ހުޅުމާލެ ހޮސްޕިޓަލުގައި ހުޅުވި ވޫންޑު ކެއާ ކްލިނިކް ބައްލަވާލައްވަނީ.-- ފޮޓޯ: ހުޅުމާލެ ހޮސްޕިޓަލް
17 އެޕްރީލް 2025 - 17:52
ހަށިގަނޑުގައި ހަލާކުވެފައި ހުންނަ ފާރުގަނޑުތަކަށް ފަރުވާދޭން ހުޅުމާލެ ހޮސްޕިޓަލުގައި މިއަދު ކްލިނިކެއް ހުޅުވައިފި އެވެ.
އެ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތުގައި، "ވޫންޑް ކެއާ ކްލިނިކް" ހުޅުވައިދެއްވުމަށްފަހު މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް ވިދާޅުވީ އެ ތަނުގެ ދަށުން ހިންގާ ހޮސްޕިޓަލްތަކުން މަސައްކަތްކުރަނީ، އެއް ތަނާ އަނެއް ތަނާ ވާދަކުރުމުގެ ބަދަލުގައި ދެ ފަރާތުން ވަރަށް ގުޅިގެން ކަމަށެވެ.
ކުރިއަށް އޮތް ތަނުގައި ވެސް އެ ގޮތަށް އާ ހިދުމަތްތައް ތައާރަފްކުރާނެ ކަމަށް ހަލީމް ވިދާޅުވި އެވެ.
އެ ރަސްމިއްޔާތަށް ފަހު، ޕްލާސްޓިކް ސާޖަން، ޑރ. މުހައްމަދު ވަހީދު ވިދާޅުވީ ގިނަ ދުވަސްވީ ފާރުގަނޑުތަކަށް ޒަމާނީ ފަރުވާ ފުޅާވެގެން ދިއުމަކީ ވަރަށް ބޮޑު ލުއެއް ކަމަށެވެ. މީގެ ކުރިން އެ ފަރުވާ ލިބެމުން ދިޔައީ ހަމައެކަނި އައިޖީއެމްއެޗުންނެވެ.
ހުޅުމާލެއަކީ އާބާދީ އެންމެ ބޮޑު އެއް ތަނަށް ވިއަސް، ގިނަ ދުވަސްވީ ފާރުތަކަށް ފަރުވާ ދެވޭނެ ވަކި ތަނެއް ނެތުމުން ދާން ޖެހޭނީ އައިޖީއެމްއެޗަށް ކަމަށް ވިދާޅުވި އެވެ. ނަމަވެސް، އަންގާރަ އަދި ބުރާސްފަތި ދުވަހު ހިދުމަތް ދޭ ކްލިނިކް ހުޅުވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް ވަހީދު ވިދާޅުވި އެވެ.
ވޫންޑު ކްލިނިކް ހުޅުވައިދެއްވުމަށްފަހު ޑރ. ވަހީދު އިންޓަވިއުދެއްވަނީ.-- ފޮޓޯ: ހުޅުމާލެ ހޮސްޕިޓަލް
އެޑްވާންސްޑް ވޫންޑް ކެއާގައި ބޭނުންކުރާނީ ދުނިޔޭގައި އެންމެ ފަހުގެ ޑްރެސިން މެޓީރިއަލެވެ. އެކަން ގެންދާނީ ފަރުވާ ޕްލޭން ހަދައި އެއާ އެއްގޮތަށެވެ.
އޭނާ ވިދާޅުވީ ވޫންޑު ކްލިނިކެއް ނެތުމުން، ގިނަ ދުވަހު ބޭސްކުރަންޖެހޭ މީހުންގެ ފާރުގަނޑުތައް ރަނގަޅު ނުވެގެން ގިނައިން ޑޮކްޓަރަށް ދައްކަންޖެހޭ ކަމަށެވެ. އެކަމަކު، އެ ކްލިނިކެއް ހުޅުވުމުން އެ ތަނުގައި ބަލި މީހާ ރަޖިސްޓްރީކޮށް، ބަލި މީހާއަށް ބޭނުންވާ އެޕޮއިންޓްމަންޓް ވެސް ކްލިނިކުން ހަމަޖައްސައިދޭނެތީ، ފަރުވާ ހޯދަން ފަސޭހަވާނެ ކަން ވަހީދު ފާހަގަކުރެއްވި އެވެ.
ހަކުރު ބަލި އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވާއިރު އޭގެ ނުރައްކާ ވެސް ބޮޑުވެ އެވެ. އޭގެ ތެރެއިން ފައިގައި ޖަހާ ފާރުގަނޑު ހިމެނެ އެވެ. ޑޮކްޓަރު ވިދާޅުވީ ހަކުރު ބަލީގެ އިތުރުން ބޮޑެތި އެކްސިޑެންޓުވެގެން ގެއްލުން ލިބޭ މީހުން ގިނަވެގެން ދިއުމަކީ ވޫންޑު ކެއާ ލިބެންޖެހޭ ކަމެކެވެ.
