ޓްރާންސްޕޯޓް މިނިސްޓަރު އަމީން: ހަނި ގޯޅިތަކަށް ވަދެވޭ ގޮތަށް އެކި ސައިޒުގެ ޓެކްސީ ހުންނާނެ ކަމަށް ވިދާޅުވި
07 މެއި 2025 - 11:24
ސަރުކާރުގެ "އީވީ ޓެކްސީ ލައިން" ގެ ފްލީޓްގައި އެކި ސައިޒުގެ ޓެކްސީތައް ހުންނާނެ ކަމަށާއި އޭގެ ތެރޭގައި މާލޭގެ ހަނި ގޯޅިތަކަށް ވަދެވޭ ޓެކްސީ ހިމެނޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ސަރުކާރުން ޓެކްސީ ލައިން ފެށި ނަމަވެސް، އަމިއްލަ ގޮތުން ޓެކްސީ ކުރަން އެއްވެސް ހުރަހެއް ނޯންނާނެ ކަމަށާއި މިހާރެކޭ އެއްގޮތަށް އެ ފުރުސަތު އޮންނާނެ ކަމަށެވެ.
"މިހާރު ޕާޓް-ޓައިމްކޮށް ޓެކްސީ ކުރާ ފަރާތްތަކަށް ވެސް މި ޓެކްސީ ފްލީޓްގައި ޕާޓް-ޓައިމްކޮށް ނޫނީ ފުލް-ޓައިމް މަސައްކަތުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ. ޓެކްސީ ކުރައްވައިގެން އާމްދަނީ ހޯދުމުގެ ފުރުސަތު،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ޓެކްސީ ލައިން ޕްލޭންކޮށްފައިވާނީ ދާއިމީ ޓެކްސީ ޑްރައިވަރުންނާއި ފްރީލާންސްކޮށް ޓެކްސީ ޑްރައިވަރުންނަށް ވާން ބޭނުންވާ މީހުންނަށް ވެސް ފުރުސަތު ލިބޭ ގޮތަށް ކަމަށެވެ.
"އެހެންވީމާ ޓެކްސީކުރާ ފަރާތްތަކަށް ގެއްލުންވާނެ އެއްވެސް ގޮތެއް ނޯންނާނެ. ޓެކްސީ ކުރާ ފަރާތްތައް ވެސް މިކަން މި ކުރަނީ އާމްދަނީ ހޯދަން ކުރާ މަސައްކަތެއްގެ ގޮތުގައި،" މިނިސްޓަރު ވިދާޅުވި އެވެ.
އަމީން ވިދާޅުވީ ފެންނަ އޮތް ހަގީގަތަކީ މާލޭ ސަރަހައްދުގައި ޓެކްސީގެ ހިދުމަތް ބޭނުންވެފައި އޮތް މިންވަރު ކަމަށާއި ޓެކްސީ ނުލިބޭ މައްސަލައިގެ ޝަކުވާ މިނިސްޓްރީއަށް ވަރަށް ގިނައިން ލިބޭ ކަމަށެވެ. ހާއްސަކޮށް މާލޭގެ އެއް ސަރަހައްދުން އަނެއް ސަރަހައްދަށް ދިޔުމަށް ޓެކްސީ ހޯދަން ވަރަށް އުނދަގޫ ކަމަށް ވިދާޅުވި އެވެ.
މާލޭގެ މަގުތައް ހުރި ހާލަތަށް ބަލާއިރު، އެކި ސައިޒުގެ ޓެކްސީތައް ބޭނުންވާ ކަމަށާއި ސަރުކާރުގެ ޓެކްސީ ލައިނުގައި އެކި ސައިޒުތަކުގެ ޓެކްސީ ހުންނާނެ ކަމަށް އަމީން ވިދާޅުވި އެވެ. އެއީ މާލޭގެ ވަރަށް ހަނި މަގުތަކަށް ވެސް ވަދެވޭނެ ގޮތް ހެދުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަދި ހުޅުމާލެއަށާއި އެއާޕޯޓަށް ވެސް ދަތުރު ކުރެވޭނެ ސައިޒުތައް ހިމެނިގެން ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އާއްމު ދަތުރުފަތުރުގައި މިހާރު ދިމާވަމުންދާ ދަތިތައް ހައްލުކުރަން ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް އަންނަ ޖުލައި މަހުގެ ފުރަތަމަ ހަފްތާގައި ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.
