ޕާކިސްތާނުގެ މަޝްހޫރު އެކްޓަރު ފަވާދު ހާން.
25 އެޕްރީލް 2025 - 06:31
ކަޝްމީރުގެ އިންޑިއާ ސަރަހައްދުގައި 26 މީހަކު މަރާލި ޓެރަރިސްޓް ހަމަލާއާ ގުޅިގެން ޕާކިސްތާނުގެ މަޝްހޫރު އެކްޓަރު ފަވާދު ހާން ބޮލީވުޑަށް އެނބުރި އަންނަން ކުޅުނު ފިލްމު އިންޑިއާގައި ދެއްކުން މަނާކޮށްފި އެވެ.
އިންޑިއާގެ ސަރުކާރުގެ ބައެއް އޮފިޝަލުންނާ ހަވާލާދީ ބައެއް ނޫސްތަކުގައި ބުނީ ފަވާދު އެނބުރި ބޮލީވުޑަށް އަންނަ ފިލްމު "އަބީރް ގުލާލް" އިންޑިއާގައި ދެއްކުމުގެ ހުއްދަ ނުދޭން ނިންމާފައިވާ ކަމަށެވެ. ނަމަވެސް، އިންޑިއާގެ ކަމާ ބެހޭ އިދާރާއަކުން ރަސްމީކޮށް އަދި މިކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
މި ހަމަލާއާ ގުޅިގެން އިންޑިއާ އިން މިހާރު ވެސް ވަނީ ޕާކިސްތާނަށް ބައެއް ފިޔަވަޅުތައް އަޅައި، ޕާކިސްތާނު ރައްޔިތުންނަށް އިންޑިއާގެ ވިސާ ދިނުން ވެސް މެދުކަނޑާލައިފަ އެވެ.
ޓޫރިޒަމަށް މަޝްހޫރު ޕަހަލްގާމްގައި އަންގާރަ ދުވަހު، ހަތިޔާރު އަޅައިގެންތިބި ބަޔަކު 26 މީހަކު މަރާލާފައި ވާއިރު ނޭޕާލް މީހަކު ފިޔަވައި ދެން އެންމެންނަކީ އިންޑިއާ މީހުންނެވެ. މިއީ މުސްލިމުން ގިނަ އެ ސަަރަހައްދުގައި 2000 ވަނަ އަހަރުގެ ފަހުން އާންމުންނަށް އަމާޒުކޮށް ދިން އެންމެ ނުރައްކާތެރި ހަމަލާ އެވެ.
ފަވާދު އެނބުރި އަންނަނީ ބޮލީވުޑްގެ އެކްޓްރެސް ވާނީ ކަޕޫރާ އެކު ކުޅޭ ފިލްމަކުންނެވެ. އެއީ ރޮމޭންޓިކް ކޮމެޑީ ފިލްމެކެވެ.
"އަބީރް ގުލާލް" ޑައިރެކްޓުކުރަނީ މިދިޔަ އަހަރު "ޗަލްތީ ރަހޭ ޒިންދަގީ" ކިޔާ ހިންދީ ފިލްމެއް ގެނެސްދިން އާރްތީ އެސް ބަގްދީ އެވެ.
ފަވާދު ވަނީ ކުރިން ވެސް ބޮލީވުޑްގެ ތިން ފިލްމެއް ކުޅެފަ އެވެ. ނަމަވެސް، 2016 ވަނަ އަހަރު ޕާކިސްތާނުގެ އެކްޓަރުން އިންޑިއާގައި މަސައްކަތްކުރުން އިންޑިއާގެ ފިލްމު އެސޯސިއޭޝަނުން މަނާކުރުމުން އޭނާ ބޮލީވުޑްގައި މަސައްކަތްކުރުން ހުއްޓާލީ އެވެ. އެކަމަކު، މުމްބާއީގެ ހައިކޯޓުން މިދިޔަ އަހަރު ވަނީ އެ ނިންމުން ބާތިލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިއްލާ2222
26 April 2025
ވ ނަސީބު ދެރަ ކޮށް ފަވާޒް އަށް ކަންތައް ވަނީ! ޓެރަރިސްޓް އެކަކާ ހެދީ ވެސް އެއްމެންނަށް އަސްރު ކުރޭ!
ޗަކޮއި
26 April 2025
މަށަށް ފެންނަނީ ނަހުލާލައްވާނަމަވެސް "މޭރާ ކިސްމަތު ބަދުނަސީބުހޭ " ކިޔާފިލުމެއް މީނާއަށްޓަކައި ހަދަން. ނޫންތަ؟
2025
25 April 2025
މިސޮރު ފިލްމެއްކުޅޭ އިރަށް މިޔޮށްވާގޮތެއް.... ބޮއިހަލަކި