ރާއްޖެ-މެލޭޝިޔާ ބިޒްނަސް ފޯރަމްގައި ރައީސް ޑރ. މުއިއްޒު. --ފޮޓޯ: ރައީސް އޮފީސް
28 އެޕްރީލް 2025 - 19:25
އެކި ދާއިރާތަކުން ރާއްޖޭގައި އިންވެސްޓު ކުރުމާއި ވިޔަފާރި އަށް ހުޅުވިފައިވާ ފަހި ފުރުސަތުތަކުގެ ބޭނުން ހިފައި، ރާއްޖޭގެ ތަރައްގީގައި ބައިވެރިވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މެލޭޝިއާގެ އަމިއްލަ ކުންފުނިތަކަށް ދައުވަތު ދެއްވައިފި އެވެ.
ރައީސް މެލޭޝިއާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވި މޯލްޑިވްސް-މެލޭޝިޔާ ބިޒްނަސް ފޯރަމް 2025 ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، 2040 ވަނަ އަހަރު ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމުގެ ތަސައްވަރުގެ ދަށުން، އުމްރާނީ އަދި އިޖުތިމާއީ ވަސީލަތްތައް ގާއިމު ކުރުމަށް ވަރުގަދަ މަސައްކަތެއް ފެށިގެން ކުރިއަށް ގެންދާ ކަމަށެވެ.
ބޯހިޔާވަހިކަމާއި އިޖުތިމާއީ ރައްކާތެރިކަމާއި މޫސުމީ ކާރިސާތަކުން އަރައިގަތުމަށް ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތައް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
"ނަމަވެސް މި ތަސައްވަރުކުރާ ބަދަލަކީ ރާއްޖެއަށް އެކަނި ގެނެވޭނެ ނޫނީ ގެންނަންޖެހޭނެ ބަދަލެއް ނޫން. އެންމެ އެކަށީގެންވާ ގޮތެއްގައި ކުރިއެރުން ހޯދޭނީ އެއް ގައުމުން އަނެއް ގައުމަށް އެހީތެރިކަން ފޯރުކޮށްދީގެން،" ރައީސް ވިދާޅުވި އެވެ.
ރާއްޖެ-މެލޭޝިޔާ ބިޒްނަސް ފޯރަމްގައި ރައީސް ޑރ. މުއިއްޒު. --ފޮޓޯ: ރައީސް އޮފީސް
އެމަނިކުފާނު ވިދާޅުވި ގޮތުގައި، ޖޯގްރަފީ ގޮތުން ރާއްޖެ އޮންނަނީ ކަނޑުދަތުރުފަތުރުގެ މުހިންމު ސަރަޙައްދެއްގައި ކަމަށް ވާތީ، ކަނޑުދަތުރުފަތުރާއި ކަނޑުދަތުރުފަތުރާ ގުޅުންހުރި ދާއިރާތަކަކީ ވިޔަފާރީގެ ގޮތުން ފަހި ފުރުސަތުތަކެއް އޮތް ދާއިރާއެކެވެ.
އަދި ދުނިޔެއަށް ނަން މަޝްހޫރު، ދިވެހި ޓޫރިޒަމްގެ ދާއިރާގައި، ހާއްސަ އިކޯ-ޓޫރިޒަމުގެ ދާއިރާގައި ހުރި ފުރުސަތުތަކުގެ މައްޗަށްވެސް ރައީސް އަލިއަޅުވާލެއްވި އެވެ.
މެލޭޝިޔާއަކީ އެކި ދާއިރާތަކުން ދުނިޔޭގެ ވަރުގަދަ ގައުމުތަކާ ފައިތިލަހަމަކޮށްލެވޭ ފަދަ ސިނާއަތްތަކެއް އުފައްދާފައިވާ ގައުމެއް ކަން ފާހަގަކުރައްވައި، އެ މަނިކުފާނު ވިދާޅުވީ މެލޭޝިޔާއިން ހޯދާފައިވާ މިފަދަ ކުރިއެރުންތަކާއި ތަރައްގީއިން ރާއްޖެއަށް ހިތްވަރު ލިބޭ ކަމަށެވެ.
ރާއްޖެ-މެލޭޝިޔާ ބިޒްނަސް ފޯރަމްގައި ރައީސް ޑރ. މުއިއްޒު. --ފޮޓޯ: ރައީސް އޮފީސް
އެއާ އެކު، ރާއްޖޭގައި މިހާރު ފަހިވެފައިހުރި ގިނަ ފުރުސަތުތަކުގެ ބޭނުން މެލޭޝިޔާގެ ކުންފުނިތަކަށް ހިފޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މެލޭޝިޔާގެ ކުންފުނިތަކުން ރާއްޖޭގެ ކުރިއެރުމުގެ ތަސައްވުރުގައި މާނަހުރި ގޮތެއްގައި ހިއްސާއެއް އަދާކުރުމުގެ ފުރުސަތު ބޮޑު. އޭގެ ބަދަލުގައި ރާއްޖޭގައި އިންވެސްޓްކޮށްގެން މެލޭޝިޔާގެ ކުންފުނިތަކަށް އިންތިހާއަށް ފައިދާ ކުރާނެ ކަމާމެދު ޝައްކެއް ނެތް،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، މިއީ ދެ ގައުމު ގުޅިގެން، އެކުގައި ކުރިއަށްދާން އެންމެ ރަނގަޅު ދަނޑިވަޅެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy