުރި ކަމެއް، ކުރިން ހިނގި މުއާމަލާތެއްގެ މައްޗަށް ނުހިންގޭނެ ކަމަށެވެ.
މީގެ އިތުރުން ދަރަނި އުފެދުނުއިރު ޕާޓީގެ އެންމެ އިސް ފަރާތަކީ މައުމޫން ނޫން ކަމަށް ވެސް އެ މަނިކުފާނުގެ ފަރާތުން ކޯޓުގައި ބުނެފައިވެ އެވެ. އަދި އެ މުއްދަތުގައި މައުމޫނަކީ ޕާޓީގެ އިސް ފަރާތް ނޫންކަން އިލެކްޝަން ކޮމިޝަންގެ ލިޔުންތަކުން އެނގޭ ކަމަށް ވެސް ބުނެފައިވެ އެވެ.
މައުމޫންގެ ފަރާތުން ބުނެފައިވަނީ ޑީއާރުޕީ އުވާލަން ނިންމައި، އެކަން އިއުލާނުކޮށް ހުރިހާ ކަމެއް ކުރިއިރު ވެސް، އެމްޓީސީސީން ދަރަނީގެ ކަންކަމާ އަޅާނުލައި ތިބުމުން ދެން ދިމާވި ކަންކަމަށް އެ ކުންފުނިން އަމިއްލައަށް ޒިންމާވާން ޖެހޭނެ ކަމަށެވެ.
ސިވިލް ކޯޓުން ނިންމީ ދަރަނި ސާބިތުވުމަށްފަހު އެ ހުކުމް ތަންފީޒުކުރަން ހުށަހެޅުމުން، އަސްލު މައްސަލައިގެ ތެރޭގައި ނުހިމެނޭ ފަރާތަކަށް ދަރަނީގެ ޒިންމާ ބަދަލު ކުރުމަކީ ހުކުމް ތަންފީޒު ކުރުމުގައި ހުއްދަ ކަމެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ. އަދި ތިން ވަނަ ފަރާތެއް ދަރަންޏަށް ޒިންމާ ކުރެވޭނީ އެ ފަރާތެއް އެއްގޮތަށް ރުހިގެން ކަމަށާއި އެކަމަކު އެ މައްސަލާގައި މައުމޫންގެ ފަރާތުން އެކަމަށް އިންކާރު ކޮށްފައިވާތީ އެ މަނިކުފާނު ދަރަންޏަށް ޒިންމާ ނުކުރެވޭނެ ކަމަށް ސިވިލް ކޯޓުގެ ގާޒީ ރިޒްމީނާ އިދުރީސް ކުރައްވާފައިވާ އެ ހުކުމުގައިވެ އެވެ.
ކުރިން އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް ޑީއާރުޕީގެ އެތެރޭގެ ހިޔާލު ތަފާތުވުންތަކާ ހެދި މައުމޫން އެ ޕާޓީން ވަކިވެ ވަޑައިގެން، 2011 ވަނަ އަހަރު ޕީޕީއެމް އުފެއްދެވި އެވެ. އަދި 2016 ވަނަ އަހަރު ޕީޕީއެމްއިން އެމަނިކުފާނު ވަކި ކުރުމުން އެމްއާރުއެމްގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވި އެވެ. އޭގެފަހުން ޑީއާރުޕީ އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމީ 3،000 މެމްބަރުން ހަމަ ނުވާތީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޭކް ޕީއެޗްޑީ ބަކުރުބެ
16 April 2025
ދައުލަތުގެ ކުންފުންޏަކަށް ދަރަނި އަނބުރާ ނުގެންދެވޭނެ. އެކަން ކުރެވޭނީ ކުންފުނީގެ އާންމު ހިއްސާދާރުންނާއި ރައްޔިތުން އެ ގޮތަށް ބޭނުންވީމައެވެ
އަހޫލް
16 April 2025
ތީއެހެން އޮންނަކަމެއްނޫން..ދެން އަންނަ ސަރުކާރަކުން ނުރުހިއްޖެނަމަ އަލުން ބަލަންފަށާނެ..ޕީޖީގަ ހުރި ސިޔާސީ މީހުންގެ މައަސަލަތައްވެސް އޮންނަނީ އެހެން..އެއިރަކު އޮންނަ ސަރުކާރަކަށް ސަނާ ނުކިޔާނަމަ މައްސަލަ ބަލަންފަށާ 5އަހަރުގެ ދައުރުނިންމާލާނީ މައްސަލަ ބެލުމުގަ.
އެހެންދީ
16 April 2025
އާދައިގެ މީހެއްނަމަ ދުވަސް ދިޔައީ
ބަޑިތަކުރު
16 April 2025
ޕާޓީ އުވާލާއިރު ކިތަންމެ ބޮޑު ޢަދަދެއްގެ ދަރަންޏެއް އޮތަސް އެއިން ލޯލާރިއެއްވެސް ހޯދޭނެގޮތެއް ނޯންނަކަމަށްވާނަމަ ވީހާ އަވަހަކަށް އެއްވެސް ޕާޓީއަކަށް ދައުލަތުގެ އިދާރާތަކުންނާއި ދައުލަތް ހިއްސާވާ ކުންފުނިތަކުން ދަރަންޏަށް އެއްވެސް ޚިދްމަތެއް ނުދެވޭގޮތަށް ޤާނޫނުތަކާއި ގަވާއިދުތައް ބައްޓަން ކުރަންވީއެވެ. އެހެންނޫނީ ބެލެވޭނީ މިއީ ރާވައިގެން ހިންގާ ޖަރީމާއެއް ކަމުގައެވެ.
އަޅި އަލި
16 April 2025
ބޮޑުންނަށް މޮޅުގޮތް، ނިކަމެތިންގެ ބޮލަށް ކުލަ ފާޓާ! ތީމުގެއިން ގަހުން ވެއްޓީފައޮތް 2 އަނބު ހޮވި ސޮރަށް 6 މަސް!
އިފުރީތު
16 April 2025
ބަރާ ބަރު! އެކަތި ވެސް ނުދީ ސަލާމަތް ވެވުނުކަން