މަޖީދިއްޔާ ސްކޫލަށް 100 އަހަރު ފުރޭ މުސާބަތާ ފާހަގަކުރަން ހާއްސަ ކައުންޓްޑައުނެއް ފެށުމުގެ ގޮތުން އެ ސްކޫލުގައި މިދިޔަ އަހަރު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
19 އެޕްރީލް 2025 - 11:00
މަޖީދިއްޔާ ސްކޫލަކީ ރާއްޖޭގެ އެންމެ ޝަރަފުވެރި "އިލްމީ ބަގީޗާ" ކަމަށާއި އެ ސްކޫލުން މި ގައުމަށް ދިން އިލްމީ އަލިކަމުގެ ހަނދާންތަކަށް ނިމުމެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ސްކޫލް ކަމަށްވާ މަޖީދިއްޔާގެ 98 ވަނަ އަހަރީ ދުވަސް ފާހަގަކުރާއިރު މި މުނާސަބަތުގައި ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖީދިއްޔާގެ "ފަހުރުވެރި ހިޔަލުން" މި ގައުމަށް ގެނުވި ކުރިއެރުމާއި "މަޖީދިއްޔަ ނޫރުން" މި ގައުމަށް ދިން އިލްމީ އަލިކަމުގެ ހަނދާންތަކަށް ނިމުމެއް ނެތް ކަމަށެވެ.
"މަޖީދިއްޔާއަކީ ދިވެހިރާއްޖޭގެ ނިޒާމީ ތައުލީމުގެ އުނގު. މި ގައުމުގެ އެންމެ ޝަރަފްވެރި 'އިލްމީ ބަގީޗާ'. މަޖީދިއްޔާގެ ހަނދާންތައް ދިވެހި ތާރީހުގަައި ބިންވަޅު ނެގިފައި ވަނީ ފަނޑުވުމެއް ނެތް ޒިކުރާތަކާ އެކު،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ތައުލީމުގެ އެންމެ ނަންހުރި ބިނާއަށް 98 އަހަރު ފުރޭ މި ތާރީހީ މުނާސަބާގެ ހެޔޮއެދުންތައް އެ ސްކޫލުގެ އެހާރާއި މިހާރުގެ ދަރިވަރުންނަށާއި ބެލެނިވެރީންނަށާއި މުދައްރިސުންނަށާއި ހިންގުންތެރީން އަދި ހިދުމަތްތެރީންނަށް އެމަނިކުފާނު އަރިސްކުރައްވަނީ ހިތުގެ ފުންމިނުގެ ލޯތްބާއި ހެޔޮ ދުއާތަކާ އެކުގައި ކަމަށެވެ.
މަޖީދިއްޔާ ސްކޫލަށް މީގެ ދެ އަހަރު ފަހުން 100 އަހަރު ފުރޭތީ، އެ މުނާސަބާ ކުލަގަދަކޮށް ފާހަގަކުރުމަށް އެ ސްކޫލުން އަންނަނީ ތައްޔާރުވަމުންނެވެ. އެ ސްކޫލަށް ގަރުނެއް ފުރުން ފާހަގަކުރުމަށް މިދިޔަ އަހަރު ވަނީ ހާއްސަ ކައުންޓްޑައުނެއް ވެސް ފަށައިފަ އެވެ.
މަޖީދިއްޔާ ސްކޫލުގައި ކިޔަވައިދޭން ފެށީ އޭޕްރީލް 19، 1927 ގަ އެވެ. އެ ސްކޫލަށް 100 އަހަރު ވާނީ އޭޕްރީލް 19، 2027 ގަ އެވެ. މީގެ ކުރިން މަޖީދިއްޔާއަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ވެސް ކުލަގަދަ ހަރަކާތްތަކެއް މާލޭގައި ބޭއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެސީ1
19 April 2025
70 އަހަރުވީ އިރުވެސް އިމާރާތަކަށް އެއްވެސް ކުރިއެރުމެއް ނާދެ، ކޮންމެ ފްލޯއަކު ފާހާނާގަނޑެއް ވެސް ނުހުރޭ، އެހާ ހޫނު އިރު އޭސީއެއް ވެސް އަޅުވާލެވުނީ 2024 ނިމެނިކޮއް