ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތިން ކޮއްކޮއިން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ފޮޓޯއަކަށް ހުއްޓިލައިގެން.
18 އެޕްރީލް 2025 - 12:06
އެއީ ލޯފަން ތިންބެއިން ކަަމަށް ވިޔަސް އުނގެނުމުގައި އެހެން މީހުންނެކޭ މާ ބޮޑު ތަފާތެއް ނެތެވެ. ސެޓްފިކެޓް ލެވެލް އިން ފެށިގެން ޑިގްރީ އާއި މާސްޓާސް ވެސް އެއްކޮށް ހައްދަވައި އެތައް ބަޔަކަށް ނަމޫނާއަކަށް އެ ތިން ބެއިން ވެއްޖެ އެވެ. އެންމެ ފަހުން އިސްލާމިކް ޔުނިވާސިޓީން މާސްޓާސް ފުރިހަމަ ކުރައްވައި ރޭ އެ ހާސިލް ކުރެއްވީ އެ ސެޓްފިކެޓެވެ.
އެކަމަކު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެއްބަނޑުއެއްބަފާ ލޯފަން ތިން ކޮއްކޮއިންނަށް ރޭ އިހުސާސްވީ ފަޅުކަމެވެ. އެއީ މިހާތަނަށް މޫސާ މުހައްމަދު ސޯލިހު (މޫސަބެ) އާއި އަބްދުﷲ ޝާޒްލީ (ޝާޒް) އާއި ހުސައިން ޝަޔާޒް (ހުސައިން) ގެ މިފަދަ ކޮންމެ އުފަލެއްގައި އެންމެ ކުރީގައި ހުންނަވާ ލޯބިވާ މަންމަ ނެތުމުގެ ފަޅުކަމެވެ.
"ރޭގައި ހަމަ ހީވީ ގައިން އެއްބައި މަދުހެން. މި އުފަލުގެ އެއްބައި ނެތްކަމުގެ އިހުސާސް ނޫން ކަމެއް ރޭގައި އަޅުގަނޑަށް ނުކުރެވުނު. މިހާރު ވެސް ހަމަ އެ ހިތާމަ މި ކުރަނީ،" ޅ. ހިންނަވަރު ބޮޑު މިސްކިތުގެ އިސް އިމާމުގެ މަގާމު މިހާރު ފުރުއްވާ މޫސަބެ ވިދާޅުވި އެވެ.
މޫސަބެމެންގެ މަންމަ ވަނީ މިދިޔަ އަހަރުގެ ޖުލައި 18 ގައި އަވަހަރާވެފަ އެވެ. އެހެންވެ، މިއީ އެ މަންމަ ނެތް ދުނިޔޭގައި މޫސަބެ 55 އާއި ޝާޒް 52 އަދި އުމުރުން 46 އަހަރުގެ ހުސައިން އަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އެވެ.
"އަޅުގަނޑުމެން ތިން ބެއިން މިހާ ހިސާބަށް އައުމުގެ ހަގީގީ މޭސްތިރިއަކީ މަންމަ އާއި ދޮންބެ (ކުރީގެ ރައީސް އިބޫ). މާލޭގައި ތިބުމުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސަވަނީ ދޮންބެ. މަންމަ އާއި ދޮންބެ އެއީ އަޅުގަނޑުމެންގެ ހުރިހާ ވެސް ކާމިޔާބީއަކީ،" މޫސަބެ ވިދާޅުވި އެވެ.
އިސްލާމިކް ޔުނިވާސިޓީން ރޭ ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތުގައި، ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖު އެންޑް ހިއުމަން ސައިންސްގެ ދާއިރާ އިން މޫސަބެ އާއި ޝާޒް އަދި ހުސައިން މާސްޓާސް ހާސިލް ކުރެއްވުމަކީ ހަގީގަތުގައި ވެސް އެ އާއިލާ އަށް ވަރަށް ބޮޑު އުފަލެކެވެ. އެ ތިން ބޭފުޅުންނަކީ އެންމެ ކުޑައިރުއްސުރެ ފެށިގެން އުނެގެނުމަށް ލޯބި ކުރެއްވި ބޭފުޅުންނެވެ. އުފަންވިތާ ވަކި ހިސާބުން ނުކުޅެދުންތެރިކަމަށް ބަދަލުވިޔަސް އުނގެނެން ވެއްޖެ ނަމަ ދުވަހަކު ފަހަތަށް ޖެހިވަޑައިގެންފައެއް ނުވެ އެވެ.
"ލޯފަން ވީމާ ޗެލެންޖުތަކެއް ހުރޭ. އެހެން ނަމަވެސް ކިޔެވުން ވީމާ އަޅުގަނޑުމެން ބޭނުމެއް ނުވޭ، ނުވެއޭ ކިޔާފައި ދޫކޮށްލާކަށް. އެސައިންމަންޓުތައް ރެކޯޑް ކޮށްފައި ލެކްޗަރާ އަށް ފޮނުވަނީ. ދެން އަޅުގަނޑުމެން ކިޔައިދޭ ގޮތަށް އެސައިންމަންޓު ލިޔާ ކުއްޖަކު ގެންގުޅެން،" މާސްޓާސް ފުރިހަމަ ކުރެއްވި ގޮތް ހިއްސާ ކުރައްވަމުން މޫސަބެ ވިދާޅުވި އެވެ.
އާއިލާގެ މި އުފަލުގައި ކުރީގެ ފަސްޓްލޭޑީ ފަޒްނާ އަހުމަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ކޯހުން ޑިގްރީ ހާސިލުކުރެއްވިތާ ދެ އަހަރު ފަހުން މޫސަބެ އާއި ޝާޒް އަދި ހުސައިން މާސްޓާސް ހޯއްދެވުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.
އެހެންވެ، ހޫނު މަރުހަބާއެއް ދަންނަވައި ފަޒްނާ ވިދާޅުވީ ކުރިއަށް އޮތްތަނުގައި އެ ބޭފުޅުން ޕީއެޗްޑީ ހާސިލު ކުރައްވައި އެކަން ފާހަގަ ކުރާނެ ކަމާ މެދު ޝައްކެއް ނެތް ކަމަށެވެ.
ފަޒްނާ ވިދާޅުވި ގޮތުގައި މި ކާމިޔާބީއަކީ އެ ބޭފުޅުންގެ މަންމަ ފަހުރުވެރިވާނެ ކާމިޔާބީއެކެވެ. އެ ތިން ބޭފުޅުންގެ ވެސް ކިޔެވުމުގެ ބިންގަލަކީ މަންމަ ކަމަށާއި އެ ކާމިޔާބީގެ ފަހަތުގައިވާ ހިތްވަރަކީ ވެސް އެއީ ކަމަށް ވިދާޅުވި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މަންމާފުޅު މުއުމިނާ ހުސެއިންފުޅު، އިބޫގެ އެއްބަނޑު އެއްބަފާ ތިން ބޭފުޅުންނާ އެކު.
މި ތިން ބޭފުޅުން ވެސް ޑިގްރީ ހާސިލުކުރެއްވީ 2023 ގަ އެވެ. އެބޭފުޅުންނަށް ޑިގްރީ ސެޓްފިކެޓް ވެސް އޭރު ހަވާލުކޮށްދެއްވީ ރައީސްކަމުގައި އޭރު ހުންނެވި ދޮންބޭބެ ނުވަތަ އިބޫ އެެވެ.
މޫސަބެ "މިހާރު" އަށް މިއަދު ވިދާޅުވި ގޮތުން ނަމަ ދެން އޮތީ ޕީއެޗްޑީ އެވެ. އެ ހިސާބަށް ދެވޭނެ ކަމާ މެދު ޝައްކެތް ނެތް ކަަމަށް ވަރަށް ޔަގީންކަމާ އެކު އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ތިން މީހުންނަށް ވެސް ފުރުސަތު ލިބިއްޖިއްޔާ ޕީއެޗްޑީއާ ހަމައަށް ދެވޭނެ އިރާދަކުރެއްވިއްޔާ. ފުރުސަތު ލިބިއްޖިއްޔާ ދުލެއް ނުކުރާނަން،" މޫސަބެ ވިދާޅުވި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެ މަނިކުފާނުގެ އެއްބަނޑު އެއްބަފާ ލޯފަން ތިން ކޮއްކޮއިންނާ އެކު،.-- ފޮޓޯ: ރައީސް އޮފީސް
މީގެ ކުރިން މޫސަބެ، "މިހާރު" އަށް ވިދާޅުވި ގޮތުގައި އެ ތިން ބޭފުޅުން ވެސް އުފަންވިއިރު ލޮލުގެ ފެނުން ރަނގަޅެވެ. ކިޔަވައި ވިދާޅުވީ، އުފަން ރަށް ހިންނަވަރުގައި ހުންނަ ސްކޫލުންނެވެ. ނަމަވެސް، ވަކި ހިސާބަކަށް ދިޔަތަނުން އެ ބޭފުޅުންގެ ފެނުމަށް މައްސަލަތައް ދިމާވީ އެވެ.
