ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވާހަކަ ދައްކަވަނީ: މަޝްރޫއުތައް ހަވާލު ކުރުމުގައި އަމިއްލަ ކުންފުނިތައް ބާކީ ނުކުރާނެ ކަމަށް އޭނާ ވިދާޅުވި --- ފޮޓޯ/ރައީސް އޮފީސް
21 އެޕްރީލް 2025 - 14:29
ސަރުކާރުން ހިންގާ އުމްރާނީ ތަރައްގީ ނުވަތަ ޕީއެސްއައިޕީ މަޝްރޫއުތަކުން އަމިއްލަ ކުންފުނިތައް ބާކީ ނުކުރާނެ ކަމުގެ ޔަގީންކަން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ދެއްވައިފި އެވެ.
ސަރުކާރުން މި އަހަރުގެ ތެރޭގައި ހިންގަން ރާވާފައިވާ ޕީއެސްއައިޕީގެ ގިނަ މަޝްރޫއުތައް ކުރިއަށް ގެންދަން ހަވާލު ކުރަމުންދަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާ އެވެ. އެކަމުގެ ސަބަބުން، މިފަދަ މަސައްކަތްތައް ކުރާ އަމިއްލަ ކުންފުނިތައް ހީނަރުވެ، ބަނގުރޫޓުވަމުންދާ ކަމުގެ ކަންބޮޑުވުންތައް ދަނީ ފާޅު ކުރަމުންނެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެކަމާ ގުޅޭގޮތުން "މިހާރު" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ސައީދު ވިދާޅުވި ގޮތުގައި އަތޮޅު ތެރޭގައި ބަނދަރު މަރާމާތު ކުރުމާއި މަގު ހެދުން ފަދަ މަޝްރޫއުތަކަށް ބޭނުންވާ ބަޖެޓު ނެތިގެން ގިނަ ފަހަރު މަސައްކަތް ކުރިއަަކަށް ނުދެ އެވެ.
"ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ، ވައުދުފުޅާ އެއްގޮތަށް މިފަދަ މަސައްކަތްތައް ކުރުން. މި މަސައްކަތް ކުރާއިރު، ޕްރައިވެޓް ސެކްޓާ ބާކީ ކުރާނެ ކަމަށް ބުނެ މީޑިޔާތަކުގައި ފެތުރޭ ވާހަކަތަކަކީ މުޅިން ރަނގަޅު ވާހަކަތަކެއް ނޫން،" ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކާ ޕީއެސްއައިޕީ މަޝްރޫއުތައް ހަވާލުކޮށްގެން ކުރިއަށް ގެންދިޔުމަކީ ޕްރައިވެޓް ސެކްޓާ ނުވަތަ އަމިއްލަ ކުންފުނިތައް ބާކީކުރުން ކަމުގައި މާނަކޮށްގެން ނުވާނެ އެވެ.
"އެއީ މާނަކުރަންޖެހޭ ގޮތެއް ނޫންކަން ނޭނގެ. ބާކީއެއް ނުކުރާނެ،" ސައީދު ވިދާޅުވި އެވެ.
ޕްރައިވެޓް ސެކްޓާގައި ހުރި ކަންބޮޑުވުންތަކަށް ހައްލު ގެނައުމަށްޓަކައި މޯލްޑިވްސް އެސޯސިއޭޝަން ފޯ ކޮންސްޓްރަކްޝަން އިންޑަސްޓްރީސް (މަސީ) ފަދަ އެސޯސިއޭޝަންތަކާއި ޕްރައިވެޓް ސެކްޓާ ތަމްސީލުކުރާ އެކި ފަރާތްތަކާއެކު ބައްދަލުވުންތައް ބާއްވައި، މަޝްވަރާ ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ސައީދު ވިދާޅުވީ ކުދި ވިޔަފާރިތަކާ ގަވާއިދުން ބައްދަލުކޮށް، ކަންބޮޑުވުންތަކުގެ އަޑު އަހައި، ދިމާވާ ދަތިތައް ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބުދުލް ޤާދިރު
22 April 2025
އަމިއްލަ ކުންފުންޏަކަށް މަސައްކަތެއް ނުދޭނެތާ. މަސައްކަތް ކުރުވާފައި ދޭނެ ފައިސާއެއް ނެތްވިއްޔާ. ސަރުކާރު ކުންފުނިތަކަށް ހުރިހާ މަސައްކަތެއް ހަވާލުކޮށްފައި ބޭއްވީމާ، ރައްޔިތުންގެ ލޮލުގައި އަނދުނެއް އެޅުވުނީތާ. ރާއޖޭގެ އެއް ވެސް ސަރަހައްދެއްގައި މަސައްކަތެއް ނުހިނގާއިރު އެ ކުންފުނިތަކަށް ފައިސާއެއް ދޭކަށް ނުޖެހޭނެތާ.
ފަހުދު.
21 April 2025
މި ސަރުކާރަށް ޕްރޮޖެކްޓެއް ފެށެން ވާއިރަށް ރާއްޖޭގެ ހުރިހާ ވިޔަފާރިތައް އިންދަޖެހި ނިމޭނެ
އަސް
21 April 2025
ބާކީއެއް ނުވޭތާ، އަދި އެންމެ ކުންފުންޏަކަށް ވެސް ތީގެ މަސައްކަތެއް ނުދޭ، ބާކީއެއް ނުވާނެ ނު،އެކުންފުނިތަށް ބަގުރޫޓް ކޮށްލަނީ ގަސްތުގަ
ބުހުތާން
21 April 2025
ސައީދުއަށް ތަނެއް ދޮރެއް ނޭނގެނީ ނުވަތަ މޫނަށް ރުލެއްވެއް އަރުވާނުލާ ދޮގުހަދަން މޮޅީ. ސަރުކާރުން މިއަހަރުތެރޭ އަމިއްލަ ކުންފުންނިތަކަށް ތިޔަބުނާ ޕީއެސްއަޕީ އިން ދިން ޕްރޮޖެކްޓްތަކުގެ ލިސްޓެއް ހޯދަބަލަ. އޮވެގެންތާ ލިބޭނީވެސް. ސަރުކާރު ކުންފުނިތަކަށް ދިނީވެސް ނަމެއްގަ، ސޮއި ކުރަން ފޮޓޯ ނަގަން. ބަދަލު ދޭން ނުޖެހޭނެކަމަށް ބަލައިގެން. އެއްވެސް މަސައްކަތެއް އެއްވެސް ޕްރޮޛެކްޓެއްގަ ފެށިފައެއް ނުވޭ. ދެން ހަމަ ކޮނޑުހުޅުން ނެއްޓޭ ވަރަށް އަތްޖަހަން ތިބޭ
ސާބަސްދެން
21 April 2025
އެއްވެސް ކަމެއް މީނާއަކަށް ނުވޭ. އެއްވެސް ކަމެއް. މިކަހަލަ މީހުން ކީއްކުރަންބާ ކައިރީގަ ބަހައްޓާނީ. އެ ހައިދަރާ. ބަލަދު އަރާ ބަޔަކީތަ އަޅެ