މީހަކު ސިނގިރޭޓެއް ނިއްވާލަނީ--. ފޮޓޯ: ހުސެން ވަހީދު/ މިހާރު
17 އެޕްރީލް 2025 - 23:39
ދުންފަތުގެ ބާވަތްތައް ވިއްކުމަށް ބޭނުންވާ ލައިސަންސް ހޯދުމަށް ހެލްތު މިނިސްޓްރީން މިއަދު އިއުލާނުކޮށްފި އެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ގެނައި 1 ވަނަ އިސްލާހަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވަނީ އަމަލުކުރަން ފަށައިފަ އެވެ.
އޭގައިވާ ގޮތުން، ދުންފަތުގެ ބާވަތްތައް އެތެރެކުރުމާއި ބޭރުކުރުން އަދި ދުންފަތުގެ ބާވަތްތައް ގަނޑުކޮށް ނުވަތަ ވަކިވަކިން ރާއްޖޭގައި ވިއްކާ ކޮންމެ ފަރާތެއްގެ ވިޔަފާރި ކުރުމުގެ ހުއްދައިގެ އިތުރުން ހެލްތު މިނިސްޓްރީން ދޫކުރާ ސައްހަ ލައިސަންސެއް އޮންނަން ޖެހޭނެ އެވެ.
މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ "ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ އާންމު ގަވައިދު" ގެ ދަށުން، ދުންފަތުގެ ވިޔަފާރިއަށް ބޭނުންވާ ހުއްދަ ނަގަން ތިން މަސް ދުވަހުގެ މުއްދަތެއް ދީފަ އެވެ.
"ވަންގަވް" ޕޯޓަލް މެދުވެރިކޮށް އެޗްޕީއޭ އަށް ހުށަހަޅައިގެން އެ ލައިސަންސް ނެގޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
އެ ވިޔަފާރިއަށް ހަތަރު ލައިސަންސެއް ބޭނުންވެ އެވެ. އެއީ؛
- ދުންފަތުގެ ބާވަތްތައް ވަކިން ނުވަތަ ގަނޑުކޮށް ވިއްކުމުގެ ލައިސަންސް
- ދުންފަތުގެ ބާވަތްތައް އިމްޕޯޓުކުރުމުގެ ލައިސަންސް
- ދުންފަތުގެ ބާވަތްތައް ރީއެކްސްޕޯޓުކުރުމުގެ ލައިސަންސް
- ދުންފަތުގެ އާ ބާވަތެއް ރެޖިސްޓްރީ ކުރުން
މިނިސްޓްރީން ބުނީ އެ ލައިސަންސްތައް ދޫކުރާނީ، އެކަމަށް ކަނޑައަޅާފައިވާ ފީއެއް ދެއްކުމުން ފަސް އަހަރަށް ކަމަށެވެ. ލައިސަންސް އާ ކުރަން މުއްދަތު ހަމަވުމުގެ 60 ދުވަހުގެ ކުރިން ހުށަހަޅަންޖެހެ އެވެ.
ދުންފަތް ވަކިން ނުވަތަ ގަނޑުކޮށް ވިއްކުމަށް ހަމަޖައްސާފައިވަނީ 5،000ރ. ގެ ފީ އެކެވެ. އަދި އާ ކުރުމަށް ވެސް އެ އަގު ދައްކަންޖެހެ އެވެ. ދުންފަތް އިމްޕޯޓުކުރުމާއި ރީއެކްސްޕޯޓު ކުރުމަށް 10،000ރ. ފީއެއް އަދި ކެފޭ/ރެސްޓޯރެންޓު ފަދަ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރަން ނަގާ ހުއްދަތަކަށް ވެސް 10،000ރ. ގެ ފީއެއް ދައްކަންޖެހެ އެވެ.
އެ މުއްދަތުގެ ފަހުން، އެ ހުއްދަ ނެތި ދުންފަތުގެ އެއްވެސް ވިޔަފާރިއެއް ކުރުމަކީ މަނާކަމެކެވެ. ގަވައިދާ ހިލާފަށް ދުންފަތުގެ ބާވަތްތަކުން ވިޔަފާރިކޮށްފި ނަމަ ލައިސެންސް ބާތިލް ކުރާނެ އެވެ.
ގާނޫނުގައިވާ ގޮތުން ހުއްދަ ނުނަގާ، އުސޫލާ ހިލާފަށް ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރިކުރާ ނަމަ 1،000-1،000،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާސަރު
19 April 2025
އެހެން ގައުމުތަކުގައި ދުންފަތް ހުއްޓުވަން އެންމެ ގަދައަށް ކުރާކަމަކީ މަގުމަތީގައި އާއި އާއްމު ތަންތަނުގައި ބުއިން މަނާކުރުން. އެއީ ހަގީގަތުގައި މަނާކުރަން އުޅުން، މިރާއްޖޭގައި މިބަލަނީ އެކިގޮތްގޮތުން ދުންފަތުން ވީހާގިނަފައިސާ ސަރުކާރަށް ލިބޭނެގޮތެއް ހޯދުން!
ބަބޫ
18 April 2025
ތިޔަ ގަވާއިދުގަ އޮތީ ވިޔަފާރި ކުރުމުގެ ވާހަކަ އެކަނި. ވީމާ އަމިއްލަ ބޭނުމަށް ގެންނަ ދުންފަތުގެ ބާވަރެއް ހިފެހެޢްޓުމުގެ އެއްވެސް ގާނޫނީ ބާރެއް ނެތް. އެކަމަކު އޮންލައިންކޮށް ގެންނަ ފިލްޓަރާ ކަރުދާސްވެސް ހިފަހައްޓަނީ. ގާނޫނުގަ އޮތީ އެއްފަހަރާ 50 ވުރެ ގިނަ ފިލްޓަރު ނުވިއްކޭނެ ކަމަށް. އޮންލައިންކޮށް އަމިއްލަ ބޭނުމަށް ކިތައްމެ ބައިވަރު ގެނަޔަސް ގާނުނީގޮތުން އެޔެއް ނުހިފެހެއްޓޭނެ. އަމިއްލަބޭނުމަށް ވިއްޔާގެންނަނީ.
އަލްޖިބްރރާ
18 April 2025
ވޯރކްޕަރމިޓް އެޕްރޫވްކުރަންވެސް މިހާރު 20000 ރުފިޔާ ހަދިޔާ ދޭންޖެހޭ. ރާއްޖޭން ބޭރުން ފައިސާގެ އެހީގަނޑެއް ނުުލިބޭތީ ރައްޔިތުން ފެލުން މިމީހުންނަށް އެނގެނީ.
އަލީ ސައީދު 2
18 April 2025
ޓެލެގްރާމް ޕޭޖް ތަކުގަ އެބަހުރި ތިހުއްދަ ވިއްކަން ހުރި ކަމަށް ޖަހާފަ!
ޔަތީނުބެ
18 April 2025
ލައިސަންސް ހޯދުމަށް ހެލްތު މިނިސްޓްރީންމަށް ހިންގަނީ ކިހިނެއް ކަމެއްނޭގޭ. ބަންގުލަދޭޝް މީހުން ހިންގާ ފިހާރަތަކައް މި ލައިސަންސް ލިބިއްޖެ. ބަންގުލަދޭޝް ބައެއް ދިހަހާސް އައް ތިޔަ ލައިސަންސް ހޯދާދޭ.
ފޭކް ކޮމެންޓްސް
18 April 2025
ތިއަށްވުރެ ފޭކް ސްޓޯރީއެއް ކައްކަން ނޭނގުނުތަ ކަލެއަށް.
އަޅި އަލި
18 April 2025
ދައުލަތުން ވައްކަން ކުރާ މީހުންނަށްވެސް ލައިސެންސް ދޫކުރަން ފަށަންވިނު!
އެދުންއެރުވޭނެ
18 April 2025
"މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ "ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ އާންމު ގަވައިދު" ގެ ދަށުން، ދުންފަތުގެ ވިޔަފާރިއަށް ބޭނުންވާ ހުއްދަ ނަގަން ތިން މަސް ދުވަހުގެ މުއްދަތެއް ދީފަ އެވެ." މި މުއްދަތު ހަމަވިމުން ދެން ހުއްދަ ދޫކުރުންވެސް ހުއްޓާލީތޯ؟ ނޫނީ ހުއްދަ ނުދެއްވާނީތޯ؟
ސާފުކޮށްލަމާ
18 April 2025
އޭގައޮތީ މިހާރުންފެށިގެން އެކަމަށް ހުޅުވާލައިފީމޭ. މިހާރު ވިޔަފާރިކުރާ މީހުންވެސް 3 މަސްތެރޭ ލައިސަންސް ނަގާށޭ
ޢަލްޓިކޯ
18 April 2025
ނަމުގަ ހުއްޓުވަން އުޅެނީ އެކަމަކު ގަނޑުކޮންނާ ވަކިވަކިން އެތެރެކޮށް ބޭރުކޮށް އެމީހަކާ އެމީހެއް އުޅެންވީ ކިހާސަޅި..ގައުމު މިދަނީ ފަހަތަށް ދެންފެންނާ 20 30 އަހަރުގެ ޒުވާނުން ކުޑަ އިރު ފެނުނު ގޮތަށް ގުޅަވަށާ ފަ ހުންނަ ގުޑުގުޑާ ދުންފަތް އެކަންވެސް ކުރާނީ ވަގު ބޮންދުން ފާޚާނަތަށި މަތީ މޮޑޭނީ
އަލްޖިބްރރާ
18 April 2025
ނަމުގަ ހުއްޓުވަންނޯ އުޅެނީ. އެކަމަކު ފެންނަނީ އެކަމުން މުއްސަނދިވާން އުޅޭތަން. ބަހާއި އަމަލު ދިމާކޮށްބަލަ ތިފޮތް ބަލައިގެން.
ހަމްދާ
18 April 2025
ކޮބާ ހީވޭތަ ކަމެއްހެން ރޫޓް
ޡީމްނާ
18 April 2025
ވަކިން ސިގެރެޓް ވިއްކަނީ. މަގުމަތީ ހުސް ދުމުގެ ވެސް. ހަމައެއް ނެތް މިކަމުގައި. ހުއްޓުވާ.