އެމްޓީސީސީން ޓެކްސީގެ ހިދުމަތް ދޭނީ އިލެކްޓްރިކް ވެހިކަލްތައް (އީވީ) މެދުވެރިކޮށެވެ. މި ހިދުމަތް ދޭން ހަމަޖެހިފައި ވަނީ ހިދުމަތް ދިނުމަށް ހާއްސަ އެޕްލިކޭޝަނެއް ގާއިމުކޮށް، ރާއްޖެއިން ބޭރުގައި ދޭ އޫބާ އާއި ގްރޭބް ފަދަ ހިދުމަތްތަކުގެ ސްޓައިލަށެވެ.
ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ދޭން ފަށާނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ.
ފުރަތަމަ ފިޔަވަހީގައި މި އަހަރުގެ ތެރޭގައި މާލެ އާއި ހުޅުމާލޭގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ހިދުމަތް ދޭން ފަށާނެ އެވެ. ދެ ވަނަ ފިޔަވަހީގެ ދަށުން 2026 ވަނަ އަހަރާއި 2027 ވަނަ އަހަރު ވިލިމާލެ އާއި ތިލަފުއްޓަށް ހިދުމަތް ތައާރަފްކުރާނެ އެވެ. ތިން ވަނަ ފިޔަވަހީގައި އެ ހިދުމަތް ރަސްމާލެ އާއި ގިރާވަރާއި އައްޑު އާއި ފުވައްމުލަކުގައި ފަށާނެ އެވެ. ހދ. ކުޅުދުއްފުއްޓަށް 2028 ވަނަ އަހަރާއި 2029 ވަނަ އަހަރު ތައާރަފްކުރަން ވަނީ ރާވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
3ޑީ
07 May 2025
ބެޓަރި ކުރޮޅި ދޯ
ފަހުދު.
07 May 2025
ތި ޓެކްސީއިން ފައިބަންތަ ޖެހެނެެ ނޫނީ ވައްޓާލަނީތަ
ގަދަގޭ ދޮހުއްތު
07 May 2025
ވާ ގޮތަކީ އެކާރު ހިމަ ކަމުން ލަގެޖަށް ލެވޭނީ މީޑިޔަމް ސައިޒުގެ ރަތް ކޮތަޅު 2 ތި؟ އެ 2 ކޮތަޅު ލައިގެން ގޯޅި ގޯޅިން ދުއްވޭނެ މުޖައްރިބު
ކޮވެލި
07 May 2025
ބްރޯ. ކޮރޮޅި ގެންނަންވީ ނުން. ކޮލިޓީ ލަގްޒަރީ ކޮރޮޅި މާލެއަށް ޚާއްސަކޮށްގެން އޭރުން ހުރިހާ ކަމެއް ޙައްލުވީ.
މުޙަންމަދު ރ
07 May 2025
އެބުނާ ގޯޅިން ވަދެނިކުންނާނީ!! ދޮރު ހުޅުވާނީ 9މަސް ފަހުން ނޯ!!
ޓްރާންޕޯޓާ
07 May 2025
ޓްރާންސްޕޯޓް މިނިސްޓރީ މެދުވެރިވެގެން ދޭ ހިދުމަތެއްވީމަ ފެންވަރު ދެން ވަޒަންކޮށްލައްވާ. ކޮންމެ ކާރެއް ގަތުމައްވެސް ދެ ކާރުގެ އަގެއްނު އެއޮތީ.
އަލިކޮއި
07 May 2025
ހަނި ގޯޅިއަށް ވަދެފަ ކިހިނެއް ދޮރުހުޅުވަނީ، ފުރާޅުންތަ މީހާ ނުކުންނާނީ
ހޮޓްކިންގ
07 May 2025
ހަނިގޯޅިއަކަށް ވެދޭ ޓެކްސީ ހުންނާނެޔޭ؟ އިންނާލިއްލާހި، ސައިކަލަކަށްވެސް ނުވަދެވިގެން އުޅޭއިރު ޓެކްސީ ވަންނާނެގޮތެއްކޮބާ؟
ވޯލް
07 May 2025
މިއީ ރާއްޖޭގައި ސަރުކާރުން ދޭންޖެހޭ ޒާތުގެ ޚިދުމަތެއް އުއްމީދު ކުރަނީ ސަރުކާރު އޮދީސްތަކުގައި ލިބޭ ފެންވަރުގެ ދަށް ޚިދުމަތަކަށް ނުވެ. ފެންވަރު ރަގަޅު ރީލައިބަލް ޚިދުމަތެއް ދެވޭެނެކަމަށް.
މީހަކު
07 May 2025
ގިރާވަރަކަށް ނުފަށާނެދޯ؟