މޫސަބެ އާއި ޝާޒް އަދި ހުސެއިން ގުރުއާން ހިތުދަސްކުރެއްވީ ވެސް މައުހަދުގެ ގުރުއާން ކްލާސްތަކުންނެވެ. ޓޭޕް ރެކޯޑަރު ޖައްސައިގެން ދަސްކޮށް، ކޮންމެ ދުވަހަކު ސޮފްހާއެއް މުދައްރިސަށް ކިޔައިދެއްވަމުން ގޮސް ގުރުއާން ހިތުދަސްކުރައްވާފައި ވަނީ ތިން އަހަރުންނެވެ.
އޭގެ ފަހުން، ހާފިޒު ކަމުގެ ކޯސް ނިމުމާ އެކު، ދެން ފުރިހަމަކުރެއްވީ ގާރީ ކޯހާއި އިމާމު ކަމުގެ ކޯހެވެ. އެ ކޯސްތަކުގެ އެކި ލެވެލްތައް ފުރިހަމަކުރައްވަމުން، ކިޔަވައި ވިދާޅުވީ ވެސް އެކުގަ އެވެ.
މޫސަބެ ހިންނަވަރު މިސްކިތުގެ އިސް އިމާމުކަން ލިބިވަޑައިގަތުމާ އެކު، މިހާރު ކުރައްވާ ކަމަކީ އިމާމުން ތަމްރީނު ކުރެއްވުމެވެ. މިހާރު ވެސް އޭނާގެ ދަރިވަރުން އެ ޒިންމާ އެބަ ނަގަ އެވެ.
މަންމަ އާއި ދޮންބެގެ އިތުރުން މޫސަބެ އެންމެ ބޮޑަށް ފާހަގަ ކުރައްވަނީ އެއްބަނޑުއެއްބަފާ ބޭފުޅުންނާއި އޭނާގެ ދަރިފުޅާއި އެސައިންޓުމަންޓުތައް ލިޔުމުގައި އެހީތެރިކަން ދިން ފަރާތެވެ.
"ހާއްސަކޮށް އަބުޖީގެ ނަން ހަމަ ފާހަގަކުރަންޖެހޭ. އެއީ އަޅުގަނޑު މި ގޮތުގައި ކުރިއަށް ދާން ފެށުމުގެ ބިންގާ. އަބުޖީ ދެއްވާ ހިތްވަރު އެއީ ހަނދާން ނުނެތޭނެ ކަމެއް،" ކުރީގެ މަޝްހޫރު ކޯޗު އަބްދުލްޖަލީލް، އަބުޖީގެ ނަން ފާހަގަކުރައްވަމުން މޫސަބެ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަރަށް ދެރަވި ދުވަހެއް
18 April 2025
މި ތިން ބެއިންނަށް ޑިގްރީ ލިބިގެން އިނާމު ދިނުމުގެ ޖަލްސާގައި ރާއްޖޭގެ ހުރިހާ އިމާމުންނާއި މުދިމުންގެ މުސާރަ ބޮޑު ކޮށްދޭނެ ކަމަށް އެއިރުގެ ރައީސުލްޖުމްހޫރިއްޔާ އިޢްލާން ކުރެއްވުމުން އޭނާގެ ކޮއްކޮމެނަށް ވީމާހަދައިދިން ގޮތެކޭ ކިޔާ މިކުދިންތައް ތިބޭ އިމާމުންގެ ގުރޫޕެއްގައި ސިޔާސީގޮތުން މަލާމާތް ކުރިތަން ފެނުނު ދުވަސް އެއީ ވަރަށް ދެރަވި ދުވަހެއް.
ޑރ. ރާމީ ޙަސަން ޕީ.އެން.އެފް
18 April 2025
ކޮންމެ ޢާއިލާ އެއްގައި ވެސް ރަނގަޅު މީހުންނާއި ނުބައި މީހުން ތިބޭނެ. މިއީ ވަރަށް ވާހަކަ!
ދުރުމި
18 April 2025
ވަރަށް ބޮޑު ތެދެއް ޑރ ރާމީ .މަތީގައި އެވާ ފޮޓޯއިން ތި ވާހަކަ އެބުނެދެނީ
އަބޫ
18 April 2025
ވަރަށްބޮޑަށް މަރުޙަބާ އިތުރު ކާމިޔާބުތައް މިންވަރުކުރައްވާށި އާމީން
ކިނާރީ
18 April 2025
ﷲސުބުޙާނަހޫ ވަތަޢާލާ އެކި މީހުނަށް ދެއްވާނީ އެކިނަސީބު. އެކުރައްވާ މިންނަތް މަސައްކަތުގަ މައިންބަފައިންނަށް އޭގެ ނަސީބު ލިބި ދަރަޖަ އުފުލިގެންދާނެ . ލޯފަން ވުމަކީ ވެސް ލެއްވި ރަހްމަތެެއް. މަރްހަބާ .
އައްޑޫ ބުރޯ
18 April 2025
ވަރަށް ހިތްވަރު ގަދަ ބުރޯ އިންތަކެއް ދޯ؟ ދެން އުޅޭނީ ސަލްމާނުގެ ބުރޯއިން؟ ހުރިހާ ބުރޯ އިންނަށް ކާމިޔާބީ އެދެން
އަބްޑޫޅް +
18 April 2025
ހޫމް. މުގުރީން ދޯ؟
ރަހްމަތްތެރި މީހާ
18 April 2025
ހުލްގު ހެޔޮ ރަނގަޅު އާއިލާއެއް. ރައީސް އިބޫގެ އާއިލީ ޒިންމާތައް ނަންގަވައިގެން ކުރިއަށް ވަޑައިގެންނެވި ގޮތަކީ އެންމެނަށް ނަމޫނާއެއް. ދެއްކުން ތެރިކަމެއްނެތް ސާދާ މިޒާޖެއްގެ ބޭފުޅެއް.
ހީހީ ސުލީހް
18 April 2025
މިގައުމުގަ ކީއްކުރާނީ ކިޔަވައިގެން. ނިކުންނަަންްވަނީ މަގުމައްޗަށް ސިޔާސީ ޕާރޓީއަކާ ގުޅިގެން.
އެބަޖެހޭ
18 April 2025
އިސްލާމިކް ރިވީލްޑް ނޮލެޖް އުނގެނުމުގެ މަސްދަރަކީ އެއީ ކީރިތި ޤުރުއާން އޭގެ ލަފްޒީ މާނަ އަށް ވުރެން ބޮޑަށް ބޭނުންވަނީ އޭގެ ދިރާސީ މާނައޭ ކީރިތި ޤުރުއާން ގައި މިއަދު ދުނިޔޭގެ ސައެންޓިފިކް ކޮމިއުނިޓީ ޑައިވް ކުރަމުންދާ އޭއައި އަދި ކްއަންޓަމް ތިއަރީ ތަފްސީލް ކޮށް ބަޔާން ކުރެވިފައި ވެއޭ ކަން މިހެން ހުރުމުން ކީރިތި ޤުރުއާންގެ ދިވެހި މާނަ ގެނެސްދޭނެ އެޕްލިކޭޝަންސް ތައް އެބަޖެހޭ އުފައްދަން ރާއްޖޭގެ އިސްލާމިކް މިނިސްޓްރީ އާއި އައިޓީ ކޮމިއުނިޓީ ގުޅިގެން
ތަމެން22
18 April 2025
ހާސިބޫ އެޕް އަޅާބަލަ. އޭގައި ހުންނާނެ ދިވެހި ތަރުޖަމާ
އައިމިނާ
18 April 2025
އިތުރު ކުރިއެރުމަށް އެދެން.