ސިފައިން 133 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޕެރޭޑުގައި، އަސްކަރިއްޔާއަށް ގެނައި އާ އުޅަނދުތައް ދައްކާލަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
19 އެޕްރީލް 2025 - 18:09
ދިވެހި އަސްކަރިއްޔާ އަށް ގެނައި އާ އުޅަނދުތައް ސިފައިންގެ 133 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މާލޭގައި މިއަދު ބޭއްވި ޕެރޭޑުގައި ދައްކާލައިފި އެވެ.
ސިފައިންގެ ޝަރަފުގެ ހިނގާލުން ނުވަތަ ސިފައިންގެ ޕެރޭޑު މިއަދު ހަވީރު ފެށީ ރައީސް އޮފީހުގެ ކުރިމަތީގައި ބޭއްވި ހާއްސަ ހުށަހެޅުމަކުންނެވެ.
އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައީސް އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުހައްމަދު މުއިއްޒެވެ. އަރިހުގައި އެ މަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދާއި އެ ދެކަނބަލުންގެ ދެބޭފުޅުން ވެސް ބައިވެރިވެވަޑައިގަތެވެ.
ރައީސް މުއިއްޒާއި އެ މަނިކުފާނުގެ އާއިލާގެ ބޭފުޅުން އާންމުންނާއެކު ސިފައިން 133 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޕެރޭޑް ބައްލަވާލައްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މި ޕެރޭޑުގައި އޮތް އެންމެ ހާއްސަ އެއް ކަމަކީ ދިވެހި އަސްކަރިއްޔާ އަށް އަލަށް ގެނައި އާމަޑް ވެހިކަލްތައް ދައްކާލުމެވެ. މިއަދުގެ ޕެރޭޑުގައި ފަސް އާމަޑް ވެހިކަލްތައް ދައްކާލިއިރު އެއީ މިދިޔަ އެއްމަސް ތެރޭގައި ރާއްޖެ ގެނައި އުޅަނދުތައް ކަމަށް އެނގިފައި ވެ އެވެ. އެކަމަކު، އޭގެ އެއްވެސް ތަފުސީލެއް އެމްއެންޑީއެފުން އަދި ހާމައެއް ނުކުރެ އެވެ. އެހެންވެ، އެ އުޅަނދުތަކަށް ހަރަދުވި އަދަދެއް އަދި ސާފެއް ނުވެ އެވެ.
ރާއްޖޭގެ އަސްކަރިއްޔާ އަށް އަލަށް ގެނައި އާމަޑް ވެހިކަލްތައް މިއަދުގެ ޕެރޭޑުގައި ދައްކާލަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ސިފައިންގޭގައި މިހާތަނަށް ވެސް އާމަޑް ވެހިކަލްތައް ގެންގުޅެމުން އައިސްފައި ވެ އެވެ. އަދި ސިފައިންގެ ޕެރޭޑުތަކުގައި މީގެ ކުރިން ވެސް އާމަޑް ވެހިކަލްތައް އައީ ދައްކާލަމުންނެވެ.
ދިވެހި ސިފައިންގެ ގާބިލްކަން އިތުރު ކުރުމަކީ ރައީސް މުއިއްޒު އެންމެ އިސްކަން ދެއްވާ އެއް ކަންތައް ކަމަށް ވިދާޅުވެފައިވާއިރު ދާދި ފަހުން ތުރުކީ އިން ވަނީ ޑޯގަން-ކްލާސްގެ މިސައިލުން ހަމަލާދިނުމުގެ ގާބިލްކަން ލިބިފައިވާ އުޅަނދެއް ކަމުގައިވާ ޓީސީޖީ ވޮލްކަން (ޕީ-343) މަނަވަރެއް ރާއްޖެ އަށް ހަދިޔާކުރަން ނިންމައި އެކަން އިއުލާންކޮށްފަ އެވެ.
މީގެ 44 އަހަރު ކުރިން ހިދުމަތަށް ނެރެފައިވާ އެކަމަކު، މިހާރު އަސްކަރީ ކަންކަމަށް ތުރުކީގައި ބޭނުން ނުކުރާ އެ އުޅަނދު އެ ގައުމުން ގެނެސް ރާއްޖެއާ ހަވާލުކުރުމުގެ މަސައްކަތް މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ތުރުކީގެ ޑިފެންސް މިނިސްޓްރީގެ އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ. އެ އުޅަނދު ރާއްޖެ އަށް ގެނައުމަށް ފަހު، ތުރުކީގެ ކަނޑުގެ ސިފައިން ދެ ހަފުތާގެ އެޑްވާންސްޑް އޮޕަރޭޝަނަލް ތަމްރީނެއް ރާއްޖޭގައި ހިންގާނެ ކަމަށް ތުރުކީގެ ދިފާއީ އޮފިޝަލުން ބުނެފައި ވެ އެވެ.
ރާއްޖޭގެ އިގުތިސާާދީ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް އަސްކަރީ ޑްރޯންތައް ވެސް މިދިޔަ އަހަރުގެ މާޗު 15 އިން ފެށިގެން އަންނަނީ ބޭނުންކުރަމުންނެވެ. އެއީ ވެސް ތުރުކީގެ ވަރަށް ބޮޑު އެހީތެރިކަމާ އެކު، އަދި ދިވެހި ދައުލަތުގެ ބަޖެޓުން ވެސް ހޭދަކޮށްގެން ގެނައި ޑްރޯންތަކެއް ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފަ އެވެ.
ސިފައިންގެ އަހަރީ ދުވަހުގެ މިއަދުގެ ޕެރޭޑުގައި ވަނީ ސަފައިންގެ ބޭންޑާއި ސިފައިންގެ އެއްގަމާއި ކަނޑާއި ވައިގެ ބާރުތަކުގެ ހަރަކާތްތަކާއި އަސްކަރިއްޔާގެ ބައެއް އުޅަނދުތައް ވެސް ދައްކާލި އެވެ،
ސިފައިން 133 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޕެރޭޑު.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެމްއެންޑީއެފްގެ ކޮމާންޑް ސާޖަން، މޭޖާ އަބްދުﷲ ސައީދު ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ވިދާޅުވީ 1940ގެ އަހަރުތަކުން ފެށިގެން ސިފައިންގެ ޝަރަފުގެ ހިނގާލުންތައް މާލޭގައި ބާއްވަމުން އަންނަ ކަމަށެވެ. ކޮންމެ އަހަރަކު ވެސް އެކި މުނާސަބަތުތަކާ ދިމާކޮށް ބާއްވާ މި ހަރަކާތަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަލަށް މިއަދު އާންމު ރައްޔިތުންނަށް ފެނިގެން މި ދިޔައީ ސިފައިންގެ ހިދުމަތަށް މި ނެރުނު އާމްޑް ވެހިކަލްތައް،" ސައީދު ވިދާޅުވި އެވެ.
"މިއަދުގެ ޝަރަފުގެ ހިނގާލުން އެންމެ ބޮޑަށް ހާއްސަވާ ސަބަބަކީ އަލަށް އަޅުގަނޑުމެންނަށް މި ތައާރަފުކުރެވުނު އެއްގަމުގެ ވެހިކަލްތައް. އަޅުގަނޑުމެން ކުރީގައި ވެސް ދިވެހި އަސްކަރިއްޔާގައި، އާބަން ސަރަހައްދުތަކުގައި ނޫނީ އެއްގަމުގެ ހަރަކާތްތެރިވާނެ ވެހިކަލް އެބަހުރި. އެކަމަކު މި ވައްތަރުގެ ވެހިކަލް ސިފައިންގެ ހިދުމަތަށް ގެނެވުނީ ފުރަތަމަ ފަހަރަށް." ސައީދު ވިދާޅުވި އެވެ.
