އެމްޓީސީސީގެ އޭރުގެ ސީއީއޯ ހަސަން ޝާހް 'މިހާރު'އަށް ދެއްވި އިންޓަވިއުއެއްގައި: އެމްޓީސީސީގެ ހައުސިން ޕްރޮޖެކްޓުގެ ކޮރަޕްޝަންގެ މައްސަލާގައި ދައުވާކުރަން ޕީޖީއަށް ފޮނުވި މީހުންގެ ތެރޭގައި ޝާހް ވެސް ހިމެނޭ. --ފައިލް ފޮޓޯ: މިހާރު
16 އެޕްރީލް 2025 - 20:07
އެމްޓީސީސީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހަމަޖައްސައިދިނުމަށް ހުޅުމާލޭގައި ދެ ޓަވަރު އަޅަން ބަޔަކާ ހަވާލުކުރުމުގައި އެ ކުންފުނީގެ އޭރުގެ ސީއީއޯ ހަސަން ޝާހް އާ އެކު ކުރީގެ އިސް ވެރިން ހިންގި ކަމަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލާގައި އެ މީހުންނަށް ދައުވާކޮށްދިނުމަށް އޭސީސީން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި އިއްޔެ އެދިއްޖެ އެވެ.
އޭސީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެމްޓީސީސީން އެ ކުންފުނީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ ދެ ޓަވަރު އެޅުމުގެ ޕްރޮޖެކްޓާ ގުޅިގެން، އެ މަސައްކަތް ހަވާލުކުރި ކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލާގައި ދައުވާކޮށްދިނުމަށް އެ މައްސަލަ އިއްޔެ ޕީޖީއަށް ފޮނުވާފައިވާ ކަމަށެވެ.
މި މައްސަލާގައި ދައުވާކޮށްދިނުމަށް އެދި އޭސީސީން ޕީޖީއަށް ފޮނުވާފައި ވަނީ އެމްޓީސީސީގެ ސީއީއޯގެ މަގާމުގައި އޭރު ހުންނެވި ޝާހް އާއި ޖެނެރަލް މެނޭޖަރަކަށް އަދި ޓެންޑާ އިވެލުއޭޝަން ކޮމިޓީގެ މެންބަރަކަށް އޭރު ހުންނެވި މާލެ، ހ. ފެއަރީޕެލަސް، ޝިފާއު އަލީ އާއި ޓެންޑާ އިވެލުއޭޝަން ކޮމިޓީގެ މެންބަރުންގެ ގޮތުގައި އޭރު ތިއްބެވި ށ. ކޮމަންޑޫ، ޕާކީޒާ، ހުސައިން ޒުހުރީ އާއި މާލެ، މ. ޕޮމްޕިޔާ، މުހައްމަދު ނާޒިމް އަދި މާލެ، ގ. ނިލަ، އިސްމާއީލް އަދުހަމްގެ މައްޗަށެވެ.
އޭސީސީން ތަހުގީގުކުރީ ކުރީގެ ރައީސް އަބްދުﷲ ޔަމީންގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން 2017 ވަނަ އަހަރު އެމްޓީސީސީން އެ ކުންފުނީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ގޮތުން ހުޅުމާލެ ފޭސް 2 ގައި 15 ފުލޯގެ ދެ ޓަވަރު އަޅައިދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނާ ގުޅިގެން، ބިޑު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ބޭރުގެ ކުންފުންޏަކަށް އިވެލުއޭޝަން ކްރައިޓީރިއާއާ ހިލާފަށް ޕޮއިންޓް ދީ، އެ ޕްރޮޖެކްޓް އެ ކުންފުންޏާ ހަވާލުކުރި ކަމަށް ތުހުމަތުކުރާ މައްސަލަ އެވެ.
އެ ކުންފުނިން އެއްބަސްވުން ބާތިލުކުރަން ޖެހޭ ފަދަ ހިލާފުތައް ވެފައިވީ ނަމަވެސް، އެއްބަސްވުން ބާތިލުކުރުމުގެ ބަދަލުގައި އެ ކުންފުންޏަށް "އެޑްވާންސް ޕޭމެންޓާއި" "ޕްރޮގްރެސިވް ޕޭމެންޓު"ތައް ދޫކޮށްފައިވާ ކަމަށް އޭސީސީން ބުންޏެވެ.
އޭސީސީން ބުނީ އެ އެއްބަސްވުމުގެ ދަށުން ކުރަން ޖެހޭ މަސައްކަތްތަކެއް ވަކި މަސައްކަތްތަކެއްގެ ގޮތުގައި ހަވާލުކުރުމަށް މަސައްކަތްކޮށް، މަސައްކަތް ހަވާލުކުރި ކުންފުނިން އެއްބަސްވުމާ އެއްގޮތަށް މަސައްކަތްކޮށްފައި ނުވާއިރު ވެސް އެ އެއްބަސްވުން ބާތިލުކޮށްފައިނުވާ ކަމަށެވެ. މި އަމަލުތަކުގެ ސަބަބުން އެމްޓީސީސީއަށް މާލީ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އޭސީސީން ބުންޏެވެ.
މި މައްސަލާގައި ދައުވާކޮށްދިނުމަށް އެދި އޭސީސީން ހުށަހަޅާފައި ވަނީ ގާނޫނުލްއުގޫބާތުގެ ދަށުން، ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާ އާއި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގައި ބަޔާންކުރާ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާކޮށްދިނުމަށެވެ.
އޭސީސީން ބުނީ މި މައްސަލާގައި ތުހުމަތުވާ ޝިފާއު އަލީގެ މައްޗަށް އިތުރު ދައުވާއެއްގެ ގޮތުގައި ގާނޫނުލްއުގޫބާތުގެ 80 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއް ކުރަން އުޅުމުގެ ކުށުގެ ދައުވާ ވެސް ހިމެނޭ ކަމަށެވެ.
މި މައްސަލާގައި، އެމްޓީސީސީއަށް މާލީ ގެއްލުމުގެ ގޮތުގައި ލިބިފައިވާ 39,241,855.78ރ. ގެ ގެއްލުމުގެ އިތުރުން ލިބިފައިވާ އިތުރު މާލީ ގެއްލުންތައް ހިސާބުކޮށް، އެ ފައިސާ އަނބުރާ ހޯދުމަށް އެ ކޮމިޝަނުން އެމްޓީސީސީއަށް އަންގާފައި ވާނެ ކަމަށް ވެސް އޭސީސީން ބުންޏެވެ.
އެމްޓީސީސީން 439 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހުޅުމާލޭގައި ދެ ޓަވަރު އަޅަން އާރުއައި އިންޖީނިއަރިން ވޯކްސް ޕްރައިވެޑް ލިމިޑެޓާ އެކު އެއްބަސްވުމެއް ހެދީ 2017 ވަނަ އަހަރު އެވެ.
އެ އެއްބަސްވުން 2021 ވަނަ އަހަރު ވަނީ ބާތިލުކޮށްފަ އެވެ. އެ އެއްބަސްވުން ބާތިލްވުމާ ހަމައަށް ނިންމިފައި ވަނީ ހަވާލުކުރި މަސައްކަތުގެ ތެރެއިން ދެ ޓަވަރުގެ ފައުންޑޭޝަންގެ މަސައްކަތް އެކަންޏެވެ. އެއީ މުޅި މަސައްކަތުގެ 7.15 ޕަސެންޓެވެ. އޭގެފަހުން އެ މަސައްކަތް އަދިވެސް އޮތީ ހުއްޓިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސެ ްބެ
18 April 2025
ހުޅުމާލެ ގޯތި ތައް ދިން މައްސަލަ ބަލަނީ ކޮންއިރަކުން؟
ގުތިޔާ
17 April 2025
ސާބަހޭ އޭސީސީ
ހަމަދު ސަލީމް
17 April 2025
މިހެން ވާންޖެހޭނެ. އޭރަށް އެހެން ބަޔަކަށްވެސް މިކަމުން އިބުރަތް ނަގައިގެން ދެން ވައްކަން ކުރާކަށް ނުކެރޭނެ.
މުހައްމަދު މުބާހް
17 April 2025
ވަގުން ހިފާ ހައްޔަރު ކުރަން ޖެހޭ.
ގައުމުގެ ދަރި
17 April 2025
އޭސީސީ ހޭލައިފި. ސާބަހޭ ދަރިންނޭ. ތިކުރާ ހިތްވަރަށް ސާބަސް. ހުރިހާ ވަގުން ހިފާތި.
ދުނިކޮޅު
17 April 2025
ސުކުރިއްޔާ އޭސީސީ
ގެގުރި
17 April 2025
39 މިލިޔަން ކަޓުވާލި ބަޔަކު މިނިވަންކަމާއެކު ރަށުތެރޭގައި. 5 ލައްކަ ގެއިން ފެނިގެން ޝައްމާނު ފަކީރު ޖަލުގަ..
ދަމަނަ
17 April 2025
ކޮބާތޯ ވެލް އެންޑް އޭބަލް ކިޔާކުންފުނިން ވިލިގިލި ފެރީޓާރމިނަލް އަޅަން އެޑްވާންސް އަށްނެގި 28 މިލިައަން ރުފިޔާ. އެމްޓީސީސީ އިން ނޭގޭ ކަމަކައް ހަދަިގެން ތިޔަތިބީ.
ހަންކެޑަ
17 April 2025
ތި ޕޮރޮޖެކްޓް ފެށި އިރު ހުރީ ޒިޔަތު ކިޔާ މީހެއް ކޮބާ އޭނަ ޝާހް ތީ ޕްރޮޖެކްޓް ހުއްޓިފަވަނިކޮއް ފަށަންވެގެން މަސައްކަތް ކުރިމީހާ، ސާބަސް އޭ ސީ ސީ އަށް.
ހުސްނުބާނޫ
17 April 2025
މަތީގެ އެކައްޗަކަށްވެސް ވޯޓެއްނުދޭނަން. މުއިއްޒު ވެއްޖެއްޔާ ގަޅިޖެހޭ މީހުނަށް އަދަބެއް އެބަދޭވިއްޔާ. ހުއްޓުވަން ކޮންމެވެސް ކަމެއް އެބަކުރޭ. މީގެކުރިން ވެރިކަންކުރި އެކަކުވެސް އެވަރުވެސް ކޮށްލަނުދޭ. އަބަދުވެސް ރައްޔިތުންނައްޓަކައޭ ކިޔާފަ ހޭރެއަޑު އިވެނީ.