ޕޮލިހާއި ހުރާ ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: ވީއޭއެމް
30 އެޕްރީލް 2025 - 11:38
ވޮލީބޯޅަ ގައުމީ މުބާރާތުގެ އަންހެން ޑިވިޝަންގައި އެންމެ ފަހުގެ ޗެމްޕިއަން ކްލަބް ވެމްކޯ އާއި ރަނަރަޕް ޕޮލިސް ކްލަބް ވެސް ކުޅުނު ފުރަތަމަ މެޗުން މޮޅުވެއްޖެ އެވެ.
ގައުމީ ލީގުގެ ގަދަ ހަތަރު ޓީމުގެ މެދުގައި ކުޅޭ މުބާރާތުގެ ފުރަތަމަ މެޗުގައި ވެމްކޯ ވަނީ 25-22، 25-22 އަދި 25-16 އިން ފްލެކްސާ ސްޕޯޓްސް ބަލިކޮށްފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ވެމްކޯގެ ޕައްޓިޔާ ޖުއަންގްޖަން އެވެ.
ވެމްކޯ އާއި ފްލެކްސާ ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: ވީއޭއެމް
ފްލެކްސާ ސްޕޯޓްސް ވަނީ ވީއޭއެމް ކަޕްގެ ޕްރިލިމިނަރީ ބުރުން ފެށިގެން ސެމީ ފައިނަލާ ހަމައަށް ކުޅެފަ އެވެ. އަދި ލީގުގައި ވަނީ ވެމްކޯގެ މައްޗަށް ވެސް ކުރި ހޯދައިފަ އެވެ.
ރޭ ކުޅުނު މުބާރާތުގެ ދެ ވަނަ މެޗުގައި ޕޮލިހުން ވަނީ ހުރާ ކޮމިއުނިޓީ ކްލަބާ ވާދަކޮށް 25-22، 25-22 އަދި 25-16 އިން މޮޅުވެފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޕޮލިހުގެ ގްރަޒިއޭލޭ ރިބޭރިއޯ ޑި ސޫޒާ އެވެ.
ހުރާ ކޮމިއުނިޓީ ކްލަބަކީ ވެސް ވީއޭއެމް ކަޕް ޕްރިލިމިނަރީ ބުރުން ފެށި ޓީމެކެވެ. އެ ޓީމު ވަނީ ވީއޭއެމް ކަޕާއި ގައުމީ ލީގުގެ ވެސް ތިން ވަނަ ހޯދައިފަ އެވެ.
ގައުމީ މުބާރާތުގައި ވާދަކުރާ ހަތަރު ޓީމު ވެސް ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެކޮޅަށް ކުޅެ، އެއް ވަނަ ހޯދާ ޓީމަކަށް ފައިނަލްގެ ފުރަތަމަ ޖާގަ ލިބޭނެ އެވެ. ފައިނަލްގެ ދެ ވަނަ ޖާގަ ލިބޭނީ، ލީގު ބުރުގެ ދެ ވަނަ އާއި ތިން ވަނަ ޓީމު ބައްދަލުކުރާ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ.
މިއަދާއި މާދަމާ ވެސް ލީގު ބުރުގެ ކުޅުން ކުރިއަށް ގެންގޮސް، ސެމީ ފައިނަލް މެޗު ކުޅޭނީ ހޮނިހިރު ދުވަހުގެ ރެއެވެ. އަދި ފައިނަލް މެޗު ކުޅޭނީ އާދިއްތަ ދުވަހުގެ ރެއެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy