އިންޑިއާގެ މަޝްހޫރު ލިރިސިސްޓް ޖާވިދު އަކްތަރު.
30 އެޕްރީލް 2025 - 10:28
ޕާކިސްތާނުގެ އާޓިސްޓުންނަށް އިންޑިއާގައި މަސައްކަތްކުރުމަށް ފުރުސަތު ދީ، އިއްޒަތާއި ގަދަރު ދިން ނަމަވެސް، އިންޑިއާގެ އާޓިސްޓުންނަށް ޕާކިސްތާނުން އެ ފުރުސަތު ދީފައި ނުވާ ކަމަށް އިންޑިއާގެ މަޝްހޫރު ލިރިސިސްޓް ޖާވިދު އަކްތަރު އިއްޔެ ބުނެފި އެވެ.
ޖާވިދު "ޕީޕަލް ޓްރަސްޓް އޮފް އިންޑިއާ" އަށް ދިން އިންޓަވިއުއެއްގައި ބުނީ މި ދުވަސްވަރު އެންމެ ގިނައިން އުފައްދާ އެއް ސުވާލަކަށް ވެފައި ވަނީ ޕާކިސްތާނުގެ އާޓިސްޓުންނަށް އިންޑިއާގައި މަސައްކަތްކުރުމަށް ފުރުސަތު ދޭން ޖެހޭ ހެއްޔެވެ.
"މިއީ މިއަށް ވުރެ މާ ރަނގަޅު ދުވަސްވަރެއްގައި ވިސްނަންވީ ކަމެއް އަދި އުއްމީދުކުރެވެނީ އަހަރުތަކެއް ފަހުން އެ ދުވަސް އަތުވެދާނެ ކަމަށް. އެއީ ޕާކިސްތާނުގެ ވެރިން އިންޑިއާއަށް އިހުތިރާމްކުރާ ދުވަހަކުން. އޭރުން މިކަމާ މެދުގައި ވިސްނަންވީ. އެކަމަކު މި ވަގުތު، މި ސުވާލުކުރަން ނުޖެހޭ، ނުކުރެވޭނެ،" ޖާވިދު ބުންޏެވެ.
ޖާވިދު ބުނީ ނުސްރަތު ފަތޭ އަލީ ހާން އާއި މަހްދީ ހަސަން އާއި ގުލާމް އަލީ އަދި ނޫރް ޖާން ކަހަލަ ޕާކިސްތާނުގެ މަޝްހޫރު އާޓިސްޓުންނަށް އިންޑިއާއިން ވަރަށް އިހުތިރާމްކުރި ކަމަށެވެ. އަދި އެ މީހުންގެ ހުނަރު އިންޑިއާގައި ދައްކަން ކަމާބެހޭ އިދާރާތަކުން ހުއްދަ ދީ، ރަނގަޅު މެހުމާންދާރީއެއް އަދާކުރި ކަމަށެވެ. އެކަމަކު، ޕާކިސްތާނު ސަރުކާރުން އިންޑިއާގެ އާޓިސްޓުންނަށް އެ އިހުތިރާމް އަދާނުކުރާ ކަމަށް ޖާވިދު ބުންޏެވެ.
VIDEO | When asked about whether Pakistani artists should be allowed in India, lyricist Javed Akhtar (@Javedakhtarjadu) says, "The first question should be whether we should allow the Pakistani artists here. There are two answers, both of them are equally logical. It has been a… pic.twitter.com/ox9b3CfbLy
— Press Trust of India (@PTI_News) April 29, 2025
އޭނާ ބުނި ގޮތުގައި، އިންޑިއާގެ ބޮޑުވަޒީރު އަތުލް ބިހާރީ ވަޖްޕާއީގެ ވެރިކަމުގައި ޕާކިސްތާނުގެ ޝާއިރެއް ކަމަށްވާ އަހްމަދު ފާއިޒް އިންޑިއާއަށް ގެންގޮސް، ދައުލަތުގެ އެންމެ މަތީ އިއްޒަތް އޭނާއަށް އެރުވި އެވެ. އެ ޝަރަފު އޭނާއަށް ދިނީ އޭނާގެ ޅެންތަކުގައި ސުލްހަވެރިކަމަށް އޮތް ލޯބި ފާހަގަވުމުންނެވެ. ޕާކިސްތާނުގެ މީހަކަށް ވިޔަސް، އޭނާގެ ހުނަރުވެރިކަމުގެ މޮޅުކަމުންނެވެ.
ޖާވިދު ބުނީ އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރްއަކީ 1960 އާއި 1970ގެ އަހަރުތަކުގައި ޕާކިސްތާނުގައި ވަރަށް މަގުބޫލުވި، ޕަކިސްތާނުގެ އެތައް ބަޔަކު ލޯބިކުރި ފަންނާނެއް ކަމަށެވެ. އެކަމަކު، ޕާކިސްތާނުގައި ޕާފޯމްކުރުމުގެ ފުރުސަތު ލަތާއަށް އެންމެ ފަހަރަކު ވެސް ނުދޭ ކަމަށް އޭނާ ބުންޏެވެ.
"އަހަރެން ޕާކިސްތާނު ރައްޔިތުންނާ ގުޅުވައި ޝަކުވާއެއް ނުކުރާނަން، އެއީ އެމީހުން އޭނާ (ލަތާ) އަށް ވަރަށް ލޯބިކުރީތީ. އެހެންވެ އޭނާ އެތަނުގައި އެހާ މަގުބޫލުވީ. އެމީހުން އޭނާއަށް އިހުތިރާމު ކުރޭ، އެކަމަކު ވަކި ހުރަހެއް އޮތް. އެ ހުރަސް އޮތީ ނިޒާމުގެ ތެރޭގައި. އެހެންވެ، އެއްކޮޅަށް ހުރިހާ ފައިދާއެއްވާ ނަމަ، ވަކި ހިސާބަކުން ކަންކަން ގޯސްވާނެ. މިއީ ހަމަ ދައްކަން ޖެހޭ ވާހަކައެއް،" ޖާވިދު ބުންޏެވެ.
ޖާވިދު މި ވާހަކަތައް މި ދެއްކީ ޕާކިސްތާނުގެ އެކްޓަރު ފަވާދު ހާން ބޮލީވުޑަށް އެނބުރި އަންނަ ފިލްމު "އަބީރް ގުލާލް" އިންޑިއާގައި މަނާކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް ބުނާ ޚަބަރުތައްް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. އެ ޚަބަރާ އެކު އިންޑިއާގައި، ޕާކިސްތާނުގެ އާޓިސްޓުންނަށް މަސައްކަތްކުރުމުގެ ފުރުސަތު ނުދޭން ގޮވާލާ އަޑުތައް ވަނީ އަނެއްކާވެސް ގަދަވެފަ އެވެ.
ފަވާދުގެ ފިލްމު އިންޑިއާގައި މަނާކުރަން ނިންމީ، ކަޝްމީރުގެ އިންޑިއާ ސަރަހައްދުގައި މިދިޔަ ހަފުތާގައި ދިން ޓެރަރިސްޓް ހަމަލާގައި 26 މީހަކު މަރާލާފައިވާއިރު، އެކަމުގައި ޕާކިސްތާނުގެ ބައިވެރިވުން އޮތް ކަމަށް ބުނެ ކުރާ ތުހުމަތުތަކާ ގުޅިގެންނެވެ. އެ ހަމަލާއާ ގުޅިގެން އިންޑިއާ އިން ވަނީ ޕާކިސްތާނަށް އިތުރު ފިޔަވަޅުތައް އަޅައި، ޕާކިސްތާނު ރައްޔިތުންނަށް އިންޑިއާގެ ވިސާ ދިނުން ވެސް މެދުކަނޑާލައިފަ އެވެ.
ޓޫރިޒަމަށް މަޝްހޫރު ޕަހަލްގާމްގައި މި މަހުގެ 22 ވަނަ ދުވަހު، ހަތިޔާރު އަޅައިގެންތިބި ބަޔަކު ދިން އެ ހަމަލާގައި މަރުވި އެކަކު ފިޔަވައި އެންމެންނަކީ އިންޑިއާ މީހުންނެވެ. އެއީ، މުސްލިމުން ގިނަ އެ ސަަރަހައްދުގައި 2000 ވަނަ އަހަރުގެ ފަހުން އާންމުންނަށް އަމާޒުކޮށް ދިން އެންމެ ނުރައްކާތެރި ހަމަލާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަހާރަދުން
04 May 2025
މިވެސް މުސްލިމެއްގެ ލޭބަލް ޖަހައިގެން އުޅޭ ދެވަނަ ސަލްމާނު ރުސްދީ!!!
އަހައްމު
30 April 2025
މި އިންޑިއާ މީހުންނަކީ ވަރަށް ޤައުމީ ބައެއް..މުސްލިމުންނެކޭ ހިންދޫއިންނެކޭ ތަފާތެއް ނެތް...ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ..ޤައުމަށްވުރެ ތިމާމެންނަށް އިސްވާންޖެހޭނީ އަޙުވަންތަކަން..އެއީ ކޮންމެ ޤައުމެއްގެ ބަޔަކަށް ވިޔަސް..