ސިފައިން 133 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިއަދު ހަވީރު މާލޭގައި ބޭއްވި ޕެރޭޑު ބައްލަވާލަން ވަޑައިގެން ރައީސް މުއިއްޒާއި ޑިފެންސް މިނިސްޓަރު ޣައްސާން ކަމަކާ މަޝްވަރާއެއް ކުރައްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ސައީދު ވިދާޅުވީ ކުރިއަށް އޮތްތަނުގައި މި ވެހިކަލްތައް ސިފައިންގެ އޭރިއާ ކޮމަންޑުތަކުގައި ބޭނުންކުރާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުނައިދު ޝަރީފް
20 April 2025
މިރާއްޖޭގަ ބޭކާރު ޚަރަދުކުރުން މުހިއްމު. އަދި އެ ބޭކާރު ޚަރަދުކުރާކަން ރައްޔިތުންނަށް ދެއްކުން ވެސް މުހިއްމު. އަސްކަރީ ބަރުހަތިޔާރު ރައްޔިތުންނަށް ދެއްކުމަކީ ބާރުދެއްކުމެއްތަ ނުވަތަ ބިރުދެއްކުމެއްތަ. .. އެބުނާ އެއްޗެއް މައުލަވީންނަށް އެނގޭތަ؟
މިމިސްޓަރޭ
20 April 2025
ރައްޔުތުން ބުނަނީ، ބޯހިޔާވަހިކަމޭ ބޭނުމީ، ކޮންމެސް ބައެއްގެ ޖީބު ފުރާލަން ބޭކަރު ޙަރަދު ނުކުރާށޭ، އިހުލާސްތެރިވާށޭ، ﷲ ގަންދީކުރިހުވާ ގެމަތިން ހަނދާންކޮއްލާށޭ، ގައުމުދަވާނުލާށޭ، މިނޫން އެހެން ދުވަހެއް އަންނާނޭ،
ދިވެހި ދަރި
19 April 2025
ސަރަފުގެ ހިނގާލުންތަކުދައްކާލަން ގައުމު އިގްތިސާދު މިހާ ނާޒުކުދަނޑިވަޅެއްގައި އޮއްވާ ކުރަން ހަމަ އެންމެ ރަނގަޅުހަރަދެއްތޯ އިގްތިސާދީ މާހިރަކު ޖަވާބު ދެއްވަފާނަންތޯ ؟
1818
19 April 2025
މުޒާހަރާތަކަށް ރެޑީ ވަނީ ދޯ؟
އޭކޭ-47
19 April 2025
އަގު ބޮޑުކޮށް ފަހުގެ އެއްޗެހި ގެނައި ނަމަ@
ސަޅިބެ
19 April 2025
އިންޑިޔާއަށް ދެން ބޭނުން އެއްޗެ ނެހެދޭނެ, ބުލީކުރުން ނިމުނީ. މީ ވަރަށް ވާހަކަ.
މާރނީ
19 April 2025
މަތިން ބޮން އަޅައިފިއްޔާ ކީއްކުރާނީ، ދޫންޏާ!
ދަމާ ދާ
20 April 2025
މާރނީ. ކޮންމެ ރަށެއްގެ މަސްދޯނިތަކުން އެންދާތައް ނަގައި ރަށުމަތީގައި ދަމާނީ. އެންދަލުން އަހަރެމެން ދިވެހިން ބޮން އަދި މިސައިލު ހިފާނީ. ފާޑު ފާޑެއް ނުހެދޭނެ އިންޑިއާއަކަސް.
ވަހިދހޔިް
19 April 2025
ޤަޠަރަކީ ވެސް އާބާދީ ގޮތުން އަދި ސަރަހައްދުގެ ގޮތުން ކުޑަ ގައުމެއް. އެކަމަކު ދުނިޔޭގެ ނިސްބަތުން ހަތިޔާރުގެ ގޮތުން ވަރުގަދަ ޤައުމެއް. ރާއްޖެ ޙިމާޔަތް ކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ކޮށްގެން ތިބެންވާނީ.
ފޯޅަވަހި
20 April 2025
ރާއްޖޭގެ އަސްކަރިއްޔާއަށް ކޮން ގައުމެއްގެ ބަޔަކާ ހަގުރާމަކޮއްގެން ގައުމު ދިފާއުކުރެވޭނީ؟
ރާއްޖެތެރެ 1.1
20 April 2025
ފުރަތަމަ ބޯހިޔާވަހިކަން. ދެން ފެންނާއި ނަރުދަމާ، ތަޢުލީން، ސިއްހަތު އަދި ކަރަންޓް. މިއީ އަސާސީ ހައްޤުތަކަކީ. މިކަންކަންކޮށްފައި ދެން ހުރިކަންކަން ކުރަންވާނީ
ޑރ. ރާމީ ޙަސަން ޕީ.އެން.އެފް
19 April 2025
ބައެއް ދިވެހި ރައްޔިތުން، ތުއްތު ތުއްތު ދަރިފުޅަށް ބުއް ގިރަން ބުއްދަޅު ނުގަނެވިފައި ތިއްބާ، އަހަރުމެން އެންމެންގެ ލާރިން ބޭނުމެއް ނެތް، ބޭކާރު ގޮތުގަ ލާރި ޙަރަދު ނުކުރުމަށް ރާއްޖޭގެ ވެރިޔާ އަށް ވަރަށް އިޙްލާސްތެރި ކަމާއި އެކު ދަންނަވަން!
މުބީނު
19 April 2025
އަސްލު ވެސް ރާމީ ތިބުނީ ރަނގަޅު ވާހަކަ އެއް. މިއީ ބޭކާރު ޙަރަދު. ބަޔަކު 3 އިރު ނުކައި ތިއްބާ، ބުއްދަޅު ނުގަނެވިފަ ތިއްބާ، ބޭކާރު ޙަރަދު ކޮށްގެން ނުވާނެ!
މާރނީ ބެންޖަމިން
19 April 2025
ތެދުފުޅެއް ރާމީ ތިޔަ ވިދާޅުވީ. ބަލަ ރާއްޖެ އަށް ނުރައްކާތެރި ޙާލަތެއް އައިސްފި ނަމަ އެހީވުމަށް އިންޑިއާ އާއި އޮތީ ސޮއި ކޮށްފަ. އެކަމަށް އެތައް ލާރި އެއް އަހަރުމެންގެ ޖީބުން މަހަކު ޙަރަދު ކުރޭ! ދެން މިއީ ކޮންކަމެއް؟ ހުސް ބޭކާރު ޙަރަދު!
ޝުމޮން
20 April 2025
ނާތަޙްޒީބް ކޮމެންޓެއް.
ބސވސވ
19 April 2025
މިކަން އޮތްކަންވެސް ނޭނގޭ.
މާލޭ ބޮޑުމިހާ
20 April 2025
ބސވސވ ތިޔައީ މާލޭ މީހެއްތަ؟ މާލޭ މީހަކަށް (މާލޭގައި އުޅޭ މީހަކަށް ނުވަންޏަ) ނުޖެހެއޭ އިނގޭކަށް. ބަލަ އެއީ މާލޭ މީހުންނަށް ދައްކަން ގެނައި އެއްޗެކޭ. ކިހިނެއް ވެގެންތަ ތިއުޅެނީ؟
ކެނެޑީ
19 April 2025
މަބުނީ ކޮން ހަނގުރާމައެއްގަ ބައިވެރިވާން މިއުޅެނީ
މިނިވަންކަން
19 April 2025
ވަރަށް ކުރުކޮށް... ޕޯޗުގީޒުން މާލެ އެރީ ބަޑިހިފައިގެން. އަލި ރަސްގެފާނު ނުކުންނެވީ ކަނޑި ހިއްޕަވައިގެން ހަނގުރާމައަށް. އެކަމުން ލިބުނު ފިލާވަޅުގައި އިސްކަންދަރު ރަސްގެފާނު އަސޭކަރަށް (އިންޑޮނެސިއާ) އަށް ދިވެހި އަސްކަރީން މަނަވަރު ފުނުވައިގެން ބޮޑުބަޑި ބައްލަވައިގެން މާލޭގެ އެކި ސަރަހައްދުގައި ބަޑި ބެހެއްޓެވި. ނަތީޖާ ވަރަށް ފޮނި.
ޖޯންއެފް
19 April 2025
ދުނިޔޭގެ ކިތައް ގައުމު މިހާރު ހަނގުރާމަ ކުރަނީ. ކޮންމެ މިނިވަން ދައުލަތެއްގަ އަސްކަރިއްޔާއެއް އޮވޭ. އަސްކަރިއްޔާ ތަރައްގީކުރަން ހަރަދުވެސް ކުރޭ. ކޮންމެ ގަައުމަކީ ހަނގުރާމަ ކުރާ ގައުމެއްނޫން.
ފޯޅަވަހި
20 April 2025
3 ވަނަ ބޮޑު ހަގުރާމައިގަ.
ދެތިކި ޕީ
20 April 2025
މިނިވަންކަން. މިއީ ކަނޑިއާއި ބަޑި ހިފައިގެން ޤައުމުތައް ހިފަންދުވާ ޒަމާނެެއް ނޫނޭ. އެހެންނަމަވެސް ނިރުބަވެރި ހަމަލާއެއް ބޭރުން އަތުވެދާނެކަމަށް ތައްޔާރަށް ތިބެންވާނީ. އެކަމަށް ރައްޔާރުވުމަށް އެގެންނަނީ ތުރުކީވިލާތުން ދުއްވާ ދުއްވާ 40 އަހަރުވެ، ބާ ދަގަނޑަށް ކިރަންވެފައި އޮތް މަނަވަރެއް. މިއީ ތޯ ދިވެހިންނަށް ހައްޤު މިންވަރަކީ. 99% ކަނޑު އޮތް ޤައުމަކަށް އެންމެ ބޭނުންވަނީ ކަނޑު އުޅަނދު އަދި ވައިގެ އުޅަނދު.
ޖޯން ސީނާ
20 April 2025
ޖޯންއެފް. އައިސްލެންޑްގައި އަރމީ ފޯސް އެެއް ނޯވޭ.