ދުވަސްވީ ފާރުގަނޑުތައް ނަގައިގެން ފަރުވާ ހޯދަންޖެހޭ އަނެއް ބަޔަކީ އެނދުމަތިވެފައި ގިނަ ދުވަހު ތިބޭ މީހުންނެވެ.
ވަހީދު ވިދާޅުވީ ރާއްޖޭގެ އާބަދީ މުސްކުޅި ވަމުންދާއިރު އެކަމަށް ފަރުވާ ހޯދާ މީހުން ވެސް ގިނަ ކަމަށެވެ.
ހުޅުމާލެ ހޮސްޕިޓަލުން ބުނި ގޮތުގައި މިދިޔަ ޖެނުއަރީން ފެށިގެން އިއްޔެއާ ހަމައަށް 5،076 މީހުންގެ ފާރުގަނޑުތަކަށް ބޭސްކޮށްދީފައި ވެ އެވެ. އޭގެ ތެރެއިން 23 މީހަކަށް ޒަމާނީ ގޮތެއްގައި ފަރުވާ ބޭނުންވާ ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްމާލު2.0
18 April 2025
ވޫޑޫ ކެއަރ ހުޅުވަނީ ކޮންއިރަކުން؟
މާކަނާބެ
18 April 2025
ކޮންމެދުވަހަކު ކާބޭހެއް، ބޭސްސިޓީ ހަވާލުކުރިތަން ތިން މަހާ އަށާރަ ދުވަސް ވިފަހުން ލިބުނީ، އޭރު މީހުން ކާރީ އާދޭސްކޮށްގެން ބޭރުން ބޭސް ގެނެވުނުތާ ތިންމަސްވެއްޖެ - ގިނަ ގިނައިން ހުޅުވާފަ ބޮޑުކޮށް ބައި އަޅާފަ ބަހަޓާ!
އުދުހޭ
18 April 2025
ބޭސްމަލަން ކްލިނިކް ކިޔާފަ ނަންބޯޑެއް ޖަހަނީ ކޮންްއިރަކުން؟
ކަންގަނާ
17 April 2025
ވޫންޑް ކެއަރ ކުރެވޭ އަމިއްލައަށްވެސް.ރާއްޖެއިން ދެވެންނެތް ފަރުވާތަކަށް ހައްލެއް ދީބަލަ
ޑޮކްޓަރު
18 April 2025
ވޫންޑް ކެއަރގެ ހުރިހާ ބާވަތެއް އާންމުކޮށް ލިބޭކަށް ނުހުންނާނެ. ނޫނީ ދުވަސްވީ ފާރުތަކަށް އަޅަނީ ކޮންކަހަލަ ބޭހެއް ކަމެއް އާދައިގެ މީހުންނަކަށް ނޭނގޭނެ. އެހެންވީމަ ކްލިނިކް ހުޅުވަނީ
ޙަޑަ
17 April 2025
ފާޑުފާޑުގެ ކްލިނިކް ހުޅުވިޔަސްވާކަމެއްނެތް. ނަންބޯޑް ހަރުކުރެވިދާނެ. އިއްޔެ މީހަކު ވެެއްޓިގެން އައިޖީއެމްއެޗަށް ދިޔައިރު ފައިގައި ޕްލާސްޓަރުވެސް އަޅާލެވޭވަރަށް ތަކެތި ނެތިގެން ޓްރީޓޮޕަށް އަންނަންޖެހުނީ. މިއީ ސަރުކާރު އެންމެބޮޑު ހޮސްޕިޓަލުގެ މިއަދުގެ ހާލަތު
ފާތިކާ
18 April 2025
ތި ވެސް ތެދެއް. މިއަދު އިމަޖެންސީގައި އައިޖީއެމްއެޗަށް ގެންދިޔަ ކުއްޖާގެ ސީޓީ ނުނެގިގެން ސީޓީ ނަގަން ޖެހުނީ އޭޑީކޭއަށް ގެންދަން. ސީޓީ މެޝިނު ހަލާކުވެގެންނޯ
އަހުމޭ
17 April 2025
މަވެސް ތީގެ ބެޑެއް ބައިންދާލާފަ ޓްރޯލީއެއް ލާފަ ބުނެދާނަން ވޫންޑު ކެއަރ ކުލިނިކްއޭ
ޑޮކްޓަރު
18 April 2025
އެ ޓްރޮލީގަ ހުރީ ކޯޗެއް ކަން އިނގޭނެތަ. އޭގެބޭނުން ކުރަން އިނގޭނެތަ