ވިއްސާރާގައި މާލޭގައި ފެން ބޮޑުވެފައިވާ މަގަކުން ބަޔަކު ސައިކަލު ކޮއްޕާފައި ދަނީ.-- ފޮޓޯ: މިހާރު
11 މެއި 2025 - 13:40
ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ތިން ދުވަހު މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން މިއަދު ލަފާކޮށްފި އެވެ.
މެޓް އޮފީހުން ދެންމެ ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވާނެ ކަމަށް ބެލެވޭތީ، ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ގުގުރުމާ އެކު، ބޯކޮށް ވާރޭވެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އެ ދުވަސްތަކުގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.
"ވީމާ، މޫސުމާ ބެހޭ އެންމެފަހުގެ މައުލޫމާތު އަދާ ހަމަކުރުމަށް ސަމާލުވެލެއްވުމަށް ދަންނަވަމެވެ،" މެޓް އޮފީހުން ބުންޏެވެ.
ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް އިރުވައި މޫސުން ނިމި، މި އަހަރުގެ ހުޅަނގު މޫސުން ފެށުނީ މިދިޔަ ބުދަ ދުވަހު އެވެ.
ހުޅަނގު މޫސުމުގެ އަސަރުތައް އާންމު ގޮތެއްގައި މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފުތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ކުރަން ފަށަ އެވެ. އަދި އޭގެފަހުން އެ މޫސުމުގެ އަސަރު މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް ފޯރައި، މެއި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށެ އެވެ.
މިދިޔަ އަހަރު ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފެށުނީ މެއި މަހުގެ ނުވަ ވަނަ ދުވަހު އެވެ. މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް މެއި 14 ގައި، އަދި އުތުރުގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފެށުނީ މެއި 17 ވަނަ ދުވަހު އެވެ.
މިފަހަރު ރާއްޖެއަށް އިރުވައި މޫސުން ފެށުނީ އާންމުކޮށް އިރުވައި މޫސުން ފެށޭ ދުވަސްވަރަށް ވުރެ މާ ލަހުންނެވެ. އާންމުކޮށް ޑިސެމްބަރު ނިމުމުގެ ކުރިން ރާއްޖެއަށް އިރުވައި މޫސުން ފެށޭ ނަމަވެސް މިދިޔަ އަހަރުގެ އިރުވައި މޫސުން ރާއްޖެ އަށް ފެށުނީ މި އަހަރުގެ ޖެނުއަރީ މަހުގެ ދެވަނަ ދުވަހު އެވެ. ރާއްޖެއަށް 2023 ވަނަ އަހަރުގެ އިރުވައި މޫސުން ފެށުނީ އެ އަހަރުގެ ޑިސެމްބަރު 24 ގަ އެވެ. އަދި 2022 ވަނަ އަހަރުގެ އިރުވައި މޫސުން ފެށުނީ އެ އަހަރުގެ ޑިސެމްބަރު މަހުގެ 31 ގަ އެވެ.
ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުން އާންމުކޮށް ދެމިގެންދަނީ ޖެނުއަރީ މަހުން ފެށިގެން މާޗު މަހުގެ ނިޔަލަށެވެ. އަދި ހުޅަނގު މޫސުން ދެމިގެންދަނީ މެއި މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެޕްރީލް މަހާއި ޑިސެމްބަރު މަހަކީ މޫސުން ބަދަލުވާން ފަށާ ދުވަސްވަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޯނޭ
11 May 2025
ވަރަށްބޮޑަށް ފެންބޮޑުވާނެކަމަށް ލަފާކުރެވޭތީ ވެލިބަސްތާޖައްސައި ރައްކައުތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރަން. ސަރުކާރުން ވެލިބަސްތާހިފައިގެން އަންނަންދެން ނުތިބެ ފަރުދީ ޒިންމާއަދާކުރައްވާ! އަގުބޮޑެތި ސާމާނު ފެންނުޖެހޭނެގޮތަކަށް ބަހައްޓަވާ! ރައްކާވެތިބިއްޔާ ދަތުރެވެ.