24 އެޕްރީލް 2025 - 13:22
ވާދަވެރި އިންޓަ މިލާން އަތުން 3-0 އިން މޮޅުވެ އޭސީ މިލާނުން އިޓާލިއަން ކަޕުގެ ފައިނަލުން ރޭ ފުރުސަތު ހޯދައިފި އެވެ.
މި މެޗުން ބަލިވުމުން އިންޓަ އަށް ވަނީ މި ސީޒަނުގައި ތިން މުބާރާތް ކާމިޔާބުކުރަން ދެކެމުން އައި ހުވަފެން ނިމުމަކަށް އައިސްފަ އެވެ. އެ ޓީމަށް ދެން އޮތީ އިޓާލިއަން ލީގާއި، ޗެމްޕިއަންސް ލީގެވެ. ލީގުގެ އެއް ވަނައިގައި އޮތްއިރު، ޗެމްޕިއަންސް ލީގުގައި އޮތީ ސެމީ ފައިނަލުގަ އެވެ.
އިޓާލިއަން ކަޕުގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގުން ރޭ ހޯދި މޮޅާ އެކު މިލާން ފައިނަލަށް ދިޔައީ ދެ ލެގުގެ އެގްރިގޭޓުން 4-1 އިންނެވެ. ފުރަތަމަ ލެގު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
ރޭގެ މެޗުގައި މިލާނުގެ ފުރަތަމަ ދެ ގޯލް ޖެހީ ލޫކާ ޔޮވިޗެވެ. ފަހު ގޯލް ޖެހީ ޓިޖާނީ ރެއިންޑާސް އެވެ.
ލީގުގެ ނުވަ ވަނައިގައި މިލާން އޮތް ނަމަވެސް އެ ޓީމަށް މިވަނީ މި ސީޒަނުގައި ދެ ވަނަ މުބާރާތެއް ކާމިޔާބުކުރުމުގެ ފުރުސަތު ލިބިފަ އެވެ. ކުރިން ކާމިޔާބުކުރީ އިޓާލިއަން ސުޕަ ކަޕެވެ.
އަނެއްކޮޅުން މިލާން ވަނީ މި ސީޒަނުގައި ތިން ފަހަރު އިންޓަ ބަލިކޮށްފަ އެވެ. ދެ ފަހަރު ނިމުނީ އެއްވަރުވެގެންނެވެ.
އިޓާލިއަން ކަޕުގެ ސެމީގެ ދެ ވަނަ މެޗުގައި މިރޭ އޮންނާނީ ބޮލޯނިއާ އާއި އެމްޕޮލީގެ މެޗެވެ. ފުރަތަމަ ލެގުން މޮޅުވީ 3-0 އިން ބޮލޯނިއާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy