ރާއްޖެ ޕްރޮމޯޓް ކުރަން އެމިރޭޓްސް އާ އެކު އެމްއޯޔޫއެއްގައި ސޮއިކުރަނީ. --ފޮޓޯ: އެމްއެމްޕީއާރުސީ
30 އެޕްރީލް 2025 - 12:12
ރާއްޖެއަށް މުހިންމު އިތުރު މާކެޓުތަކާ ގުޅުވައިދީ ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް، ދުނިޔޭގެ އެންމެ މަގުބޫލު އެއާލައިންތަކުގެ ތެރޭގައި ހިމެނޭ އެމިރޭޓްސް އާއި ގަތަރު އެއާވޭސް އާ އެކު މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި އެވެ.
ދުބާއީގައި ކުރިއަށްދާ އަރަބް ޓްރެވަލް މާކެޓް (އޭޓީއެމް)ގެ ތެރެއިން އެމްއެމްޕީއާރުސީން އިއްޔެ ވަނީ އެ ދެ އެއާލައިނާ އެކު މި އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ.
ގަތަރު އެއާވޭސް އާ އެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން، އެ އެއާލައިނުގެ 170 އަށް ވުރެ ގިނަ މަންޒިލް ހިމެނޭ ފުޅާ ނެޓްވޯކާއި އެމްއެމްޕީއާރުސީއާ ގުޅިގެން، ޓޫރިޒަމް އިތުރަށް ކުރިއަރުވައި ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު އިތުރުކުރެވޭނެ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.
މި އެމްއޯޔޫގެ ދަށުން، ކޮންސިއުމާ މާކެޓިން ކެމްޕޭންތަކާއި، މީޑިޔާ ހަރަކާތްތައް ހިމެނޭ ގޮތަށް، މަތީފަންތީގެ މަންޒިލެއްގެ ގޮތުގައި ތަފާތު ކޮންޓެންޓުތައް ބޭނުންކޮށްގެން ރާއްޖެ ޕްރޮމޯޓުކުރުމަށް އިސްކަން ދެވޭނެ ކަމަށް ބުނެފައިވެ އެވެ.
ރާއްޖެ ޕްރޮމޯޓް ކުރަން ގަތަރު އެއާވޭސް އާ އެކު އެމްއޯޔޫއެއްގައި ސޮއިކުރަނީ. --ފޮޓޯ: އެމްއެމްޕީއާރުސީ
އެމިރޭޓްސްއާ އެކު ސޮއިކުރި އެމްއޯޔޫގެ ދަށުން، އެމްއެމްޕީއާރުސީއާ ގުޅިގެން މާކެޓިން މަސައްކަތްތަކާއި، މުހިއްމު މާކެޓްތަކުގައި ހާއްސަ ޓްރެވަލް ޕެކޭޖްތަކާއި، އެއާލައިންގެ ފުޅާ ނެޓުވޯކުގައި ހިމެނޭ މުހިންމު މާކެޓްތަކުގައި ރާއްޖެ ޕްރޮމޯޓްކުރާނެ އެވެ.
މީގެއިތުރުން، އެމިރޭޓްސްގެ ކާގޯ ހިދުމަތުގެ ތެރެއިން ވިޔަފާރި އާއި މުދާ އުފުލުމުގެ ދާއިރާ ފުޅުކުރުމުގެ މަސައްކަތްތަކެއް ވެސް ކުރާނެ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.
މާދަމާގެ ނިޔަލަށް ކުރިއަށްދާ އޭޓީއެމްގައި ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގެ 111 ކުންފުންޏަކުން 230 މަންދޫބުން ދަނީ ބައިވެރިވަމުންނެވެ.
މި ފެއާގައި ބައިވެރިވުމުގެ މައިގަނޑު މަގުސަދަކީ، މަތީ ފެންވަރުގެ މާކެޓު ފުޅާކޮށް، މެދުއިރުމަތީގެ ޓޫރިޒަމް އަދި ޓްރެވަލް ޕާޓްނަރުންނާ ގުޅުންތައް ގާއިމުކުރުމުގެ ފަހި ފުރުސަތުތަކެއް ތަނަވަސްކޮށް ދިނުން ކަމަށް އެމްއެމްޕީއާރުސީން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy