ފުލުހުންގެ 92 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
24 އެޕްރީލް 2025 - 23:50
ދިވެހި މުޖުތަމައު މިއަދު އޮތް ނިކަމެތި ހާލަތުގެ ޒިންމާ ނަގަން ޖެހޭނީ ބިރަކާ ނުލައި މަޖާކުރަން ހިތްވަރުދިން މީހުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ 92 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހުޅުމާލެ ސިންތެޓިކް ޓްރެކްގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި، މާލޭގެ އިމާރާތަކުން އަންހެނަކު ވެއްޓި މިދިޔަ ހުކުރު ދުވަހު ހިނގި ހާދިސާއަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ އެއީ ވަރަށް ހިތާމަވެރި ހާދިސާއެއް ކަމަށެވެ.
"އެއަށް ވިސްނާލާއިރު ވެސް މިކަމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަން ޖެހޭނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އަދި އިންސާފަށް ލޯބިކުރާ ކޮންމެ މީހަކު ވެސް ގަބޫލުކުރާނެ ގޮތުގައި ބިރަކާއި ނުލައި މަޖާކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއްގެ ގޮތުގައި ޕްރޮމޯޓްކުރި މީހުން، މީގެ އަހަރުތަކެއް ކުރިން،" ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގައި ކަނޑައެޅިފައި ހުރި އިންތަކާއި މިންތަކާއި އުސޫލަތަކާއި ހަމަތަކަކީ އެއީ މާ މުހިންމު ކަމެއް ނޫނޭ ބުނެ، މަޖާކުރާށޭ، ޒުވާންކަމުގެ ތި ކުދިން ބޭނުންގޮތަކަށް އުޅޭށޭ ކިޔާފައި އެ ހިތްވަރުދިން މީހުން މިއަދު ސިޔާސީ ބޭނުމެއްގައި ނުކުމެ އެ ކުދިން މިސްޔޫސް ކުރަމުންދާ ދިއުން ލޯހުޅުވާ ބަލަން އެބަޖެހޭ."
ބިރަކާ ނުލައި މަޖާކުރުމަކީ އެމްޑީޕީން 2013ގެ ރިޔާސީ އިންތިހާބަށް އެ ޕާޓީން ނެރުނު ކުޅިވަރާއި މުނިފޫހިފިލުވުމުގެ މެނިފެސްޓޯގައި ހިމެނި ކަމެކެވެ.
ރައީސް ވިދާޅުވި ގޮތުގައި، އެ ކުދިން އެ މަގުން ދިޔައީ ސިޔާސީ އޮއިވަރެއްގައި ޖައްސައިގެން، މި ގައުމުގައި އޮތް މާތްވެގެންވާ އިސްލާމްދީނުގެ ހަމަތަކާއި އުސޫލަތަކާއި ރީތި އާދަތަކުން ނެރެ އެހެން މަގަކުން ގެންދިއުމަށް ކުރި މަސައްކަތުގެ ނަތީޖާއެއްގެ ސަބަބުންނެވެ. އެހެންކަމުން، ރައްޔިތުން ވާން ޖެހޭނެ ތެދާއި ދޮގު ވަކިކުރަން އެނގޭ ބަޔަކަށް ކަމަަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ވިކްޓިމައިޒްވެފައި ތިބި ޒުވާނުންތަކެއްގެ ބޭނުންކޮށްގެން ސިޔާސީ ފައިދާ ނަގަން އުޅުުމުގެ ތެރެއަށް ދިވެހި ރައްޔިތުން ވަނުމަކީ ކޮށްގެން ވާނެ ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.
ފުލުހުންގެ 92 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާ.-- ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވީ ފުލުހުންގެ މުއައްސަސާއިން ރައްޔިތުންނަށް ދޮގު ހަދާނެ ކަމަށް އެމަނިކުފާނު ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. ފުލުހުން ރައްޔިތުންނަށް ދޮގު ހަދައިގެން، ފުލުހުންނަށް ލިބޭނެ އެއްވެސް ފައިދާއެއް ނެތް ކަމަށާއި އެއީ ފުލުހުން ކުރާނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.
ފުލުހުން ދޮގު ހަދާނެ ކަމަށް ބުނެ އެ މުއައްސަސާގެ އަގުވައްޓާލަން މަސައްކަތްކުރަނީ މުޖުތަމައުގައި ބައިބައިވުމާއި ފިތުނަ އުފައްދަން އުޅޭ ބަޔަކު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވާން ޖެހޭނީ ކެތްތެރިކަމާ އެކީގައި ފުލުހުންގެ ހިދުމަތް ފުލުހުން އަދާކުރުމަށް ފުރުސަތު ދޭން،" ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަރޭޝް
26 April 2025
އަރުތޫރުންގެނެސް ޒުވާނުންގެސިޓީއެއްހަދައި އެމީހުން އުޅޭނެގޮތަކަށް ކަންތައްފަހިކޮށްދިންބައެއްގެ އިސްސަފު ނުހިމަނައި ބައެއްގެބޮލަށް މިކަންކަނޑާާލާފަ ނިންމާލައިގެން ދެކޮޅެއްނުޖެހޭނެ.
އެމްސް
26 April 2025
ސިޔާސީފިތުނައިގަ ޤައުމު ޣަރަގުވަނީއެވެ! މަޖިލިހިހަކީވެސް ރަޢިއްޔަތުންގެ ތަނަކަށް ނުވެއެވެ!
އުންމު އަފީފް
26 April 2025
ބިރަކާނުލާ މަޖާކުރަން ބުނި މީހާ ބުނިފަހަރަކު ނުހޮވޭ. އެއީ މީގެ 12 އަހަރު ކުރި. ޔަޤީނުންވެސް މިކުދިން ތަންދޮރު އެނގޭވަރަށް އޭރު ބޮޑެއް ނުވާނެ. ދެން އެކަމާ މިކަމާ އޮތް ގުޅުމަކީ ކޮބާތޯ? ބިރު ކެނޑުނު ބަޔަކު ކެނޑުނީ ބޭބެއަށް މިނިސްޓަރުކަން ލިބުނީމަ އެކަން ކުރީ މިހާރުގެ ސަރުކާރުން.
ކުރުނބާ
26 April 2025
ވެރިކަމުގެ ދަހިވެތިކަމުގަ އަވަށްޓެރި ގައުމުތަކަށާއި އެގައުމުތަކުގެ ވެރިންނަށް އެއްޗެހިކިޔަން މުޖުތަމައުތަށް ދަސްކޮށްދިނީ ކޮންބަޔެއް؟
ހޭބަލި
25 April 2025
ޕާޓީ ކުރީ މުއިއްޒުގެ މިނިސްޓަރެއްގެ ގޭގަ. ޕާޓީ ރޭވީ މިސަރުކާރުގެ މަތިފަޑީގަ ތިބި ބަޔަކު.. މައްސަލައިގެ ތަހުގީގު ގޯހުން ގޯހަށް ގޮސްގެން މިއުޅެނީ މުއިއްޒު ލާފަހުރި ސީޕީއެއްގެ ބެލުމުގެދަށުން. އެކަމަކު މިކަމުގަ ޒިންމާނަގަންވީ އެހެންބަޔަކު؟ ބޯހަލާކު
ތައްހާނު.
25 April 2025
އަބަދުވެސް އެެހެންބަޔެއްގެ ބޮލަށް ޖަހާލާ. އެންމެ ފަސޭހަގޮތް.
އަނގައޮތީމަ
25 April 2025
އެހެންވީމަ ތިބުނަނީ އަދިވެސް ދިވެހިން ގަބޫލުކުރަނީ އަންނި ދައްކާ ވާހަކައޭދޯ! ކެކެކެ މަނިކުފާނުގެ ބަސް ނުވިކެނީތާ
ޗަކަސް
25 April 2025
ބިރަކާ ނުލާ މަޖާކުރާ ވާހަކަދެއްކިއިރު މިކުދިން ތަނެއްދޮރު ވަކިވާވަރަށް ބޮޑުވެފަތަ ތިބީ؟ އެ ކުއްޖާ ވައްޓާލީ އެމްޑީޕީ ކަމަށްހަދާފަ އ ޕާޓީ ޖަލަށްލާ
ހޭބަލި
25 April 2025
ޔުމްނު ވައްޓާލީ އަންނި
ކުރޮކަޑައިލް
25 April 2025
މުއިއްޒު ތިޔަ ޒާތައް ވާހަކަ ދައްކަން ބިރު ނުގަނޭތޯ؟ . މަސްއޫލިއްޔަތު އުފުލުމަކީ ދީނީ ގޮތުންވެސް ވާޖިބެއް. ޖަވާބޔދާރަިވާނީ ތިހެނެއް ނޫން. ތިބޭފުޅާ ތިޔަ ވިދާޅުވަނީ ކަނޑައެޅިގެން ގޯސްވާހަކައެއް. ބަލަ މިދައްކަނީ މަނިކުފާނުގެ ފުލުސް ރަނގަޅަށް އެކަން ތަޙްގީގު ނުކޮށްގެން އެވާހަކަ. އިންސާފަށް ހުރަސް އަޅާތީ އެވާހަކަ. މަނިކުފާނުގެ ވަޒީރު އަމީން އެއީ ކޮން ޖަނެރޭޝަނެއް؟މަނިކުފާނުގެ އޮފީސްތެރޭ އެމީހުން ބޭތިއްބީ ކޮންބައެއް؟ޒިއްމާ ނަގަން ޖެހެނީ ކޮންބައެއް؟