ޖާހު ފްލެޓްތައް: ޖާހުގެ އެއްބަސްވުން އެޗްޑީސީން އުވާލި މައްސަލަ ވަނީ ކޯޓަށް ހުށަހަޅާފައި --- ފޮޓޯ/މިހާރު
17 އެޕްރީލް 2025 - 15:21
ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ހަދަމުން އަންނަ ފްލެޓުތައް 45 ދުވަހުގެ ތެރޭގައި ނިންމުމަށް ދިން މުއްދަތު ހަަމަވިއިރު ވެސް މަސައްކަތް ނުނިންމާތީ، އެ ކުންފުންޏާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އެކު ވެފައިވާ އެއްބަސްވުން ބާތިލްކުރި މައްސަލަ ކޯޓަށް ހުށަހަޅައިފި އެވެ.
އެޗްޑީސީން އެއްބަސްވުން ބާތިލްކޮށްފައިވަނީ ގޯސްކޮށް ކަމަށް ބުނެ ޖާހު އިންވެސްޓްމަންޓުން މައްސަލަ ހުށަހަޅާފައިވަނީ ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޝަނަށެވެ. ޖާހުގެ ފަރާތުން އެ މައްސަލަ ކޯޓަށް ހުށަހެޅީ އެޗްޑީސީން މިދިޔަ އަންގާރަ ދުވަހު ބިމާ ހަވާލުވާން ތައްޔާރުވެފައި ވަނިކޮށް، އޭގެ ދެ ދުވަސް ކުރިންނެވެ.
ޖާހުގެ ފަރާތުން ވަނީ އެޗްޑީސީން ބިމާ ހަވާލުވުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދިފަ އެވެ. އަދި މައްސަލައިގެ ތެރެއަށް އެޗްޑީސީ ވަދެ، ކޯޓުން ވަގުތީ އަމުރު ނެރެދޭންޖެހޭނެ ހާލަތެއް ނެތްކަމަށް އެ ކުންފުނިން ކޯޓުގައި ވަކާލާތުކޮށްފައިވެ އެވެ.
ސިވިލް ކޯޓު ހުޅުމާލެ ޑިވިޝަނުން އަންގާފައިވަނީ ވަގުތީ އަމުރު ނެރެދިނުމާއި މެދުގައި އެންމެ ލަސްވެގެން އަންނަ އާދީއްތަ ދުވަހުގައި ގޮތެއް ނިންމާނެ ކަމަށެވެ.
"ދަ ގާޑަން" ގެ ނަމުގައި 2017 ވަނަ އަހަރުން ފެށިގެން ހަދަމުން އަންނަ އެޕާޓްމަންޓުތައް ނިންމަން ޖާހު ކުންފުންޏަށް އެކި ފަހަރު މަތިން މުއްދަތު އިތުރުކޮށް ދިނުމަށްފަހު އެންމެ ފަހުގެ ފުރުސަތު ދިނީ މި އަހަރުގެ ޖެނުއަރީ 27 ވަނަ ދުވަހު އެވެ.
އެކަމަކު އެޗްޑީސީން ބުނެފައިވަނީ އެ ކުންފުނިން ޖާހު އަށް ދިން "ގާނޫނީ ނޯޓިސް" ގެ މުއްދަތު ކަމަށްވާ 45 ދުވަހުގެ ތެރޭގައި އެޕާޓުމަންޓްގެ މަސައްކަތް ނިންމާފައި ނުވާ ކަމަށެވެ. އެހެންވެ، އެއްބަސްވުން ބާތިލްކޮށް، އެ ތަން ހަވާލުކުރަން އެންގީ ކަމަށެވެ.
އެޗްޑީސީން އޮކްޓޯބަރު، 2023 ގައި ބުނެފައިވަނީ ޖާހު ކުންފުނީގެ ފްލެޓްތަކުގެ 10 ވަނަ ފްލޯއިން ތިރީގެ ހުރިހާ ފްލޯތަކުގެ ފިނިޝިން މަސައްކަތް ފަށާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ޕްލާސްޓަރިން އާއި ޕުޓީގެ މަސައްކަތާއި މުށި އަދި ސީލިންގުގެ މަސައްކަތްތަކެވެ. އަދި އެ އިމާރާތުގައި ނުނިމި ހުރިހާ މަސައްކަތްތަކެއް ވެސް ހަ މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެޗްޑީސީން އޭރު ބުނެފައިވެ އެވެ.
އޭރު ހަދަމުންދިޔަ 83 އެޕާޓްމަންޓްގެ ފްލެޓްތައް 30 ދުވަހުގެ ތެރޭގައި ނިންމައި، އެޗްޑީސީ އަށް ބިމުގެ އަގު ދައްކަން 30 ދުވަހުގެ ނޯޓިސް ވެސް އޭރު ދިނެވެ. އެކަމަކު މުއްދަތު ހަމަވިއިރު ފައިސާ ދައްކާފައި ނުވާއިރު، އެ މަސައްކަތް ވެސް ނިމިފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެޔޮގޮތްލެއް
18 April 2025
މިހެންވެދާނެތީ އަހަރެމެން ކޮމެންޓް ކުރަނީ އެގްރިމެންޓެއް އުވާލާނަމަ އެބާރުނލިބިފައިވާ މާއްދާއަށރިޢާޔަތްކޮށް މައްސަލަ ކޯޓް މެދުބެރިކޮށް އެގްރިމެންޓް އުވާލާށޭ. އެކަމަކު މިހެން ބުނާއިރުވެސް އެނގޭ ކޯޓަތަކަކީ އެމީހުން ބޭނުން ވެއްޖެ ހިނދެއްގައި މައްސަލަ ތާށިކޮށްލާ ހަދިޔާ ނަގާ ތަނެއްކަން.
ނަން…
18 April 2025
އާހިރު ނިމޭނީ އެސްޖޭގޭ ސަރުކާރުގެ ކޮންޓްރެކްޓް ތަކަށް ވާގޮށް ކަމަށް ލަފާކުރަން ތިތަން ނުނިމޭ ކަމަށް ދެން ނިންމާ އެޗްޑީސީގެ އުންޒުރެއް ދައްކާފަ އެޗްޑިސީ އޭކިޔާފަ. ދެން އެޗްޑީސީން ބޮޑު އަގެއް ދައްކަން ހުކުމް ކުރޭ. ގާޒީ މުއްސަންދި ވާނެ. އެސްޖޭއިން ވަރަށް ޒަމާނުން ކުޅޭ ކުޅިއެއް މިއީ
ބަބްސް
18 April 2025
ހުދު ގަމީހޭ ކިޔައިގެން މީހަކާ ދިމާކުރާއިރު، އެބޭފުޅާ އަކީ ޖާހު ކުންފުންޏާއި އެއްވެސް ގުޅުމެއްހުރި މީހެއް ނޫންކަން އެނގޭބާ.
ވަގުފަރު
18 April 2025
ހޫން ތިޔައީ ދަންނަ މަކަކަރެއް… ޕޭޕަރ ކުންފުނި ހަދާ އޭގެ ނިވާގަ ތިބެ ޖަރީމާ ހިންގުން.. ޖާހަކީ ހަމަ ޖައުފަރުގެ ބާރު ހިނގާ އޭނާގެ ދަރި ޖަހުދާނު މެދުވެރިކޮށް ހިންގާތަނެއް.. އެތަން ވިއްކުމަށާއި ޕުރަމޯޓުކޮށް މާކެޓުކުރުމުގަވެސް އުޅުނީ ޖައުފަރު.. އެއީވެސް ހަމަ ހުދު ގަމީހެއް… ތިޔަ ހެން މޮޅި ވާހަކަދެއްވިޔަސް އަހަރެމެންނަކަށް ނޯޅޭނެ
ގުޅުމެއް ނެތް ތަނެއްގަ
18 April 2025
ގުޅުމެއް ނެތް ތަނެއްގެ ބޯޑުގަ އިންނަނީ ކީއްކުރަން؟ ހުދު ގަމީސް. ހުދު ގަމީސް.
އަލީ ޙަލީލް
18 April 2025
ޖާހު އަކީ ވަރައް ހިތްހެޔޮ އެންމެންނައް ވ ރަގަޅު ބޭފޮޅެއް. ދީންވެރި ބޭފުޅެއް. އެއްގޮތަކައްވެސް އެބޭފުޅާއައް ދެރަކޮން ކަންކަން ކޮއްގެން ނުވާނެ! މާޝާﷲ އިރާދަ ކުރެއްވިއްޔާ، ކޯޓުން މިކަން ހުއްޓުވައި ހޑސ ގެ ހިޔާނާތާ ކޮރަޕްޝަންގެ މަޅީގައި ޖާހު އާއި އެބޭފުޅާގެ އާއިލާ ނުޖެހޭނެ!
ދަމްސާމް
17 April 2025
ޖާހު ގެ އަތެއް ސަރުކާރުތެރޭ ވެސް އެބަ އުޅޭ. ބަލަން ތިބޭތި. ކުރިމަތިވަމުން މިއަންނަނީ އިންތިޚާބެއް. އެ ވަގުތުތަކުގަ ރަނގަޅަށް ފާހަގަ ޖަހައިގެން ބަދަލުކުރެވޭނީ. މި ޕަވަރު ދުއްވާލެވޭނީ.
ހަސަނާތުދަރި
18 April 2025
އެހެންތަ؟ މި ދިޔަ ސަރުކާރުން އެގްރީމެންޓް ބާތިލް ކުރުމުގެ ކަމެއް ވެސް ނުހިނގާ. މި އީ 5 އަހަރު ތެރޭގައި ކަމެއް ނުކުރެވުނު ވާހަކަ މި ބުނަނީ. 2019 ގަ ނިނަންމަން ޖެހޭ ތަނެއް. އޭރު ފިޔަވަޅު އެޅި ނަމަ މިކަން އޮންނާނީ ހައްލު ކުރެވިފަ.
ޢަލީ ކުރުސީ
17 April 2025
އެހެންޏާ! ހަދާ ނިންމާފަ ހަވަލު ކުރަނިކޮށް ދޯ އެޗް.ޑީ.ސީ އިން މި އެގްރިމެންޓް އުވާލީ. ޖައުފަރު ވާ ލަދު ހަޔާތްވެސް ކުޑަ!
އ.ނ.ތ
17 April 2025
ފުލެޓް ގަނެފައިވާ ފަރާތްތަށް ތިމައްސަލައަށް ތަދައްޚުލްވާން ޖެހޭ. އެމީހުންގެ ހައްޤުތައް ހޯދުމަށް، ޖާހު މަކަރާއި ހީލަތުން ފައިސާ ނަގާފައި ފުލެޓް ނުދޭތީވެގެން. ފުލެޓް ތަކުގެ ވެރިން ހަނު ހުރެއްޖެކަމުގައި ވާނަމަ ކޯޓުން އޭނާއަށް ބަދަލުދޭން އަންގާނޭ.
ސަސި
17 April 2025
ކޮބާ، ހުދު ގަމީހުގެ ވެރިޔާ އެ ނިކުންނެވީ އެބޭފުޅާގެ ހައްގު މިންވަރު ހޯދަން.
ީމެެކަޖ
17 April 2025
އުވާލީ 8 އަހަރު ފަހުން ހަމަ ރަގަޅު،ޖަލައްލާ
އަފްރާސިޔާބު
17 April 2025
100 މިލިއަން ޑޮލަރު ރައްޔިތުންގެ ފައިސާއިން ބަދަލުގެ ގޮތުގައި ނުދީފިއްޔާ ތިޔައީ ޖާހު އެއްނޫން. ތިޔަ ތަން ނިންމީވެސް އެޗް.ޑީސީ. އެ ފައިސާވެސް ޖާހު އަށް. އަމިން ކޮންސްޓްރަކްޝަން ހިނގި މަގުން ޖާހު ހިނގަނީ ކޮންމެވެސް ކަމެއްވެގެންތާ.
ޚިހިނެްތ؟
17 April 2025
ޛާހް ކުންފުނިން ބިމުގެ އަގަށް ވާ ފައިސާގެ އެންމެ ރުފިޔާއެއްވެސް ސަރުކާރަށް ނުދައްކާ މިއަދާ ހަމައަށްވެސް. އަޅުގަނޑަކީ ތިތަނުން އެޕާޓްމަންޓް ގަތް މީހެއް. ޢަޅުގަންޑުގެ އެޕާޓްމަންޓުގަ ވޭތުވެދިޔަ 5 އަހަރުގައި ނެތް އެއްވެސް އިތުރު މަސައްކަތެއް ނިންމާފަ. mihaaru ހުރީ ބައެއް އެތެރޭ ފާރުތަކުގައި ފަންގަސް އަޅާފަ. ބައެއް ފާރުތަކުގަ ރެނދުލާފަ. ބެލްކަނީގެ ބައެއް ޓައިލސް ހުރީ ނައްޓާފަ. ބެލްކަނީގެ ފެންސުގައި ދަބަރުޖަހާފަ. ސިޓިންގ ރޫމް ސީލިންގ ބައެއް ހަލާކުވެފަ.